ޝިފާ މުހައްމަދު

ކުރީ ސަރުކާރުގެ ރައީސް އޮފީހުގެ ސެކްރެޓެރީ ކޮމިއުނިކޭޝަންސް މުހައްމަދު ހިސާން އަލީ ފަހްމީ (ހިސްކޮ) އެކްސްގައި ލިޔުފައި އޮތެވެ. އިންތިހާބު ތެރޭގައި ދޭން ވައުދުވި ހިޔާ ފްލެޓް ދެ ލައްކަ ރުފިޔާ ނުދޭން ސަރުކާރުން ނިންމައިފި ކަމަށެވެ. ކުރިން ބުނި އެތި ކެންސަލް ކަމެވެ.

އާރްޑީސީގެ އެމްޑީ ކަމުން ވަކިވި މޫސާ އަލި މަނިކު (ވަޑި މޫކޭ) ވެސް ބުނީ ވައުދު ވީ އަދި ޕްރޮމޯޓް ކުރީ ވެސް ދެ ލައްކަ ރުފިޔާ ދިނުމަށް ކަމަށާއި ހިޔާގެ ވެރިން ތައްޔާރުވެގެން ތިބީ ވެސް އެ ދެ ލައްކަ ރުފިޔާ ހޯދުމަށް ކަމަށެވެ. ކުލި ކުޑަކުރުމަކީ އަދި މުޅިން އެހެން ވައުދެއް ކަމާއި އޮޅުވާލައިފި ކަމަށެވެ.

ހިޔާ ފްލެޓްގެ ވެރިން ސައި ހޮޓާތަކުގައި މަގުމަތީ ވެސް ދައްކަމުން ދަނީ މި ވާހަކައެކެވެ. ނަގުދު ދެ ލައްކަ ރުފިޔާ އެކީ އެއް ފަހަރާ އަމިއްލަ އެކައުންޓަށް ޖަމާނުވި ކަމުގެ ޝަކުވާއެވެ. އެމީހުން ހީކޮށް ތިބީ އެކަން ވާނީ އެގޮތަށް ކަމަށެވެ. ޕްރޮމޯޓް ކުރި ގޮތުން އެހެން ހީވެފައި އޮތީ ކަމަށް އެމީހުން އެބަ ބުނެއެވެ. އަނެއްކޮޅުން ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ ކުލި ކުޑަކޮށްދޭން ވަކި ވައުދެއް ވެސް ވެވަޑައިގެންފައެވެ.

އެހެންކަމުން މިވާ ގޮތެއް ސާފުވާން އެބަ ޖެހެއެވެ.

ރައީސްގެ ނިންމެވުން

ރައީސް އިއްޔެ ނިންމައި އިއުލާން ކުރެއްވީ ހިޔާ ފްލެޓްގެ ކޮންމެ ފްލެޓެއްގެ މަހު ކުލި 3،984 ރުފިޔާއަށް ކުޑަކުރުމަށެވެ. އެއީ ޖުމްލަ ހަތް އަހަރު ދުވަހަށެވެ. އޭރަށް ފިނިޝިން ހަރަދުވި ކަމަށް ކަނޑައެޅި އެވްރެޖް އަގު, ދެ ލައްކަ ރުފިޔާ ފްލެޓްތަކުގެ ޖުމްލަ އަގުން ކުޑަކުރެވުނީ ކަމަށެވެ.

"މިއީ ކޮންމެ ފްލެޓެއްގެ އަގުން ދެ ލައްކަ ރުފިޔާ އުނިވެގެން ދިޔުން," ރައީސް ވިދާޅުވިއެވެ.

ރައީސް ނިންމެވީ ހަމައެކަނި ކުލީގެ 5,300 ރުފިޔާއިން އުނިކުރާށެވެ. މެއިންޓަނެންސް ފީގެ 1,000 ރުފިޔާ އެގޮތުގައި ދައްކަން ޖެހޭނެއެވެ. އެހެންކަމުން ޖުމްލަ 4,984 ރުފިޔާ ދައްކަން ޖެހޭނެއެވެ.

