ފެހި ކުލައިގެ ހެދުމުގައި އިއްޔެ ރައްޔިތުންގެ މަޖިލިސް ދޮށަށް ބަޔަކު އެއްވީ އިސްރާއިލްއާ ދެކޮޅަށް ރާއްޖޭގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އިންތިހާބުކޮށްފައި ތިބި މެންބަރުންނަށް ގޮވާލާށެވެ. ސިޔާސީ ކުޅިވަރުގައި ޖެހި މަޖިލިސް ހުއްޓުވައިގެން ތިބި މެންބަރުން ހޭލައްވާށެވެ. އެކުވެރިކަމާ އެކު ތިބި ޒުވާން ޖޯޝުލީ އެ އަޑުތައް މަޖިލީހުގައި ކަރަށް ނާރު ނެރެގެން ހަޅޭލާ މެންބަރުންގެ ކަންފަތުގައި ރަނގަޅަށް ވެސް ގުގުމާލެވުނެވެ.

އެ ކުޑަ އެއްވުމުން ބޮޑު މަންޒަރެއް ދައްކައި, ބޮޑު ނަތީޖާއެއް ނެރެފި އެވެ. ވަރަށް ކާމިޔާބެވެ!

"އިއްޔެގެ އެއްވުމުން އެނގިގެން ދިޔައީ ދިވެހި ރައްޔިތުން ތިބީ ފަލަސްތީންގެ ހައްގުގައި ވަކާލާތުކޮށް ދިވެހި ގާނޫނު ހަދާ މަޖިލީހާ ސަރުކާރުގެ ކަމާ ބެހޭ އިދާރާތައް ޖަވާބުދާރީކުރަން ކުރެވެން އޮތް ހުރިހާ މަސައްކަރެއް ކުރަން ތައްޔާރަށްކަން," އެއްވުމުގެ އިސް ސަފުގައި ހުރި ޒުވާން އެކްޓިވިސްޓް ފާތިމަތު ޒޫޝާން "ގައުމީ" އަށް ބުންޏެވެ.

ފެނިގެން ދިޔައީ ފަލަސްތީނު މައްސަލާގައި ދިވެހި ޒުވާނުން އެއްބައެއްވަންތަކަން. ދެން ކުރިއަށް އޮތް ދުވަސްތަކުގައި މި މޮމެންޓަމް މެއިންޓެއިންކޮށް ސަރުކާރުން މިކަމަށް އެކަށީގެންވާ ފިޔަވަޅެއް ނަގަންދެން ޒުވާނުން ވެސް އެކަތިގަނޑަށްވެ ސާބިތުކަމާ އެކު ތިބޭނެކަން އެނގުމަކީ ލިބުނު ހިތްހަމަޖެހުމެއް.

ޒޫޝާން އެކަންޏެއް ނޫނެވެ; މި އެއްވުމުން ދިޔަ ކޮންމެ މީހެއްގެ ހިތުގައި ވެސް އޮންނާނީ މި ޝުއޫރު ޔަގީނެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު

އެއްވުމުގައި މައިގަނޑުގެ ގޮތެއްގައި ގޮވާލީ އިސްރާއިލަކީ ޓަރަރިސްޓް ސްޓޭޓެއް ކަމަށް ކަނޑައަޅައި, އެ ގައުމުގެ ޕާސްޕޯޓްގައި ރާއްޖެ ނާދެވޭނެ ގޮތް ހެދުމަށެވެ. އަދި އިސްރާއިލްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށެވެ. މި އަޑުތައް ގަދަވެ, މަޖިލިސް ބޭރަށް މެންބަރުން ވެސް ނުކުމެވަޑައިގެންނެވި އެވެ.

