ތާރީހުގައި ސިޔާސީ ކަންކަން ހިނގާފައި އޮތް ގޮތުން ވެރިކަމުގެ ވަކި ހިސާބަކަށް ދިޔުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް އަބްދުالله ޔާމީން ދެމެދު މައްސަލަތައް ޖެހި ރޫޅޭ ހިސާބަށް ދާނެ ކަމަށް އެއްވެސް މީހަކު ޝައްކެއް ނުކުރެއެވެ. ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަމަށް ހަފްތާއެއް ތެރޭގައި ޔާމިން ރޭ ވަނީ ޕީޕީއެމް އިން ވަކިވެ އާ ޕާޓީއެއް އުފައްދަވައި މުއިއްޒު އާ ސީދާ ދެކޮޅަށް ނުކުންނަން ނިންމަވާފައެވެ.

މިއީ އެތައް ބަޔަކު ސިހިގެން ދިޔަ ހީވެސް ނުކުރާ ފަދަ ބޮޑު އެނބުރުމެކެވެ. މި ފަސް އަހަރުގެ ތެރޭގައި ރައީސް މުއިއްޒު އަށް ކުރިމަތިލައްވަން ޖެހޭ އެންމެ ބޮޑު ސިޔާސީ ހަނގުރާމައިގެ ފެށުމެވެ.

ޔާމީން ޕީޕީއެމް އާ ދުރަށް ޖެހިވަޑައިގަތުން އެއީ އޯވަ ނައިޓެއް ތެރޭ ހިނގި ކަމެއް ނޫނެވެ. ޕީޕީއެމް އާއި ޕީއެންސީ ވެސް ގެއްލި ދުރަށް ޖެހިވަޑައިގަތީ އެތެރޭގައި ހިނގި އެތައް ކަމަކާ ހެދި އިތުރު އެއްވެސް ކޮޅެއް އެމަނިކުފާނަށް ފެންނަން ނެތީމައެވެ.

ބެކަޕް ޕާޓީ ވެސް ގެއްލި ވަކިވާން މަޖުބޫރުވި ގޮތް

ޕީޕީއެމް ޕީއެންސީން އަމިއްލަ އަށް ދެ ޕާޓީއެކޭ ކިޔަސް މި ހުރިހާ ދުވަހު އޮތީ އެއް ޕާޓީއެއް ގޮތުގަ އެވެ. ދެ ނަމަކާއި ދެ ކުލައެއް ގެންގުޅުނަސް އެއް ބަޔަކާއެކު އެއް އޮފީހެއްގައި ހިންގާ ދެ ޕާޓީ އެވެ. އަދި ދެ ޕާޓީއަކީ ވެސް ރައީސް ޔާމީންގެ ދެ ޕާޓީ އެވެ.

ޔާމީން ޕީއެންސީ އުފެއްދެވި ސަބަބަވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕީޕީއެމް ހޯއްދަވަން ކޯޓަށް ވަޑައިގަތުމުންނެވެ. ޕީޕީއެމްގެ މަސްއޫލުވެރިންނާ މެދު ސުވާލު އުފައްދައި ކޯޓަށް މައްސަލަ ހުށަހެޅުމުން ޕާޓީ ގެއްލިދާނެ ކަމުގެ ބިރަށް ޔާމީން ޕީއެންސީގެ ނަމުގައި ޕާޓީ އުފެއްދެވިއެވެ. އަދި ޔާމީން ސިޔާސީ ގޮތުން އޭރު އެންމެ އިތުބާރު ކުރެއްވި އަބްދުއްރަހީމް އަބްދުالله އާ ޕާޓީ ހަވާލު ކުރެއްވިއެވެ.

ޔާމީން ޖަލަށް ގެންދިޔުމާއެކު އަދުރޭ ވެގެން ދިޔައީ ޕީޕީއެމް އާއި ޕީއެންސީގެ ވެސް އެންމެ އިސް މީހާއަށެވެ. ޔާމީން ޖަލުން ފޮނުވާ ނޯޓުކޮޅުގައި އޮތް ގޮތަށް އަކުރުން އަކުރަށް ކަންކަން ޕާޓީ ހިންގަވަމުން ދިޔައެވެ. ދެ ޕާޓީގެ ލީޑާޝިޕް އެއްކުރައްވައި އޮމާންކަމާއެކު ޕާޓީ ހިންގެވިއެވެ.

