ހ. އިސްދޫ މައިޒާން އަލީމަނިކަކީ ތުއްޕުޅުއިރުން ފެށިގެން އެކި ކުޅިވަރުތައް ކުޅުއްވުމަށް ވަރަށް ބޮޑު ޝައުޤުވެރިކަމެއް ބެހެއްޓެވި ބޭފުޅެކެވެ. އަދި އެ ދާއިރާ އިން ވަރަށް ގިނަ ކާމިޔާބީތައް ވެސް ހޯއްދެވި އެއް ބޭފުޅެވެ. މިސްޓަރ ހިލްގެ ނާޒިރު ކަމުގައި މަޖީދިއްޔާގައި އެތުލެޓިކްސްގެ ފޯރި ގަދަވެ، އޭރު ބޭއްވުނު އެތުލެޓިކްސް މުބާރާތުގައި ޢަލީމަނިކު ވާދަކުރައްވައިގެން އުސްފުމުމުން 1 ވަނަ ހޯއްދަވައި، ރެކޯޑެއް ޤާއިމުކުރެއްވިއެވެ. އެ ރެކޯޑު ގިނަ އަހަރުތަކެއް ވަންދެން މަޖީދިއްޔާގެ އެހެން އެތުލީޓަކަށް މުގުރައިނުލެވި އޮތެވެ.

ޢަލީމަނިކުގެ ހިތްޕުޅުގައި ފުޓްބޯޅައަށް ޝައުޤުވެރިކަން އުފެދުނީ، އަދި ކުޅިވަރުގެ ވާދަވެރި ރޫޙު އުފެދުނީ، މާލޭ ޓެނިސް ކުލަބުގެ ސެކްރެޓެރީއަކަށް އުޅުއްވި ދުވަސްވަރުއެވެ. އޭރު މާލޭ ޓެނިސް ކުލަބަކީ، ރާއްޖޭގައި ނަން ހިނގާ މަޝްހޫރު ކުލަބަކަށް ވުމާއި، އޭރު ބޭއްވުނު ޤައުމީ ފުޓްބޯޅަ މުބާރާތްތަކުގައި، އެ ކުލަބުން ކާމިޔާބީތައް ހޯދަމުން ގެންދިޔައިރު، ޢަލީމަނިކަކީ، އެ ކުލަބަށް ފުޓްބޯޅަ ކުޅުއްވި އެ ކުލަބުގެ މަޝްހޫރު ކުޅުންތެރިއެއްވެސް މެއެވެ.

އޭގެ ފަހުން 1986 ވަނަ އަހަރު އަލިމަނިކު އެތުލެޓިކްސް އެސޯސިއޭޝަން ހިންގެވުމާ ހަވާލުވެވަޑައިގެންނެވިއެވެ. އެކަމަށް އެދިވަޑައިގަތީ އަލްމަރްޙޫމް ޢުމަރު ޒާހިރު އެވެ. އެ ހިސާބުން ފެށިގެން ޢަލީމަނިކު ހުރިހާ ވަގުތެއް ހުސްކުރެއްވީ އެތުލެޓިކްސް އަށެވެ. އޭރު އޮތް ހާލަތަށް ބައްލަވައި، އެ ކުޅިވަރު ކުރިއަށް ގެންދިޔުމުގެ ވަރަށް ހަރުދަނާ ޕްލޭނެއް އެކުލަވައިލައްވައިގެން މަސައްކަތް ފެއްޓެވިއެވެ.

އެތުލެޓިކްސް ކުރިއެރުވުމުގައި އޭރު އެންމެ ބޮޑަސް ބޭނުންވެފައިއޮތޫ ދުވާ ޓްރެކެވެ. މިހާރު ކުޅިވަރު އެކުވެނި ހިނގަމުންދާ ސަރަހައްދުގައި ހުންނަ ޓްރެކަކީ ޢަލީމަނިކު އިސްވެ ހުންނަވައިގެން ފެއްޓެވި މަސައްކަތެކެވެ. އެކަމަށް އެތައް ގޮންޖެހުންތައް ހުރި ނަމަވެސް އެކަންކަން ހައްލު ކުރައްވައިމަސައްކަތް ވަރަށް އަވަހަށް ނިންމެވިއެވެ. އަދި 400 މީޓަރުގެ ޓްރެކަކަށް އެތަން ބަދަލުވެ، ގިނަ އަދަދެއްގެ ކުދިންނާއި ޒުވާނުންނަށް އެ ޓްރެކް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދިޔައެވެ.

