ދިވެހިރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތީ މާލޭގަ އެވެ. ގާތްގަނޑަކަށް 200،000 އާ ގާތް ކުރާ އަދަދަކަށް މީހުން މާލޭގައި ދިރިއުޅެ އެވެ. އެ މަގުތަކުގައި ދުއްވަން ލައްކަ އަށް ވުރެ ގިނަ ސައިކަލާއި ކާރު މާލޭގައި ރަޖިސްޓްރީ ކޮށްފައި އެބައޮތެވެ.

މާލޭގައި ނެތީ ޖާގަ އެވެ. ވަކިން ހާއްސަކޮށް 10 އަކަ ކިލޯމީޓަރު ހަމަ ނުވާ މި މާލޭގައި ލައްކައަކަށް ވުރެ ގިނަ ވެހިކަލް ބަހައްޓާނެ ޖާގައެއް ނެތެވެ. ސައިކަލުތައް އޮންނަނީ މީހުންނަށް އަމިއްލަ ގެއަށް ނުވަދެވޭ ވަރަށް ބަރިބަރި އަށް ޕާކު ކޮށްފަ އެވެ. ކާރުތައް އޮންނަނީ މީހުން ހިނގާ ޕޭވްމަންޓު މަތީ ބާއްވައިފަ އެވެ.

މިހެން ގޮސް ގުނާ ހުސް ނުވާހާ މައްސަލަތައް ގިނަ މި މާލެއަށް އަނެއްކާ ވެސް މިއޮތީ ދުވަސްގަނޑެއް ލައިގެންފަ އެވެ. ގަވައިދާ ހިލާފަށް ޕާކު ކޮށްފައި ހުރި ކާރާއި ސައިކަލުތަކަށް މީގެ ކުރިން ސްޓިކާ ޖަހަމުން އައި ނަމަވެސް ސަރުކާރުން ވަނީ "ޕާކިން މައްސަލަ ހައްލުވަންދެން" ސްޓިކާ ނުޖަހަން ނިންމައިފަ އެވެ. އެއާއެކު މުޅި މާލެ ހަމަ ހަގީގަތުގައި ވެސް ބޮޑު ޕާކިން ޒޯނަކަށް ވެއްޖެ އެވެ.

މި ހުރިހާ މައްސަލައެއްގެ ފެށުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމާ ހަމައަށް ވެސް ދެމިގެން ދެ އެވެ. މާލެ މިވަރުގެ ބޮޑު އާބާދީއަކަށް ތައްޔާރުވެފައި ނެތުމާއި ކުރީއްސުރެ ޕަބްލިކް ޓްރާންސްޕޯޓްގެ ނިޒާމް އެކަށީގެންވާ ވަރަށް ހަރުދަނާ ނުކުރެވި އޮތުމެވެ. އަދި މާލޭގައި ވެހިކަލްގެ ލިމިޓެއް ކަނޑަ ނޭޅުމާއި ހުސް ޖާގަތަކާއި ޕާކިން އަށް އެކަށީގެންވާ ގޮތެއްގައި ނުބަލާ މާލެ ތަރައްގީ ކުރުމެވެ.

އޭގެ ނަތީޖާއަކަށް މިހާރު އެންމެ މީހަކަށް 50 ސައިކަލު ވެސް ގެންގުޅެވިދާނެ އެވެ. ޕާކް ކުރާނެ ޖާގަ ދެއްކުމަކީ ސަރުކާރުގެ ޒިންމާއެކެވެ. ޖޫރިމަނާ ކޮށްފި ނަމަ ކޮންމެ ފަސް އަހަރަކުން މާފު ވެސް ކުރާނެ ކަން އެނގެ އެވެ. މުޅި މައްސަލަ އޮތީ ބޮއްސުން ލައިފަ އެވެ.

މާލެ އަށް ބާރުބޮޑުވަނީ!