ނަމަވެސް ޔާމީން މިނިވަން ނުވެދާނެ ކަމުގެ އަޑުތަކާއެކު ޕީޕީއެމްގެ ތެރޭގައި ތަފާތު ފެކްޝަންތައް އުފެދި ރިޔާސީ ޓިކެޓަށް ވާދަ ކޮށްފާނެ ނަންތައް ވެސް ގިނަވާން ފެށި ދުވަސްވަރެއް ދިޔައެވެ. ޖަލުން މިނިވަންވި ކުޑަ ދުވަސްކޮޅު ތެރޭގައި ޔާމީން އެ މައްސަލަ ހައްލު ކުރައްވަން ހެއްދެވި ގޮތަކީ ކައުންސިލްގެ ނަން ސެނެޓަށް ބަދަލު ކުރައްވައި ލީޑާޝިޕް ހިމެނޭހެން މެންބަރުންގެ އަދަދު އިތުރު ކުރެއްވިއެވެ. އެއަށްފަހު ޕީޕީއެމް ސެނެޓުގެ ފުރިހަމަ ބާރުވެރިކަން އެމަނިކުފާނު ނެންގެވިއެވެ.

ނަމަވެސް އަނެއްކާވެސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވެން އޮތް ފަހަރަކު ދޮރެއް ބަންދުވަމުންދިޔައެވެ. ޔާމީންގެ ސެނެޓުގެ ވަރަށް ގިނަ މެންބަރުން ވެސް އެހެން ނަންތައް ހޯއްދެވިއެވެ. އޭގެ އެއް ނަމަކީ އަދި އެންމެ އެތެރެއިން ވަކި ބައްދަލުވުންތައް ބާއްވައި މަޝްވަރާކޮށް ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން ދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުންނެވެ. 

ރިޔާސީ އިންތިހާބާ ހަމައަށް ދިޔައިރު ޕީޕީއެމް އަދި ޕީއެންސީގެ ސެނެޓްގެ ތެރޭގައި ގިނައީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ތާއިދު ކުރެއްވި މެންބަރުންނެވެ. 

ޔާމީނަށް ހުކުމް އައި ދުވަހު ޕީޕީއެމް އާއި ޕީއެންސީ އެކީ އޮތީ މުއިއްޒު ފަޅިއަށް އެނބުރިފަ އެވެ. ޔާމީންގެ ފަހުގެ އެދުމަކަށްވީ މި ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމެވެ. ނަމަވެސް އެމަނިކުފާނުގެ ދެ ޕާޓީގެ މެންބަރުން ވެސް ފުރަތަމަ ފަހަރަށް ޔާމީނާ ދެކޮޅަށް ނުކުންނެވިއެވެ.

އެ ނިންމުމާ ދެކޮޅަށް މުއިއްޒު ވާދަކުރައްވައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ނަމަވެސް ޔާމީން އާއި ދެ ބޭފުޅުންގެ ގުޅުން ރަނގަޅެއް ނޫނެވެ. ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވި ގޮތުން ނަމަ ވެރިކަމަށް އައި ފަހުން ޑރ. މުއިއްޒު ޔާމީންގެ ފޯނު ވެސް ނުނަންގަވައެވެ. އެއްވެސް ކަމެއްގައި މަޝްވަރާއެއް ވެސް ނުހޯއްދަވައެވެ.

"ޑރ. މުއިއްޒު މިއަދާ ހަމައަށް ޔާމީންގެ ފޯނެއް ވެސް ނުނަންގަވާ. ޕީޕިއެމްގެ ލީޑާޝިޕުން މި ވަނީ ޔާމީން އާ ދުރަށް ވަޑައިގެންފައި. ޔާމީން އާ މަޝްވާރާއެއް ނުކުރައްވާ. ހަމަ އެއާއެކީ އެ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ޔާމީން އެ ޕާޓީގައި ހުންނަވައިގެން ޕާޓީ ހިންގަން ބޭނުމެއް ނުވޭ." ޖަމީލް ވިދާޅުވިއެވެ.

ލީޑާޝިޕް ސަރުކާރުގެ ކެބިނެޓަށް، ޔާމީން ބާކީވުން

ޕީޕީއެމް އާއި ޕީއެންސީ ސެނެޓުގެ މެޖޯރިޓީ ޔާމީނަށް ގެއްލި އޭގެ ފަހުން އެމަނިކުފާނުގެ އެދުމާ ހިލާފަށް ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމެވި ހިސާބުން ވެސް ދެ ޕާޓީގެ ލީޑާޝިޕްގެ ބޮޑު ބައެއް އޮތީ ޔާމީން ފަހަތްޕުޅުގައެވެ. އޭގެ ތެރޭގައި މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ސިޔާމް އާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ހިމެނެއެވެ.