ފްލެޓްގެ މިހާރުގެ ކުލި

ހިޔާގެ 7000 ފްލެޓް އެޅީ 400 މިލިއަން ޑޮލަރު (ހަ ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިޔާ ފްލެޓްތައް ހަވާލުކޮށް ކުލީގެ ގޮތުގައި 7،500 ރުފިޔާ ހަމަޖެއްސިއެވެ. މެއިންޓަނެންސް ފީއާއެކު ކޮންމެ މަހަކު 8،500 ރުފިޔާ ދައްކަމުންދިޔައެވެ. އޭގެ ޝަކުވާ އެތައް ބަޔަކު ކުރަމުން ދަނިކޮށް މި އަހަރުގެ ޖޫން މަހުން ފެށިގެން ކުރިއަށް އޮތް ހަތް އަހަރަށް ހިޔާގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމިއެވެ.

އޭރުގެ ސަރުކާރުން ނިންމީ ކުލި 5,300 ރުފިޔާއަށް ކުޑަކޮށް މެއިންޓަނެންސް ފީގެ 1,000 ރުފިޔާއާއެކު ޖުމްލަ 6،300 ރުފިޔާ ދައްކަން ޖެހެއެވެ. މިއަދާ ހަމައަށް އޮތީ އެގޮތަށެވެ. އެ ސަރުކާރުން ވެސް ހަތް އަހަރު ދުވަހު ކުލި ކުޑަކޮށްދިނީ ފިނިޝިންއަށް ކުރި ހަރަދު ކަވާކޮށްދިނުމަށް ކަމަށް ބުނެއެވެ.

ރައީސްގެ ވައުދު

ހިޔާ ފްލެޓްގެ ފިނިޝިންއަށް ހަރަދުވި އެވެރެޖް ދެ ލައްކަ ރުފިޔާ ކޮންމެ ފްލެޓަކަށް ވެސް އަނބުރާ ދެއްވާނެ ކަމަށް ރައީސް ވަނީ ވަރަށް ސާފުކޮށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް އެކަން ކުރައްވާނެ ގޮތެއް އޭރަކު ވިދާޅެއް ނުވެއެވެ. ތިރީގައި މިވަނީ މިކަމާ ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކައިގެ ކޯޓެވެ.

"އަޅުގަނޑުމެން ކަން ކުރާނެ ގޮތަކީ އެވްރެޖް ގޮތެއްގައި އެ ދިޔަ ހަރަދަށް ބަލާފައި އާބަންކޯއިން އެ ކޯސްޓް އޮރިޖިނަލީ ޕްލޭން ކުރި ގޮތަށް، އެ ކޯސްޓް ބެއާކުރާ ގޮތަށް މި ކުރެވުނު ހަރަދު އެވްރެޖްކޮށްފައި އަނބުރާ ދައްކާގޮތަށް. އޭރު ޖެހުނު ހިސާބަށް ބަލާފައި ހަމަ އެ އަދަދަށް އެޗްޑީސީން ލޯނެއް ނަގާފައި ރައްޔިތުން އަތުން ދިޔަ އަދަދު އެވްރެޖް ކޮށްފައި ވަކި އަދަދެއް ކަނޑައަޅާފައި ދޭނަން،"

"ވަރަށް ސާފުކޮށް މި ދަންނަވަނީ އެވްރެޖް އަގެއް ދޭނަމޭ. ދޭނަމޭ މި ވިދާޅުވީ ރައްޔިތުން އަތުން ދެއްކި ހަރަދު އަނބުރާ ރިކަވާ ކުރެވޭ ގޮތް، ވީހާވެސް ރަނގަޅަކަށް ކުރެވޭނެ ގޮތް، އެވްރެޖް އަގެއްގައި. ބައެއް ބޭފުޅުން ވަރަށް އަގުބޮޑުކޮށް އެބަހުރި އެޕާޓްމެންޓްތައް ހަދާފައި، އެހެންވީމަ އެއްކޮށް ކަވާ ނުވެދާނޭ. އެހެން ނަމަވެސް އެވްރެޖް އަގެއް ކަނޑައެޅީމައި އޭރު އަޅުގަނޑުމެން ހެދި ހިސާބުން ބަލާނަމަ އެވްރެޖްކޮށް ދެލައްކަ ރުފިޔާ އެއީ. އެހެންވީމަ އެ އަނބުރާ ދޭނަމެ. ކޮސްޓުން ކަނޑައިދޭނަމޭ."

