ޝިފާ މުހައްމަދު

ޕީޕީއެމްގެ ރައީސް ކަމުގައި ހުންނެވުމަށް ފަހު, އެ ޕާޓީގެ ބޮޑު ސަޕޯޓެއް ކޮންޓްރޯލް ކުރައްވާ ކުރީގެ ރައީސް އަބްދުالله ޔާމީން ދުރަށްވަޑައިގެންނެވުމަކީ އޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މާބޮޑު ގޮންޖެހުމެއް އޮތް ކަމެއް ނޫން ކަމަށް އިއްޔެ އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ރައީސް ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެންނެވި ނަމަވެސް ޕާޓީގެ ތެރޭގައި މާބޮޑު ކަންތައްތަކެއް ނުހިނގާނެއެވެ.

މިހާތަނަށް ފެންނަ މަންޒަރުން، ރައީސް އެ ވިދާޅުވީ ތެދަކަށް ވެސް ވެދާނެއެވެ. ރައީސް ޔާމީންގެ ފަހަތުން ޕީޕީއެމްގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު ވަޑައިނުގަންނަވައެވެ. ރައީސް ޔާމީންގެ ވަރަށް ގާތް ބޭފުޅުންނާއެކު ރައީސް މުއިއްޒުއާއެކު ތިބިކަން ވަނީ ހާމަކުރައްވާފައެވެ. ޕީޕީއެމްގެ ތެރެއިން އެތައް ހާސް އާންމު މެންބަރުން ވެސް ނުކުމެގެން ނުދިޔައެވެ. ޔާމީން އާ ޕާޓީއެއް އުފައްދައި, މެންބަރުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު, އެކަމުގައި މާބޮޑު ފޯރިއެއް އޮތް ތަނެއް ވެސް ނުފެނެއެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 15,000 މެންބަރުން ހަމަކުރާނެ ކަމަށް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅޭ ބައެއް ބޭފުޅުން ކުރިން ދައުވާކޮށްފައިވީނަމަވެސް, މިހާތަނަށް އެ މަންޒަރެެއް ނުފެނެއެވެ. މިހާރު ހޯދަމުން ދަނީ ޕާޓީ އުފައްދަން ބޭނުންވާ 3,000 މީހުންގެ ސޮޔެއެވެ.

ޔާމީންގެ އާ ޕާޓީ, ގޮންޖެހުމަކަށް ނުވާނެ ކަމަށް ރައީސް މުއިއްޒު އެ ވިދާޅުވަނީ މިހެންވެ ކަމަށް ވެދާނެއެވެ. ދެން އޮތީ މާޒީން ފެންނަން އޮތް މަންޒަރުތަކެވެ.

ސަރުކާރާ ވަކިވެވަޑައިގެން, އާ ޕާޓީއެއް އުފެއްދެވި ޔާމީންއަކީ ތިންވަނަ ކުރީގެ ރައީސްއެވެ. ރައީސް ޔާމީންއާ ފެޔަށް ޖެހިވަޑައިގެން ރައީސް މައުމޫން އާ ޕާޓީއެއް އުފެއްދެވިއެވެ. ރައީސް ސޯލިހާ ދުރަށްވަޑައިގެންނެވުމަށް ރައީސް ނަޝީދު އާ ޕާޓީއެއް އުފެއްދެވިއެވެ. އެ ދެ ޕާޓީގެ ތާއިދު ވެސް އެ އޮތީ ފެންނާށެވެ. ރައީސް މައުމޫންގެ ޕާޓީއަށް 3,000 މެންބަރުން ހަމަނުވެގެން ވަނީ އުވާލަން ނިންމާފައެވެ. ރައީސް ނަޝީދުގެ ޕާޓީއަށް ރިޔާސީ އިންތިހާބުގައި ލިބުނީ އެންމެ ހަތް ޕަސެންޓް ވޯޓެވެ. ޕާޓީގެ މެންބަރުންގެ އަދަދު އަދިވެސް 10,000 އަށް ވެސް ނާރައެވެ.

