ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކޮށްފި އެވެ. ނިމުނު ހަފުތާ، މުޅި ސޯޝަލް މީޑިއާ ފުރައިލީ އެ މައުޟޫއަށެވެ. ކުރިން މެންބަރުންނަށް އެލަވަންސްތަކާއެކު 82،000 އެއްހާ ރުފިޔާގެ މުސާރަ ބަދަލުކުރީ މަހަކު 100،000 ރުފިޔާއަށެވެ.

"ޕޭހަމަނައިޒޭޝަން" ނުވަތަ "މުސާރަތައް އެއް ހަމަކުރުން" މި މަސައްކަތުގެ ތެރެއިން، މަޖިލީހުގެ މި ނިންމުން އައީ އެ ބަދަލު ނެތި މުސާރަތަކުގެ އޮނިގަނޑަށް "އައިބެއް" އައިސްދާނެތީ އެވެ.

ކޮންމެ އަކަސް ގިނަ ބަޔެއްގެ ފާޑުކިޔުން މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީއަށް އަމާޒުވި އެވެ. އެމްޑީޕީގެ ނިންމުން ދިފާއު ކުރަން ދެން ބޭއްވީ ޕްރެސް ކޮންފެރެންސްއެކެވެ. ދޮޅު ގަޑިއިރު ހޭދަވެގެން ދިޔަ އެ ޕްރެސްގެ ބޮޑު ބަޔަކު މެންބަރުންގެ "ދަތި ހާލަތު" ކިޔައިދެއްވި އެވެ. އިއުތިރާފުވީ ދާއިރާގެ ރައްޔިތުންނަށް، މުސާރައިން ބޮޑު ބައެއް ހޭދަކުރައްވާ ކަމެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ފުރަތަމަ ވިދާޅުވީ "އެމްޕީއެއްގެ ޒިންމާތަކަކީ ކޮބައި ކަމާއި، އެމްޕީއެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ ހަރަދުތަކަކީ ކޮބައި ކަމާއި، އެމްޕީ ކަމަށް އާދެވެނީ ކިހިނެއް ކަން ނުއެއް ވިސްނާ،" ކަމަށެވެ.

ވަރަށް ނިކަމެތިކޮށް ރައްޔިތުން މި އުޅެނީ، އެކި ކަންކަމުގައި ވެރިން ކައިރިއަށް ސަލާން ޖަހަން ދާން ޖެހިފަ އޮންނަނީ، މިހާރު މެންބަރުން ކައިރިން އެދިގެން، ޒަމާނުއްސުރެން އެހެން ތަރުބިއްޔަތު ވެފައި މި އޮންނަނީ،

އަލިފުށި ދާއިރާގެ މެންބަރު ރަޝީދު

އޭނާ ދެން ވިދާޅުވީ "ކުއްލިއަކަށް މި އާދަތައް ފިލައިގެން ނުވެސް ދާނެ" ކަމަށެވެ. "އަމިއްލަ ތަޖުރިބާއިން ވެސް އެހެން އެހެން މެންބަރުންގެ ވާހަކައިން ވެސް އެނގެނީ މަހެއްގައި ލިބޭ މުސާރައަށް ވުރެ ބޮޑު ބައި ރައްޔިތުންނަށް ހޭދަކުރަން ޖެހޭ ކަން،" ކަމަށެވެ.

ބިގޭ އިޝާރާތް ކުރެއްވީ ކަމުގެ ހަގީގަތެވެ.

ދާއިރާގެ ރަށްރަށުގެ ގޭގެއަށް އެކި ފާރުނީޗަރު އެބަ ހަދިޔާކޮށްދެ އެވެ. މާރާމާތުކޮށްދީ ހައްދަވަ އެވެ. އެކި ކަހަލަ އުޅަނދުތައް އެބަ ހަދިޔާކޮށްދެއްވަ އެވެ. ވިޔަފާރިއެއް ފަށަން ވެސް ގާތް މީހުނަށް އެބަ އެހީތެރިކަން ދެއްވަ އެވެ. މިވީއެއް ނޫނެވެ. ދާއިރާގެ ރަށްރަށުގެ މެދުގައި އެކި ކުޅިވަރު މުބާރާތް ވެސް އަމިއްލަ ހަރަދުގައި އެބަ ބާއްވަ އެވެ. ސިއްހީ ފަރުވާއަށް ހަރަދުގެ އެހީއެއް ބޭނުންވާ ހާލަތެއްގައި އެބަ ދެއްވަ އެވެ.

މި ކަން މެންބަރަކު ނުކޮށްދެއްވަންޏާ އެ ނުރުހުން ވެސް އާންމުންގެ ތެރޭގައި އެބަ އޮވެ އެވެ. އެ ކަން ކޮށްދެއްވާ މެންބަރުންނަށް ތާއީދު ކުރައްވަ އެވެ. އެ ކަން ވަރަށް ބޮޑަށް ރަށުގެ މުޖުތަމައުން ބަލައިގަނެ އެވެ. އެއް ދައުރަށް ގިނަ ދައުރުތަކަށް، އެއް ދާއިރާގެ ގޮނޑި ދިފާއު ކުރައްވާ ބައެއް މެންބަރުންނަކީ އެފަދަ މެންބަރުން ކަން ދާއިރާ މީހުންގެ ވާހަކައިން އެނގެ އެވެ.

