ތާއީދު ކިރާލަން މުހިންމު މޭޔަރުގެ އިންތިހާބު!

ރައިސުލްޖުމްހޫރިއްޔާ އަޒުލު ކުރުމާއި ކެބިނެޓަށް ރުހުން ނުލިބުމާއި ސިޔާސީ ލީޑަރުން އެއްތަންވުމާއި ލީޑަރުން މައިދާނުން ދުރުވުން ފަދަ އެތައް ކަމެއްގެ ހިޔަނި އެޅިފައި އޮތަސް ކުރިޔަށް އޮތީ އެއަށް ވުރެ ހޫނު އަދި ވާދަވެރިކަން ބޮޑު މޭޔަރުގެ އިންތިހާބެވެ.

މި އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތުން ސިޔާސީ ގޮތުން އެތައް ކަމެއް ފުރޮޅުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ މި އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުން ތަމްސީލު ކުރާ ޕާޓީތަކުގެ ގޮތުންނެވެ.

އެއް ކޮޅުގައި އޮތީ އެމްޑީޕީ އާއި އެ ޕާޓީގެ ތެރެއިން މެންބަރުންތަކެއް ނުކުމެ އުފެއްދި ދަ ޑިމޮކްރެޓްސް އެވެ. އަނެއްކޮޅުގައި އޮތީ ސަރުކާރު ހިންގާ ޕީއެންސީ އާއި އެ ޕާޓީގެ ތެރެއިން މެންބަރުންތަކެއް ނުކުމެ އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓެވެ. އަދި އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓެކެވެ.

އަންނަ މަހު 13 ގައި ބާއްވާ މޭޔަރުގެ އިންތިހާބަށް އެ ޕާޓީތަކުގެ ކެންޑިޑޭޓުން ވަރަށް ފޯރީގައި އަންނަނީ ކެމްޕެއިން ކުރަމުންނެވެ.

އައިޝަތު އާޒިމާ ޝަކޫރު

ޕީއެންސީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ އެންމެ ފަހު ދުވަސްވަރު ރާއްޖޭގެ ބަންޑާރަނައިބު ކަން ކުރެއްވި އާޒިމާ އަކީ 2012 ވަނަ އަހަރު ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި އަދި އޭގެ ފަހުން ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ވެސް ބަންޑާރަނައިބުގެ މަގާމު އަދާ ކުރެއްވި ބޭފުޅެކެވެ. ގާނޫނީ ރޮނގުން ކިޔަވައި ވިދާޅުވެ 22 އަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އާޒިމާ ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނާއި ރައިސުލްޖުމްހޫރިއްޔާގެ ލީގަލް އެޑްވައިޒަރުގެ މަގާމް ވެސް އަދާ ކުރައްވައިފަ އެވެ.

ފެބްރުއަރީ 1 ގެ އަމުރު ނެރުނު އިރު އެމަނިކުފާނުގެ އަރިހުގައި ރައީސް އޮފީހުގެ ލީގަލް އެޑްވައިޒަރަކަށް ހުންނެވީ އާޒިމާ އެވެ. އޭގެ ފަހުން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާ ޔާމީން އާ މައްސަލަ ޖެހުނު އިރު އާޒިމާ ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު އެވެ. ރިޔާސީ އިންތިހާބުގައި އަދި އޭގެ ފަހުން ވެސް މުއިއްޒުގެ ސަރުކާރު ދިފާއު ކުރެއްވުމުގެ ވަރަށް ކުރީގައި އާޒިމާ މަސައްކަތް ކުރައްވަ އެވެ.