ނަމަވެސް ފަހުން އެ ބޭފުޅުން ރައީސް މުއިއްޒު އާ ސުލްހަވެ ކެމްޕެއިނަށް ވަޑައިގަންނަވަން އެއްބަސްވީ ވެސް ޔާމިންގެ ރުހުން އޮތް ކަން އެނގުނު ހިސާބުންނެވެ.

ނަމަވެސް ދެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން މިހާރު އެ ހުންނެވީ ސީދާ ރައީސް މުއިއްޒުގެ ސަރުކާރުގައެވެ. އެ ހުރިހާ ބޭފުޅުންނަށް މިނިސްޓަރުގެ މަގާމް ދެއްވިއެވެ. އަދި ޔާމީން އެންމެ އިތުބާރު ކުރައްވާ އަދުރޭ ރައީސް މުއިއްޒުގެ ހާއްސް އެޑްވައިޒަރުކަން ދެއްވައި މިނިސްޓަރުގެ ފެންވަރުގައި ބެހެއްޓެވިއެވެ. އަދި ފާޑު ކިޔުން އަމާޒުވާނެ ކަން އެނގިވަޑައިގެން ހުންނަވައި އަދުރޭގެ ދަރިފުޅަށް މިނިސްޓަރު ކަން ވެސް ދެއްވިއެވެ. އޭގެ ބަދަލުގައި އަދުރޭ ވަނީ ޕީއެންސީގެ ރައީސްގެ މަގާމް މުއިއްޒު އަށް ދެއްވާފައެވެ.

އަދުރޭގެ އާއިލާ އަށް ނިސްބަތްވާ އެތަކެއް ބަޔަކަށް މި ސަރުކާރުގެ ތެރޭގައި ވަޒީފާ ވަނީ ދީފައި. އެއީ އެކަން ކުރަން ޖެހޭ ގޮތް ކަމަށް ޕީޕީއެމްގެ އެއްވެސް މެންބަރަކު ނުދެކޭ.

ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް

ޕީޕީއެމް އާއި ޕީއެންސީގެ ތެރޭގައި ޔާމީން އެއްކޮށް ބާކީވި ނަމަވެސް ޕާޓީ އާ ދުރަށްޖެހިވަޑައިގަތުމުގެ ކުރިން ޕާޓީގެ ބާރުތައް ހޯއްދެވުމަށް އަނެއްކާވެސް މަސައްކަތް ކުރެއްވިއެވެ. ސްޓިއަރިން ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އުފައްދަވައި މި ސަރުކާރުން ވަޒީފާ ނުލިބޭ އަދި ޔާމީނަށް ވަފާތެރި މެންބަރުންތަކެއް އެ ކޮމިޓީގައި ހިމެނުއްވިއެވެ. 


ޕީޕީއެމް ހިންގަން ޔާމީން އެކުލަވާލެއްވި ސްޓިއަރިން ކޮމިޓީގެ ބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ނަމަވެސް ކުއްލިއަކަށް ރައީސް މުއިއްޒުގެ ބާރު އޮތް ލީޑާޝިޕުން ވަނީ އެ ކޮމިތީގެ ފިޔަ ކޮށާލައި އޭގައި އިސްކޮށް އުޅުއްވި ފަރާތްތައް ޕާޓިންވެސް ބޭރުކޮށްފައެވެ. އެފަދަ ކަމެއް ކުރައްވަން ޔާމީނަށް އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށް ބުނެ އިންޒާރު ދެއްވިއެވެ. އެ އިންޒާރު ދެއްވީ ޔާމީން އަށް ޕީޕިއެމް ހޯދައިދިނުމަށް ކޯތަށް ވަޑައިގަތް ސިޔާމް ފަދަ މެންބަރުންނެވެ.

ޔާމީންގެ ފަހުގެ ޕްލޭން ފެއިލް ކޮށްލުމާއެކު އެމަނިކުފާނަށް ހަގީގަތުގައި ވެސް ހުރިހާ ދޮރެއް އޮތީ ބަންދުވެފައެވެ. ހުކުމެއްގައި ހުރުމުން ގާނޫނީ ގޮތުން އެއްވެސް ޕާޓީއެއްގެ އިސް މަގާމެއް އަދާ ނުކުރެވެއެވެ. ފަހު ވަގުތު ޔާމީން އަމިއްލަ އަށް ޕީޕީއެމް ދޫކުރެއްވުން ނޫން އެހެން އެއްވެސް ގޮތެއް ނެތެވެ.

