ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރުމަށްޓަކައި މައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ގާނޫނަށް ހުށަހަޅައިގެން އުޅޭ އިސްލާހާ މެދު ވަރަށް ފުޅާ ބަހުސެއް މިދިޔަ އަންގާރަ ދުވަހު މަޖިލީހުގެ ތަޅުމުގައި ކުރި އެވެ. 

އެ އިސްލާހު އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވީ އެންމެ ބޭނުމެއްގަ އެވެ. މި ފަހަރު މަޖިލިސް އިންތިހާބު ރަމަޟާން މަހުގެ ތެރެއަށް ވަންނާތީ އެވެ. އެކަން ކުރަން ޖެހުނީ އިންތިހާބުތައް ބާއްވަން ވަކި ތާރީހުތަކެއް ގާނޫނީގައި ބަޔާންކޮށްފައިވާތީ، އެމްޑީޕީގެ އެދުމަށް އިލެކްޝަންސް ކޮމިޝަނުން އިޖާބަ ނުދިނުމުންނެވެ. 

އެކަމުގައި އިލެކްޝަންސް އިން ބުނާ ވާހަކަ ވެސް ރަނގަޅެވެ. ގައުމީ ކޮންމެ އިންތިހާބެއްގައި ވޯޓުލާ ގިނަ މަރުކަޒުތައް ސްކޫލްތަކުގައި ގާއިމުކުރަންޖެހޭ އިރު، ސްކޫލްތައް ލިބޭ ތާރީހުތަކަށް ވެސް އެ ކޮމިޝަނުން ވިސްނަންޖެހޭ ކަމެވެ. އަދި އިންތިހާބީ އޮފިޝަލުންގެ ގޮތުގައި ސަރުކާރުގެ ގިނަ މުވައްޒަފުން ބޭނުންކުރަންޖެހޭ އިރު، އެއީ ވެސް ކޮމިޝަނުން އިންތިހާބުތަކުގެ ތާރީހާ ކުޅުމަށް އޮތް ހުރަހެއް ކަމަށް ވެސް ބުންޏެވެ. 

އިލެކްޝަންސްގެ އިއުތިރާޒުތައް ބޮލާލައި ޖަހާފައި އިދިކޮޅުގެ ކޮންޓްރޯލް އޮތް މަޖިލީހުން މިހާރު ފަރިވެފައިވަނީ ރޯދަ މަހުގެ ފަހަށް އިންތިހާބު ލަސްކުރުމަށެވެ. އިންތިހާބާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާކުރި މަޖިލީހުގެ ކޮމިޓީން ވަނީ ރޯދަ މަސް ނިމި 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ފާސްކޮށްފަ އެވެ. އަދި ކޮމިޓީން ނިންމި ގޮތަށް މަޖިލީހުގެ ތަޅުމުން އެ ގޮތަށް ފާސްކުރާނެ އެވެ. 

ނަމަވެސް، މި ކަމަކީ ހަމައެކަނި އަޅުކަމުގެ މަހެއްގައި ދިވެހިންގެ ދިރިއުޅުގެ ތަރުތީބު ބަދަލުވާ ރޯދަ މަހެއްގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ވުރެން ފުޅާ އަދި ބަދަލަކަށް ބޭނުންވެފައިވާ މައްސަލަ އެކެވެ.

"އަޅުގަނޑުމެން އެބަޖެހޭ މި ގައުމުގައި މިނެޓަކު ދެ ފަހަރު ، މިނެޓަކު ދެ ފަހަރު އިންތިހާބުތައް ބާއްވާ ބޭއްވުންތައް ނިމުމަކަށް ގެންނަން،" ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ކުރެއްވި ވަރަށް މުހިންމު ސުވާލަކަށްފަހު ވިދާޅުވި އެވެ.

އޭނާ އެ ސުވާލު ކުރެއްވީ މި ފަހުން ބޭއްވި އިންތިހާބުތަކުގައި ވޯޓުލާން މީހުން ނުކުންނަ ނިސްބަތް މަދުވުމާއި ބާތިލު ވޯޓު ގިނަވުމުގެ ޝަކުވާތައް މެމްބަރުން ކުރެއްވުމުންނެވެ. ރާއްޖޭގައި އެންމެ ގިނަ މީހުން ދިރިއުޅޭ މާލޭގެ މޭޔަރު ހޮވަން، ކިރިޔާ ތިން ބައި ކުޅަ އެއް ބައި މީހުން ވޯޓުލާން ނުކުތުމުން، ނިޒާމީ ސިފައެއްގައި 