ސިޔާސީ މަޝްރަހު އެނަލައިޒް ކުރާ ފަރާތްތަކުން ޖައްސަވާ ހިސާބުން ޔާމީންގެ އާ ޕާޓީ ވެސް ދާނީ މި މަގުންނެވެ. އެއާ ހިލާފަށް ރައީސް މުއިއްޒުގެ ރައީސް ކަމުގައި ޕީއެންސީއަށް ގިނަ މެންބަރުން ދަނީ ގުޅެމުންނެވެ. އެ ޕާޓީގެ އަމާޒު ހުރީ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭ 10,000 މެންބަރުން ހަމަކުރާށެވެ. ސަރުކާރާއެކު ޕީޕީއެމް އޮތީ ރާއްޖޭގެ މެންބަރުންގެ އެންމެ ގިނަ ދެވަނަ ޕާޓީގެ މަގާމުގައެވެ.

ބޯމަތީ އިންތިހާބު، އުނދަގޫވާނެ

ޔާމީންގެ އާ ޕާޓީގެ އަދަދުގެ ގޮތުން ގޮންޖެހުމަކަށް ނުވާނެ ކަމަށް މާޒީގެ ތަޖުރިބާތަކުން ފެންނަން އޮތްއިރު, އެހެން ހަގީގަތެއް ވެސް އެބަ އޮތެވެ. އިންތިހާބުތަކުގައި ކުރީގެ ރައީސުންގެ ބުރަ, ވެރިކަމުގައި ހުންނަވާ ރައީސަށް އޮތް ކަމެވެ.

މިސާލު 1: ކުރީގެ ރައީސް ޔާމީނާ ދެކޮޅަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫން ނުކުންނެވިއެވެ. އެ އިންތިހާބުގައި ރައީސް މައުމޫންގެ ސަޕޯޓަރުންނާއެކު ރައީސް ޔާމީނަށް މެޖޯރިޓީ ނުލިބި, ރައީސް ސޯލިހު އިންތިހާބު ކާމިޔާބުކުރިއެވެ. ރައީސް މައުމޫންގެ ފަހަތުގައި ތިބީ މަދު ސަޕޯޓަރުންކޮޅެއް ނަމަވެސް, އިންތިހާބުގެ ނަތީޖާ އަނބުރާލުމުގައި މުހިންމު ދައުރެއް އޮތެވެ. ރައީސް މައުމޫން, އެ އިންތިހާބުގައިވީ ރައީސް ޔާމީނަށް ގޮންޖެހުމަކަށެވެ.

މިސާލު 2: 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް ވީ "ކޮންގް މޭކާ"އަށެވެ. އެންމެ ހަތް ޕަސެންޓާއެކު ވެސް އިންތިހާބުގެ ނަތީޖާ ނެރުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ. އެ ޕާޓީގެ ތާއިދު ކޮންމެހެން ހޯދަން ރައީސް ސޯލިހަށް ވެސް މަޖުބޫރުވިއެވެ. ޑިމާންޑްތަކަށް ބޯލަނބަން ވެސް ޖެހުނެވެ. ރައީސް ނަޝީދު ގާތުގައި ހުރިނަމަ, ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ކުރަން ފަސޭހަވީސް ކަމަށް އެމްޑީޕީ މެންބަރުން ވެސް މިހާރު ގަބޫލުކުރެއެވެ. އެ ޕާޓީގެ ވެރިކަން ގެއްލުވާލީ ވެސް ރައީސް ނަޝީދު ކަމަށް އެމްޑީޕީ މެންބަރުން ގަބޫލުކުރެއެވެ. އިންތިހާބުގައި ރައީސް ނަޝީދުވީ ރައީސް ސޯލިހަށް ގޮންޖެހުމަކަށެވެ.

އެކަމަކު, އެ އިންތިހާބުގެ ކުރިން ރައީސް ސޯލިހު ވެސް ވިދާޅުވަމުން ގެންދެވީ ރައީސް ނަޝީދު ޕާޓީން ވަކިވެވަޑައިގަތުމަކީ ގޮންޖެހުމެއް ނޫން ކަމަށެވެ.

