އައިޝަތު މާހާ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ހަމަ އެންމެ ދެ މަހުގައި މުހިންމު އިންތިހާބަކުން މިވަނީ ބަލިވެފައެވެ. މާލެ ސިޓީގެ މޭޔަރު ކަމަކީ ސަރުކާރަށް މުހިންމު މަގާމެކެވެ. ހުދު ރައީސްއަކީ އެ މަގާމު އަދާކުރެއްވުމަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. ކޮންގްރެސް ޕާޓީއަށް މާލޭގެ ވެރިޔާގެ ގޮނޑި އަނެއްކާވެސް ހޯދުމަށް ރައީސް ވެސް ދޮރުން ދޮރަށް ގޭގެއަށް ވަޑައިގެންނެވިއެވެ. ނަމަވެސް, އިންތިހާބު ކާމިޔާބުކޮށް އުފާ ފާޅުކުރަމުން އެ ދަނީ އެމްޑީޕީންނެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި މޮޅުވީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމެވެ. ފަރަގު ބޮޑުކޮށް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރަށެވެ. މިއީ ސަރުކާރަށް ކިހާ ވަރެއްގެ ބައްޔެއް ހެއްޔެވެ؟ މި އިންތިހާބުގެ އެތެރެ އާއި ބޭރުން ފެނުނީ ކޮން ނަތީޖާއެއް ހެއްޔެވެ؟

އިންތިހާބަށް ޝައުގެއް، ތަރުހީބެއް ނެތް

މި އިންތިހާބުގެ ވާހަކަ ފަށަން ޖެހެނީ މިހާ ހިސާބުންނެވެ. މާލޭގެ މޭޔަރު ކަމަށް މީހަކު އިންތިހާބު ކުރަން ރައްޔިތުންގެ ތެރޭގައި ޝައުގެއް ނެތެވެ. އެކަން އެނގެނީ އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު އިންތިހާއަށް ދަށްވުމުންނެވެ. އަބަދުވެސް ލޯކަލް ކައުންސިލް އިންތިހާބަކީ މީހުން ވޯޓުލާ މިންވަރު ދަށް އިންތިހާބެއް ނަމަވެސް, މެދު ތެރޭން އައި މި ބައި-އިލެކްޝަނަށް ވަކިން ތަރުހީބު ކުޑަ އެވެ.

އިލެކްޝަން ކޮމިޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހުންނަށް ލިބެ އެވެ. ނަމަވެސް އިންތިހާބުގައި ވޯޓުލާން ނުކުތީ އެންމެ 17،442 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 31.8 ޕަސެންޓެވެ.

ރައީސް މުއިއްޒު ކާމިޔާބު ކުރެއްވި މޭޔަރު އިންތިހާބު 2021 ގައި 21،161 މީހުން ވޯޓުލާން ނުކުތްއިރު އެއީ 41 ޕަސެންޓެވެ.

ސިޔާސީ ހައިޖަނާއި ވައުދުތައް މަތިން ފޫހި

މި އިންތިހާބުން ވަރަށް ސާފު މަންޒަރެއްގައި ކުލަ ޖެހެ އެވެ. އެއީ ސިޔާސީ ކަންކަމާއި ސިޔާސީ މީހުން މަތިން ރައްޔިތުން ފޫހިވެއްޖެ ކަމެވެ.

ސިޔާސީ ޕާޓީތަކުން މޭޔަރުގެ އިންތިހާބަށް ވަރަށް ފޯރި ނެގިއެވެ. އެކިއެކި ކެމްޕެއިން އިވެންޓްތަކާއި ބަހުސްތަކާއި މީޑިއާތަކަށް ވިއްކައިގެން އާޓިކަލް ލިޔުމާއި ވީޑިއޯތައް ނެރުން ފަދަ އެތައް ކަމެއް, އެތައް ހަރަދެއް ކުރިއެވެ. އެންމެން ވެސް ދެއްކީ މާލޭގައި ފުނި ޖެހިފައި އޮތް މައްސަލަތަކުގެ ވާހަކައެވެ. އެ މައްސަލަތައް ހައްލު ކުރުމަށް އެއިން ކޮންމެ މީހަކަށް ވެސް މޭޔަރުކަން ދޭން ޖެހޭ ކަމެވެ.