ހުސެއިން ވަހީދު

ޕީއެންއެފް

ހުސެއިން ވަހީދަކީ ރައީސް ޔާމީންގެ ސަރުކާރުގެ ޕޮލިސް ކޮމިޝަނަރުގެ މަގާމް އަދާ ކުރެއްވި ބޭފުޅެކެވެ. ޔާމީންގެ ވެރިކަމުގައި 2013 ވަނަ އަހަރު ސީޕީގެ މަގާމަށް އޭނާ އައްޔަން ކުރި ނަމަވެސް 2015 ވަނަ އަހަރު ފިނިމެންމާ ލޯންޗުގައި ގޮއްވާލުމުގެ ހާދިސާ އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާ ގުޅުން އޮތް މައްސަލާގައި ހުސެއިން ސީޕީގެ މަގާމުން އެކަހެރި ކުރި އެވެ.

އޭގެ ފަހުން ހުސެއިން ވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވައިފަ އެވެ. އަދި ފަހުން ޔޫތު މިނިސްޓްރީ އަށް ވެސް އޭނާ ބަދަލު ކުރި އެވެ. ޔާމީންގެ ވެރިކަން ބަދަލުވުމުން 2020 ވަނަ އަހަރުން ފެށިގެން ހުސެއިން މަސައްކަތް ކުރެއްވީ ޗެނަލް 13 ގެ ސީއީއޯގެ މަގާމުގަ އެވެ.

ހުސެއިން ގެންދަވަނީ ޔާމީންގެ އިތުބާރު އަލުން ހޯއްދަވައި އެމަނިކުފާނުގެ އާ ޕާޓީގެ ވަރަށް އިސް ދައުރެއް އަދާ ކުރައްވަމުންނެވެ. މިހާރު ޔާމީނާ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނެ އެވެ. އަދި އެ ޕާޓީގެ މޭޔަރުގެ މަގާމަށް ވާދަ ކުރައްވަނީ ހަމައެކަނި ހުސެއިންނެވެ.

އާދަމް އާޒިމް

އެމްޑީޕީ

ރައީސް ޔާމީން ސަރުކާރުގައި ކާނަލް މުހައްމަދު ނާޒިމް މިނިވަން ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި އާދަމް އާޒިމް ވަނީ އެމްޑީޕީގެ ވެރިކަން އައުމަށް ފަހު ބޮޑެތި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމް އަދާ ކުރައްވައިފަ އެވެ. އޭނާއަކީ އެމްޑީޕީގެ އެތައް މެންބަރުން ބުނާ ގޮތުން އެންމެ ހިންގުންތެރި އެއް އެމްޑީ އެވެ.

އާޒިމް އެންމެ ފުރަތަމަ އައްޔަން ކުރީ ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށެވެ. އޭނާއަކީ މީގެ ކުރިން ވެސް އެ ކުންފުނިން ކިޔަވައިދީގެން ޑީގްރީ އަދި މާސްޓާސް ވެސް ހެއްދެވި ބޭފުޅެކެވެ.

އޭނާ މީގެ ކުރިން ވަނީ އެމްޑަބްލިއުއެސްސީގެ ސީއެފްއޯގެ މަގާމާއި ބީއެމްއެލްގެ ނޮން އެގްޒެކެޓިވް ޑައިރެކްޓަރުގެ މަގާމާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާއި ރަޝީދު ކާޕެންޓަރީގެ ޑިރެކްޓާ ފައިނޭންސްގެ މަގާމް އަދާ ކުރައްވައިފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނު އިރު އޭނާ ހުންނެވީ އެމްޓީސީސީގެ އެމްޑީގެ މަގާމުގައެވެ.

ބޭބެގެ ޕާޓީ އެމްއެންޕީ އިން އިދިކޮޅުގައި އޮތް ނަމަވެސް އާޒިމް މަޑު ކުރެއްވީ އެމްޑީޕީގަ އެވެ. އަދި އެ ޕާޓީ އަށް ރަސްމީކޮށް ސޮއި ކުރުމަށް ފަހު އޭނާ ހޯދި އިތުބާރާއެކު އާޒިމް އަށް އެ ޕާޓީގެ މޭޔަރުކަމުގެ ޓިކެޓު ވެސް ކަށަވަރުވި އެވެ.

