އަރަބި ކަނޑާއި ލަކާޑައިވް ކަނޑުގެ ހުޅަނގުގެ މެދުގައި އޮންނަ ލަކްޝަޑްވީޕްގެ ޖަޒީރާ ރަށްތަކުގެ ގޮނޑުދޮށުގައި ހިންގަވައި އެތަނުގެ ކަނޑު އަޑީގެ ފޮޓޯތަކާއެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ ދެއްކެވި މަންޒަރު ރާއްޖެ ބޮއިކޮޓް ކުރަން ގޮވާލާ ބޮޑު އެންޓި ކެމްޕެއިނަކަށް ބަދަލުވެގެން ދިޔައީ ހަމައެކަނި ދެތިން މިނިސްޓަރެއްގެ މަލާމާތުގެ ބަސްތަކަކުން ނޫނެވެ.

އިންޑިއާ އިން "ރާއްޖެ ނޫން ގޮތެއް" ދައްކައި އެ ގައުމުގެ އިގްތިސާދު ސިންދިފާތު ކުރަން ފެށުން, ރާއްޖޭގައި "އިންޑިއާ އައުޓް" ގޮވި ރައީސަކު ހުރި ދަނޑިވަޅާ ދިމާވުމަކީ ވެސް އިއްތިފާގެއް ނޫނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުވުމާއެކު ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދާނެ ކަމާއި ވިޔަފާރި އާއި އިގްތިސާދީ ގުޅުންތަކުން އެ މަންޒަރު ވަރަށް އަވަހަށް ފެންނަން ފަށާނެ ކަމަށް އިންޑިއާގެ ޑިޕްލޮމެޓުންނާއި އެނަލިސްޓުން އޮތީ އެ ގައުމުގެ ޓީވީތަކަށް އަރައި މާ ކުރިން ބުނެފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމާ ވާދައަށް އިންޑިއާ އިން ބުރުވި ކަންޏަށް ދަރު އަޅައި ރޯކޮށް ބޮޑު އެންޓި ކެމްޕެއިނަކަށް ބަދަލު ކުރުމުގައި, ރަނގަޅަށް ރޯނުފިލާ ބައެއް ޑެޕިއުޓީ މިނިސްޓަރުންގެ އަތެއް ވިޔަސް, ހަގީގަތަކީ ރާއްޖޭގެ ސިޔާސީ އަދި ހާރިޖީ ކަންކަން ހުރި ގޮތުންނާއި ވަކިން ދުނިޔެއިން ސިފަ ކުރާ "ޕްރޯ ޗައިނާ ޕްރެޒިޑެންޓް" އެއް ރާއްޖޭގެ ވެރިކަމުގައި ހުރުމުން މިއީ އިންޑިއާ އިން ބޭނުންވި ގޮތެވެ.

ޓޫރިޒަމް ބޮއިކޮޓް ކުރުމުގެ ކެމްޕެއިނަކީ ފެށުމެކެވެ. ދެން އޮތީ ރާއްޖެ އާ މެދު ތަފާތު އެކި އުނދަގޫތަކާއި ފިއްތުންތައް ކުރިމަތި ކުރުމެވެ.

އިންޑިއާގެ މައްސަލަގަނޑު ހާރިޖީ ބޮޑު ނިންމުމަކާ ދިމާވުން

ހާރިޖީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އިންޑިއާ އިން މި ކަންތައް ފެށި ދުވަސްވަރާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އަށް ކުރައްވާ ދަތުރުފުޅާ ދިމާވުމަކީ އިއްތިފާގެއް ނޫނެވެ. އެއީ ރާއްޖެ އިން ވެސް ވަރުގަދަ ސްޓޭންޑެއް ނަގައިފި ކަމަށް މާނަ ކުރެވިދާނެ ބޮޑު ކަމެއް ކަމަށް އެ ބޭފުޅުން ގަބޫލު ކުރެ އެވެ.

ސަބަބަކީ މި ފަހުގެ ތާރީހުގައި ސަރުކާރާ ހަވާލުވާ އެއްވެސް ބޭފުޅެއްގެ ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާ އަށް ނުކުރައްވައި އެހެން ގައުމަކަށް ވަޑައިނުގަންނަވަ އެވެ.

