ސުލްޠާން ޢަލީ (ހަވަނަ) ނުވަތަ މަޝްހޫރު ނަމުން ނަމަ, އަލިރަސްގެފާނަކީ ދިވެހި ތާރީހުގައި ފެންނަން އޮތް އެންމެ ހިތްވަރުގަދަ, އެންމެ ގައުމީ ވަންތަ ރަސްކަލެވެ. ދިވެހި ގައުމަށްޓަކައި ފުރާނަ ގުރުބާން ކުރެއްވި ޖެހިލުން ކުޑަ އަބްތާލެކެވެ.

ގައުމަށް އެންމެ ބޭނުން ޖެހުނު ވަގުތު އެމަނިކުފާނު އަމިއްލަ ފުރާނަފުޅަށާއި އާއިލާއަކަށް ނުބައްލަވަ އެވެ. ބެއްލެވީ ގައުމީ މަސްލަހަތަށެވެ. އިސްކުރެއްވީ ގައުމީ ޒިންމާ އެވެ. އަލިރަސްގެފާނު އެ އުނދަގޫ ދަނޑިވަޅުގައި ވެސް ކެތްތެރިކަން އިސްކުރައްވާ އާއިލާއަށް ވަސީއަތް ކުރެއްވި އެވެ.

އަޅުގަނޑު މި ހަނގުރާމާގައި މަރުވެދިޔަ ނަމަވެސް, މި ދަރިކަނބަލުން ރައްކާތެރި ކަމާ އެކު ބަލަހައްޓަވާތި

އެއަށްފަހު ދެ މައިންނާ ސަލާމަތް ކުރެއްވުމަށް ފަހު އަލި ރަސްގެފާނު ނުކުމެވަޑައިގެންނެވީ ރާއްޖެ އަޅުވެތިކުރަން އައި ޕޯޒްގީޒުންނާ ހަނގުރާމަ ކުރާށެވެ. މި ހަނގުރާމާގައި އަލިރަސްގެފާނު މާތްވެގެންވާ ދީނަށާއި ގައުމަށްޓަކައި ޖިހާދުކޮށް ޝަހީދުވެވަޑައިގަތީއެވެ. އޭގެ ފަހުން ރާއްޖެ ޕޯޒްގީޒުންގެ އަޅުވެތިކަމުގައި އެތައް އަހަރަކު ހޭދަކުރަން ޖެހުނެވެ.

އެ ދުވަހު އަލިރަސްގެފާނަށް އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ އަދާވަތްތެރިންގެ ކައިރިން ރާއްޖެ ސަލާމަތް ކުރައްވައި މިނިވަން ކުރެއްވުމެވެ. އަނެއް ގޮތަކީ ދީނަށްޓަކައި ރާއްޖެއަށްޓަކައި ޝަހީދުވެވަޑައިގަތް އަބަދުގެ އަބަދަށް ނިއުމަތުގައިވުމެވެ. އެ ދުވަހުގެ ދިވެހިންގެ ގައުމިއްޔަތު އޮތީ ވަރަށް ބޮޑަށް ގެއްލި ބޭރުގެ ނުފޫޒަށް ދީއްލާފައެވެ.

ރަދުންނާ އެކު ހަނގުރާމައަށް ނުކުންނަން ކެރުނީ އެންމެ ދެ މީހުންނަށެވެ. ބުނެވޭ ފަދައިން "އައްޔަސް އަދިރިޔަސް ރަސްކަލަކު ވިއްޔާ ވަރިހަމަ.." އޭ ބުނެ ގިނަ ދިވެހިން ތިބީއެވެ. އޭރު ޕޯޒްގީޒުންގެ ބޮޑެއްގެ ގޮތަށް ހުރި މީހާއަށް ދިވެހިން ކިޔާ އުޅެނީ އަދިރިއަދިރިންނެވެ.