މުހައްމަދު ސައިފް ފާތިހު

ދަ ޑިމޮކްރެޓްސް

އޮސްޓްރޭލިއާގެ މޮނާކް ޔުނިވާސިޓީ އާއި ޗެކް ރިޕަބްލިކްގެ ޗާލްސް ޔުނިވާސިޓީގައި ތައުލީމް ހާސިލް ކުރި މުހައްމަދު ސައިފް ފާތިހު (އައިކޮ) އަކީ މޭޔަރުގެ އިންތިހާބުގައި ވާދަ ކުރާ އެންމެ ޒުވާން ކެންޑިޑޭޓެކެވެ. ސިޔާސީ މައިދާނުގައި އޭނާ ވާދަވެރިންނަށް ވުރެ ތަޖުރިބާ މަދަސް އައިކޮ އަކީ މާލެ ސިޓީ ކައުންސިލަށް މިހާރު ވެސް އިންތިހާބުވެ ހިދުމަތް ކުރައްވާ މެންބަރެކެވެ.

މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ޑިމޮކްރެޓްސްގެ ކައުންސިލް މެންބަރުގެ މަގާމުގައި ހުންނެވި އައިކޮ ވަނީ ސިޓީ ކައުންސިލްގައި މާލޭގެ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން ވަކާލާތުކޮށް ކައުންސިލްގައި ހިމެނޭ އެހެން މެންބަރުންނާ ގުޅިގެން މަސައްކަތް ކުރައްވައިފަ އެވެ.

އައިކޮ ގެންދަވަނީ ދިރިއުޅެވޭ ވަރުގެ މާލެ އަކަށް ވަކާލާތުގެ ވަރަށް ފުޅާ ކެމްޕެއިނެއް ފަށައިފަ އެވެ.

ޝުއައިބު އަލީ

އަމިއްލަ

މީގެ ކުރިން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި ޝުއައިބް އަކީ މާލެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެއްވި ބޭފުޅެކެވެ. މީގެ ކުރިން ސޯޝަލް މީޑިއާގައި މަޝްހޫރުވި “ނޯ ގޯތި, ނޯ ވޯޓު” ކެމްޕެއިނުގައި އިސްކޮށް އުޅުއްވި ޝުއެއިބް އެވެ. އެ ކެމްޕެއިނަށް ފަހު އޭނާ ވަނީ އެމްޑީއޭ އާ ގުޅިވަޑައިގެންނަވާފަ އެވެ.

އެމްޑީއޭ އިން ވަކިވުމަށް ފަހު އޭނާ މިހާރު ވަނީ އަމިއްލަ ގޮތުން މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ.

މިއިން ކޮންމެ ކެންޑިޑޭޓެއް މޭޔަރުގެ އިންތިހާބު ކާމިޔާބު ކުރިޔަސް ސިޔާސީ ގޮތެއް ބޮޑެތި ފުރޮޅުން އައުމުގެ ފުރުސަތު އެބައޮތެވެ. ޕީއެންސީ އަށް އޮތް އިމްތިހާނަކީ ސަރުކާރަށް އަދިވެސް އެ ތާއީދު އެބައޮތްތޯ އުފައްދާ ސުވާލެކެވެ. ޕީއެންއެފް އަށް އޮތީ ޕީޕީއެމްގެ ތެރެއިން ކިހާ ވޯޓެއް ޔާމީނަށް ލިބޭނެތޯ އުފައްދާ ސުވާލެކެވެ. އަދި އެމްޑީޕީ އަށް އަލުން މާލެ ސިޓީ ކައުންސިލް ކާމިޔާބު ކުރެވިދާނެތޯ ސުވާލު އުފައްދާއިރު މިއީ ދަ ޑިމޮކްރެޓްސް އަށް ސިޔާސީ މައިދާނުގައި އަލުން ދެމިގަނެވެން އޮތް ފުރުސަތެވެ.