ސްޓޭޓް ލެވަލްގައި އަޅުގަނޑު ކުރާ ފުރަތަމަ ދަތުރު ޗައިނާ އަށް ކުރުމަކީ ޝީ ޖިންޕިންގ އާއި ޗައިނާގެ ރައްޔިތުންނަށް ރާއްޖެއިން އޮތް ކޮމިޓްމަންޓް ދައްކުވައިދޭ ހެއްކެއް. އެއްވެސް ޝައްކެއް ނެތް ޗައިނާ ވާނީ އަޅުގަނޑުމެންގެ ތަރައްގީގެ އެންމެ ގާތް ޕާޓްނަރަށް.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުން މިހާރު ޗައިނާ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދެއްކެވި މި ވާހަކަފުޅަކީ ވަރުގަދަ ސްޓޭންޑެކެވެ. ރާއްޖޭގެ ރައީސުން ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާ އަށް ކުރައްވަމުން ގެންދެވި ޓްރެންޑް ބަދަލު ކުރައްވައި ފުރަތަމަ ޗައިނާ އަށް ވަޑައިގަތުމަކީ ސްޓްރެޓަކިޖް ނިންމެވުމެއް ކަމާއި ތަރައްގީގައި ވެސް އެންމެ މުހިންމު ވާނެ އަދި އެންމެ ގާތް ކުރާނެ ގައުމަކީ ވެސް ޗައިނާ ކަން ޔަގީންކަން އަރުވާ ސްޓޭޓްމަންޓެކެވެ.
ޗައިނާގެ ބޮޑެތި ވިޔަފާރިތަކާއެކު މިއަދު ބޭއްވި "އިންވެސްޓް މޯލްޑިވްސް" ފޯރަމްގައި ރައީސް ދެއްކެވި ވާހަކަފުޅު ބައްޓަން ކުރެއްވީ މިދިޔަ ދޮޅު މަހެއް ތެރޭގައި ސަރުކާރުން ކުރި މަސައްކަތްތަކާއި ކުރިޔަށް ރާވާފައިވާ ހުރި ބައެއް ކަންކަމުގެ މައްޗަށެވެ.

މިދިޔަ ދުވަސްތަކުގައި ސަރުކާރުން ވަނީ ފުށިދިއްގަރު ފަޅު ހިއްކައި ރަސްމާލެ ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއު ފައްޓަވާފައެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އަވަސް ކުރުމުގެ އިތުރުން 20 އަހަރުގެ ބޮޑު އެކްސްޕޭންޝަން މާސްޓާ ޕްލޭނެއް އެކުލަވާލައި އެކަން ވެސް ރައީސް އިފްތިތާހު ކުރެއްވި އެވެ. އެއާ ގުޅިގެން ފުނަދޫ ތަރައްގީ ކުރުމާއި ކަނެކްޓިވިޓީގެ މަޝްރޫއެއް ވެސް ސަރުކާރުން ވަނީ ފައްޓަން ނިންމާފައެވެ.
އިންވެސްޓްމަންޓް ފޯރަމްގައި ރައީސް އެ ހުރިހާ މަޝްރޫއެއް ޗައިނާގެ ވިޔަފާރިވެރިންނަށް ތައާރަފް ކޮށްދެއްވިއެވެ. އަދި އެ މަޝްރޫއުތަކަށް އިންވެސްޓުކޮށް ޕާޓްނަރުންނަށް ވާން އެމަނިކުފާނު ދައުވަތު ދެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ޗައިނާ އަށް ވަޑައިގަތުމުގެ ދެތިން ދުވަސް ކުރިން ސެންޓްރަލް އެއާޕޯޓުގެ އާ ތަސައްވުރެއް ވާނީ އިފްތިތާހު ކުރައްވާފައެވެ. އަދި ޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތާއި އެމަނިކުފާނުގެ "ހިތާ ވަރަށް ގާތް" ރަސްމާލެ މަޝްރޫއު ވެސް ވާނީ ފައްޓަވާފައެވެ.