އަލިރަސްގެފާނުގެ ޖިހާދު

އަލީ ރަސްގެފާނު ރަސްކަން ކުރައްވާތާ 2 މަހާ 15 ދުވަސްވީތަނާ 'ޕޯޗުގީޒުން ދިވެހިރާއްޖެއާއި ދިމާކޮށްލި އެވެ. ވަރަށްގިނަ ނައުތަކެއްގެ މައްޗަށް އެކުލެވިގެންއައި މިލަޝްކަރުގެ ވެރިޔަކަށްހުރީ އަނދިރިއަނދިރިން ކިޔާ އޮފިސަރެކެވެ. ބައެއް ލިޔުން ތަކުގައި މިލަޝްކަރުގެ ވެރިއަކަށްހުރީ ކެޕްޓަން މެނުއަލް ޑަސިލްވޭރާ ޑިއަރައުރޯ ކަމަށް ލިޔެފައި ވެއެވެ. ބުނެވޭގޮތުގައި މިއީ ދިވެހިރާއްޖެއާއި ހަމަލާދިން ޕޯޗުގީޒުންގެ 3 ވަނަ އަދި އެންމެ ބޮޑު ލަޝްކަރު ވެސްމެއެވެ.

މާލެއާއި ދެކޮޅަށް އައި ޕޯޗުގީޒުން މާލޭގެ ބޭރު ބަނދަރުގައި ތިބެގެން މާލެއަށް ބޮޑު ބަޑިން ޙަމަލާދޭން ފެށުމުން މާލޭން ވެސް ރައްދު ޖަވާބު ދިނެވެ. އަދި ދުޝްމަނުން މާލެ އެރުމަށް ކުރަމުން ގެންދިޔަ މަސައްކަތަށް ދިވެހިން ހުރަސް އަޅަމުން ގެންދިޔައެވެ. ހަނގުރާމައިގެ ދުވަސްތައް ދިގުވަމުން ދިޔަވަރަކަށް ދުޝްމަނުންގެ ފޯރިކުޑަވެ، އެމީހުން އަތުގައި ހުރި ކާބޯ ތަކެއްޗާއި، ބަޑިބޭހާއި އުންޑަ މަދުވި އެވެ. އަދި ހަމަ މިގޮތަށް ދިވެހި ލަޝްކަރުގެ ތެރޭގައި ވެސް ދެކޮޅުވެރިކަމާ ހަމަނުޖެހުން އުފެދެމުން ދިޔައެވެ. އެއްބަޔަކަށް ފެނުނީ ހަނގުރާމަ ހުއްޓައި އަމާންދޭށެވެ. އަނެއް ބަޔަކަށް ފެނުނީ ހަނގުރާމަ ކުރުމަށެވެ.'

އެދުވަސްވަރު މާލޭގައި ހަމަނުޖެހުން ގިނަވެފައި ވެއެވެ. ގައުމީ ރޫޙްވަނީ ކުޑަވެފައެވެ. މިނުރައްކާތެރި ދަނޑިވަޅުގައި މާލޭގެ ދިފާޢުގެ މުހިއްމު ތަނެއް ކަމުގައިވާ ބޮޑު ބުރުޒުގެ ވެރިޔަކަށްހުރި ބ.އަތޮޅު އޭދަފުށީ ޙަސަން ވަތަބަނޑޭރި ތަކުރުފާނު ދުރުވެ ކީރިތި މަހާރަދުންނަށް ދެންނެވި ކަމަށްވަނީ ދުޝްމިނުންޖެހި ކޮންމެ އުއްޑައަކަށް ބޮޑު ކޯއްޓޭ ބުރުޒުން އޭނާ އުއްޑައެއް ޖަހާނެކަމަށެވެ. އަދުއްވުންގެ އުއްޑައަކުންޖެހި ޚުދު އޭނާ މަރުވެއްޖެކަން ދެން ތިބި 4 މީހުން އައިސް ރަދުންގެ އަރިހުގައި އެވާހަކަ ނުދަންނަވަނީސް އަމާން ނުދެއްވުމަށެވެ. ބަޣާވާތްކުރަން ތައްޔާރަށް ތިބި ބަޔަކު އައިސް ރަދުންގެ އަރިހުގައި ދެންނެވިކަމަށްވަނީ ރަދުންގެ އަމުރުފުޅެއްނެތި ބޮޑު ކޯއްޓޭ ބުރުޒަށް ކޮންމެވެސް ބަޔަކު އަމާން ދިދަނެގިކަމަށެވެ. ދެން ދުޝްމަނުންގެ ބަޑީގެ އަޑާއެކު ރަދުންނަށް އިވިވަޑައިގަތީ މާލޭގެ ހުޅަގު އުތުރުކޮޅަށް ޕޯޗުގީޒުން ފޭބި ޚަބަރެވެ. ( މުޙައްމަދު އިބްރާހީމް ލުޠުފީގެ ލިޔުއްވުމަކުން ނެގިފައި )

