އައިޝަތު މާހާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި 10 އަހަރު އަދި، މަޖިލީހުގެ ނައިބު ރައީސް ކަމުގައި ގާތްގަނޑަކަށް ފަސް އަހަރު ހޭދަކުރުމަށް ފަހު, މިއަދު އީވާ އަބްދުالله އިސްތިއުފާ ސިޓީ އެ ހުށަހެޅުއްވީ, ކާމިޔާބެއް ކަމަށް ވިދާޅުވަމުންނެވެ. ބޮޑު އަގުލަބިއްޔަތަކާއި ލޯތްބަކާއެކު މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާ, 2019 ވަނަ އަހަރު ވަޑައިގެންނެވިއިރު އޭނާ މަގާމުން ދުރުކުރަން ވެސް އޮތީ ހަމަ އެ ބޮޑު އަގުލަބިއްޔަތެވެ. އީވާގެ ސިޔާސީ ހަޔާތް ފެށި، އެމްޑީޕީއެވެ. މިއަދު މިއީ އޭނާއަށް ހިނދުކޮޅެކެވެ. ސިޔާސީ ހަޔާތުގައި ހިނދުކޮޅެކެވެ.

"މިއީ އަޅުގަނޑަށް ވެސް އަޅުގަނޑުގެ ސިޔާސީ މަސައްކަތުގައި ހަމަ ދަނޑިވަޅެއް. މިއީ އަޅުގަނޑުގެ ސިޔާސީ މަސައްކަތުގައި ހަމަ ހިނދުކޮޅެއް،" އީވާ ވިދާޅުވިއެވެ.

އީވާ ހަނދާނަށް ގެންނެވީ މިޝައިލް އޮބާމާގެ ކޯޓެކެވެ. "ވެން ދޭ ގޯ ލޯ, ވީ ގޯ ހައި،"

އީވާގެ ޅަ ދުވަހެވެ. ރަނގަޅަށް ޔުނިވާސިޓީ ނުނިމެއެވެ. އޭނާ އަވަސްވެގަތީ އޭރު ބަނދެވިފައި އޮތް ހައްގުތައް ހޯދުމަށް ރައްޔިތުން ނުކުމެ ތިބި ތިބުމާ އެއް ސަފަހެއްގައި ފައި ހަމަކޮށްލާށެވެ. އޭނާ ވިދާޅުވީ ޒުވާނުން ދުވަސްވަރުން ފެށިގެން އިސްލާހީ މަސައްކަތަށް ކުރަމުން އައި މަސައްކަތާއި ދެން ވެސް ކުރާނެ މަސައްކަތް ބައްޓަން ކުރަނީ ރިޔާސަތުގައި އިން ގޮނޑިއަށް ނޫން ކަމަށެވެ.

މަޖިލީހުގެ ނައިބް ރައީސްގެ މަގާމުން އިސްތިއުފާ ދިނުމުގެ ކުރިން ޖަލްސާގައި އީވާ ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލިސް

އެކަމަކު, އޭނާ ބޭނުންވަނީ ވަރުގަދަ އަސާސްތަކެއްގެ މައްޗަށް ރާއްޖޭގެ ސިޔާސީ ނިޒާމް ބަދަލުކޮށްލާށެވެ.

"ރަނގަޅަށް ޔުނިވާސިޓީ ދައުރު ނުނިމެނީސް އަޅުގަނޑު ހުރީ މަގުމަތީ އިހްތިޖާޖު ކުރަން. އެތައް ބަޔަކާއެކު. ދުލާއި ގަލަމުގެ މިނިވަންކަމާއި ހިޔާލުކުރުމުގެ މިނިވަންކަމާއި ކުޑަކާފު ބޮޑު ކާފު ނޫން ސިޔާސީ ނިޒާމަކަށް ދިވެހިރާއްޖެ ގެންދިޔުމުގައި އުއްމީދުގައި ދިވެހި ރައްޔިތުން ކުރި އިހްތިޖާޖުގައި އަޅުގަނޑު ވެސް ހުރިން މަގުމަތީގައި," އީވާ ވިދާޅުވިއެވެ.