އެންމެ ފުރަތަމަ ބޭރަށް ނުކުމެ އެއްވުމުގެ ބައިވެރިންނާ ބައްދަލު ކުރެއްވީ މައިނޯރިޓީ ޕާޓީ, ޑިމޮކްރެޓްސްގެ މެންބަރުންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނެ އެވެ. އެއްވުމުގެ ބައިވެރިން ވަރަށް ހޫނު ސުވާލުތަކެއް ރައީސް ނަޝީދަށް ވެސް އަމާޒުކުރި އެވެ. ގިނަ ސުވާލުތަކަކަށް ޖަވާބު ނުދީ އޮއްބާލެއްވިއިރު, ޖޯޝުގައި ތިބި ޒުވާނުންގެ ކުރިމަތީގައި ނަޝީދަށް ވެސް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.

މެންބަރު އިބްރާހިމް ރަޝީދު, އެ އެއްވުމަކީ ސިޔާސީ ކުރުމަށް ކުރާ ކަމެއް ކަމަށް ސިފަ ކުރެއްވުމުން އެއްވުމުގެ ބައިވެރިން ވަރަށް ބޮޑަށް ނުރުހުނެވެ. އަދި, ރަނގަޅަށް މެންބަރަށް ޖަވާބުދިނެވެ. ރައްދު ދިނެވެ. ސިޔާސީ ހަމަލާގެ ބިރަށް ފަހަތަށް ނުޖެހުނެވެ. އެކަމުގައި ހިތްވަރު ދައްކާލި އެއްވުމުގެ ބައިވެރިޔާ އަށް ތައުރީފު ހައްގެވެ.

ހަމަ އެގޮތަށް ސަރުކާރު ނިސްބަތްވާ އެމްޑީޕީގެ މެންބަރުން ވެސް ބޭރަށް ނުކުމެވަޑައިގެންނެވި އެވެ. އޭގެ ތެރެއިން ކެލޭ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް, އެއްވުމުގެ ޑިމާންޑްތަކުގެ އަޑު ގަދަކޮށްލުމާ އެކު ސުވާލު ކުރެއްވީ އޭނާ އަށް ދެން ކުރެވޭނީ ކީއްތޯ އެވެ. ހަނގުރާމައަށް ދާންވީތޯ ވެސް އެއްސެވި އެވެ. މެންބަރުގެ އެ ޒިންމާދާރު ކަމެއް ނެތް ޖަވާބަށް ވެސް އެއްވުމުގެ ބައިވެރިން ރަނގަޅަށް ރައްދު ދިނެވެ.

މެންބަރު ރޮޒައިނާ ދެއްކެވީ މިހާރު ވެސް މަޖިލީހުގައި ހިނގަމުންދާ މުހިންމު މަސައްކަތްތަކުގެ ވާހަކަ އެވެ. ބަޖެޓްގެ މަސައްކަތް މުހިންމު ކަމެވެ. އެކަމަކު, އެއްވުމުގެ ބައިވެރިން ހަނދާންކޮށް ދިނީ މިދިޔަ އެއް މަސް ދުވަހު ވެސް މަޖިލިސް, ސިޔާސީ ކުޅިވަރެއްގައި ހުއްޓިފައި އޮތް ކަމެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށް ރައްޔިތުންގެ މަޖިލިސް ނުހިނގާ ކަމެވެ.

ފޮޓޯ: ޝައްފު ކެންވާސް

ބައެއް މެންބަރުން ސުވާލު އުފައްދަނީ ދެން އިތުރަށް އެމީހުންނަށް ކުރެވޭނެ ކަމެއް އެބަ އޮތްތޯ އެވެ. ކަންތައްތައް ކުރެވޭނީ ސަރުކާރަށް ކަމަށް ބުނެ އެމީހުން ޒިންމާ އިން ރެކެން މަސައްކަތް ކުރި ނަމަވެސް, އެއްވުމުގެ ބައިވެރިން ދުލެއް ނުދިނެވެ. ފޮރިން މިނިސްޓްރީ ދޮށަށް އެއްވާން ދާށޭ ބުނުމުން ވެސް ފަހަތަށް ނުޖެހެ އެވެ. ހަނދާންކޮށް ދިނީ ސިޔާސީ އެތައް, ބޭކާރު އެތައް ކަމެއް, އަމިއްލަ މަސްލަހަތުގެ އެތައް ކަމެއްގައި ކުއްލި މައްސަލަތަކާއި ގަރާރުތައް ހުށަހަޅައިގެން ބޮޑު ބަހުސްތައްކޮށް ކަންކަން ފާސްކޮށްފައިވާ ކަމެވެ.