އޭގެ އިތުރުން ރާއްޖޭގައި އަވިން ހަކަތަ އުފައްދާ މިންވަރު 33 ޕަސެންޓަށް އިތުރު ކުރުމުގެ ބިޔަ މަޝްރޫއާއި ރާއްޖޭގައި ހިންގާ ފުޑް ސެކިއުރިޓީގެ ޕްރޮޖެކްޓަށް ވެސް ޗައިނާގެ އިންވެސްޓްމަންޓުތައް ހޯދަން ހުޅުވައިލިއެވެ.
"ޗައިނާގެ ބެލްޓް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން މި މަޝްރޫއުތައް ކުރިޔަށް ގެންގޮސް ޕާޓްނަޝިޕްތައް ނެގުމަށް އަޅުގަނޑުމެންގެ ސަރުކާރު ވަރަށް ބޮޑަށް ޝައުގުވެރިވޭ." ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް އެހީ ހޯދާ ޕްރޮޖެކްޓްތައް
- ޕޯޓް ތިލަފުއްޓަށް ބަދަލު ކުރުން
- ރަސްމާލެ ތަރައްގީ ކުރުން
- އިހަވަންދިއްޕޮޅު އިންޓެގްރޭޓެޑް ޕްރޮޖެކްޓް
- ތިނަދޫ-ކާޑެއްދޫ ލިންކް
- އައްޑޫ ހިތަދު އާއި ހުޅުމީދޫ ލިންކް ރޯޑް
- އިޔާދަ ކުރަނިވި ހަކަތަ ޕްރޮޖެކްޓް
- ކުނި މެނޭޖް ކުރުމުގެ ޕްރޮޖެކްޓް
- ވީއައިއޭ ތަރައްގީ ކުރުން
- 15 އެއާޕޯޓެއް ތަރައްގީ ކުރުން
- އެސްއީޒެޑް ފުޅާކުރުމުގެ ޕްރޮޖެކްޓްތައް
- މަގު ހެދުމުގެ މަޝްރޫއުތައް
ސަރުކާރުން ވަނީ ވަކިވަކި މަޝްރޫއުތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް އެ ފޯރަމްގައި ދީފައެވެ. މިއީ މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ހިންގާ މަޝްރޫއުތަކެކެވެ. އަދި މީގެ ތެރެއިން ގިނަ މަޝްރޫއުތަކަށް ޗައިނާ އިން ފައިނޭންސް ކުރާނެ ކަމުގެ އުންމީދެއް އޮތް ކަމަށް ސަރުކާރުގެ އޮފިޝަލުން ބުނެއެވެ.
ޗައިނާ އާއި ރާއްޖޭގެ ވިޔަފާރި ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް ރައީސް ވަނީ ފްރީ ޓްރޭޑް އެގްރީމަންޓަށް އަމަލު ކުރަން ފަށާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އެފްޓީއޭއަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ޗައިނާ އާއެކު އުފެދިގެން ދިޔަ ގާތް ގުޅުމުގެ ތެރެއިން ސޮއިކޮށް އަދި މަޖިލީހުން ވެސް ފާސް ކޮށްފައިވާ އެއްބަސްވުމެކެވެ. ނަމަވެސް ރައީސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވި ގޮތަށް އެ އެއްބަސްވުން ރިވިއު ކުރުމުގެ މަސައްކަތް ކުރާކަމަށް ބުންޏެވެ. އަދި ފަހުން އެ މަސައްކަތް އޮތީ ޕާކު ކޮށްފައެވެ.
"ވީއެންމެ އަވަހަކަށް އެ އެއްބަސްވުމަށް އަމަލުކުރަން ފަށަން އަޅުގަނޑުގެ ސަރުކާރު ތައްޔާރު،"
ކަވަރ ފޮޓޯ: އޭއައި