ސަރުކާރުގެ ކެންޑިޑޭޓް އާޒިމާ ވިދާޅުވަމުން ގެންދެވީ ރައީސް ޑރ. މުއިއްޒުގެ ސިޔާސަތާއި ވައުދުތައް ތަންފީޒު ކުރުމަށް އޭނާ މޭޔަރު ކަމަށް ހޮވަން ޖެހޭ ކަމެވެ. އިދިކޮޅު ކެންޑިޑޭޓަކަށް މޭޔަރުކަން ދީފި ނަމަ, އުނދަގޫވާނެ ކަމެވެ. މައްސަލަތައް ހައްލު ނުވެދާނެ ކަމެވެ. އަނެއްކޮޅުން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ވިދާޅުވަމުން ގެންދެވީ މާލޭގެ މައްސަލަތައް ހައްލު ކުރަން އެނގޭނީ އެމްޑީޕީއަށް ކަމާއި އޭނާއަށް ކަމުގެ ތަޖުރިބާ އެބަ ހުރި ކަމަށެވެ.

ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ސައިފް ފާތިހް ވެސް ހަމަ އެގޮތަށް ގިނަ ވައުދުތަކެއްވިއެވެ. މާލެއަށް އޮތް ހައްލުތަކުގެ ވާހަކަ އެކި ގޮތްގޮތުންވިއެވެ.

އެކަމަކު, ރައްޔިތުން މި ސިޔާސީ ވާހަކަތަކެއް އަޑެއް ނޭހިއެވެ. ޝައުގުވެރިކަމެއް ނުދިނެވެ.

މާލޭގައި މައްސަލަތައް ފުނިޖެހިފައި އޮންނަތާ އެތައް ޒަމާނެކެވެ. ހަމަ އެއް މައްސަލަތަކެވެ. މިހާރު އެތައް ވައުދެއްވާ ސިޔާސީ ވެރިން ވެރިކަން ކުރާތާ ވެސް އެތައް އަހަރެއް ވެއްޖެއެވެ. މާލެ އޮތީ އޮތް ގޮތަށެވެ. އެހެންކަމުން, އިތުރު 2.5 އަށް މޭޔަރު ކަމަށް މީހަކު އިންތިހާބުކޮށްގެން ވަކި ރައްޔިތުންނަށް ހައްލެއް ފެންނާނެ ކަމަށް ގަބޫލު ކުރާނެ ހެއްޔެވެ؟

ނުކުރާނެވެ.

އެމްޑީޕީން ވަނީ މިދިޔަ ފަސް އަހަރު ވެރިކަން ކޮށްފަ އެވެ. އެ ފަސް އަހަރަށް ފަހު ނުކުމެ ވިލިމާލޭގައި ތިބީ ނިކަމެތި ރައްޔިތުންނޭ އެމްޑީޕީގެ ކެންޑިޑޭޓް ބުނުމުން އެކަން ރައްޔިތުން ބަލައެއް ނުގަންނާނެ އެވެ. ބުޅަލުގެ މައްސަލަ އާއި ޕާކިންގެ މައްސަލަ އާއި ޓްރެފިކްގެ މައްސަލައަށް އެމްޑީޕީއަށް ވެރިކަމުގައި ލިބުނު ފަސް އަހަރުގައި ހައްލެއް ހޯދަން ނޫޅުނީ ކީއްވެތޯ އަހަނީ ރައްޔިތުންނެވެ. މިހާރު ދައްކާ ވާހަކައަށް ޝައުގު ނެތީ އެހެންވެ އެވެ.

ސަރުކާރުގެ ކެންޑިޑޭޓް ކިތަންމެ ބާރުލާފައި މޭޔަރުކަން ނެތި ރައީސަށް ވައުދު ފުއްދަން ދަތިވާނެ ކަމަށް ބުންޏަސް އެ އަޑު އަހާނެ ރައްޔިތަކު ވެސް ނެތެވެ. ރައީސްއަކު ހޮވީ އޭގެ ފަހަތުން އެހެން ހުރިހާ މަގާމެއް އެއް ޕާޓީއަކަށް ދޭކަށް ވެސް ނޫނެވެ. މޭޔަރު ނެތަސް, ރައީސްއަށް ރައީސްގެ ވައުދުތައް ފުއްދެން ވާނެ އެވެ. އެ ނޫން ގޮތަށް ވާހަކަ ދައްކާ ނަމަ, އެއީ ސިޔާސީ ހޮޅި ވާހަކައެވެ.