އައްސުލްޠާން އަލީ ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން (އަލި ރަސްގެފާނު)ގެ ޒިޔާރަތް

ފަތިސްވީއިރު އެމީހުންގެ ބަޑިތަކާއި ސިލޭހަތައް ހިފައިގެން މާލޭގެ ހުޅަގު އުތުރު ފަރާތު އަތިރިއަށް ޕޯޗުގީޒުން ފައިބައިފި އެވެ. ޢަލީ ރަސްގެފާނު އެމީހުންނާއި ހަނގުރާމައަށް ލަޝްކަރީންނާއިގެން ނިކުމެވަޑައިގެންނެވި އެވެ. ދެކޮޅުވެރި ޕޯޗުގީޒުންނާއި ހަނގުރާމަކުރެއްވުމަށް ކުރިމަތިލެއްވި ދިވެހި ލަޝްކަރުގެ ވެރިޔަކަށް ހުންނެވީ ހަމަ ސީދާ އަލި ރަސްގެފާނު އެވެ. ދިވެހިންގެ ލަޝްކަރު ތުނިވަމުންގޮސް 3 މީހުންނަށް ވީއިރުވެސް އަލި ރަސްގެފާނުގެ ހިތްވަރު ފުޅަކަށް ބަދަލެއް ނުގެންނަވައެވެ. ރަސްގެފާނު ކަނޑި އައްޑަނަ ހިއްޕަވައިގެން ލަޝްކަރީންގެ ވެރިއެއްގެ ގޮތުން ކުރީގައި ހިންގަވައިފައި ވަޑައިގެން ޢީދު މިސްކިތާއި ހަމައަށް ވަޑައިގެންފައި އެބުރި ވަޑައިގަތް ފަހަތް ބެލިއިރު ބޮޑުވަޒީރާ، ޚާދިމުންކުރެ އެކަކު ނޫން އެހެން އެންމެން ފިލައިގެން ހިގައްޖެއެވެ. ދެން ޢަލީ ރަސްގެފާނު އެދެމީހުންނާއިގެން ދުޝްމަނުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން މީގެ ތިން ބޭފުޅުން ކަނޑިއާއި އައްޑަނަ ހިއްޕަވައިގެން ހިތްވަރާއި އެކު އެމީހުންނާއި ޙަމަލާ ދެއްވި އެވެ.

ޕޯޗުގީޒުންގެ ލަޝްކަރުން ބަޑި ޖަހަން ފެށިއެވެ. މިޖެހި ބަޑީގެ އުންޑަތަކުން ރަސްގެފާނާއި، ރަސްގެފާނުގެ އަރިހުގައި ތިބި އަނެއް ދެކަލުންވެސް ޝަހީދު ވެއްޖެއެވެ. މިބޭފުޅުން ޝަހީދުވެ ވަޑައިގެންފައިވަނިކޮށް ފެނިގެން އެތިން ބޭފުޅުން އަވަހާރަވެފައި ތިއްބެވި ތަނުގައި ފަސްދާނުލީ އެވެ. އަދި ފަސްދާނު ލުމަށްފަހު އެތައް ވަށައިގެން ގައުޖައްސައި ފާރެއް ފަދައިން ގަދައަށް ހެދީއެވެ. ބުނެވޭގޮތުގައި އޭރު ކަނޑުގެ ލޮނުގަނޑު ފާރުގެ ވަށައިގެން ހިނގަހިނގާ އޮވެއެވެ. މާލޭގައި ހިތި ދުވަސް ފާހަގަކޮށް އުޅުނުއިރު އާދަކާދައިގެ ގޮތުން މާފަންނު ބޮޑު ހިތީގައި އެދުވަސްވަރަކު ހުންނެވި ރަސްކަލަކު ޢަލީ ރަސްގެފާނުގެ ޒިޔާރަތަށް ވަޑައިގަންނަވައެވެ.

ޢަލީ ރަސްގެފާނު ޝަހީދުކުރުމަށްފަހު ޕޯޗުގީޒުންގެ މީހުން މާލޭގެ މައްޗަށް ވެރިވެ، އެބައިމީހުންގެ މަރުކަޒު މާލޭގެ އުތުރު ފަރާތުން މާފަންނުގައި ގާއިމުކޮށްފި އެވެ. މިތަނަށް އެޒަމާނުގައި ދާންއޮންނަ މަގަށް ދާދި ފަހަކާ ޖެހެންދެން ދިވެހިން ނަންދީފައިވަނީ އަނދިރި އަނދިރިން މަގު ގެ ނަމުންނެވެ. ރާއްޖޭގެ އެކިއެކި ތަންތަނަށް ޕޯޗުގީޒުން އެމީހުންގެ އިސްމީހުން ފޮނުއްވި އެވެ.