އާ ޕާޓީ: މުއިއްޒު އާ ދެކޮޅަށް އިއުލާންކުރާ ހަނގުރާމަ

އާ ރިޔާސީ ދައުރެއްގެ މިހާ ކުރީކޮޅު އެއް ޕާޓީއެއް ތެރޭ ތިއްބެވި ދެ ރައީސުންގެ މައްސަލަތައް މި ހިސާބަށް ދިޔުމަކީ އެއީ މިހާތަނަށް ސިޔާސީ މަޝްރަހުގައި ފެނިފައި ނުވާ ކަމެކެވެ. ޔާމީން ހަމައެކަނި މުއިއްޒު އަށް ކުރާ ތާއީދު އަނބުރާ ގެންގޮސް ޕީޕީއެމް އާ ދުރަށް ޖެހުނީކީ ނޫނެވެ. އާ ޕާޓީއެއް އުފައްދަވައި މުއިއްޒު އާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ވެސް ނެރޭނެ ކަން ވަނީ އިއުލާން ކުރައްވާފައެވެ.

ޔާމީން އާ މިހާރު އެންމެ އަރިސްކޮށް އުޅުއްވާ ޖަމީލް ވިދާޅުވި ގޮތުގައި މިދިޔަ ވެރިކަމުގައި އެންމެ ބޮޑު އަނިޔާއެއް ތަހަންމަލު ކުރީ އެމަނިކުފާނެވެ. އަދި ކެމްޕެއިންގެ ތެރޭގައި އަމިއްލަ އާއިލާ އާއި އަރިސް ބޭފުޅުން ނެރުއްވައިގެން އެތައް މަސައްކަތެއް ވެސް ޔާމީން ކުރެއްވިއެވެ. ރައީސް މުއިއްޒު އަށް ރައްޔިތުން ނުކުމެ ވޯޓު އެޅީ ޔާމީން މިނިވަން ކުރަން ކަމަށް ޖަމީލް ވިދާޅުވިއެވެ.

ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް އައި ގޮތަށް އެކަން ހަނދާން ނައްތާލާފައިވާ ކަމަށް ޖަމީލް ތުހުމަތު ކުރެއެވެ.

ވެރިކަން ބަދަލުވުމަށް ފަހު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ޔާމީން އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވީ. ނަމަވެސް ޝަރުއީ ކޯޓުތަކަށް މިހާރު އެ ވަޑައިގަންނަވަނީ އެކަނި. މީގެ ކުރިން އެތަންތަނަށް ޔާމީން އާއެކު ވަޑައިގަންނަވާ ބޭފުޅުންނެއް ވެސް ނުފެނޭ.

އެމަނިކުފާނު ޕާޓީ އާ ވަކިވި ނަމަވެސް ރައްޔިތުން އެކަމާ މާޔޫސް ވާން ނުޖެހޭނެ ކަމަށް ޖަމީލް ވިދާޅުވިއެވެ. މުއިއްޒު ވިއްކި ތަރައްގީގެ ފިކުރުގެ އާ ޕާޓީއެއް ޔާމީން އުފައްދަވާނެ ކަމަށާއި އެ ޕާޓީން ރައްޔިތުންގެ މަޖިލީހަށް ވެސް މެންބަރުން ވާދަކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމަނިކުފާނުގެ ސިޔާސީ ވިސްނުމާއި ސިޔާސީ ފިކުރާއި ތަރައްގީގެ މަސައްކަތްތައް ކުރިޔަށް ގެންދެވުމަށްޓަކައި އާ ސިޔާސީ ޕާޓީއެއް އުފައްދަން ވަނީ ނިންމާފަ. އަދި ރައްޔިތުންގެ މަޖިލީހަށް ވެސް ވަދަކުރާނެ." އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު އަށް ވެރިކަމުގެ ވަރަށް ކުރީކޮޅު މި ޖެހިވަޑައިގަތީ އެމަނިކުފާނަށް ކުރިމަތިވާނެ އެންމެ ބޮޑު ސިޔާސީ ގޮންޖެހުމާއެވެ. މީގެ ކުރިން ވެސް ދެ ރައީސުންގެ ކޯޅުންތަކުގައި ހިނގާ ގޮތަށް ރައީސް މުއިއްޒުގެ އެންމެ ބޮޑު އޮޕޮޒިޝަން އަކަށް ވާނީ ޔާމީނެވެ.