ކުރީގެ ރައީސުންގެ ފުރަތަމަ ދަތުރުފުޅު

ރައީސް ނަޝީދުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާ އަށް ކުރެއްވުން

23 ޑިސެމްބަރު 2008

ރައީސް ޑރ. މުހައްމަދު ވަހީދުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާ އަށް ކުރެއްވުން

12 މެއި 2012

ރައީސް އަބްދުالله ޔާމީންގެ ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާ އަށް ކުރެއްވުން

1 ޖެނުއަރީ 2014

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާ އަށް ކުރެއްވުން

17 ޑިސެމްބަރު 2018

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ތުރުކީ އަށް ކުރެއްވުން

7 ޖެނުއަރީ 2024

ރައީސް މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ތުރުކީ އަށެވެ. އެއަށް ފަހު އެ ވަޑައިގެންނެވީ ޗައިނާއަށެވެ. އޭގެ ކުރިން މިދިޔަ މަހު ތެރޭގައި ރައީސް މުއިއްޒު ކޮޕް ސަމިޓަށް ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅެއްގެ ހަވާސާ ތެރެއިން ބޮޑުވަޒީރު މޯދީ އާ ބައްދަލު ކުރެއްވި ނަމަވެސް ބައްދަލުވުމުގެ ހައިލައިޓަކީ ވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރަން ރައީސް މުއިއްޒު އެދިވަޑައިގަތް ވާހަކަ އެވެ.

މި ސަރުކާރުން އެޅި ފުރަތަމަ ފިޔަވަޅު ވެސް އިންޑިއާ އިން ކުރިން އަންދާޒާ ކޮށްފައި އޮތް ގޮތަށް ގޯސްވުމުގެ ސަބަބުން ކުރިޔަށް އޮތް ތަނުގައި ވެސް އިތުރު ދަތިތަކެއް ރާއްޖެ އަށް ކުރިމަތި ކުރުވާނެ ކަމަށް ވެސް ތަޖުރިބާކާރުން ގަބޫލު ކުރެއެވެ.އޭގެ ފުރަތަމަ ފިޔަވަޅަކީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުން ވެގެން ދިޔުމުގެ ފަހަތުގައި ވެސް އެތައް ސަބަބެއް އެބައޮތެވެ.

ޓޫރިޒަމަށް ބަނަ ދުވަސްތަކެއް!

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ރޯލެއް އަދާކުރަމުން އަންނަ ގައުމެކެވެ. މިދިޔަ 10 އަހަރުގެ ހިސާބުތަކަށް އެކަނި ބެލިޔަސް އިންޑިއާއަކީ ޖެހިޖެހިގެން ކޮންމެ އަހަރަކު ރާއްޖޭގެ ޓޮޕް 10 ލިސްޓުގައި ހިމެނޭ އެއް ގައުމެވެ.

އެގޮތުން 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާ އިންނެވެ. އޭރު މުއްދަތުގައި އިންޑިއާ އޮތީ ފަސް ވަނައިގަ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު އިންޑިއާ ފަތުރުވެރިން އިތުރުވެ ރާއްޖޭއަށް ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކަށް އިންޑިއާ ވިއެވެ.

ނަމަވެސް ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޗައިނާ ބަންދުވީ އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އޮއްވައި ރައީސް ސޯލިހުގެ ސަރުކާރާއި އިންޑިއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން އިންޑިއާގައި ރާއްޖެ ޕްރޮމޯޓު ކުރުން އިތުރަށް މެކުހަށް ޖެހިއެވެ.

އިންޑިއާ ރައްޔިތުން ކަރަންޓީން ވާން ވެސް އާދެވޭ ތަނަކަށް ރާއްޖެ ހެދިއެވެ. އިންޑިއާގެ އެތައް މަޝްހޫރު ފިލްމީ ތަރިން ރާއްޖެ އައިސް ރާއްޖެ ޕްރޮމޯޓު ކުރުމުގެ މަސައްކަތް ފެށި އެވެ. މިއިން އެތައް ދަތުރަކީ ސީދާ އެ ގައުމުގެ ސަރުކާރާއި ދިވެހި ސަރުކާރާ ވެވުނު އެއްބަސްވުންތަކެއްގެ ތެރެއިން ހިނގި މަސައްކަތްތަކެއް ކަމަށް އޭރުގެ ސަރުކާރުން ބުންޏެވެ.