ޕޯޗުގީޒުންގެ ދުވަސްވަރަކީ ދިވެހިން ދުށް ވަރަށް ބިރުވެރި ނާމާން ދުވަސްވަރެކެވެ. ދިވެހިންގެ ވަރަށް ގިނަ ބަޔަކު މަރައި އިސްލާމުންގެ ލެއިން ކަނޑުތައް ރަތްވެގެން ދިޔަ ދުވަސްވަރެކެވެ. މިގޮތުގެ މަތީން 15 އަހަރު ދުވަސް ވޭތުވެ ދިޔައެވެ.

ޢަލީ ރަސްގެފާނު ޝަހީދުވެ ވަޑައިގަތީ މީލާދީން 1558 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. އެއީ ހިޖުރީގޮތުން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ. ބައެއް ލިޔުންތަކުގައި ވަނީ އެއީ 18 މެއި 1658 ކަމުގައެވެ. ދިވެހިރާއްޖޭގައި ކޮންމެ އަހަރެއްގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަސް ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ޢަލީ ރަސްގެފާނު އެދުވަހު ޝަހީދުވެ ވަޑައިގަތުމާއި ގުޅިގެންނެވެ. ޢަލީ ރަސްގެފާނަކީ ވަޠަނަށްޓަކައި ގުރުބާންވެ ވަޑައިގަތް އަގުމާތް ދިވެހި ދަރިއެކެވެ.

ޢަލީ ރަސްގެފާނުގެ ޒިޔާރަތަކީ ޢަލީ ރަސްގެފާނު އާއެކު ޕޯޗުގީޒުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެންމެ ފަހުވަގުތާއި ޖެހެންދެން ހަނގުރާމަކޮށް ޝަހީދުވި 3 ބޭފުޅުން ފަސްދާނު ލެވުނު ތަނެވެ. ބުނެވޭގޮތުގައި އެބޭފުޅުން ޝަހީދުވެ ވަޑައިގެންފައިވަނިކޮށް ފެނިގެން އެތިން ބޭފުޅުން އަވަހާރަވެފައި ތިއްބެވި ތަނުގައި ފަސްދާނުލީ އެވެ. އަދި ފަސްދާނު ލުމަށްފަހު އެތައް ވަށައިގެން ގައުޖައްސައި ފާރެއް ފަދައިން ގަދައަށް ހެދީއެވެ. ބުނެވޭގޮތުގައި އޭރު ކަނޑުގެ ލޮނުގަނޑު ފާރުގެ ވަށައިގެން ހިނގަހިނގާ އޮވެއެވެ. މާލޭގައި ހިތި ދުވަސް ފާހަގަކޮށް އުޅުނުއިރު އާދަކާދައިގެ ގޮތުން މާފަންނު ބޮޑު ހިތީގައި އެދުވަސްވަރަކު ހުންނެވި ރަސްކަލަކު ޢަލީ ރަސްގެފާނުގެ ޒިޔާރަތަށް ވަޑައިގަންނަވައެވެ.އަލި ރަސްގެފާނު ފަސްދާނުލެވުނުކަމަށް ބުނެވެނީ އޭނާ އަވަހާރަވެގެން ވެއްޓި ވަޑައިގަތްތާގައެވެ. އާދެ މިހާރުގެ މަޝްހޫރު އަލި ރަސްގެފާނު ޒިޔާރަތް އެހެރަތާގައެވެ. މާފަންނުގައި ޢަލީ ރަސްގެފާނުގެ ޒިޔާރަތް ހުރި މަގަށް ދީފައިވާ ނަމަކީ ޝަހީދު އަލީ ހިނގުން އެވެ.

މާލޭގެ ހެންވޭރު ކޮޅުގައި ބިނާކުރައްވާފައިވާ ޝަހީދު ޢަލީ މިސްކިތަކީ ޢަލީ ރަސްގެފާނުގެ ހަދާނުގައި ބިނާކުރައްވާފައިވާ ތަނެކެވެ. މިމިސްކިތްވަނީ ތަފާތު ފަހަރުތަކުގެ މަތީން ސަރުކާރުން މަރާމާތުކުރައްވައި ބޮޑުކުރައްވާފައެވެ. އެންމެ ފަހުން ބޮޑުކުރެއްވި އިރު މިމިސްކިތްވަނީ ދެބުރިއަށް އުސްކުރައްވައިފައެވެ.