ގާނޫނުއަސާސީ އިސްލާހު ކުރަމުންދިޔައިރު އަޅުގަނޑު ހުރީ މި މަޖިލީހުގެ ބޭރުގައި، ރައްޔިތުންނާއެކު އިހްތިޖާޖުގައި،

މިއަދު އޭނާއަކީ މަޖިލީހުގެ މެންބަރެއް ކަމަށްވިޔަސް, އެ ދުވަހު އިވާ ވެސް ހުންނެވީ މަޖިލިސް ބޭރުގައެވެ. އިހްތިޖާޖުގައެވެ. ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތައް ގެންނަން އަޑު އުފުލާށެވެ. 18 އަހަރުގެ މީހުންނަށް ވޯޓުލުމުގެ ހައްގު ފަދަ ވަރަށް އަސާސީ ހައްގުތައް ހޯދުމަށާއި ދެވަނަ ބާރަ, ތޭރައިގައި އެތައް ރައްޔިތުންނެއް ސިޔާސީ ހަރަކާތުން ހައްޔަރުކުރީމަ ވެސް އޭނާ ހުރީ ރައްޔިތުންނާއެކު މަގުމަތީ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ބަނޑަށް އޭރު ނުވަ މަސް, އައިޖީއެމްއެޗްގައި އަޅުގަނޑު ވިހަން ދިޔައީ އެ މުޒާހަރާގެ މެދުގައި ހުރެފައި, އެ ދުވަހު ބަނޑުގައި އޮތް ދަރިފުޅު އިރާދަކުރެއްވީތީ 18 އަހަރުވެ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާގެ ފުރަތަމަ ވޯޓު އެ ލީ," އީވާ ވިދާޅުވިއެވެ.

އީވާ އިހްތިޔާރު ކުރަނީ ފަސޭހަ މަގެއް ނޫނެވެ. އެކަމަކު, އަސާސްތަކުގެ މައްޗަށް އޮންނަ މަގު ކަމަށް ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ބޭއިންސާފުން ކަންކަން ދާއިރު, ހައްޓަށް ފަސޭހަ ގޮތް އެކަނި ހެދުން އެއީ އޭނާގެ އުސޫލެއް ނޫން ކަމަށެވެ. އެއީ ދަންނަ ތަރުބިއްޔަތެއް ނޫން ކަމަށެވެ. އެމްޑީޕީގެ ބިޔަ މެޖޯރިޓީ ދޫކޮށްލައި, ސަރުކާރު ދޫކޮށްލާފައި ނުކުތްއިރު ދާ ދިމާ އެނގޭ ކަމަށާއި މާބޮޑު މޮޅެއްވާން ނޫންކަން އެނގޭ ކަމަށް ވިދާޅުވިއެވެ. ނުކުތީ ގަބޫލު ނުކުރެވޭ ތަނެއްގައި ތާށިވެފައި ނުތިބެން ކަމަށް އީވާ ވިދާޅުވިއެވެ.

"އިޔާދަވާނީ ހައްގަށް ކަން އުއްމީދުކޮށްގެން އަޅުގަނޑުމެން ނުކުތީ. އާރާއި ބާރަށްވުރެ ދިގަށް ކުޅެނީ, އެއަށްވުރެ ދިރި ހުންނާނީ އަސާސްތައް ކަން އުއްމީދުކޮށްގެން އަޅުގަނޑުމެން ނުކުތީ,"

އަދަބު ލިބުނަސް ވައްކަމުގެ ހާއްޔެއްގައި ތާއްޓެއް ނުވާނަން

އެމްޑީޕީގެ ގިނަ މެންބަރުންތަކެއްގެ ސޮޔާއެކު އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން މިއަދުގެ މަޖިލީހުގައި އެ މައްސަލަ ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ މައްސަލާގައި އީވާ ވަނީ ޖަވާބުދާރީވެވަޑައިގެންފައެވެ.

އީވާ ވިދާޅުވީ އޭނާއަށް މިއަދު އަދަބު ލިބިގެން ދިޔައީ ނާގާބިލް, ކިނބުރުވެރި ސަރުކާރަކާ ދިމާއަށް އެއީ ނާގާބިލް, ކިނބުރުވެރި ސަރުކާރެއް ކަމަށް ބުނުމުން ކަމަށެވެ. އިއްޔެގެ ސަރުކާރާ ދެކޮޅަށް ބަސް ބުނެގެންދޭ އަދަބަކީ މަގާމުން ވަކިކުރުން ކަމަށް އީވާ ވިދާޅުވިއެވެ.