އެ ވާހަކަ ރައްޔިތުން މި އިންތިހާބުގައި އަޑެއް ވެސް ނޭހިއެވެ.

އާޒިމަށް 7،000 ވޯޓު، ސަރުކާރަށް ތާއިދު ގެއްލުނީތަ؟

މި އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓް އާޒިމްއަށް ލިބުނީ 7,601 ވޯޓެވެ. އެންމެ ގާތުން އާޒިމާއަށް ލިބުނީ 5,069 ވޯޓެވެ. ޑިމޮކްރެޓްސްގެ ސައިފަށް 2.347 ވޯޓު ލިބުނުއިރު ކުރީގެ ރައީސް އަބްދުالله ޔާމީން އުފައްދަވާ ޕީއެންއެފްގެ ކެންޑިޑޭޓް ހުސެއިން ވަހީދަށް ލިބުނީ 1,920 ވޯޓެވެ.

ސުވާލަކީ މިއީ ސަރުކާރަށް މާލޭގެ ތާއިދު ގެއްލުނީ ހެއްޔެވެ؟

މާލޭގައި ވޯޓުލުމުގެ ހައްގު އޮތް މީހުންގެ ތެރެއިން 70 ޕަސެންޓް މީހުން ވޯޓު ނުލައެވެ. އެމީހުން ވޯޓުލާން ނުނުކުތީ ސަރުކާރަށް ތާއިދު ނުކުރާތީ ކަމެއް އެއީ ބުނަން އެނގޭ ކަމެއް ނޫނެވެ. ނަމަވެސް, ވޯޓުގެ ނަތީޖާ އާއި ތާއިދާއަކީ އަބަދުވެސް ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތުން ބަލާ އެއްޗެކެވެ. އެހެންކަމަށް ވާނަމަ, ސަރުކާރަށް މާލޭގައި ތާއިދެއް ނެތެވެ.

ތާއިދު އޮތީ އެމްޑީޕީއަށެވެ. ނަމަވެސް, ދަށު ރޮނގު ދަމާލަން ޖެހޭ ކަމަކީ އެއީ އެންމެ 7,000 ވޯޓު ކަމެވެ. އެމްޑީޕީއަކީ މާލެއަށް ގަދަ ޕާޓީއަކަށް ވާއިރު, މި ނަތީޖާ އަކީ އެ ޕާޓީއަށް ވެސް ބޮޑު ކާމިޔާބެއް ނޫނެވެ.

އެމްޑީޕީއަށް މިއީ އާ ރޫހެއް، ދިރުމެއް

މާލޭގެ މޭޔަރުގެ ގޮނޑި މިހާތަނަށް އެމްޑީޕީއަށް ގެއްލުނީ އެންމެ ފަހަރަކު އެވެ. އަނެއްކާވެސް އެ ދައުރުގެ ތެރޭން ގޮނޑި މިވަނީ އަނބުރާ ލިބިފައެވެ. މިއީ ބޮޑު ރިޔާސީ އިންތިހާބަކުން ބަލިވެ, ނިކަމެތިވެ ހިތާމައެއްގެ ތެރޭގައި އޮތް ޕާޓީއަކަށް ބޮޑު ދިރުމެކެވެ. ޕާޓީ އަލުން ކޮޅަށް ނަގައި ހިނގައިގަނެ, ސަފުތައް ރުކުލަވާލަން މިއީ އެ ޕާޓީއަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. ރަނުގެ މޮޅެކެވެ.

"މިއީ އާ ފެށުމެއް އާ ހިތްވަރެއް. މި ލިބުނު ކާމިޔާބާ އެކު ދެން އޮތް މަސައްކަތަކީ މަޖިލީހުން ރަނގަޅު އަދަދެއް ހޯދައި ސަރުކާރު ޖަވާބުދާރީ ކުރުވުން," ކާމިޔާބަށް ފަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވި އެވެ.

މޭޔަރު އިންތިހާބުގެ ކާމިޔާބީ އަށް ފަހު، އުފާ ފާޅުކުރަން ސަލްޓަން ޕާކުގައި ބޭއްވި ހަފުލާގައި އާޒިމް. -- ފޮޓޯ: ގައުމީ

އެމްޑީޕީން އާ ރޫހެއްގައި ރޭ ވަނީ އުފާ ފާޅުކޮށްފައެވެ. ވަރަށް ޖޯޝާއި ފޯރީގައި އެ ޕާޓީގެ ވެރިން ވަނީ ވާހަކަ ދައްކަވާފައެވެ. އޭގެ ތެރޭގައި ޕާޓީގެ ވަގުތީ ރައީސް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހިމެނެ އެވެ.