ޢަލީރާޖާގެ އެހީތެރިކަން ހޯދައި، ކަޅުމުޙައްމަދު ރަސްގެފާނު ޤައުމަށް ޚިޔާނާތްތެރިވުން

ޕޯޗުގީޒުން ދިވެހިރާއްޖެ ހިފަން އަންނަން މެދުވެރިވި ސަބަބަކީ ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ހިލާލީ ދަރިކޮޅުގެ 9 ވަނަ ޙަސަން ރަސްގެފާނު، ދިވެހިރާއްޖޭގެ ކޮއިލުގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކުގެ ތެރޭގައި، އިންޑިޔާގައި ތިބި ޕޯޗުގީޒުންގެ މީހުންގެ ގާތަށް ވަޑައިގެން ނަޞާރާ ދީނަށް ވެދެވަޑައިގަންނަވައި، އޭގެ ފަހުން އަނެއްކާ ވެސް ރާއްޖޭގެ ތަޚްތު ހޯއްދެވުމަށް މަސައްކަތް ކުރެއްވި ކުރެއްވުމެވެ. މިރަދުން އިންޑިޔާގެ ކޮއްޗޭއަށާއި، ގޯވާއަށް ވަޑައިގެން ފުރަތަމަ ކުރެއްވި ކަމަކީ މާލޭގައި ތިބި ވަޒީރުންނާއި އަދިވެސް ކުރިއަށް ތިބި މީހުންނަށް ނަޞާރާ ދީނަށް ވެއްދުމަށްޓަކައި އެބައިމީހުން ބަލާ ނަވެއް ފޮނުއްވުމެވެ. މިނައު މާލެއައުމުން މާލޭގައި ކުރިއަށް ތިބި އެންމެން މަޝްވަރާކުރުމަށްފަހު އެރަސްގެފާނަށް އެންގީ ދީން ބަދަލުނުކުރާނޭ ކަމަށާއި، އަދި އެރަސްގެފާނުގެ އަރިހަށް ނުދާނޭ ކަމަށެވެ. ދެން އެނަވުގައި އައި މީހުންނާއި ދިވެހިން ހަނގުރާމަކޮށް އެމީހުންގެ ހަތިޔާރާއި މުދާ ދިވެހިން އަތުލީ އެވެ. މިހަނގުރާމަ ކުރެއްވީ ޢަލީ ރަސްގެފާނާއި، އަބޫބަކުރު ރަސްގެފާނާއި، ދެބޭފުޅުންނާއި އެދެބޭފުޅުންނަށް ތަބާވީ މީހުންނެވެ. މިކަންތައް ހިނގީ މިދެބޭފުޅުން ރަސްކަމަށް އިސްވެ ވަޑައިގަތުމުގެ ކުރިންނެވެ.

މިހާދިސާއަށް ފަހު އަނެއްކާވެސް ޕޯޗުގީޒުންގެ ނައުތަކެއް މާލޭގެ ބަނދަރަށް ޙަސަން ރަސްގެފާނު ފޮނުއްވި އެވެ. ދިވެހިން މިބައިމީހުން ވެސް ބަލިކޮށް އެމީހުންގެ ހުރިހާ ތަކެތި އަތުލި އެވެ. ޕޯޗުގީޒުންނަށް ދިވެހި ރާއްޖެ ހިފުނީ އެމީހުން ހަނގުރާމައަށް އައި 3 ވަނަ ފަހަރު އެވެ. މިފަހަރު ޕޯޗުގީޒުން އައީ ކުރީގެ ލަޝްކަރަށްވުރެ ވަރުގަދަ ލަޝްކަރަކާއި، ކުރިއަށްވުރެ މޮޅު އާރުކާޓީން ގޮވައިގެންނެވެ. އާދެ! މިފަހަރު އެމީހުންނަށް ކާމިޔާބު ލިބުނީ އެވެ.