އޭގެ ނަތީޖާއަކަށްވީ ޗައިނާ ނެތިގެން ރާއްޖެ އަށް ވީ ގެއްލުން އިންޑިއާ އިން ފޫބައްދައި ދިނުމެވެ. އެގޮތުން 2020 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިއާ އިންނެވެ. އަދި މީގެ ކުރިން 2019 ވަނަ އަހަރު ނޫނީ އެ ގައުމުގެ ފަތުރުވެރިން އަންނަ އަދަދު ލައްކައަކަށް ނާރާއިރު މިދިޔަ ތިން އަހަރު ތެރޭގައި އިންޑިއާގެ ފަތުރުވެރިންގެ އަދަދު ދެ ލައްކަ އަށް ވުރެ ގިނައެވެ.

މިދިޔަ 10 އަހަރު އިންޑިއާ ފަތުރުވެރިން އައި އަދަދު

  • 2014: ފަސް ވަނަ
  • 2015: ފަސް ވަނަ 
  • 2016: ފަސް ވަނަ
  • 2017: ފަސް ވަނަ 
  • 2018: ފަސް ވަނަ 
  • 2019: ދެ ވަނަ
  • 2020: އެއް ވަނަ
  • 2021: އެއް ވަނަ
  • 2022: އެއް ވަނަ
  • 2023: އެއް ވަނަ 

އެހެން ނަމަވެސް އިންޑިއާ އަށް ފަހިކޮށް އޮތް ސަރުކާރު ބަދަލުވެ ރާއްޖޭގެ ހާރިޖީ ސިޔާސަތު ވެސް ބަދަލުވުމާއެކު އެ ގައުމުގެ ބޮޑުވަޒީރު އިސްވެ އެންމެ ފުރަތަމަ ވެސް ފެއްޓެވީ ރާއްޖޭގެ ބަދަލުގައި އިންޑިއާ ރައްޔިތުން ލަކްޝަޑްވީޕް ހިޔާރު ކުރުމަށް އެދިވަޑައިގަތުމެވެ. އަދި އޭގެ ފަހުން މި ސަރުކާރުގެ މިނިސްޓަރުންގެ އަމަލުތަކުގެ ސަބަބުން މިހާރު މި ޖެހުނު ލައްގަނޑާ ހެދި މި އަހަރާއި ކުރިޔަށް އޮތް އަހަރުތަކުގައި ރާއްޖެ އަށް އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ބެލެވެ އެވެ.

އިންޑިއާގެ ޓޫރިސްޓުންތަކެއް ރާއްޖޭގައި --

މިއީ ދައުލަތަށް ލިބުނު ވަރަށް ބޮޑު ގެއްލުމަކަށްވާނެ އެވެ. ސަބަބަކީ މާލީ އިދާރާތަކުން ބުނާ ގޮތުން ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ރާއްޖޭގެ އިގްތިސާދު އޮތީ ކުޑަ ވެސް ލޮޅުމެއް އަރައިފި ނަމަ ވެއްޓި ޑިފޯލްޓް ވާ ހިސާބުގަ އެވެ. އިންޑިއާގެ 200,000 ފަތުރުވެރިންގެ އަދަދު ވެއްޓުން ވެގެންދާނީ އިގްތިސާދަށް ކުޑަ ލޮޅުމަކަށް ނޫނެވެ. ބޮޑު ބާގަނޑަކަށެވެ.

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއެއްގެ ގޮތުގައި އެއާޕޯޓު ބޮޑު ކުރުން ހިމަނާފައި އޮތީ ވެސް ފަތުރުވެރިން އަންނަ އަދަދު އިތުރުކޮށް ރާއްޖެއަށް އާމްދަނީ އިތުރު ކުރުމެވެ. ނަމަވެސް މިއީ އެކަމަށް ވެސް އެޅިގެންދާ ހުރަހަކަށް ވާނެ އެވެ.

އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް

ފަހުގެ ތާރީހުގައި ހިނގި ބައެއް ކަންކަމަށް ބަލާއިރު އިންޑިއާ އާ ދުރު ސިޔާސަތެއް ރާއްޖެއިން ގެންގުޅުމަކީ އެ ގައުމުން އެއްގޮތަކަށް ވެސް ބަލައިގަންނަ ކަމެއް ނޫނެވެ. އެކަން އެނގެނީ ރައީސް ވަހީދާއި ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއިން އިންޑިއާއާ ކުޑަކޮށް ދުރަށް ޖެހިލައި ޗައިނާ އާ ކައިރިވެލުމުން އިންޑިއާ އިން ރާއްޖެ އަށް ހަދައިލި ގޮތުންނެވެ. 

އޭރު ވެސް ފުރަތަމަ އިންޑިއާ އިން ދެއްކީ ނުސީދާ މަންޒަރުތަކެކެވެ. ފިޔަވަޅުތައް އައީ އޭގެ ފަހުންނެވެ.

ނޮވެމްބަރު 19، 2012 ގައި އައިޓެކް ދުވަސް ފާހަގަ ކުރުމަށް ހ. އަތިރީގެ އާގޭގެ ގޯތި ތެރޭގައި ބޭއްވި ކުޑަ ހަފްލާއެއްގައި އޭރު ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ އިންޑިއާ ސަފީރު ޑީއެމް މުލޭ ރާއްޖެ-އިންޑިއާގެ ގުޅުން ވަރަށް ތަފާތުކޮށް ސިފަ ކޮށްދެއްވި އެވެ.

އޭރު ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ އިންޑިއާ ސަފީރު ޑީއެމް މުލޭ

އޭނާ ވިދާޅުވި ގޮތުގައި "އިންޑިއާ އާއި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން ވަނީ ހިލަވެލިން ފެށިގެން ފިޔަލާ ހަމައަށް ގުޅިލާމެހިފަ" އެވެ.

މުލޭ މިހެން ވިދާޅުވި ދަނޑިވަޅު ދިމާވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ޖީއެމްއާރް އަތުން ރާއްޖޭގެ މައި އެއާޕޯޓު އަތުލި މައްސަލާގައި ރާއްޖޭ-އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ދުވަސްވަރާ އެވެ. އަދި އޭގެ މާ ގިނަ ދުވަސްތަކެއް ނުވެ ރާއްޖެ އަށް ހިލަ އާއި ހިލަވެލި އެތެރެ ކުރުން މަނާ ކުރި އެވެ. 

ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ޗައިނާ އާއެކު ބޭއްވި ގުޅުމާއި ރާއްޖޭގެ ބިޔަ މަޝްރޫއުތައް އެ ގައުމުގެ ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކާ ހަވާލު ކުރުމާއި ޗައިނާ އިން ގިނަ ލޯނުތަކެއް ނަގަމުން ދިޔުމުގެ ސަބަބުން އިންޑިއާ އިން އަނެއްކާ ރާއްޖެއަށް އިގްތިސާދީ ގޮތުން ފިއްތުންތައް ކުރިމަތި ކުރުވަން ފެށި އެވެ. 

ހިލަ އާއި ހިލަވެލި ރާއްޖެ އެތެރެކުރަން އިންޑިއާ އިން ދޫކޮށްފައިވާ ހުއްދަ "ވަކި ގޮތެއް އަންގަން ދެން" ހިފެހެއްޓުމާއި ރާއްޖެ އަށް ފިޔާ އަދި ބިސް ފޯރު ކޮށްދިނުމުގައި ވެސް ދަތިތަކެއް ކުރިމަތި ކުރުވި އެވެ.

