އުމުރުން އެންމެ ހަތް އަހަރަސް މުޖާހިދަކީ ވަރަށް ވަރުގަދަ ހަނގުރާމައަކުން ގަދަވެ އާ ހަޔާތެއްގައި ދިރިއުޅެމުންދިޔަ ޣައްޒާ އަށް އުފަން ކުއްޖެކެވެ. އޭނާ އަށް ޅައުމުރުގައި ތަހަންމަލު ކުރަން ޖެހުނީ ކެންސަރުގެ ވޭނެވެ. އެކަމަކު އެ ވޭންދެނިވި ބަލިން މުޖާހިދު ގަދަވީ ގަދަ ހިތްވަރާއި އަޒުމާ އެކު, ދިރިއުޅުމަށް ކުރާ އުއްމީދުތައް ބޮޑުކަމުންނެވެ.

އެހެނަސް އޭނާގެ އެ އުއްމީދު ދިގުލައިގެނެއް ނުދިޔައެވެ.

އަނިޔާވެރި ޔަހޫދީ އިޒްރޭއިލްގެ ހަމަލާތައް މީގެ މަހެއްހާ ދުވަސް ކުރިން ޣައްޒާ އަށް އަމާޒުކޮށް އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. މުޖާހިދަކީ އެ 10,000 މީހުން ތެރެއިން އެކަކެވެ. ކެންސަރުން ސަލާމަތްވެވުނަސް, މުޖާހިދު ވެގެން ދިޔައީ އިޒްރޭއިލްގެ އަނިޔާވެރިކަމުގެ ޝިކާރައަކަށެވެ. ޣައްޒާ އަށް އިޒްރޭއިލުން 22 އޮކްޓޯބަރުގައި ވައްޓާލި ބޮމެއްގައި މުޅި އާއިލާއާ އެކު މުޖާހިދު ވަނީ މި ދުނިޔެ ދޫކޮށްފައެވެ.

އުމުރުން 13 އަހަރުގެ ސަޖާ އަކީ ފުޓްބޯޅައަށް އިންތިހާއަށް ލޯބި އޮތް, ގިނަ ހުވަފެންތަކެއް ގެންގުޅުނު ކުއްޖެކެވެ. ކްރިސްޓިއާނޯ ރޮނާލްޑޯގެ ވަރަށް ބޮޑު ފޭނެކެވެ. އޭނާ ވެސް ވަނީ އިޒްރޭލްގެ އަނިޔާވެރިކަމުގައި ޝަހީދުވެފައެވެ.

"ކްރިސްޓިއާނޯގެ ކޮންމެ ލަނޑެއްގެ ވީޑިއޯ ވެސް ސަޖާ އަހަރެންނަށް ފޮނުވާނެ," ސަޖާގެ ޒިކުރާ އާ ކުރަމުން އޭނާގެ ބޭބެ ބުންޏެވެ.

ސަޖާގެ ކޮއްކޮ މުހައްމަދު ކަރާޓޭ އަށް ލޯބިކުރިއެވެ. އެ ދާއިރާ އިން ކުރިއަށް ދާން ބޭނުންވިއެވެ. ސަޖާ އާއި މުހައްމަދުގެ ބޭބެ, އުމުރުން 15 އަހަރުގެ ހަރިދު ފެތުމާއި ސާފުކުރުމަށް ނުހަނު ލޯބިކުރިއެވެ. އެކަމަކު, އެ އުއްމީދުތަކާ އެކު މި ލޯބި އާއިލާ މިހާރު މި ދުނިޔޭގައި ނެތެވެ.

އިޒްރޭލްގެ މިނެއް ނެތް އަނިޔާވެރިކަމުގައި ނެތިކޮށްލާފައިމިވަނީ އެތައް ކުދިންނެއްގެ މުސްތަގުބަލެވެ.

މިއީ 10,000 ޝަހީދުންގެ ތެރެއިން އެންމެ ހަތަރު ކުއްޖެއްގެ ވާހަކައެވެ. ނެތިކޮށްލާފައިވަނީ ކިތައް އާއިލާ ހެއްޔެވެ? ކިތައް ކުދިންގެ އުއްމީދުތައް ހެއްޔެވެ? މިހާރުގެ ހިސާބުތައް ދައްކާ ގޮތުން ވެސް 3,700 ކުދިން ޝަހީދުންގެ ތެރޭގައި ހިމެނެއެވެ. އެ ކުދިންގެ އޮތީ ކޮން ކުށެއް ހެއްޔެވެ? މިއީ ހަމަ ގަތުލްއާމެކެވެ.

