ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމިއްލަ އަމިއްލަ އަށް އުފެއްދި ކޮމިޓީ އަކުން އެއް ކަމެއް ވަރަށް ހަރުކޮށް ކިޔެ އެވެ. އެއީ ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމެވެ. ޕާޓީ ހިންގާނީ ޕާޓީގެ ރައީސް ކަމެވެ. ޕާޓީގެ ރައީސްގެ ނިންމުމަށް ގޮންނުޖެހޭނެ ކަމެވެ.

މިއީ, ރޭ ދެއްކި އާ ވާހަކަތަކެއް ނަމަވެސް, މީގެ އަހަރުތަކެއް ކުރިން 2016 ވަނަ އަހަރު އާޓިފިޝަލް ކުރިމަތީ ހުރި ޕީޕީއެމް އޮފީސް ތެރޭ ވެސް ހަމަ އިވުނީ މި އަޑެވެ. އޭރުގެ ޕީޕީއެމްގެ ތެރެއިން ވަކި ބަޔަކު ނުކުންނެވީ ޕާޓީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ދިފާއުގައި އޭރުގެ ރައީސް އަބްދުالله ޔާމީންއާ ދެކޮޅަށެވެ. ދެ ރައީސުން މަޝްވަރާ ނުކުރައްވާތާ އޭރު ދުވަސްތަކެއްވެ, ހިޔާލު ތަފާތުވުން އޮތީ އިންތިހާއަށެވެ.

އޭރު ރައީސް މައުމޫންގެ ފަޅީގައި ތިއްބެވި ބޭފުޅުން ވެސް ވިދާޅުވަމުން ގެންދެވީ ޕާޓީގެ ރައީސްއަކީ އެންމެ އިސް ފަރާތް ކަމެވެ. އިސް ފަރާތުގެ ހައިސިއްޔަތުން ޕާޓީގެ ކައުންސިލްގެ ބަހެއް ނެތި ނައިބު ރައީސުން ވެސް ރައީސް މައުމޫން ހޮވި އެވެ. ނޫސްވެރިންގެ ބައްދަލުވުންތައް ވެސް ބާއްވަމުންދިޔަ އެވެ. ރައީސް މައުމޫން, ފާޅުގައި ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވި އެވެ.

ރައީސް ޔާމީން, އެ ވަގުތު ޕާޓީގެ މަގާމެއް ނެތް ނަމަވެސް, ފުލް ކޮންޓްރޯލް އޮތެވެ. ކައުންސިލްގެ ދެތިން މެންބަރެއް ނޫނީ ތިއްބެވީ ރައީސް ޔާމީންއާ އެކު އެވެ. އެންމެފަހުން ރައީސް ޔާމީން ބޭނުން ހިއްޕެވީ އެ ބާރުގެ އެވެ. އޭރުގެ ޕީޕީއެމްގެ އޮފީހަށް ވަދެ "ފުނޑާލި" އެވެ. ޕާޓީ ހޯދަން ސިވިލް ކޯޓަށް މައްސަލަ ވެއްދި އެވެ. ރައީސް މައުމޫން, ޕީޕީއެމް ހިސޯރުކޮށްފައި ކަމަށް ބުނެ އެވެ.

ދެން ބޭނުން ހިފީ ރައީސް ޔާމީންގެ ކޮންޓްރޯލްގައި އޮތް ސުލޫކީ ކޮމިޓީއެވެ. ރައީސް މައުމޫން އާއި އެމަނިކުފާނާ އެކު ތިއްބެވި އެންމެންނާ މެދު ފިޔަވަޅު އަޅަމުން އަޅަމުން ގޮސް, އެކަށް ބޭރުކޮށްލި އެވެ. އާ އޮފީހެއް ހުޅުވައި, ޕާޓީގެ ރައީސްކަމާ ރައީސް ޔާމީން ހަވާލުވެވަޑައިގެންނެވި އެވެ. މުޅި ޕީޕީއެމް, ރައީސް މައުމޫންގެ އަތްޕުޅުން ހޯއްދެވި އެވެ.

އެއީ ދެ ރައީސުންގެ ފުރަތަމަ އެޕިސޯޑެވެ.

ނިމިގެންމިދިޔަ ސަރުކާރަކީ އުފެދުނުއިރު އެފަދަ ކަމެއް ހިނގާފާނެ ކަމަށް ބެލެވުނު ސަރުކާރެއް ނޫނެވެ. އެކަމަކު, ސަރުކާރު ފެށުމާ އެކު ދެ ރައީސުންގެ ހަނގުރާމަ ފެށުނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ގާތް އެކުވެރިޔާ, ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އޭގެ ކުރީ ފަސް އަހަރާ އެއްގޮތަށް ރައީސް ސޯލިހު ވެސް ހޯއްދެވީ އެމްޑީޕީގެ ކޮންޓްރޯލެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެކަން ރައިސް ސޯލިހު ކަށަވަރު ކުރެއްވި އެވެ. މަޖިލިސް މެންބަރުންގެ މެޖޯރިޓީ ތާއިދު ހޯއްދެވި އެވެ. އެއަށްފަހު ރައީސް ނަޝީދާ ދެކޮޅަށް މަޑުމަޑުން މަސައްކަތް ކުރައްވަން ފައްޓަވައި, އެމަނިކުފާނު ބޭނުންވި ކަންކަމަށް އެމްޑީޕީން ތެރެއިން ދެކޮޅު ހަދަން ފެއްޓި އެވެ. ފުރަތަމަ ނަޝީދު ބޭނުންފުޅުވީ ދައުރު މެދުތެރެއިން އިންތިހާބެކެވެ. އެކަމަށް ރައީސް ސޯލިހު ފުރުސަތެއް ނުދެއްވި އެވެ. އެއަށްފަހު ބަރުލަމާނީ އެވެ. ބަރުލަމާނީ ގެންނަން އެމްޑީޕީގެ ކޮންގްރެސް ތެރެއިން ރައީސް ނަޝީދު ކުރެއްވި މަސައްކަތް, ރައީސް ސޯލިހު ބޮޑު ތަނުން ފެއިލްކޮށްލި އެވެ.