ޓްރާންސްޕޯޓް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މާލެ ސަރަހައްދުގައި 2010-2018 އާ ހަމައަށް 108،000 އަށް ވުރެ ގިނަ ސައިކަލު ވަނީ ރަޖިސްޓަރ ކޮށްފަ އެވެ. އަދި އެ އަށް އަހަރު ތެރޭގައި 90،000 އާ ގާތް ކުރާ އަދަދަކަށް މާލެ ސަރަހައްދުގައި ކާރު ރަޖިސްޓްރީ ކޮށްފައި ވެއެވެ.

އޭގެ ފަހުން ފަސް އަހަރު ވެފައިވާ އިރު މިދިޔަ ފަސް އަހަރަކީ މާލޭގައި ވަކިން ހާއްސަކޮށް ކާރު އިންޑަސްޓްރީ އިތުރަށް ފުޅާވެ އެތައް ބަޔަކު ކާރު ގަތް ދުވަސްތަކެކެވެ. އެހެންވެ މިހާރު މާލެ ސަރަހައްދުގައި ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކުގެ އަދަދު ވެސް 200،000 އަށް އަރާފާނެ ކަމަށް ލަފާ ކުރެވެ އެވެ.

ހަގީގަތަކީ މި ހުރިހާ އުޅަނދެއް ޕާކު ކުރާނެ އެކަށީގެންވާ ގަރާޖެއް މާލޭގައި އަތުން ގުނާލެވޭހާ މަދެވެ. އެހެންވެ އެ ހުރިހާ އެއްޗެއް އަޅާފައި އޮންނަން ޖެހެނީ ހަމަ އެންމެން ބޭނުން ކުރަން އޮތް މަގުތަކެވެ.

މި މައްސަލަ މި ގޮތުގައި އޮއްވާ މާލޭގައި ވެހިކަލް ލިމިޓެއް ކަނޑައެޅުމުގެ ވާހަކަތައް އެތައް ސިޔާސީ މީހުން ދައްކަ އެވެ. އަދި ވަކި އުމުރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނައްތާލުމުގެ ވާހަކަ ވެސް ދައްކާތާ އެތައް އަހަރެކެވެ.

އެއިން އެއްވެސް ކަމެއް ކުރުމުގެ ބަދަލުގައި ކުރަމުން އަންނަނީ އެހެން ކަމެކެވެ. ޕާކް ކުރާނެ ޖާގަ ނުދައްކާ ސްޓިކާ ޖެހުމެވެ. އަދި ސްޓިކާ އާ ހެދި މީހުންނަށް މާ އުނދަގޫ ބޮޑުވުމުން ސަރުކާރާށް އަންނަ ފާޑު ކިޔުންތައް ކުޑަ ކުރުމަށް ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލުމެވެ.

މި ސަރުކާރުން ވެސް ވެރިކަމުގެ ކުރީކޮޅު ސްޓިކާ ޖެހުން ހުއްޓާލި ގޮތަށް ކުރީ ސަރުކާރުން ވެސް އެކަން ކުރި އެވެ. އެ ފަހަރު ވެސް ހައްދުން ނެއްޓިގެން އަލުން ހަމަ މަގަށް އަޅުވަން ސްޓިކާ ޖަހަން ފެށި އެވެ. އެކަމަކު މިއީ މި މައްސަލަ އަށް އޮތް ހައްލެއް ނޫނެވެ.

ހައްލު އޮތީ "ޕާކް" ކޮށްފައި!

މާލޭގެ ޕާކިން މައްސަލަ ހައްލު ކުރެވެންދެން ސްޓިކާ ނުޖަހަން ނިންމި ނިންމުމަކީ މުޅިން ހަމަ ޖެހޭ ކަމެއް ނޫން ކަމަށް ގިނަ މީހުން ދެކެ އެވެ. ސަބަބަކީ މާލޭގެ ޕާކިން މައްސަލަ ހައްލުވާން އޮތީ އެތައް ދުވަހެއްގެ އަދި ބޮޑެތި މަސައްކަތްތަކެއް ކޮށްގެނެވެ. މުޅި ނިޒާމް ރޫޅާލައިގެންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