"71 ޕަސެންޓް، މި ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފި. ވެރިކަމަށް އައިތާ ދެ މަސް ނުވަނީސް ރައްޔިތުން ނިކުމެ މި ސަރުކާރަށް ނޫނެކޭ އެ ބުނީ. ސިޔާސަތުތަކަށް ނޫނެކޭ އެ ބުނީ ސަބަބެއް ނެތިއެއް ނޫން. އެއީ މި ސަރުކާރު ވެރިކަމަށް އައުމަށް ދެއްކި ވާހަކަތަކާއި އޮޅުވާލުމާއި ނަފްރަތުތަކާއި ހެދި ދޮގުތައް މިހާރު ހާމަވަމުންދާތީ،" އުފާފާޅުކުރުކުގައި ސޯލިހު ވިދާޅުވިއެވެ.

ސަލްޓަން ޕާކްގައި އޮތް އެ ހަފުލާ އިން ފެންނަމުން ދިޔައީ އެމްޑީޕީއަށް އާ ރޫހެއް އާ ދިރުމެއް ލިބިއްޖެ ކަމެވެ. ސިޔާސީ ގޮތުން ވެސް ވަރަށް ބާރުވެރި މަގާމެއް ލިބިއްޖެ ކަމެވެ.

މާލޭގެ މޭޔަރު ކަމަކީ ސިޔާސީ ގޮތުން މުހިންމު މަގާމެކެވެ. މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި އެހެންވެސް ގިނަ ކަންކަން ކޮށްދޭން ސަރުކާރުން ވައުދުވެފައިވާއިރު އެ ކަންކަމުގައި މޭޔަރުގެ ދައުރެއް އޮންނާނެ އެވެ. އޭގެ ފައިދާ އެމްޑީޕީއަށް ނެގޭނެއެވެ. ސަރުކާރު ޖަވާބުދާރީކުރުވަން ވެސް މިއީ ހުޅުވުނު ވަރަށް ބޮޑު ދޮރެކެވެ.

އާޒިމް: އެމްޑީޕީން ދެއްކި ރަނގަޅު ކެންޑިޑޭޓެއް

ގިނަ މީހުން އެއްބަސްވާ ކަމެއް އޮވެއެވެ; މާލޭގެ މޭޔަރު ކަމަށް އާދަމް އާޒިމަށް ވުރެ ވަކިން ރަނގަޅު ކެންޑިޑޭޓެއް ނުނެރެވޭނެ ކަމެވެ. އެމްޑީޕީގެ ތެރޭން ކުރިން ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މި މަގާމަށް ކުރިމަތިލާން އުޅުމުން އޭނާގެ ވަށާލި ފާޑުކިޔުންތަކާއި ތުހުމަތުތަކެއް އާޒިމަކަށް ނެތެވެ.

އާޒިމް އެންމެން ވެސް ސިފަކުރަނީ ޓްރެކް ރިކޯޑް ރަނގަޅު ބޭފުޅެއްގެ ގޮތުގަ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެސްޓީއޯ ހިންގެވި ގޮތާއި އަދި ހާއްސަކޮށް މިދިޔަ ސަރުކާރުގައި އެމްޓީސީސީ ހިންގެވި ގޮތުން އޭނާއަށް އިތުބާރު އެބަ އޮތެވެ.

މިދިޔަ ސަރުކާރުގައި އެންމެ ރަނގަަޅަށް ހިނގި އެއް ކުންފުންޏަކީ އެމްޓީސީސީ އެވެ. ފެނަކަ ފަދަ ތަންތަން ދަރަނި ވިކުނުއިރު އާޒިމް ވަނީ އެމްޓީސީސީން ރާއްޖޭގެ އެކި ހިސާބުތަކުގައި އެތައް މަޝްރޫއުއެއް އެއް ފަހަރާ ކުރިއަށް ގެންގޮސްފައެވެ. މަގުހެދުމާއި ބަނދަރު ހެދުމާއި ބިން ހިއްކުމުގެ އެތައް މަޝްރޫއުއެކެވެ.