އެފަދަ ކަމެއް ވެސް, ބަހުސެއް ވެސް ފަލަސްތީނު މައްސަލާގައި މަޖިލީހުގައި ނެތުމަކީ ދެރަވަރު ކަމެއް ކަމެވެ.

"ހަގީގަތުގައި މަޖިލީހުގެ މެންބަރުންގެ ފަރާތުން ފެނިގެން ދިޔައީ މި ކަމަށް އެކަށީގެންވާ ރެސްޕޯންސެއް ނޫން, ބައެއް މެންބަރުން އިހްތިޖާޖު ކުރަން ތިބި ބޭފުޅުން ކައިރީ ނަމާދުކޮށް ގިނަ ގިނައިން ދުއާ ކޮށްލަ ކޮށްލާ ތިބޭށޭ ބުނުމަކީ ވަރަށް ނާތަހުޒީބު ދަށު ދަރަޖައިގެ ޖަވާބެއް. އަޅުގަނޑުމެންނަށް ފެނޭ ސިޔާސީ ކަންކަމުގައި އެ ބޭފުޅުން މަޖިލިސް ހުއްޓުމަކަށް ގެންނަ މަންޒަރު," ޒޫޝާން ބުންޏެވެ.

ފަލަސްތީނުގެ ހައްގުގައި އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް.

އެއްވުމުގެ ބައިވެރިންގެ ޖޯޝު ފެނި, މަޖިލީހުގެ މެންބަރުން ނިންމެވީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްއާ ބައްދަލުކުރާށެވެ. އަދި, އެއްވުމުގެ ބައިވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށެވެ. އަމީންއާންމު ވެސް ވަނީ އެއްވުމަށް ވަޑައިގެން ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.

އޭގެފަހުން މަޖިލީހުގެ އިދާރާ އިން ވަނީ ހާރިޖީ ގުޅުމާ ބެހޭ ކޮމިޓީ އެޖެންޑާކޮށްފައެވެ. އެއްވުމުން ކުރިއަށް ދަނިކޮށް އެ ކޮމިޓީން ވަނީ އިސްރާއިލްގެ ޕާސްޕޯޓް މަނާ ކުރަން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ ދިނުމަށް ފާސްކޮށްފައެވެ.

މިއީ އެއް ދުވަހުން, އެންމެ އެއްވުމަކުން ހޯދި ބޮޑު ނަތީޖާއެކެވެ. ސިޔާސީ ކުޅިވަރުގައި އަވަދިނެތި ތިބި މެންބަރުންތައް ހޭލައްވާލި ކަމެކެވެ.

އެއްވުމުގެ ބައިވެރިންގެ އަޑު މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ވެސް ފޯރާފައެވެ. ބައިވެރިން ގެންގުޅުނު ޕޯސްޓަރުތައް ބައެއް މެންބަރުން ތަޅުމުގައި އުފުލިއެވެ. އިސްރާއިލްއާ ދެކޮޅަށް އަޑު އުފުލިއެވެ.

ފަލަސްތީނުގެ ވާހަކަ މަޖިލީހާ ހަމައަށް ފޯރައިފިއެވެ. ދެން ވެސް ކުރިއަށެވެ. ޒުވާނުން އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށެވެ. ބަދަލު ގެނެވޭނެއެވެ. ބަދަލު އަންނާނެއެވެ.