އާމިރު ހަގީގަތުގައި ވެސް ފާހަގަކުރެއްވީ އިންތިހާބުތަކުގައި ރާއްޖޭގައި ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އެވެ. ކޮންމެ ފަސް އަހަރަކުން، ސެޕްޓެމްބަރު މަހު ރިޔާސީ އިންތިހާބު ބާއްވައި، ރައީސަކު މަގާމުގެ ހުވާ ކުރައްވާތާ ހަތަރު މަސް ފަހުން, ވެރިކަން ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރުމުގެ ފަސޭހައަކަށް ނުވަތަ ހުރަހަކަށްވާ މަޖިލިސް އިންތިހާބު އެބަ ބާއްވަންޖެހެ އެވެ. 

ވެރިކަމާ ހަވާލުވެ، ރައްޔިތުންނަށް ހިދުމަތެއް ކުރުން އެއް ފަރާތުގައި ބާއްވާފައި، ރައީސް އޮފީހުގައި ދަބަސް ބަހައްޓާ ގޮތަށް ކޮންމެ ސަރުކާރުން ވެސް މި ނުކުންނަންޖެހެނީ އަނެއްކާވެސް ކެމްޕޭނަށެވެ. ބަޖެޓުގައި ވަރު ނެތަސް، ކޮންމެ ރަށަކަށް މަޝްރޫއުތައް އޮއްސައި، ފޮނި ވައުދުތައް ވެ، ހެދުނު އެއްޗެއް ހަދައިގެން ވެރިކަން ދެމެހެއްޓޭނެ ވަރަށް ގޮނޑި ކޮޅެއް ހޯދަން މަޖުބޫރުވާތީ އެވެ. 

"...މަޖިލިސް އިންތިހާބު ބާއްވާ ނިމޭތަނާ އަނެއްކާ ކައުންސިލް އިންތިހާބު. ކައުންސިލް އިންތިހާބު ބާއްވާ ނިމޭތަނާ އަނެއްކާ ރިޔާސީ އިންތިހާބު،"އާމިރު ވިދާޅުވި އެވެ. 

އޭނާ ވެސް ވިދާޅުވި ގޮތުގައި މި އިންތިހާބުތައް ރައްޔިތުންނަށް މިހާރު ބޮޑު ތަކުލީފަކަށް ވެއްޖެ އެވެ. އެހެންވެ، ހުރިހާ އިންތިހާބުތައް އެކީގައި ބޭއްވޭނެ ގޮތަށް ގާނޫނު އިސްލާހު ނުކުރަންވީ ކީއްވެތޯ އާމިރު ތަޅުމުގައި އެ ދުވަހު ތަކުރާރުކޮށް ސުވާލު ކުރެއްވި އެވެ. 

އެމްޑީޕީގައި ހުންނެވުމަށްފަހު ވަރަށް ފަހުން ވެރިކަންކުރާ ޕީއެންސީ އާ ގުޅިވަޑައިގަތް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މުހިންމު އެހެން ނުކުތާއެއް ވެސް ފާހަގަކުރެއްވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގައި ފައިސާ ނެތިގެން، ބަޖެޓު ދެކޮޅު ނުޖެއްސިގެން އުޅޭ އިރު، އިރުއިރުކޮޅާ 100 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން އިންތިހާބެއް ބޭއްވުމަކީ ބުއްދި ގަބޫލުކުރެވޭ ކަމަކަށް ނުވެ އެވެ. 

"...އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހަރަދު ކޮށްގެން އިންތިހާބަކަށް ފަހު އިންތިހާބެއް ނޯންނަ ގޮތަކަށް އެއް އިންތިހާބު ބާއްވައިގެން؛ އެއީ ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި، ކައުންސިލް އިންތިހާބާއި، އަދި ދެންވެސް ހުރި އިންތިހާބުތައް ހުރި ކަމަށް ވަންޏާ އެ އިންތިހާބުތައް އެއްކޮށްގެން އެއް ދުވަހަކު ބާއްވާ ގޮތަށް ހެދޭނެ."

އެ ވިސްނުމަށް އިއްތިފާގުވެޑައިގެން މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވީ މި އިންތިހާބުތަކަކީ ރައްޔިތުންގެ އިތުރުން އިދާރީ ގޮތުން ބުރަބޮޑު އަދި އިލެކްޝަންސް އޮފިޝަލުންނަށް ވެސް ބޮޑު ތަކުލީފަކަށްވާ ގޮތަށް ރޭވިފައިވާ އިންތިހާބުތަކެއް ކަމަށެވެ.