އެެހެންކަމުން މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކަމަށް އެންމެ ރަނގަޅު ތަޖުރިބާއެއް ހުރީ އާޒިމްގެކަން އެނގެ އެވެ. އަދި އެ މަގުބޫލުކަން އޭނާގެ އޮތެވެ. އިތުބާރު އޮތެވެ.

ނުބައި ޗޮއިސެއް: އާޒިމާ މަގުބޫލެއް ނޫން

އަނެއްކޮޅުން ސަރުކާރުން ނެރުނު ކެންޑިޑޭޓް އާޒިމާ ޝަކޫރަކީ ކަމުގެ ހަމަ އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅެކެވެ. އޭނާ ދައްކަވާ ވާހަކަތަކުން ވެސް އެކަން އެނގެ އެވެ. އާޒިމާއަކީ މީގެ ކުރިން އިންތިހާބީ މަގާމަކަށް ކުރިމަތިލެއްވި ބޭފުޅެއް ނޫނެވެ. ރައްޔިތުންގެ ގާތަށް, ރައްޔިތުން އަތުޖެހޭ ހިސާބަށް ނުކުންނެވީ ވެސް ފުރަތަމަ ފަހަރަށެވެ. އެހެންވެ, އޭނާ އާއި ރައްޔިތުންނާ މެދު ދުރުކަމެއް ހުއްޓެވެ.

ސިޔާސީ މައިދާނުގައި ގިނަ ދުވަސްވުމަކީ އޭގެ ޒާތުގައި މީހާ މަގުބޫލުވާ ކަމެއް ނޫނެވެ. އާޒިމާ އަބަދުވެސް ފާހަގަވެފައި އޮތީ ސިޔާސީ ކަންކަމުގެ ތެރޭގައި ގާނޫނީ މަސައްކަތްތައް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެފަދަ ބައެއް މަސައްކަތްތަކާ އެކު ރައްޔިތުންގެ ނުރުހުން ވެސް ވަރަށް ބޮޑަށް އަމާޒުވި ބޭފުޅެކެވެ. ހާއްސަކޮށް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެކެއް ފެބުރުއަރީގެ އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހިންގި ކަންކަމުގެ ތެރޭގައި އެންމެ ބޮޑު ނުރުހުމެއް އާޒިމާއަށް އަމާޒުވިއެވެ.

އޭރު ޕްރޮސިކިއުޓާ ޖެނަރަލަށް ނުފޫޒު ފޯރުވަމުންދިޔަ ކަމުގެ ތުހުމަތު ވެސް އާޒިމާއަށް އޮތެވެ.

ފޮޓޯ: ދައުރު ނިއުސް

ސަރުކާރުގެ ފުރިހަމަ ބާރު އޮވެ, މޭޔަރުގެ އިންތިހާބު ކޮންގްރެސް ޕާޓީއަށް ގެއްލުނު އެއް ސަބަބަކަށް ކެންޑިޑޭޓް ވާނެއެވެ. އިދިކޮޅު އާޒިމްގެ ކެމްޕެއިންގެ ތަރުތީބުކަމާއި ހިންގުތެރިކަމެއް ވެސް އާޒިމާގެ ކެމްޕެއިންގައި ނުފެނެއެވެ. ވޯޓުލާން އޮތް ދުވަހު, މީހުން ވޯޓުލާން ނެރުމަށް ވެސް މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި އާޒިމްގެ ކެމްޕެއިންގެ ޒުވާން ޓީމަކުން އެ މަސައްކަތް ކުރަމުންދިޔައެވެ.

މި ކަންކަމަކީ ކެންޑިޑޭޓްގެ އަމިއްލަ ޒިންމާގެ މަތިން އަމިއްލަ ވިސްނުމުގައި ކުރަންޖެހޭ ވަރަށް ކްރިއޭޓިވް ކަމެކެވެ. އެއީ ވެސް ހުނަރެކެވެ. އެކަން ސަރުކާރުގެ ކެންޑިޑޭޓްގެ ފަރާތުން ފެނުނު މިންވަރު ވަރަށް ކުޑަ އެވެ.

ވީމާ, ސަރުކާރު ކޮންގްރެސް ޕާޓީގައި ކަމަށް ގާބިލް, ތަޖުރިބާ ހުރި, ރައްޔިތުންނާ ގުޅުން އޮތް އެތައް ބޭފުޅުންނެއް ވެސް ތިއްބާ އެއްވެސް ޓިކެޓާ ވެސް ނުލައި އާޒިމާ އަށް ޓިކެޓް ދިން ސަބަބާ މެދު މިހާރު ސުވާލު އުފެދެ އެވެ. އެ ޕާޓީން ތެރޭން ވެސް މި ސުވާލު މިހާރު އުފައްދާނެއެވެ.