ރައީސް މުއިއްޒުގެ ކުރިމަތީގައި ވެސް ކުރިއަށް އޮތީ އިންތިހާބެކެވެ. ސަރުކާރު ދަމަހައްޓަން އެންމެ މުހިންމު އިންތިހާބެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. އެ އިންތިހާބުގެ މެޖޯރިޓީ ހޯދުމަކީ, ސަރުކާރަށް ކޮންމެހެން މުހިންމު ކަމެވެ. ނޫންނަމަ, ރައީސް މުއިއްޒަށް ރައީސް ނަޝީދުގެ ވެރިކަމުގައި މަޖިލީހުން ކުރިމަތިވި ފަދަ ގޮންޖެހުންތައް އަންނާނެއެވެ. ސަރުކާރު ހިންގަން ވެސް އުނދަގޫ ކުރާނެއެވެ.

ރައީސް ސޯލިހަށް ވެސް ރައީސް ޔާމީނަށް ވެސް ވެރިކަން ކުރެއްވުމަށް އެންމެ ބޮޑު ފަސޭހަކަށް އޮތީ މަޖިލީހުގެ އަގުލަބިއްޔަތެވެ. އެ އަގުލަބިއްޔަތު އެ ދެ ރައީސުން ވެސް ހޯދީ ކުރީގެ ރައީސުންގެ ތާއިދާއެކު އެކުގައި ތިއްބަވައިގެންނެވެ. ރައީސް ކަމަށް އިންތިހާބުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އިންތިހާބު އަންނައިރު, ސަރުކާރަށް މާބޮޑު ކަންތައްތަކެއް ކޮށް ނުދެވޭނެއެވެ. އަލަށް ވެރިކަމަށް އަންނަ ރައީސްގެ މާބޮޑު މަގުބޫލު ކަމެއް ވެސް ނޯވެއެވެ.

2014 ވަނަ އަހަރު ޕީޕީއެމްއިން ގިނަ މެންބަރުން ގޮނޑި ހޯދީ ރައީސް މައުމޫން ކެމްޕެއިން ކުރައްވައިގެންނެވެ. 2019 ވަނަ އަހަރު އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ހޯދައިދިނުމުގެ ފަހަތުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ރައީސް ނަޝީދެވެ.

މިއަދުގެ ހާލަތު މިއާ ހިލާފެވެ. ރައީސް ޔާމީން, ރައީސް މުއިއްޒުގެ ގާތުގައި ނެތެވެ. ޕީޕީއެމް/ޕީއެންސީއަށް މެޖޯރިޓީ ހޯދަން ނުކުންނަވަން ޖެހޭނީ ރައީސް މުއިއްޒު ގިނިކަންޏާއެވެ. ބޮޑު އަދަދެއް ނޫނަސް, ކޮންމެ ވެސް ވަރަކަށް ޕީޕީއެމްގެ އާންމު މެންބަރުންތަކެއް ޔާމީންގެ އާ ޕާޓީއާ ގުޅޭނެއެވެ. އޭގެ ފައިދާ ކޮންމެ ގޮތެއްގައި ވިޔަސް އެމްޑީޕީއަށް ކުރާނެއެވެ. ޕީޕީއެމްއަށް ގެއްލޭ ކޮންމެ ވޯޓެއްގެ ފައިދާ ސީދާ ކުރާނީ އެމްޑީޕީއަށެވެ.

2019 ވަނަ އަހަރުގެ އިންތިހާބުގައި ޕީޕީއެމްއަށް ޖެހުނު ހާލު އެމްޑީޕީއަށް ޖެހޭނެ ކަމަށް, މިހާރު މަޝްރަހު އޮތް ގޮތުން ނުބެލެވެއެވެ. އެހެން އެކަން ވެއްޖެނަމަ, އެއީ ރައީސް މުއިއްޒަށް ގޮންޖެހުމެވެ. ކުރިއަށް އޮތް ފަސް އަހަރަށް ވެސް ގޮންޖެހުމެވެ. އެ ގޮންޖެހުން ގުޅިފައި އޮތީ ރައީސް ޔާމީންއާއެވެ.