ފުއްދި ގޮތް

މީގައި ހައިލައިޓް ކުރަން ޖެހޭ އިބާރަތަކީ ދެ ލައްކަ ރުފިޔާ އަނބުރާ ދޭނަމޭ, ކޮސްޓުން އެ ކަނޑައިދޭނަމޭ ވިދާޅުވި ވިދާޅުވުމެވެ. ކޮސްޓުން ކަނޑައިދޭނަމޭ އެވެ. ރައީސް އިއްޔެ ނިންމެވީ އެގޮތަށެވެ. ހިޔާ ފްލެޓްގެ ޖުމްލަ އަގުން ދެ ލައްކަ ރުފިޔާ އުނިކުރާށެވެ. އެއް ފަހަރާ ނަގުދުކޮށް ނޫނަސް, ހިޔާ ވެރިންގެ ޖީބަށް ދެ ލައްކަ ރުފިޔާ ލުއިވީއެވެ. މަހުން މަހަށް ހަތް އަހަރު ދުވަހަށް އެ ލުއި ލިބުނީއެވެ.

ދެން ޖަހަން ޖެހެނީ ހިސާބެކެވެ. ހަތް އަހަރުން ދެ ލައްކަ ހަމަވޭތޯ ބެލުމަށެވެ.

ހަތް އަހަރަކީ 84 މަހެވެ. މިހާރުގެ ކުލިން 3,984 ރުފިޔާ އުނިކުރުމުން އެއީ މަހަކަށް 1,316 ރުފިޔާގެ އުނިވުމެކެވެ. 84 މަހަށް ބަލާނަމަ, ޖުމްލަ 110,544 ރުފިޔާއެވެ.

ދެ ލައްކަ ރުފިޔާ ހަމައެއް ނުވެއެވެ. އަދި 89,456 ރުފިޔާއެއް އެބަ އުޅެއެވެ.

އަދި އެހެން ވައުދެއް

ރައީސް އިއްޔެ ވެސް ވަރަށް ސާފުކޮށް ވިދާޅުވީ ދެ ލައްކަ ރުފިޔާ އަގުން ކެނޑޭނެ ކަމެވެ. އެކަމަކު, އެ އަގު އެއްކޮށް އަދިވެސް އުނި ނުވެއެވެ. މިކަން އަދި ރައީސް އޮފީހުން ސާފެއް ނުކޮށްދެއެވެ.

މިކަން ސާފުނުވާއިރު, ރައީސްގެ އެހެން ވައުދެއް ވެސް ހިޔާ ފްލެޓްތަކާ ގުޅޭ ގޮތުން އެބަ އޮތެވެ. އެއީ ކުލި ކުޑަކުރުމެވެ. އެއީ އަދި މުޅިން ވަކި ވައުދެކެވެ. ވަޑި މޫކޭ ބުނި ގޮތަށެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ ރައީސް ޔާމީންގެ ޒައާމަތުގައި ނިންމަވާފައިވާ ގޮތަށް 5،600 ރުފިޔާއަށް އިރާދަކުރެއްވިއްޔާ ކުޑަ ކޮށްދޭނަމޭ," ރައީސް ވިދާޅުވެފައިވެއެވެ.

އެއީ އެކަމަކު ހަތް އަހަރު ފަހުގެ ކުއްޔެވެ. ހަތް އަހަރު ފަހުން ދައްކަން ޖެހޭ 7،500 ރުފިޔާ, 5,600 ރުފިޔާއަށް ކުޑަކުރާނެ ކަމެވެ. އެހެންކަމުން އިއްޔެ އިއުލާން ކުރެއްވި ނިންމުމާ މި ވައުދަކާ ގުޅުމެއް ނެތެވެ. މި ވައުދު ފުއްދުން އަދި ކުރިއަށް އޮތީ އެވެ.

މި ވައުދު ފުއްދެވުމުން ވެސް ފްލެޓްތަކުގެ އަގަށް ބޮޑު ބަދަލެއް އަންނާނެއެވެ. ޖުމްލަ އަދަދު ބޮޑު ތަނުން ކުޑަވެގެންދާނެއެވެ.