މިއީ އިއްޔެގެ ސަރުކާރު އެމްޑީޕީގެ ސަރުކާރު ވެރިކަން ގެއްލުނީމާ އަޅުގަނޑަށް އަދަބު ދިނުން މިއީ،

އީވާ ވިދާޅުވީ މިއަދު ލިބުނު އަދަބު ލިބޭނެކަން އޭނާއަށް މާކުރިން ވެސް އެނގެއެވެ. އެއީ ކޮވިޑް ދުވަސްވަރު ގެންގަން ސަރުކާރުން ހަރަދުކުރި ވެންޓިލޭޓަރުތަކުގެ މައްސަލާގައި ކޮރަޕްޝަން ހިންގާ ކަމުގެ ތުހުމަތު އޮތީތީ, މަޖިލީހަށް އީވާ ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ. "ވެންޓިލޭޓަރު ވައްކަން ހާމަވި ދުވަހު އަޅުގަނޑަށް އެނގޭ މަނިކުފާނުމެންގެ ސަރުކާރުން އަޅުގަނޑަށް މި އަދަބު ދޭނެކަން. އެމްޑީޕީގެ ސަރުކާރުން މި އަދަބު ދޭނެކަން," އީވާ ވިދާޅުވިއެވެ.

"އަޅުގަނޑަށް އެ ދުވަހު އެނގޭ,"

ދައުލަތުގެ ދަރަންޏާއި ރިޒާވްއާ ގުޅޭ ގޮތުން ސުވާލު އުފައްދައި, އިހުތިޖާޖު ކުރަން ފެށުމުން, އެމްޑީޕީގެ ސަރުކާރު އޭނާއާ ދިމާކުރާނެކަން އެނގޭ ކަމަށް ވެސް އީވާ ވިދާޅުވިއެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަތަކަށް އަޅާނުލާ ވާހަކަ ދައްކާތީ, އިއްޔެ ސަރުކާރުން ދިމާކުރާނެކަން ވެސް މާކުރިން އެނގޭ ކަމަށް އީވާ ވިދާޅުވިއެވެ.

"ބަލާން ބުނި އެއްވެސް މަރެއް އިންސާފާ ހަަމަށް ގެންގޮސް ނުދެވުނީމަ އެ ވާހަކަ ދައްކަން ފެށީމަ އަޅުގަނޑަށް އެނގޭ އިއްޔެގެ ސަރުކާރުން ދިމާކުރާނެކަން," އީވާ ވިދާޅުވިއެވެ. މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމުގެ ވައުދު, ސުންގަނޑި ޖެހުނުއިރު ވެސް ނުފުދުނުކަމަށް ބުނަމުންދިޔުމުން އަދަބު ލިބޭނެކަން ވެސް އެނގޭ ކަމަށް ވިދާޅުވިއެވެ.

"ބޮޑެތި ރޭޕް ކޭސްތައް. ގާތް މީހުންގެ ރޭޕް ކޭސްތަކާއި ގާތް މީހުންގެ ޖިންސީ ގޯނާގެ މައްސަލަތައް ވޯޓަށްޓަކައި އޮބަހަށްޓާލައިގެން ތިބެން ހެދީމަ އެ ވާހަކަތައް އަޅުގަނޑުމެން ދައްކަން ހެދީމަ އެނގޭ އިއްޔެގެ ސަރުކާރުން އަޅުގަނޑާ ދިމާކުރާނެކަން,"

"އަޅުގަނޑަށް, އެނގޭ އަޅުގަނޑަށް އެ އަދަބު ދޭނެކަން,"

"އެ ޕާޓީއަކަށްޓަކައި ހަޔާތުގެ ބޮޑު ބައެއް ދިން އެމްޑީޕީ", ފިކުރު ދިރިގެން އައީ ވަރުގަދަ އަސާސްތަކެއްގެ މައްޗަށް ކަމާއި އެއީ ވައްކަން ދެކޮޅުވުމާއި އަސާސީ ހައްގުތައް ކަށަވަރު ކުރުމާއި އިންސާފުވެރި ފަނޑިޔާރުގެ ފަދަ އަސާސްތައް ކަމަށް އީވާ ވިދާޅުވިއެވެ. 30 އަހަރުގެ ވެރިކަމުން އަރައިގަނެ, ބޮޑު ބަގާވާތަކުން އަރައިގެނެ, އެކި ކަހަލަ އަނިޔާވެރިކަމުން ރައްޔިތުން އަރައިގަތީ އެމްޑީޕީގެ އެ ވަރުގަދަ އަސާސްތަކަށް ކުރި އިތުބާރާއި އުއްމީދާއި ހިތްވަރުން ކަމަށެވެ.