ދިވެހިރާއްޖޭގައި މަޝްހޫރު ބޮޑުތަކުރުފާނު ވާހަކައިގައި ޕޯޗުގީޒުންގެ ވެރިއަކަށްހުރި މީހާއަށް ނިސްބަތްކުރާ ނަމަކީ އަނދިރި އަނދިރިން ނެވެ. މީނާއާ ބެހޭގޮތުން ރިވާވެގެން އައިސްފައިވާ ވާހަކައެއް އޮވެއެވެ. ބުނެވޭގޮތުގައި އައްސުލްޠާން ކަޅު މުޙައްމަދު ރަސްގެފާނު ރަސްކަމުގައި ޕޯޗުގީޒު ނަވެއް ހުވަދު އަތޮޅަށް ދިޔައެވެ. މިނަވުގެ ވެރިއަކަށްހުރީ ގޯވާގައި ހުންނަ ވައިސްރޯއީ އާ ތިމާގެ މީހެކެވެ. މީނާއާ އެކުގައި މީނާގެ އަންހެނުންވެސް ވިއެވެ. މިނައު ހިފުމަށް ގާފަރު ކަޅު އުނބުށޭމު ފާށަނާ ތަކުރުފާނު ރަދުން ފޮނުއްވި އެވެ.

މިތަކުރުފާނު ގޮސް ހަނގުރާމަކޮށް ނަވުގެ ކައްޕިތާނާއި ފަޅުވެރިން ގަތުލުކުރީ އެވެ. ނަމަވެސް ނައުގެ ވެރިޔާގެ އަންހެނުން ގަތުލެއް ނުކުރެއެވެ. މިއަންހެންމީހާގެ ފުރާނަ ސަލާމަތް ކުރިއެވެ. މިކަމަނާގެ ނަމަކީ ޚާންޒީ ކަމަނާ އެވެ. މިކަން ހިނގިއިރު މިޚާންޒީ ކަމަނާ އިނީ ބަލިވެއެވެ. މިކަމަނާއަށް ލިބުނު ޕޯޗުގީޒު ދަރިފުޅު ބޮޑުކުރީ އިސްލާމެއްގެ ގޮތުގައެވެ. މީނާއަށް ކިޔުނީ މުޙައްމަދު އެވެ. މިއީ ފަހުން ކެޕްޓަން އަނދިރި އަނދިރިން ގެ ނަމުން މަޝްހޫރުވެފައިވާ މީހެކެވެ. ގާފަރު ކަޅު އުނބުށޭމު ޚާންޒީ ކަމަނާއާއި އިނދެގެން ފިރިހެން ކުއްޖަކުވެސް ލިބުނެވެ. އެކުއްޖަކީ މަތުއްކަލާ އެވެ. އިސްވެ ދެންނެވި މުޙައްމަދު އޭނާގެ ކޮއްކޮ މަރާލުމަށްފަހު ގޯވާއަށް ގޮސް ހިޖުރައިން 965 ވަނަ އަހަރު ޕޯޗުގީޒު ފްލީޓެއް ގޮވައިގެން މާލެ އައިސް މާލެ ހިފީއެވެ.

ރައީސްގެ ނަސޭހަތް: އަލިރަސްގެފާނުގެ ޖިހާދުން ނަގަންވީ އިބުރަތް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގައުމާ މުހާތަބު ކުރައްވައި ދެއްވި ހިތޯބުގައި ވިދާޅުވި އެވެ;

"މުޅި ހަނގުރާމައާއި ހާދިސާގެ ފަސްމަންޒަރަށް ބަލައިލުމަކީ، މިއަދު އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ޤައުމީ ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެން. އެއް ފަރާތުން މި ފެންނަނީ އަމިއްލަ އެދުން. ދިވެހީން ދިވެހި ޤައުމަށް ޚިޔާނާތްތެރިވުން. ހަމައެއާއެކު، މި ފެންނަނީ ބޭރުގެ ބާރުތަކުން މަސައްކަތްކުރާ ގޮތް. އެ މީހުންގެ ހީލަތްތެރި ރޭވުން. ދިވެއްސެއްގެ އެދުމަށް އެ މީހުން ދިވެހިރާއްޖެ އަޅުވެތިކޮށްފި. ނަމަވެސް، އޭނާއަށް އޭނާ އެދޭ ބާރެއް، ރަސްކަމެއް ހޯދައެއްނުދިން. ޙަސަން ރަސްގެފާނު އެ މީހުންނަށްޓަކައި ދީން ވެސް ދޫކޮށްލެއްވި. ނަމަވެސް، ނަޞާރާއެއްގެ ގޮތުގައި ހުންނަވައި، އެންމެފަހުން އިންޑިޔާގައި އަވަހާރަވީ. އޭނާއަށް މާލެ ވަޑައިގެންނެވޭނެ ގޮތް ވެސް ޕޯޗުގީޒުން ހަމަޖައްސައެއް ނުދިން."