އަލީމަނިކު ކުރެއްވި އިތުރު ހިދުމަތްތައް:

- ވަޒީރުލްއަޢުޡަމް އޮފީހުގެ އެއް ނަންބަރު ކާތިބު
- ސްޕޯޓްސް ޑިވިޝަންގެ ވަކީލު
- މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސްގެ ވަކީލު
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު
- ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ ޑިރެކްޓަރ ޖެނެރަލް
- މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް
- މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރ ޖެނެރަލް
- ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުގެ ޑިރެކްޓަރ ޖެނެރަލް
- މާލޭ ސިޓީގެ މޭޔަރުކަން

އޭގެ ފަހުން އެމަނިކުފާނުގެ އަމާޒަކަށްވީ އަތޮޅުތަކަށް އެ ކުޅިވަރު ފުޅާ ކުރެއްވުމެވެ. އެގޮތުން، ބޮޑެތި ރަށްރަށުގައި، ރިލޭ ރޭސްތައް އިންތިޒާމު ކުރައްވައި، ވަރަށް ފޯރީގައި އެތުލެޓިކްސްގެ ހަރަކާތްތައް ގެންދެވިއެވެ. އެއަށްފަހު، 1996 ވަނަ އަހަރު އެތުލެޓިކްސްގެ ހަރަކާތްތައް އިތުރަށް ފުޅާކުރައްވައި، 200 މީޓަރުގެ ޓްރެކުތައް އެކި އަތޮޅުތަކުގައި ޤާއިމު ކުރައްވަމުން، އަތޮޅުތަކުގެ ސްކޫލްތަކުގެ މެދުގައި ވާދަވެރި މުބާރާތްތައް ބާއްވަވަން ފެއްޓެވިއެވެ. މާލޭގައި ބާއްވާ އިންޓަރސްކޫލް އެތުލެޓިކްސް މުބާރާތް، މުޅި ރާއްޖޭގެ ސްކޫލްތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުއްވައިލެއްވުމުގެ ނަތީޖާއަކަށްވީ، ވާދަވެރިކަން އިތުރުވެ، އާ ރެކޯޑުތައް ޤާއިމުކުރަން ފެށުމެވެ.

މައިޒާން ޢަލީމަނިކު އެތުލެޓިކްސް އެސޯސިއޭޝަން ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު 21 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަދާކުރެއްވިއެވެ. އެ މުއްދަތުގައި ރާއްޖެއިން ބޭރުގައި ބާއްވާ އެތުލެޓިކްސް މުބާރާތްތަކުގައި ވާދަކުރުމުގެ ގިނަ ފުރުޞަތުތަކެއް ހޯއްދެވިއެވެ. ދުވުމުން ފުރަތަމަ އިންޓަރނޭޝަނަލް މެޑެއްޔާއި، ފުރަތަމަ ސައުތު އޭޝިއަން ގޭމްސް މެޑެލް ރާއްޖެއަށް ލިބިގެންދިޔައެވެ. މީގެ އިތުރުން، ބްރޯންޒް މެޑެލްވެސް އެކިފަހަރު ރާއްޖޭގެ އެތުލީޓުން ހާސިލުކޮށްފައި ވެއެވެ.

މައިޒާން ޢަލީމަނިކު ދެކެވަޑައިގަންނަވާ ގޮތުގައި، ކުޅިވަރުގައި ކުރިއަށް ދިޔުމަށް އެންމެ ބޮޑު ދައުރެއް އަދާކުރަނީ ކުޅުންތެރިންގެ އަޚްލާޤެވެ. އަދި މީހުންނަށް އިޙްތިރާމް ކުރުމާއި، ޚާއްޞަކޮށް، ރެފްރީންނާއި ކޯޗުންނަށް އިޙްތިރާމްކޮށް، ކިޔަމަންތެރިވުމާއި، ނަފްސުގެ ތަރުބިއްޔަތަކީ، ކޮންމެ ކުޅިވަރެއްގައި ކުރިއަށްދިޔުމަށްވެސް އެންމެ ބޮޑަށް ބޭނުންވާ ކަންތައް ކަމުގައި ޢަލީމަނިކު ދެކެވަޑައިގަންނަވައެވެ.

މިހާރު ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ އޮނަރަރީ ޕްރެޒިޑެންޓްވެސް މެއެވެ. މިހާރުވެސް އެތުލެޓިކްސްގެ ދާއިރާގައި އަމިއްލަފުޅު ގޮތުން ގެންދަވަނީ ޚިދުމަތް ކުރައްވަމުންނެވެ. މިހާރު އެންމެ ބޮޑު އަމާޒަކީ، 1990ގެ އަހަރުތަކުގައި އަތޮޅުތަކުގައި އެތުލެޓިކްސް ހަރަކާތްތައް ކުރިއަށް ގެންދެވިއިރު، ލިބިވަޑައިގެންނެވި ތަޖުރިބާގެ އަލީގައި، މެދުރާއްޖެތެރޭގައި އެތުލެޓިކްސްގެ ހަރަކާތްތައް ފުޅާކުރައްވައި، ވާދަވެރި އެތުލީޓުން އުފެއްދެވުމަށެވެ.

ޢަލީމަނިކަށް ކުޅިވަރާ ދުރަކަށް ދުވަހަކުވެސް ވަޑައެއްނުގެންނެވުނެވެ.