"އިންތިހާބުތަކަކީ ފަސޭހައިން ވޯޓުލާ މީހުންނަށް އޭގައި ބައިވެރިވެވޭ އެއްޗަކަށް ވާން އެބަޖެހޭ. އެހެންނަމަވެސް، ރާއްޖޭގައި އަޅުގަނޑުމެންނަށް މި ފެންނަނީ މިއީ ބުރަބޮޑު، އިދާރީ ގޮތުން ވެސް މިކަމުގައި ބައިވެރިވާ މީހުންނަށް ވެސް، ވޯޓުލާ މީހުންނަށް ވެސް އަދި އޮފިޝަލުންނަށް ވެސް ވަރަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭ އެއްޗެއްގެ ގޮތުގައި." 

"މިޑްޓާމް" އަކަށް ވެސް ނުވޭ!

އެ ތިން މެމްބަރުން ވެސް ފާހަގަކުރެއްވި ނުކުތާތަކަށް ބަލާ އިރު، އޭގައި ބުރަދަން އެބަހުއްޓެވެ. ވަރިކަމުގައި އޭރަކު އޮންނަ ޕާޓީއަކުން، އިންތިހާބުތަކަށް ނުފޫޒު ފޯރުވާ، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރެވޭ ކަމުގެ ތުހުމަތުތައް އަބަދުވެސް އޮންނަ އިރު، އިންތިހާބުތައް އެއްކޮށް ބޭއްވުމުން އެކަމަށް ވެސް ކޮންމެވެސް ހައްލެއް ލިބޭނެ އެވެ. 

މި ޒުވާބުގެ އަނެއް ފުށުން، ރިޔާސީ އިންތިހާބަށްފަހު ދެން އޮންނަ އިންތިހާބުތަކަކީ އޭރަކު އޮންނަ ސަރުކާރަކާ މެދު ރައްޔިތުންގެ ހިތްހަމަޖެހުން ނޫނީ ނުރުހުން ފާޅުކުރެވޭ ފުރުސަތެއް ބުނުމުގެ ޖާގަ އެބަ އޮތެވެ. 

އެކަމަކު ބޭރުގެ އެހެން ގައުމުތަކުގައި އޮންނަ ގޮތަށް "މިޑްޓާމް" އިލެކްޝަނެއްގެ ދަރަޖައަށް ރާއްޖޭގައި އިންތިހާބުތައް ތަރުތީބުވެފައި އޮންނަ ގޮތުން ފެތޭ ކަމަކަށް ނުބެލެވެ އެވެ. 

ސަބަބަކީ، ރައީސަކަށް އަންނަ މީހަކު ހޮވާތާ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ދެވަނަ އަށް އެންމެ ބޮޑު އިންތިހާބު އޮތުމަކީ ސަރުކާރަކާ މެދު ރައްޔިތުންގެ ޝުއޫރު ފާޅުކުރެވޭނެ އެކަށީގެންވާ މުއްދަތަކަށް ނުވާތީ އެވެ. 

ރާއްޖޭގައި މި އޮތް ރިޔާސީ ނިޒާމުގެ ތެރެއިން އިންތިހާބު ކުރާ ވެރިއަކަށް މި ލިބެނީ ފަސް އަހަރެވެ. އެކަމަކު ވެރިކަމުގެ ތެރެއިން އިންތިހާބުތަކަށް ކެމްޕޭނު ކުރުމުގެ ތެރޭގައި، އިންތިހާބަކާ މެދު ސިކުނޑި ނުގާނައި، ހިންދެމިލައިގެން ވެރިކަން ކުރަން މި ލިބެނީ ދެ އަހަރެއްހާ ދުވަހެވެ. އަނެއް ތިން އަހަރު ވޯޓު ހޯދަން ސިޔާސީ މީހުންގެ އާންމުންގެ ސިޓިން ރޫމުން ނުފިލަ އެވެ. މަގުތަކުގައި ދަމާ ކުލު ކުލައިގެ ދިދަތަކާއި ޕޯސްޓަރުތައް ނައްޓާނެ އަވައްޖެއް ނުވެ އެވެ.

އިންތިހާބީ ވައުދުތަކުން އަރައިނުގަނެވި، ތަރައްގީ ކުރުމުގެ މަޝްރޫއުތަކުގެ ހަމައެކަނި ކަޑަޖެހުމުގައި ރިޔާސީ ދައުރެއް ދުއްވާލަންޖެހުމުގެ ހިތި ކޮންމެ ރަށަކަށް ބަލައިލުމުން ވެސް އޮތީ ފެންނާށެވެ.