މައްސަލައިގެ އަސްލު މޫ؛ އާމްދަނީ ފަރަގުގެ ބޭއިންސާފު

މެންބަރުންގެ ބޮޑު މުސާރައެއް ކަނޑައަޅާފައި އޮތުން ވެސް މުހިންމެވެ. އުފުލަން އޮތީ ބޮޑު ޒިންމާއެކެވެ. ރައްކާތެރިކަން ވެސް އެބަ އޮންނަން ޖެހެ އެވެ.

އެކަމަކު ސުވާލަކީ މިހާރު ދެވޭ މުސާރައާއި އިނާޔަތްތަކުން މި ކަން ހަމަނުޖެހެނީ ހެއްޔެވެ؟ އަދި ލިބޭ މުސާރައަށް ވުރެ ބޮޑަށް މުސާރަ، ދާއިރާގެ ރައްޔިތުންނަށް ހަރަދު ކުރަން ޖެހޭނަމަ މުސާރަ ބޮޑު ކުރުމުންވޭ ހެއްޔެވެ؟

ބިގޭގެ ވާހަކަފުޅުގައި އަސްލު މައްސަލަ އެބަ އޮތެވެ. ރައްޔިތުންގެ ނިކަމެތި ކަމެވެ. ސިވިލް ސާވިސް މުވައްޒަފުންނާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންގެ އެވެރެޖް މުސާރަ އުޅެނީ 10،000 އާއި 15،000 އާ ދެމެދުގަ އެވެ. އެއަށްވުރެ ބޮޑު މުސާރަތައް އުޅެނީ ތައުލީމީ ޝަރުތުތަކާއެކު، މި ފަހުން މުސާރަ ބޮޑު ކުރި ސަރުކާރުގެ ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށެވެ.

ދެން އޮތީ އަމިއްލަ މަސައްކަތްތެރިންނެވެ. މަސްވެރިކަމާއި ދަނޑުވެރިކަން ކޮށްގެން މަހަކު ލިބޭ އާމްދަނީއަކީ ވެސް 100،000 ރުފިޔާއާ މާ ގާތް ކުރާ އަދަދެއް ނޫނެވެ.

އާމްދަނީ ދަށް މީހަކު ދަތި ހާލަތެއް ކުރިމަތިވުމުން އެހީއަށް އެދި ދާނީ އާމްދަނީ މަތި މީހެއް ކައިރިއަށެވެ. އާމްދަނީ ދަށް އެތައް ބަޔަކު ވޯޓު ދީގެން އިންތިހާބު ކުރާ މަގާމަކަށް މަތީ އާމްދަނީއެއް ލިބޭ ހާލަތުގައި، އޭނާގެ އެހީއަށް އެދުމަކީ އިންސާނީ ތޮބީއަތް ކަން ސާފެވެ.

އާމްދަނީގެ މި ފަރަގުގެ ސަބަބުން އުފެދިފައި މި ވަނީ ނުރަނގަޅު ސަގާފަތެކެވެ. ސަގާފަތް ދެމިގެންދާނެ ގޮތަށް، މެންބަރުން ދާއިރާ މީހުނަށް ކުރާ ހަރަދުތައް ދެކޮޅު ޖައްސަން ނޫނީ ހަރަދުތައް އިތުރަށް ކުރެވޭނެ ގޮތަށް މުސާރަ ބޮޑު ކުރުމަކީ ގައިމު ވެސް އަދި ހައްލެއް ނޫނެވެ. އަދި އެ ސަބަބާ ނުލާ ވެސް މުސާރަތައް ބޮޑުކޮށްގެން މި ފެންނަނީ އެ ސާގަފަތް ދިރޭ ތަނެވެ.

ދައުލަތުގެ "ޕޭހާމަނައިޒޭޝަން"ގެ މަސައްކަތް ކަމަށް ބުނާ މަސައްކަތަކީ ވެސް މުސާރަތައް އެއް ހަމަ ކުރުމުގެ މަސައްކަތެކެވެ. އެއީ މުސާރައާއި އުޖޫރައަށް ކުރިއެރުންތައް ދީގެން ކުރަން ރާވާފައިވާ މަސައްކަތެކެވެ. އެ މަސައްކަތުގެ ތެރެއިން އާމްދަނީ ދަށް އެތައް ބަޔަކާއި ދައުލަތުގެ މުހިންމު ހިދުމަތްތައް ފޯރުކޮށްދޭ މީހުންގެ މުސާރައަށް ކުރިއެރުން ދިނުމުގެ ވިސްނުމުގަ އެވެ.

މި މަސައްކަތުގެ ތެރެއިން މެންބަރުންގެ މުސާރަ ބޮޑު ކުރަން ޖެހޭ ވިސްނުމެއް ނުފެނެ އެވެ. މުސާރަ ބޮޑުވެ ދަނީ ކިހިނެއްކަން ވެސް ފެނެ އެވެ. ކުރަން ޖެހޭ މަސައްކަތުގެ ބައެއް އަދާކުރުމަށް އެލަވަންސްއެއް އޮވެ އެވެ. އަދި ލިވިން އެލަވަންސްއަށް ވެސް ބޮޑު އަދަދެއް ހިމަނާފައިވެ އެވެ. މީހުންގެ ފާޑުކިޔުން އަމާޒުވެގެން މި އުޅެނީ މިހެންވެ އެވެ.