އޭރު ރައީސް ނަޝީދު ދިފާއުގައި އެމްޑީޕީގެ ތެރެއިން ބަޔަކު ވަނީ ތެދުވެފަ އެވެ. ރައީސް ސޯލިހާ ދެކޮޅަށް އެ ބޭފުޅުން މަސައްކަތް ފެއްޓެވި އެވެ. އެއާ އެކު އެ ބޭފުޅުންނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފެށިގެންދިޔަ އެވެ. ޕީޖީ ގުރޫޕުން ފިޔަވަޅު އަޅަން ފެށުމުން ހުރިހާ މެންބަރުން އެއްފަހަރާ އިސްތިއުފާ ދެއްވައި އާ ޕާޓީއެއް އުފެއްދެވި އެވެ. އެ ޕާޓީ އުފެދުމާ އެކު ރައީސް ނަޝީދު ވެސް އެންމެ ފަހުން އެމްޑީޕީން އިސްތިއުފާ ދެއްވީ އެވެ.

އެންމެ ބޮޑު އެމްޑީޕީގެ ފުލް ކޮންޓްރޯލް ދަމަހައްޓަމުން ގެންދެވި ރައީސް ނަޝީދު ބޭރުކޮށް, ރައީސް ސޯލިހު ހިންދެމިލެއްވި އެވެ. އެއީ ދެ ރައީސުންގެ އެޕިސޯޑް ދެ އެކެވެ.

ރަސްމީކޮށް ރޭ ފެށިގެން އެ ދިޔައީ ދެ ރައީސުންގެ އެޕިސޯޑް ތިނެކެވެ.

އަސާސީ ގަވައިދުން ނުލިބޭ ބާރެއްގެ ދަށުން އަދި ގަވައިދުގައި ނެތް ކޮމިޓީއެއް ޔާމީން އަމިއްލަ އަށް އުފެއްދެވިއިރު, އެކަމާ ދެކޮޅަށް ޕާޓީގެ ސެނެޓާއި ލީޑަޝިޕްގެ ބޭފުޅުން ފާޅުގައި ތެދުވިއެވެ. ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ލީޑަޝިޕުން ދިނެވެ. މާގިނައިރުތަކެއް ނުވެ ކޮމިޓީގައި އިސްކޮށް އުޅުނު ކުރީގެ މިނިސްޓަރު މުހައްމަދު މަލީހުގެ ސުލޫކީ މައްސަލަ ބަލަން ފަށައި, ވަނީ ސަސްޕެންޑްކޮށްފައެވެ.

ޕީޕީއެމް ހިންގަން ޔާމީން އެކުލަވާލެއްވި ސްޓިއަރިން ކޮމިޓީގެ ބޭފުޅުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މިހާ ހިސާބަށް ދިޔައިރު ޕާޓީގެ އެސްޖީ މުހައްމަދު ތޮލާލާއި ތަރުޖަމާނު ހީނާ ވަލީދާ, ޔާމީން އުފެއްދެވި ކޮމިޓީއާ ވެސް ވަރަށް ބޮޑަށް ވަނީ ދެބަސްވެފައެވެ. މި ދެބަސްވުންތައް ގޮސް ކޮޅެއްގައި ޖެހެނީ, މާޒީން ހެކިދޭ ގޮތުން ޕާޓީ ދެބައިވެގެންނެވެ. ދެ ރައީސުންގެ އަރާރުމާ އެކު ފެންނަ މަންޒަރަކީ އެވެ. މިހާރު ވެސް ޕީޕީއެމްގެ ސެނެޓާއި ލިޑަޝިޕްގެ ފުލް ކޮންޓްރޯލް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒަށެވެ.

ރައީސް ޔާމީންގެ އެއްވެސް ކޮންޓްރޯލެއް ނެތެވެ. އެމަނިކުފާނު އުފެއްދެވި ކޮމިޓީގައި ތިއްބެވި ސިޔާސީ ގޮތުން މާބޮޑު މަގުބޫލުކަމެއް ނެތް ބޭފުޅުންގެ ސަބަބުން އެކަން ސާފުވެ އެވެ. އެމަނިކުފާނު ހުންނެވީ ޕާޓީގެ ތެރޭގައި ބަލިކަށިވެފަ އެވެ. ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވިޔަސް, ހަގީގީ ބާރެއް ނެތެވެ.

އެއީ, މީގެ އަހަރުތަކެއް ކުރިން ރައީސް މައުމޫން ހުންނެވި ހާލަތެވެ. އޭރު ރައީސް ޔާމީން ހުންނެވި ގަދަ ބާރުގައި މި ވަގުތު ހުންނެވީ ރައީސް މުއިއްޒެވެ. ރައީސް މައުމޫންއަށް ޕީޕީއެމްގައި ޖެހުނު ހާލު, ރައީސް ޔާމީނަށް ޖެހުމަކީ ނުވެ ނުދާނޭ ކަމެކޭ ބުނަން ދައްޗެވެ.