  • ވެހިކަލް ލިމިޓްކޮށް ޕަބްލިކް ޓްރާންސްޕޮޓޭޝަން ނިޒާމް ހަރުދަނާ ކުރުން

ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވެސް ޓްރެފިކް މައްސަލަ ހައްލު ކުރަން އެނބުރެނީ މި ދިމާލަށެވެ. އެއީ ބަސް ފަދަ ޕަބްލިކް ޓްރާންސްޕޯޓް ނިޒާމް އިތުރަށް ހަރުދަނާކޮށް ގިނަ މީހުން އެ އަށް ބަދަލު ކުރުމެވެ. ބައެއް ގައުމުތަކުގައި ބައެއް ސަރަހައްދުތަކުގައި ބަހުގެ ހިދުމަތް އެއްކޮށް ހިލޭ ކޮށްފައި ބަހައްޓަ އެވެ. އަދި ހާއްސަކޮށް ބިޒްނަސް ޑިސްޓްރިކްޓަކާއި ސްކޫލް ސަރަހައްދުތަކަށް ބަހުގެ ހިދުމަތްތައް ފުޅާ ކުރެ އެވެ.

މާލޭގައި ވެސް މީގެ ކޮންމެވެސް މިންވަރެއް ބޭނުން ކުރެވިދާނެ އެވެ. މާލޭގައި ރަނގަޅު ބަހުގެ ނިޒާމެއް ތައާރަފް ކުރީ ވަރަށް ފަހުންނެވެ. އަދި އޭގެ ތަރުހީބު ވެސް ވަރަށް ބޮޑެވެ. މިހާރު ވެސް ގިނަ ބަސްތައް އޮންނަނީ ފުރިފަ އެވެ. އެހެންވެ ޕަބްލިކް ޓްރާންސްޕޮޓޭޝަންގެ އަގުތައް ކުޑަ ކުރުމާއެކު މިހާރަށް ވުރެ ފުޅާކޮށް މީހުން އެއަށް ބަދަލުވާނެ ގޮތްތައް ހޯދަން ޖެހޭ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.ހަމަ އެއާއެކީ މާލޭގެ ވެހިކަލް ލިމިޓެއް ކަނޑައަޅައި ގިނަ ދުވަސްވެފައިވާ ބާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ވެސް ކުރަން ޖެހެ އެވެ.

  • މާލެ ސަރަހައްދަށް އިތުރުވާ ޖާގައިގެ ބޭނުން ހިފުން

ހުޅުމާލެ އާއި މާލެ ގުޅުވައިދޭ ބްރިޖެއް އެޅުމަކީ މާލޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް އަންނާނެ ކަމެއްގެ ގޮތުގައި އެތައް ބަޔަކު ގަބޫލު ކުރި އެވެ. އެއީ ވަރަށް ބޮޑު ހަގީގަތެކެވެ. އެހެން ނަމަވެސް ހަމައެކަނި ބްރިޖެއް އެޅުމަކުން ތޮއްޖެހުން ކުޑައެއް ނުވާނެ ކަން މިހާރު މި އޮތް ހާލަތަށް ބަލައިލުމުން އެނގެ އެވެ.

ހެނދުނު 7:30 އިން ފެށިގެން 9:00 އަށް ހުޅުމާލެ އިން މާލެ އަށް ދަތުރު ކުރުމަކީ ބޮޑު ބުރައަކަށް ވެފައި އޮންނަ ކަމެކެވެ. އެތައް 100 ބަޔަކު އެ ވަގުތު މާލެ އައުމަށް ބްރިޖު ހުރަސް ކުރެ އެވެ. ރާއްޖޭގައި 25،000 އަށް ވުރެ ބޮޑު ސިވިލް ސާވިސް ވޯކް ފޯސްއެއް އޮންނަ އިރު އޭގެ ތެރެއިން އެތައް ބަޔަކު ފްލެޓުތައް ލިބިގެން ހުޅުމާލެ ބަދަލުވެފައިވީ ނަމަވެސް އެ މީހުން މަސައްކަތަށް އަންނަން ޖެހެނީ ހަމަ މާލެ އަށެވެ. ދުއްވާ އުޅަނދުތައް ގިނަ އިރު ޕާކް ކޮށްފައި އޮންނަން ޖެހެނީ މާލޭގަ އެވެ.