އޭގެ އިތުރުން އިންޑިއާ އަށް ބޭސްފަރުވާ އަށް ދާ ދިވެހިންނާއި އިންޑިއާގައި ދިރިއުޅެމުން އައި ދިވެހިންނަށް ވިސާ އާއި އެހެނިހެން ދަތިތައް އެ ދުވަސްވަރު ވަރަށް ބޮޑަށް ކުރިމަތިކުރުވި އެވެ. ދިވެހި ސަރުކާރުގެ އިސް އޮފިޝަލުން އިންޑިއާ އަށް ވަނުން މަނާކޮށް އެއާޕޯޓުގައި އެތައް ގަޑިއިރު ބައިތިއްބާފައި އަނބުރާ ފޮނުވާލަ އެވެ. އިންޑިއާ އަށް ކުރެވެން އޮތް "ޖެއްސުމެއް" ދިޔައީ ކުރަމުންނެވެ.

އޭގެ ސަބަބުން ރާއްޖެއަށް އިންޑިއާ ނުރުހޭ ގޮތަށް އެއްވެސް ކަމެއް ކުރުމުގެ ހުއްދައެއް ނޯވެއެވެ. މިކަމަށް ބާރު ދޭ ހެއްކަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ހާމަ ކުރަން ނޫސްވެރިއަކު ކޯޓަށް ދިޔުމުގައި އެ މައުލޫމާތު ނުދޭން ދައުލަތުން ދެއްކި ވާހަކައަކީ "އިންޑިއާ އިން ކާޑުގެ ބާވަތް ލިބެން ދަތި ވެދާނެ" ކަމެވެ. 

ރާއްޖެއަށް ކުރިއަށް އޮތީ ވެސް ހަމަ އެފަދަ ދުވަސްތަކެކޭ ބުނުމަކީ ގޯސް އަންދާޒާއަކަށް ނުވާނެއެވެ. ސަބަބަކީ ރައީސް މުއިއްޒު ޗައިނާ އަށް ދަތުރުކުރެއްވުމަކީ އަދި ފެށުމެކެވެ. މިހާރު އެ ކުރައްވާ ދަތުރުފުޅު ތެރޭގައި އެތައް އެއްބަސްވުމަކާއި އެތައް ލޯނެއްގެ ވާހަކަ އަންނާނެއެވެ. އިންޑިއާ ބޭނުން ނުވާ އެތައް ނިންމުމެއް ދަތުރުގެ ތެރެއިން ނިމިގެން ދާނެއެވެ.

އޭގެ އިތުރުން ރައީސް މުއިއްޒު މި ފަސް އަހަރުގެ ތެރޭގައި ކުރަން ވައުދުވެފައި ދެން ވެސް ހުރީ އިންޑިއާ އިތުރަށް ކައްކުވާލާ ފަދަ ކަންކަމެވެ.

ގުޅުން ގޯސްވަމުން ދާނެ އެހެން ސަބަބުތައް

އިންޑިއާގެ ޑިޕްލޮމެޓުން ސިފަ ކުރައްވާ ގޮތުގައި ރާއްޖެއަކީ އެ ގައުމުގެ ބެކްޔާޑެވެ. ރާއްޖެއިން އިސް ކުރަންޖެހޭނީ އިންޑިއާ ކަނޑުގެ މަސްލަހަތެވެ. ހާރިޖީ ސިޔާސަތު އޮންނަން ޖެހޭނީ "އިންޑިއާ ފަސްޓް" ޕޮލިސީއެކެވެ.

މި ސަބަބަކާ ހުރެ ދިވެހިން އިންޑިއާ އަށް ބަރޯސާ ވަނީ ހަމައެކަނި ހިލަ އާއި ހިލަވެއްޔާއި ކާޑު ހޯދާކަށް ނޫނެވެ. 

މިތިބީ އިންޑިއާގެ ޕައިލެޓުން ލައްވާ ދިވެހިންގެ ބޯ މަތިން ހެލިކޮޕްޓަރު ދުއްވާ ސަވަޔަލަންސް އަށް ދޫކޮށްލައިގެންނެވެ. ވަށައިގެން އޮތް ކަނޑުގެ ސަރަހައްދު ބަލަހައްޓަން އިންޑިއާގެ އުޅަނދުތަކަށް ބަރޯސާވެ އެވެ. ކަނޑުމަތީ ހިނގާ ހުރިހާ ކަމެއް މޮނިޓާ ކުރާ އިންޑިއާއަށް ރާޑަރު ބަހައްޓައި ބަލަހައްޓަން ހުއްދަ ދީގެންނެވެ. އަދި ރާއްޖޭގެ ކަނޑުގެ އަޑި ކުރަހަން އެ ގައުމާ ހަވާލު ކުރުމަށް ފަހު އަދި ރާއްޖޭގެ ކަނޑު އަޑީގެ ޗާޓުތައް އިންޑިއާ އަތުން ގަންނަން ވެސް މިތިބީ ދީގެންނެވެ. 