މިއަދު އަޅުގަނޑުމެން ބަލައިލަންޖެހޭ އަނެއް ޙަޤީޤަތްތަކަކީ، ޢަލީ ރަސްގެފާނުގެ އީމާނުގެ މަތިވެރިކަން. އެ ރަދުންގެ ހިތްޕުޅުގައި ޤައުމާ މެދު އޮތް ލޯބީގެ ފުންކަން. ހިތްވަރުފުޅު ގަދަކަން. ދައުލަތަށް ހުރި ވަފާތެރިކަން. އަދި ދިވެހިރައްޔިތުންނާ މެދު ހިތްޕުޅުގައި އޮތް ކުލުނާއި އިޚްލާޞްތެރިކަން.

"މި ހަނގުރާމައަށް ޢަލީ ރަސްގެފާނާއި ލަޝްކަރު ފުރިހަމައަށް ތައްޔާރުވި. މާލޭގެ ބުރުޒުތަކަށް ބަޑިބޭހާއި ހަތިޔާރު ލެއްވި. ބަޑިބޭސް ތައްޔާރުކުރަނީ ވެސް ދިވެހިން. ޕޯޗުގީޒުން ފުރަތަމަ ހަމަލާތައް ދެމުން ގެންދިޔައީ، މާލޭގެ ބޭރުގައި ތިބެގެން. އެ މީހުންނާ ދިމާޔަށް މި ކޮޅުން ވެސް ބަޑި ޖަހަމުން ރައްދުދެމުން ގެންދިޔަ. ތާރީޚުން އެނގޭ ގޮތުގައި، ހަނގުރާމަ ދިގުލައި ދިޔަ މުއްދަތުގައި، ޕޯޗުގީޒުން ވެސް އެ މީހުންނަށް މިފަހަރު މާލެ ނޭރުނު ކަމަށް ނިންމި. ކާބޯތަކެއްޗާއި، އެހެނިހެން ވަސީލަތްތައް ވެސް މަދުވަމުންދާތީ ޚިޔާލުތަފާތުވުންތައް އުފެދުނު. މާލޭގައި ވެސް އާންމުންގެތެރޭގައި ފިތުނަވެރި ބައެއް ވާހަކަތައް، ބައެއް މީހުން ފެތުރި. މި ފިތުނައިގެ ތެރެއިން ދިވެހީން ގަދަވެފައި ވަނިކޮށް، ކޮންމެވެސް މީހަކު ދެއްކި ވާހަކައެއް ފޭދިގެން ގޮސް އަމާން ދިން."

"އެ ހިސާބުން ޕޯޗުގީޒުން މާލެއަށް އެރި. އެ ވަރުން ވެސް ޢަލީ ރަސްގެފާނުގެ ހިތްވަރުފުޅަކަށް، ޢަޒުމަކަށް، އީމާނަކަށް ބަދަލެއްނައި. ގާތްގަނޑަކަށް ގިނިކަންޏާ ކަހަލަ ގޮތަކަށް އެންމެ ދެތިން މީހުންނާއެކު މައިދާނަށް ނުކުމެވަޑައިގެން، ޢަދުއްވުންނާ ކުރިމަތިލައްވައި ޝަހީދުވި. އަމިއްލަ ފުރާނަފުޅަށްވުރެވެސް އިސްކުރެއްވީ ދީން. ޤައުމަށް ތެދުވެރިވުން. ދައުލަތަށް ވަފާތެރިވުން. ރައްޔިތުން ސަލާމަތްކުރެއްވުން. އެ ރަދުން އެ ދުވަހު ކުރެއްވި ހިތްވަރުފުޅަށް ތާރީފުކުރައްވައި، ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީން ވިދާޅުވަނީ.."