އެހެންކަމުން ހުޅުމާލެއަކީ އަދިވެސް މީހުން ނިދަން ދާ އަވަށަކަށް އޮންނަނީ ވެފަ އެވެ. މިކަން ހައްލު ވާން އޮތީ އެ ސިވިލް ސާވިސް ވޯކް ފޯސް ވެސް ބަހާލައިގެންނެވެ. ބްރިޖާއެކު މާލެ އަށް އިތުރުވީ ސަރަހައްދުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައިގެންނެވެ. މާލޭގައި ހުރި ސަރުކާރުގެ ބޮޑެތި ބައެއް އޮފީސްތައް ހުޅުމާލެ އާއި ދެން ވެސް ގުޅިގެން އަންނަ އަވަށް ތަކަށް ބަދަލު ކޮށްގެންނެވެ.

އެކަން ކުރުމުގައި ވެސް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ބެހޭ ރަނގަޅު ދިރާސާއެއް ހަދަން ޖެހެ އެވެ. އަދި ގިނަ ބަޔަކު މަސައްކަތަށް ދުރަށް ދުއްވާފައި ދާން ނުޖެހޭ ގޮތަށް ރީލޮކޭޝަން ހަދަން ޖެހެ އެވެ.

ހަމަ އެގޮތަށް މާލެ ސަރަހައްދުގައި އެއް ދަންފަޅި އަށް ބަދަލު ކުރުމާއި އެ މީހަކު ދިރިއުޅޭ ސަރަހައްދެއްގައި ހުރި ސްކޫލަކަށް ކުދިން ފޮނުވޭ ވަރަށް ސްކޫލްތައް އިމާރާތް ކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

  • ގާނޫނުތައް ހަރުކަށި ކުރުމާއި ތަންފީޒު ކުރުން

ޕާކިން މައްސަލަ ހައްލު ކުރުމަށް ރާއްޖޭގައި އެއްގަމު އުޅަނދު ފަހަރުގެ ހަރުދަނާ ގާނޫނެއް އޮންނަން ޖެހެ އެވެ. ހަމަ އެއާއެކު ރަނގަޅު ބިލްޑިން ކޯޑެއް ވެސް އޮންނަން ޖެހެ އެވެ. އެއީ މާލެ ސަރަހައްދުގައި އަލަށް އިމާރާތް ކުރާ ހުރިހާ ގެއެއްގައި ޕާކިން އެއް އޮތުމާއި އަދި މަގުމަތިން އެވަރުގެ ޖާގަ ދީގެން އިމާރާތް ކުރުން ފަދަ ބަދަލުތައް ގެނެވޭނެ އެވެ.

އެ ހުރިހާ ކަމަކަށް ވުރެ މުހިންމީ ހުރި ގާނޫނާއި ގަވައިދުތައް ވެސް ރަނގަޅަށް ތަންފީޒު ކުރުމެވެ. މިހާރު އޮންނަ ގޮތުން ޕާކިން ޖޫރިމަނާ އާއި ސްޓިކާތަކަކީ ކޮންމެ ފަސް އަހަރުން އެއް ފަހަރު އިންތިހާބަށް މާފު ވެގެންދާ އެއްޗެއް ކަން އެންމެނަށް އެނގެ އެވެ. އެހެންވެ ކިތަންމެ ބޮޑު ޖޫރިމަނާއެއް އޮތަސް ފަސް އަހަރު ވަންދެން އަޅާ ނުލާ ތިބެ އެވެ. އަދި ސްޓިކާ ޖަހާފާނެ ކަމަކަށް ނުބަލާ މީހުން ވެސް ގިނަ އެވެ.

ޕާކިން މައްސަލަ ހައްލުވާނީ މިފަދަ އެތައް ކަމެއް ހަރުދަނާކޮށް އަދި ރަނގަޅަށް ތަންފީޒު ކޮށްގެންނެވެ. މައްސަލަ ހައްލު ވަންދެން މާލެ ޕާކިން ޒޯނަކަށް ހަދާފައި ބާއްވައިގެން ވާނީ އިތުރަށް ގޯހެވެ.