އެންޓި-ކެމްޕެއިން އަކީ ގޯހެއް ކަން ދަސްކުރަންވެއްޖެ

އެންޓި-ކެމްޕެއިނަކީ އަމިއްލައަށް ލިބޭ ބޮޑު ގެއްލުމެއް ކަން މިދިޔަ ރިޔާސީ އިންތިހާބުން ވަރަށް ބޮޑަށް ހާމަވިއެވެ. އެއީ ރައްޔިތުން ބަލައިގަންނަ އެއްޗެއް ނޫނެވެ. އެމްޑީޕީން ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ އަހުމަދާ ދެކޮޅަށް ކުރި އެންޓި-ކެމްޕެއިންގެ ފައިދާވީ ހަމަ ރައީސް މުއިއްޒަށެވެ. އެމްޑީޕީ ދެކެ ރުޅި އައިސް, ރައްޔިތުން އެ ޕާޓީއަށް ވޯޓު ނުދިނީ އެވެ.

މޭޔަރުގެ އިންތިހާބުގައި ވެސް އާދަމް އާޒިމްގެ ފަރާތުން އެންޓި-ކެމްޕެއިނަށްވާ ފަދަ އެއްވެސް ކަމެއް ނުފެނެއެވެ. އެކި ފާޑުގެ ތުހުމަތުތައް އެހެން ކެންޑިޑޭޓުންގެ ބޮލުގައި ނާޅުވައެވެ. ސަރުކާރު ކެންޑިޑޭޓް އާޒިމާ ވެސް އެކަމެއް ނުކުރެއެވެ. އެކަމަކު, ސަރުކާރަށް އެކަން ބަޔަކު ކޮށްދިނެވެ.

ޓީވީ ސްޓޭޝަނަކުން ބޭއްވި ބަހުސެއްގެ ތެރޭން އާދަމް އާޒިމް ބައިވެރިނުވި ކަމަށް ބުނެ ބޮޑު އެންޓި-ކެމެޕެއިނެއް ކުރިއެވެ. އެކަމުގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒު ވެސްވިއެވެ. އެއީ ސަރުކާރުގެ އިސް ބޭފުޅެއްގެ ޓީވީ ސްޓޭޝަނަކަށްވާއިރު, އެ އެންޓި-ކެމްޕެއިން ސީދާ އެޅުނީ ސަރުކާރުގެ ބޮލުގައެވެ. އޭގެ ގެއްލުންވީ ވެސް ސަރުކާރަށެވެ. އެއީ ރައްޔިތުން ގަބޫލު ކުރާ ކަމެއް ނޫނެވެ.

ސަރުކާރަށް ތައްޔާރު ނުވެވުނީތަ؟

މި އިންތިހާބުގެ ނާތީޖާ އެކު ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ އިންތިހާބުގެ ކެމްޕެއިނަށް ލީޑާޝިޕުން ދޭން ޖެހޭ ވަރަށް ސަމާލުކަން ނުދެވުނު ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ މަސައްކަތުގައި އުޅެން ޖެހުމުން މި އިންތިހާބަށް ދޭން ޖެހޭ ވަރުގެ ސަމާލުކަން ނުދިނުމުގެ ސަބަބުން އިންތިހާބު ގެއްލިގެން ދިޔައީ ކަމަށެވެ.

އާންމު މެންބަރުންނާ އެކު ބާއްވަން ޖެހޭ ގާތް ގުޅުން ނުބޭއްވުނީތީ ވަރަށް ބޮޑަށް މައާފަށް އެދެން,

އަބްދުއްރަހީމް ވިދާޅުވިއެވެ.

ނަމަވެސް, މިއީ އެންމެ ރަނގަޅު ވާހަކައެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެއީ އާޒިމާގެ ގިނަ ކެމްޕެއިން އިވެންޓްތަކުގައި ސަރުކާރުގެ ވެރިން ބައިވެރިވިއެވެ. ހުރިހާ މިނިސްޓަރުން ގެތަކަށް ވަޑައިގެންނެވިއެވެ. ރައީސް އާއި ނައިބު ރައީސް ވެސް ވަޑައިގެންނެވިއެވެ. ފެށުނީންސުރެ ނައިބު ރައީސް ގެންދެވީ އާޒިމާގެ ޖަލްސާތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ.