ވީކަމަކު އެ ދުވަހު އެ ތާނގައި ރަސްގެފާނު ޢަލީ ޝަހީދު
       ކީ އެ ހިނދުގައި ދުޝްމަނުން ވެސް ސާބަހޭ ހަމަ ސާބަހޭ

ކޮންފަދަ މަތިވެރި ނަމޫނާއެއްތޯ؟ ކޮންފަދަ ހަރުދަނާ ޝަޚުޞިއްޔަތެއްތޯ؟ ކޮންފަދަ ފުން ޤައުމީ ލޯތްބެއްތޯ؟ ދިވެހިރާއްޖޭގެ އަގުހުރި ރަސްރަސްކަލުން އަދުގެ ޖީލަށް ދެއްކެވީ މި ނަމޫނާ. ދެއްވީ މި ފިލާވަޅު.

ރައީސް އިތުރަށް ވިދާޅުވީ:

"ޢަލީ ރަސްގެފާނުގެ ޖިހާދު، އަދުގެ ސިޔާސީ ފަރާތްތަކާ އެބަ މުޚާޠަބުކުރޭ. ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން އެބަ ގޮވާލާ. ދިވެހީންގެ ސަލާމަތް ދިވެހީން ހޯދަން އެބަ ގޮވާލާ. ޢަލީ ރަސްގެފާނުގެ ޖިހާދު، މީޑިޔާއާ އެބަ މުޚާޠަބުކުރޭ. ޚަބަރު ފަތުރާއިރު، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ. ދޮގު ޚަބަރުތައް ނުފަތުރަން އެބަ އިންޒާރުދޭ. ޢަލީ ރަސްގެފާނުގެ ޖިހާދު، ދިވެހި ޒުވާނުންނާ އެބަ މުޚާޠަބުކުރޭ. ޒުވާންކަމުގެ އޮއިވަރުގައި، އަމިއްލަ ދީނާއި، އަމިއްލަ ޤައުމު ފަހަނައަޅައި ނުދާން އެބަ ނަސޭހަތްތެރިވޭ."

"ޙަޤީޤަތުގައި ޢަލީ ރަސްގެފާނުގެ ޖިހާދު، އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، މާތް ﷲ ޙައްޤަށް ނަޞްރު ދެއްވާނެކަން. އެއީ، ބިމުގެ ކުޑަކަމަކާއި، އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަން. އަޅުގަނޑުމެންގެ ކާބަފައިން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށްފި. އަޅުގަނޑުމެންގެ ކާބަފައިން، ބޭރުގެ ބާރަކަށް ނަފާ ލިބޭގޮތަށް ކަޅު މުޙައްމަދު ރަސްގެފާނު ދޫކުރެއްވި ކިނޮޅަހާއި، އެހެން ރަށްރަށް އަލުން ދިވެހީންނަށް ހޯދައިދިން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ސަރުކާރުން، ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދާނަން."

"ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއް ކަމުގައި ހަދާނަން. އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު، އެ ބައެއްގެ އަތުގައި ނެތް ޤައުމުތައް އުޅޭ ހާލު އަބަދާ އަބަދު އެބަ ފެނޭ. ފަލަސްޠީނަކީ އޭގެ މިސާލެއް. އެފަދަ ދުވަހެއް މި އަމާންކަމުގެ ސުވަރުގެއިން ދެކޭކަށް އަޅުގަނޑުމެން ނޭދެމު. އެހެންކަމުން، ދިވެހިރާއްޖޭގެ މި ފަޚުރުވެރި ޝަހީދުންގެ ދުވަހު އަޅުގަނޑުގެ އިޚްލާޞްތެރި އިލްތިމާސަކީ މިއީ. ޤައުމަށް ތެދުވެރިވާށޭ! ދީނަށް ޙުރުމަތްތެރިކޮށް ހިތާށޭ! ދައުލަތަށް ވަފާތެރިވާށޭ!"

މައުލޫމާތު ނެގީ:

ފަތްތޫރަ - އޯގަސްޓް 1981

އައްޑަނަ ނޮވެމްބަރު 2017

"އަލިރަސްގެފާނުގެ ޖިހާދު" އަދި "ޢަލީރާޖާގެ އެހީތެރިކަން ހޯދައި، ކަޅުމުޙައްމަދު ރަސްގެފާނު ޤައުމަށް ޚިޔާނާތްތެރިވުން" ދަށުގައިވާ މައުލޫމަތަކީ ވިކިޕީޑިއާ އިން ނަގާފައިވާ ނަކަލެކެވެ. އެ މައުލޫމާތު އެއްކޮށްފައިވަނީ;

  • ފަތްތޫރަ - އޭޕްރީލް 1989
  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
  • ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ވެބްސައިޓް