އާ ސަރުކާރެއް އެކުލަވާލައި ކެބިނެޓް ހުވާ ކުރާ ދުވަސް ވެގެން ދަނީ ކޮންމެ ފަހަރަކު ވެސް ސަރުކާރަށް ފާޑު ކިޔުންތައް އަމާޒުވާން ފަށާ ދުވަހަށެވެ. މައިގަނޑު ސަބަބަކީ ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި ބޮޑެތި ވައުދުތަކާއި ރައްޔިތުންނަށް ފޮނި އުންމީދުތަކެއް ދެއްކުމަށް ފަހު ވެރިކަމާ ހަމައަށް އާދެވުމުން އެ ކަންކަން ފުއްދުމުގެ މަސްއޫލިއްޔަތުތައް ކަމުގެ ގާބިލްކަން ނެތް ބަޔަކާ ހަވާލު ކުރާތީއެވެ.
މިނިސްޓްރީތަކާއި މުއައްސަސާތަކަށް ގާބިލް ތައުލީމީ މީހުން އަންނަން ޖެހޭ ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ. ޕޮލިސީ ލެވަލްގެ ނިންމުންތައް ނިންމާއިރު އެކަމަށް އެކަށީގެންވާ ތައުލީމް ހުރި ބޭފުޅުން ތިބި ނަމަ ނަތީޖާ ރަނގަޅުވެ ތަފާތު ދައްކާނެއެވެ. އއަދި ރައްޔިތުން އެ މުއައްސަސާތަކަށް ކުރާ އިތުބާރު ވެސް ބޮޑުވާނެ އެވެ.
އެހެން ނަމަވެސް ރާއްޖޭގައި މިހާތަނަށް ކަން ހިނގަމުން އަންނަ ގޮތަކީ އެއީކީ ނޫނެވެ. މާ ބޮޑު ތަޖުރިބާއެއް ނެތް އަދި ތައުލީމެއް ވެސް ނެތް ބޭފުޅުންތަކެއްގެ އަތްމައްޗަށް ވަރަށް މުހިންމު މިނިސްޓްރީތައް ވެސް ދޫކޮށްލައެވެ. އެހެން ހަދަން ޖެހެނީ ބޮޑު ކޯލިޝަނަކާއެކު ވެރިކަމަށް އައިސް މިނިސްޓްރީތައް ޕާޓިތަކަށް ބަހާލަން ޖެހޭތީއެވެ.

ކޮންމެ ސިޔާސީ ޕާޓީއަކަށް ވަކި އަދަދުތަކަށް މިނިސްޓްރީތަކާއި ކުންފުނިތައް ކަނޑައަޅައެވެ. އެހެންވެ ގިނަ ފަހަރަށް ކެބިނެޓުގެ ބޮޑު ބަޔަކަށް އަންނާނެ ބޭފުޅަކު ނިންމުމަކީ އެ އިރެއްގެ ރައީސްގެ ވެސް އަތް މަތީ އޮންނަ ކަމެއް ނޫނެވެ. އެއީ ކޯލިޝަން ރުއްސަން އަދި ދަމަހައްޓަން ކޮންމެ ސަރުކާރަކުން ވެސް ފުރަތަމަ ދޫދޭން ޖެހޭ ކަމެކެވެ.
އޭގެ ނަތީޖާއަކަށް ވަނީ ބައެއް ފަހަރު މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރަން ހެޔޮވެސް ނުވާނެ ފަދަ ބޭފުޅުން ވެސް ސިޔާސީ ގޮތުން އެ މަގާމުތައް ދިނުމެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ފުޅާ ކޯލިޝަނެއް ފަހަތު އަޅުވައިގެން ނޫނެވެ. އެމަނިކުފާނާއެކު ތިއްބެވީ ޕީޕީއެމް އާއި ޕީއެންސީ އެވެ. އަދި ގުޅޭ ނުގުޅޭ ފަދަ ގޮތަކަށް ޑިމޮކްރެޓްސް އޮތް އިރު އެމްޑީއޭ ވެސް މި ސަރުކާރުގައި މާ ބާރުގަދައެއް ނޫނެވެ.
އެ ތަފާތު ރޭ އެކުލަވައިލި ކެބިނެޓުން އޮތީ ފެންނާށެވެ.
10 ޕީއެޗްޑީ: ތަޖުރިބާކާރު ބޭފުޅުން!
ޑރ. މުއިއްޒުގެ ކެބިނެޓު ތަފާތު ވަނީ ހަމައެކަނި 22 ގެ ބޮޑު ނަމްބަރަކުން އެކަންޏެއް ނޫނެވެ. ގިނަ މިނިސްޓަރުންތަކެއް ހުރުމުގެ އިތުރުން އެއީ ރާއްޖޭގައި މިހާތަނަށް އެކުލަވައިލި އެންމެ ތައުލީމީ ބޭފުޅުން ވެސް ގިނަ ކެބިނެޓެވެ. މުޅި ކެބިނެޓުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ބޭފުޅުންނެވެ.
- ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ޑރ. އިސްމާއީލް ޝަފީއު
- ޑރ. އަލީ ހައިދަރު އަހުމަދު
- ޑރ. މުހައްމަދު ޝަފީގް
- ޑރ. އަބްދުالله ރާފިއު
- ޑރ. އާއިޝަރު ޝިހާމް
- ޑރ. އަބްދުالله ހަލީލް
- ޑރ. އަބްދުالله މުއްތަލިބް
- ޑރ. މަރިޔަމް މާރިޔާ
- ޑރ. އާއިޝަތު ރަމީލާ
ރައީސް މުއިއްޒުގެ ކެބިނެޓުގައި ތައުލީމީ ބޭފުޅުން އައްޔަން ކުރައްވާފައި ވަނީ ވެސް އެ ބޭފުޅުންގެ ޕީއެޗްޑީ ހާސިލް ކުރެއްވި ދާއިރާތަކާ ގުޅޭ މިނިސްޓްރީތަކަށެވެ. މިސާލަކަށް ޑރ. އަބްދުالله މުއްތަލިބް އަކީ އިނގިރޭސިވިލާތުގައި ޖިއޯ ޓެކްނިކަލް އިންޖީނިއަރިން ދާއިރާ އިން ޕީއެޗްޑީ ހާސިލް ކުރެއްވުމުގެ އިތުރުން ސިނަމާލެ ބްރިޖާއި އެތައް މަޝްރޫއަކާ ސީދާ އިސްކޮށް ހަވާލުވެ ހުންނެވި ބޭފުޅެކެވެ.

އޭގެ އިތުރުން ޑރ. ޝަހީމް އަލީ ސައީދު އިސްލާމިކް އިކޮނޮމިކްސްގެ ދާއިރާ އިން ޕީއެޗްޑީ ހާސިލް ކުރެއްވުމުގެ އިތުރުން އެމަނިކުފާނަކީ މީގެ ކުރިން އިސްލާމިކް މިނިސްޓަރުގެ މަގާމުގައި އެ ދާއިރާ އަށް އެތައް ހިދުމަތެއް ކުރެއްވި ބޭފުޅެކެވެ. އަދި ރާއްޖެއިން ބޭރުގެ އިސްލާމީ ޖަމިއްޔާ ޖަމާއަތްތަކުގައި ވެސް އިސް މަގާމްތައް ފުރުއްވައި ގިނަ ތަޖުރިބާތަކެއް ހާސިލް ކުރައްވާފައިވާ ބޭފުޅެވެ.
އެހެންވެ ޕޮލިސީ މޭކަރުންނަށް ތިބެންވީ ތައުލީމީ ބޭފުޅުންތޯ ނޫނީ މަގުމަތީ މުޒާހަރާ ކޮށްގެން އަރާ ސިޔާސީ ބޭފުޅުންތޯ ކުރާ ޑިބޭޓް ވަނީ މި ފަސް އަހަރަށް ނިމުމަކަށް އައިސްފައެވެ.
ފާޑު ކިޔުން: އަންހެނުން މަދު ކެބިނެޓެއް
މުއިއްޒުގެ ސަރުކާރުގެ ކެބިނެޓަށް އަންނަ ތައުރީފާއެކު ފާޑުކިޔުންތައް އަމާޒުވާ ސަބަބުތައް ވެސް އެބަހުއްޓެވެ. އެންމެ ބޮޑު އެއް މައްސަލައަކީ ކެބިނެޓުގައި އަންހެން ބޭފުޅުން މަދުވުމެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާ ސަރުކާރުގެ ކެބިނެޓުގައި އަންހެނުން ތަމްސީލް ކުރާ އަދަދު 33 ޕަސެންޓުން 13 ޕަސެންޓަށް ދަށް ވެފައިވާ ކަމަށެވެ. އަދި އަންހެން ބޭފުޅުން ތިއްބެވީ ވެސް އެހާ ވަރުގަދަ މިނިސްޓްރީތަކެއްގައި ނޫން ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިއަށް ވުރެ ރަނގަޅަށް މިކަން ކުރެވުނީސް. މިނިސްޓަރ މާރިޔާ އާއިޝަރު އަދި ރަމީލާ އަށް ވަރަށް ބޮޑަށް މަރުހަބާ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ
މުއިއްޒު ސަރުކާރުގެ މިނިސްޓަރުންނަށް މަރުހަބާ ވިދާޅުވަމުން ކުރީގެ ހެރިޓޭޖް އެންޑް އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 22 މިނިސްޓްރީ އިން އަންހެނުންނަށް ލިބުނީ އެންމެ ތިން މިނިސްޓްރީއެއް ކަމަށެވެ. އެއީ އަންހެނުން ބާރުވެރި ކުރުވުމުގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމެއް ގޮތުގައި ޔުމްނާ ފާހަގަ ކުރެއްވި އެވެ.
އެހެން ނަމަވެސް ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި އަންހެނުން ބާރުވެރި ކުރުވުމަށް ހާއްސަ އިސްކަމެއް ދޭނެއެވެ. އަދި ލީޑާޝިޕް ރޯލުގައި ވެސް ގިނަ ވާނީ އަންހެން ބޭފުޅުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ގިނަ ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ވެސް ތިއްބަވާނީ އަންހެން ބޭފުޅުން ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެހެންވެ އެމަނިކުފާނަށް ދެން އޮތް މަސައްކަތަކަށް ވާނީ އެ ޓީމާއެކު ރައްޔިތުންގެ އިތުބާރު ހޯދުމެވެ. މާދަމާ ރަސްމީކޮށް އާ ކެބިނެޓުގެ މަސައްކަތްތައް ފެށޭ އިރު ނަތީޖާ ދެއްކުމެވެ.