މާލޭ ސިޓީ ކައުންސިލުގެ މޭޔަރުގެ އިންތިހާބުގެ ނަތީޖާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވަނީ -- ފޮޓޯ: މިހާރު ނިއުސް

އެހެންކަމުން ސަރުކާރުގެ ވެރިން ސަމާލުކަން ނުދިނޭ ބުނެވޭކަށް ނެތެވެ. އެ ބޭފުޅުން އެއްބާރުލުން ވެސް ދެއްވިއެވެ. އާޒިމާ ވެސް އެކަން ފާހަގަ ކުރައްވައި ވިދާޅުވީ މުޅި ސަރުކާރުގެ އެއްބާރުލުން ލިބޭތީ ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށެވެ.

ތައްޔާރު ނުވެ އޮތީ ކެމްޕެއިން ޓީމެވެ. ތަޖުރިބާ އާއި އެ ހުނަރު ނެތީ އެ ޓީމްގެ އެވެ. އެ ޓީމް ރަނގަޅަށް ހިނގި ނަމަ, ހިނގަން އެނގުނު ނަމަ, މިއަށްވުރެ ނަތީޖާ ރަނގަޅުވީހެވެ.

ޔާމީންގެ ޕީއެންއެފް މަގުސަދު ހާސިލްކުރި، ޑިމޮކްރެޓްސްއަށް މޮޅެއް ނެތް

މި އިންތިހާބަށް ޕީއެންއެފް ކެންޑިޑޭޓް ނުކުތް މައިގަނޑު ސަބަބަކީ އިންތިހާބުން މޮޅުވުން ކަމުގައި ނުވެދާނެއެވެ. އެކަން އެގޮތަށް ނުވާނެކަން ވެސް އެނގޭނެއެވެ. ހުސެއިން ވަހީދުގެ އަމާޒަކަށް އޮންނާނީ ސަރުކާރަށް ގޮނޑި ގެއްލުވާލުމެވެ. ކުރިން ގުޅިފައި އޮތް ދެ ބައެއް ކަމުން, ހުސެއިން ވަހީދަށް އެ ލިބުނު ވޯޓަކީ އެކުގައި ތިބި ނަމަ, އާޒިމާއަށް ލިބޭނެ ވޯޓު ކަމަށް ބެލިދާނެއެވެ.

ހުސެއިން ވަހީދު ކެމްޕެއިން ކުރެއްވީ ޔާމީންގެ ނަމުގައި ޔާމީންގެ ލަވަތައް ޖައްސަވައިގެންނެވެ. ހުސެއިން ވަހީދަކީ ސިޔާސީ ގޮތުން އެއްވެސް އަމިއްލަ މަގުބޫލު ކަމެއް ނެތް މީހަކަށްވާއިރު, އޭނާއަށް ލިބުނު މަދު ވޯޓު ކޮޅަކީ ވެސް ރައީސް ޔާމީން ވީމަ, މީހުން ދިން ވޯޓު ކަމަށް ބަލަންޖެހެއެވެ. އެހެންކަމުން, ޕީއެންއެފް އިން އެމީހުންގެ މަގުސަދު ހާސިލްކުރި އެވެ.

ޕީޕީއެމްގެ ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަވަނީ. -- ފޮޓޯ: މިހާރު

ނަމަވެސް އަބްދުއްރަހީމް މިކަން މިގޮތަށް ގަބޫލެއް ނުކުރައްވައެވެ. އޭގެ ސަބަބެއް ވެސް އެބަ އޮތެވެ.

"ރައީސް ޔާމީން ނެރުއްވި ކެންޑިޑޭޓެއް. އެ ކެންޑިޑޭޓާއި އަޅުގަނޑުމެންގެ ކެންޑިޑޭޓަށް ލިބުނު ވޯޓު އެއް ކޮށްލުމުން ކުރި ލިބޭނަމަ އެ ގޮތަށް ގަބޫލު ކުރެވުނީސް، އެކަމަކު އެ ކަން ހިނގީ އެ ގޮތަކަށް ނޫން،" އަބްދުލްރަހީމް ވިދާޅުވިއެވެ.