"އެހެން ނަމަވެސް, ވެރިކަން ލިބުމާއެކު އެ އަސާސްތައް ހަނދާން ނައްތާލައި މިހާރު މޭރުން ނުވާ ހިސާބަށް ގޮސް, ވެރިކަން ލިބުނީމަ ރައްޔިތުންގެ މަންފާއަށް މަސައްކަތް ކުރާ ބައެއްގެ ބަދަލުގައި ދެތިން މެންބަރުންނާއި ވަޒީރުންނާއި އެމްޑީންގެ ޑީލްތަކެއްގެ ވަށައިގެން އެނބުރޭ ޕާޓީއަކަށް އެމްޑީޕީ ވީ," އީވާ ވިދާޅުވިއެވެ.

"ކަނޑައެޅިގެން ވައްކަމަށް ޖާގަދޭ ޕާޓީއަކަށް ހަދައި އެމްޑީޕީގެ އެހަރަ ވަރުގަދަ ފަހުލަވާނުން ކުރި މަސައްކަތް މުޅިން ބީރައްޓެހި ބަޔަކު ގެނެސް ހިސޯރުކުރީ,"

"އެ އޮތް ވަރުގަދަ ޕާޓީން ކެހިދިނީ,"

އީވާ ވިދާޅުވީ އެމްޑީޕީގެ އެ ވައްކަމުގެ ހާއްޔަށް އޭނާ ގަންބާނުލެވުނީ ކަމަށެވެ. މިއަދު އަދަބު ދެނީ އެހެންވެ ކަމަށެވެ. އޭނާ ވިދާޅުވީ ބަޔަކު ވާހަކަ ދެއްކުމުން އެ ބަޔަކަށް އަދަބު ދިން ކަމުގައިވިޔަސް, ވެރިކަން ގެއްލުނީ ބަޔަކު ދެއްކި ވާހަކައިން ނޫން ކަމަށެވެ. ވެރިކަން ގެއްލުނީ ކުރެވުނު ކަމަކުން ކަމަށާއި އިސްލާހު ކުރަން ދެއްކި ވާހަކަތަކަށް ބީރު ކަންފަތެއް ދެއްކީމާ ކަމަށް އީވާ ވިދާޅުވިއެވެ.

"މަގާމެއް ދިފާއު ކުރަން ބޭއިންސާފުން ދާ ގަޑީގައި ދޫބަންދުކޮށްގެން އިނުން އެއީ އަޅުގަނޑު ދަންނަ ތަރުބިއްޔަތެއް ނޫން,"

ދެކޮޅުގައި ވެސް ބޭބެ، ޒާތީއެއް ނުވަން

އީވާއަށް އެންމެ ބޮޑަށް އަމާޒުވި ފާޑުކިޔުމަކީ މަގާމުގައި ދެމިހުންނަވަނީ އަދި ސަރުކާރަށް ފާޑުވިދާޅުވަނީ ދެބެންގެދެދަރި ބޭބޭފުޅު, ރައީސް މުހައްމަދު ނަޝީދު ދިފާއު ކުރެއްވުމަށް ކަމަށް ބުނެ އެވެ.

"ދުވާލު ދެ ދަޅައަށް ޕްރެސް ކޮންފަރެންސްއަށް އަރާ މަނިކުފާނުމެން ބޭބެ ދިފާއު ކުރަން ބޭބެ ދިފާއު ކުރަންށޭ ވިދާޅުވަމުން ގެންދެވިއިރު އަޅުގަނޑު ނީންނާނެ ދިފާއު ވާން ޗުއްޕު ދަންނަވާފައި ވެސް ނޯންނާނެ," އީވާ ވިދާޅުވިއެވެ.