ރާއްޖެ އަށް ގެންނަނީ ހަމައެކަނި އިންޑިއާގެ ފަތުރުވެރިންނެއް ނޫނެވެ. ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން ވެސް ފޮނުވަނީ އިންޑިއާ އިންނެވެ. ދައުލަތު ރިޒާވް ދަށްވެއްޖެ ނަމަ ކޭޝްފްލޯ މެނޭޖް ކުރަން ބޭނުންވާ ފައިސާ ވެސް ބަޖެޓަށް އިންޖެކްޓު ކޮށްދެނީ އެ ގައުމުންނެވެ. އެ ހުރިހާ ކަމެއްގެ މައްޗަށް މިވަގުތު ބޭރު ދަރަނީގެ ބޮޑު ބައެއްގެ ހިއްސާ އާއެކު ރާއްޖެ އެންމެ ބޮޑަށް ދަރާ ވެސް އޮތީ ހަމަ އިންޑިއާއަށެވެ.

އިންޑިއާ އިން އެދޭ މިފަދަ ކޮންމެ ކަމަކަށް ދީލާލައިގެން ތިބިއިރު މި ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގަތް އެންމެ ބޮޑެތި ވައުދުތައް ގުޅެނީ "އިންޑިއާ ނޫން ގޮތެއް" ހޯދުމަށެވެ.

ރާއްޖޭގައި ހުރި އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ އެއާކްރާފްޓުތައް އަނބުރާ ފޮނުވާލަން ސަރުކާރުން ބޭނުންވެއެވެ. އޭގެ ބަދަލުގައި ދިވެހިން އަމިއްލައަށް އެކަން ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. ރާއްޖެއަށް ބޭނުންވާ ކާޑާއި އެހެނިހެން ކާބޯތަކެތި ހޯދުން ވެސް އެއް ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި އެކި ގައުމުތަކުން އެކަން ކުރުމަކީ ވެސް ކެމްޕެއިން ދުވަސްވަރު ވަރަށް ބޮޑަށް ދެކެވުނު ވާހަކައެކެވެ.

ރާއްޖެ އެއް ގައުމަކަށް މާ ބޮޑަށް ދަރައި އޮތް އޮތުން ނިމުމަކަށް ގެނެސް އެކަން ހަމަހަމަ ކުރުމަކީ ވެސް މި ސަރުކާރުގެ ވަރަށް ބޮޑު ވައުދެކެވެ. 

މި ހުރިހާ ކަމަކާ ހެދި ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ އާއެކު ގުޅުން ހީނަރުވީ ވަރަށް ވުރެ ބޮޑަށް މި ސަރުކާރުގައި އެ ގައުމާއެކު ގުޅުން ގޯސްވާނެ ކަމަށް ބެލެވެއެވެ. އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި އެތައް ގަރުނެއް ވަންދެން އޮތް ލަކްޝަޑްވީޕްގެ ފަތުރުވެރިކަން ކުރިއެރުވުމުގެ އެއްވެސް ވާހަކައެއް ނުދައްކާ އޮތުމަށް ފަހު ކުއްލިއަކަށް އެ މަންޒަރުތައް ދެއްކުން މި ދަނޑިވަޅާ ދިމާވުމަކީ އިއްތިފާގެއް ނޫނެވެ. 

އެއީ ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ ހާރިޖީ އޮއެވަރު ހުރި ގޮތަކުން އިންޑިއާގެ ކަނޑުން ނަގާނެ ބޮޑު ރާޅެއްގެ ކޮޅުމައްޗެވެ.