ކޮންމެ 10 މިނެޓަކުން ޣައްޒާގައި އެ ދަނީ ކުއްޖަކު މަރާލަމުންނެވެ. ތުއްތު ކުދިން ވެސް މަދެއް ނޫނެވެ. މިހާތަނަށް 133 ތުއްތު ކުދިން ޝަހީދުވެފައިވާ ކަމަށް ރެކޯޑްކުރެވިފައިވެ އެވެ.

މާރިއާ އަލް ޝާންތި އަކީ އެންމެ ހަތަރު މަހުގެ ކުއްޖެކެވެ. މާރިއާ މަރުވީ އެ ކުއްޖާގެ ބައްޕަގެ އަތްދަނޑިމަތީ އޮއްވައެވެ. އުމުރުން ތިން އަހަރުގެ ބެއިރޫތު ޝަހީދުކޮށްލީ އަމިއްލަ ގޭގައި ނިދާފައި އޮއްވައެވެ. ތިން އަހަރުގެ އަސީލް ވެސް ޝަހީދުކޮށްލީ ހަމަ އެހެނެވެ.

ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި ހިމާޔަތް ހޯދަން އުޅުނު އިއާދު އަސްކަރު, އުމުރުން ފަސް އަހަރުގެ ޝަހީދުވެގެން ދިޔައީ އެ ތަނަށް އިޒްރޭލުން ވައްޓާލި ބޮމާއެކުއެވެ.
މިހެން ގޮސް އެތައް ނަމެކެވެ.

ބޮން ވައްޓާލައި ގެތައް ބިމާ ހަމަވެ އޭގެ ތެރެ އަށް ގެއްލުނު އެތައް ކުދިންނެއް ވެސްވެއެވެ. ރެކޯޑްތައް ދައްކާ ގޮތުން 1,000 އަށްވުރެ ގިނަ ކުދިން އެގޮތަށް ގެއްލިފައިވެއެވެ. މައިންބަފައިން, އެ ގާތަކުގެ ތެރޭ ދަރިން ހޯދަން ރޮއެ އާދޭސްކުރީ, ހިތަށް ކެތްނުކުރެވޭ މިންވަރުގައެވެ.

އެތައް އާއިލާއެއް އެއްކޮށް ނެތިގޮސްފައިވާއިރު, ބައެއް އާއިލާތަކުގައި ހަމައެކަނި ސަލާމަތްވީ މަދު ބައެކެވެ. ނޫނީ އެންމެ މީހެކެވެ. އެންމެ ކުއްޖެކެވެ. އެމީހުންގެ ހިތުގައި އަޅާނެ ވޭން ހިތަށް ގެންނަން ވެސް ނޭނގޭނެއެވެ.

އަބްދުއް ކަރީމް ރަޔަން, އޭނާއަށް މުޅި އާއިލާ ގެއްލިގެން ދިޔައީ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައެވެ. 200 މީހުން މަރުވި އެ ހަމަލާގައި ކަރީމްގެ އާއިލާގެ 15 މެންބަރުން ވަނީ ޝަހީދުވެފައެވެ.

"އެ އެންމެންނަކީ މައުސޫމް މީހުން. ކޭމްޕްގައި ހިމާޔަތް ހޯދައިގެން ދިރިއުޅެމުން ދިޔަ މީހުން. އެމީހުންގެ ކޮން ކުށެއް އޮތީ?" ކަރީމް ސުވާލުކުރިއެވެ.

"އެންމެން އަހަރެންނަށް ގެއްލުނީ."

އަބްދުالله ބަގްދާދީ ޝަހީދުކޮށްލީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ދިން ހަމަލާއެއްގައެވެ. އޭނާ މަތީ ތައުލީމް ހާސިލްކޮށް ގެރެޖުއޭޓްވީ އޭގެ ދެ މަސް ކުރިންނެވެ. އެ އުފާ އޭނާ ފާޅުކުރާ ވީޑިއޯތައް ވެސް ވައިރަލްވިއެވެ. އެކަމަކު, އުފާވެރިކަން ގިނަ ދުވަހަށް ދެމިގެން ނުދިޔައެވެ.

"ޣައްޒާ ގައި ރައްކާތެރި އެއްވެސް ތަނެއް ނެތް," ފުޑް ބްލޮގާއަކަށްވުމުގެ ޝައުގުވެރިކަން ގެންގުޅުނު ބަގްދާދީ އެންމެފަހުން ކުރި ޓްވީޓްގައި ބުނެފައިވެއެވެ.

އދ. އިން ބުނެފައިވާ ގޮތުގައި ޣައްޒާ މިހާރު ވެފައިވަނީ ކުޑަކުދިންގެ ގަބުރުސްތާނަކަށެވެ.