"އަޅުގަނޑަކީ އެއްވެސް ސިޔާސީ ފިކުރެއް އަމިއްލަ ފިކުރެއް ނެތް އަންހެނަކަށް ހަދައިގެން އަޅުގަނޑަކީ ހަމައެކަނި ބޭބެ ދިފާއު ކުރަން އުޅޭ މީހަކަށް ހަދައިގެން ވޭތުވެދިޔަ 18 އަހަރު ދުވަހު ކުރި މަސައްކަތަކީ އެއްވެސް ކަހަލަ އަމިއްލަ ވިސްނުމެއް ނެތި ކުރަމުންދިޔަ ކަމަކަށް ހަދަން މަސައްކަތްކުރި އަޅުގަނޑު ނީންނާނެ ޗުއްޕު ވެސް ދަންނަވާފައި,"

"އެހެންނަމަވެސް މަނިކުފާނު މިއަދު އަޅުގަނޑު ހަނދުމަފުޅުކޮށް އަރުވަން އަޅުގަނޑާ ދެކޮޅަށް ނުކުތް ސަރުކާރާއި އަޅުގަނޑު ދެކޮޅުވި ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވެސް ހުންނެވީ ހަމަ އަޅުގަނޑުގެ ބޭބެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވާހަކަ އަޅުގަނޑު ދައްކާކަށް ނެތިން, ބޭނުމެއް ވެސް ނޫން,"

ވެރިކަމުގައި ވެސް ހުންނެވީ ހަމަ އަޅުގަނޑުގެ ބޭބެ, ދެ ފަރާތުގެ ވެސް ބޭބެ, މައިފުށުގެ ވެސް ބަފާފުށުގެ ބޭބެ, ހިލާފު އުފެދިގެންދާ ވަގުތު އަޅުގަނޑަކީ އެއް އިރެއްގައި ވެސް ޒާތީ ކަމަކާ އޮންނަ މީހެއް ނޫން. ހިލާފު އުފެދިގެންދާ ވަގުތު އަޅުގަނޑު ބާރުގަދަ ބޭބެ ނުވަތަ ދެރަވަރު ބޭބެ ފައިސާވެރި ބޭބެ ނުވަތަ ފައިސާ ނެތް ބޭބެ މި ޒާތީ ކަންކަން އަޅުގަނޑު ބަލާފައެއް ނޯންނާނެ،

"މިއީކީ ޒާތީ ކަމަކާ އުޅުމެއް ނޫން, އަޅުގަނޑު ގަބޫލުކުރާ އަސާސްތަކުގައި ހިފުމާ މިއުޅެނީ,"

އީވާ ވިދާޅުވީ އެކި މީހުން ކާމިޔާބު މިނާނީ އެކި ގޮތަށް ކަމަށާއި ހިޔާނާތުގެ ކުރިމަތީގައި ތިމަންނާމެންގެ މެންބަރު ފަހަތަށް ޖައްސާނުލެވޭނެ ކަމުގެ ޔަގީންކަން ގަލޮޅު އުތުރުގެ ރައްޔިތުންނަށް އޮންނަހާ ހިނދަކު އެއީ އޭނާއަށް ކާމިޔާބެއް ކަމަށެވެ. ފައިސާ ފޮއްޗެއް ދިއްކޮށްލައިގެން ގުޑުވާނުލެވޭނެކަން އެއީ އޭނާގެ ކާމިޔާބު ކަމަށާއި ނަފުސަުގެ ގަދަރާއި އިއްޒަތަކީ އޭނާގެ ކާމިޔާބު ކަމަށް އީވާ ވިދާޅުވިއެވެ.

އެއަށްފަހު އީވާ ހުށަހެޅުއްވީ އޭނާގެ އިސްތިއުފާގެ ސިޓީއެކެވެ.

މި ސިޓީ ހިފައިގެން އީވާ މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވުމުގެ ކުރިން ފިރިކަލުން ސާބެގެ އެކީ ނަގާފައިވާ ފޮޓޯއެއް އީވާ ވަނީ އިންސްޓަގްރާމްގައި ހިއްސާކުރައްވާފައެވެ. އީވާ ކެޕްޝަންގައި ލިޔުއްވާފައިވެއެވެ.

"Keeping me grounded (and grateful) through all the highs and lows"