މިއީ ތެދެކެވެ. ހުސެއިން ވަހީދާއި އާޒިމާގެ ވޯޓު އެއްކޮށްލުމުން ވެސް އާޒިމަށް ވުރެ ކުރިއެއް ނުހޯދެއެވެ.

ދެން އޮތީ އަނެއް މަންޒަރެވެ. ޑިމޮކްރެޓްސް މި އިންތިހާބަށް ނުކުތް އަމާޒެވެ. އެ ޕާޓީގެ ކެންޑިޑޭޓް ސައިފް މޮޅުވުން ނޫނީ އެމްޑީޕީގެ ކެންޑިޑޭޓް ބަލި ކުރުމެވެ. ސައިފް ކެމްޕެއިންގައި ދެއްކި ވާހަކަތަކުން އޭނާ އެ މަގާމު ބޭނުންވެފައިވާ މިންވަރު ހާމަވެ އެވެ. ހަމައެއާ އެކު, ރައީސް މުއިއްޒަށް އޭނާ ކުރައްވާ ތާއިދު ވެސް ހާމަވެއެވެ. އެމްޑީޕީއަށް އޮތް ނުރުހުން އަދި މާބޮޑަށް ހާމަވެ އެވެ.

މީގެން އެނގެނީ ދެވަނަ އޮޕްޝަނަކަށް ސައިފް ބޭނުންވާނީ އާޒިމާއަށް މޭޔަރުކަން ލިބެން ކަމެވެ.

ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބުގައި ކުރި ކަމަކީ ވެސް އެމްޑީޕީގެ ވޯޓުތަކެއް ބައިކޮށްލުމެވެ. އެއީ ކުރިން އެމްޑީޕީގެ ތެރޭގައި އޮތް ބަޔަކަށްވާއިރު އަދި ޑިމޮކްރެޓްސްއަށް ލިބޭ ވޯޓަކީ އޭގެ ފަހަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވުމުން ލިބޭ ވޯޓަށްވާއިރު, އެކުގައި ތިބި ނަމަ, އެ ހުރިހާ ވޯޓަކީ އެމްޑީޕީގެ ވޯޓެވެ. ނަމަވެސް, މިފަހަރު ޑިމޮކްރެޓްސްއަށް އެމްޑީޕީއަކަށް ގެއްލުމެއް ނުދެވުނެވެ. ވޯޓު ބައިކޮށް އެމްޑީޕީގެ ކެންޑިޑޭޓް ބަލިކޮށްލެވޭ މިންވަރަށް ސައިފަށް ވޯޓެއް ނުހޯދުނެވެ.

އެހެންވެ, މި އިންތިހާބުގައި ޑިމޮކްރެޓްސްއަށް ދެ މޮޅުން ކުރެ އެއް މޮޅު ވެސް ނުލިބުނެވެ.

ސަރުކާރަށް ދެން އޮތީ ޗެލެންޖެއް

ރައްޔިތުންގެ މަޖިލިސް އަންނަ މާޗް މަހު އޮންނައިރު, ކުރިއަށް މިއޮތީ ސަރުކާރަށް ބޮޑު ޗެލެންޖެކެވެ. މަޖިލީހުގެ ބޮޑު ޕަސެންޓެއްގެ ގޮނޑި ހޯދުމަކީ ސަރުކާރު އޮމާންކަމާ އެކު ހިންގުމަށް ރައީސް މުއިއްޒަށް ވަރަށް މުހިންމު ކަމަކަށްވާނެއެވެ.

މޭޔަރުގެ އިންތިހާބުގައި ސަރުކާރުން ހެދި ގޯސްތައް ތަކުރާރު ކުރުމަކީ އެފޯޑް ކުރެވޭނެ ކަމަކަށް ނުވާނެއެވެ. ހަމަ އެއާއެކު އިންތިހާބަށް ޔާމީންގެ ޕީއެންޕީއިން ނެރޭ ކެންޑިޑޭޓުންނާ އެކު ކޮންގްރެސް ޕާޓީއަށް ލިބޭނެ އުނިކަން ކުރިއަލާ މިނަން ޖެހޭނެއެވެ.

އެމްޑީޕީ އާ ރޫހެއް ތެދުވެ, ވަރުގަދަ ކެމްޕެއިނެއް ފަށަން އެ ތިބީ ތައްޔާރަށެވެ. ޑިމޮކްރެޓްސްގެ ކުރިމަގާ މެދު އޮތީ މުޅިން ވެސް ސުވާލެވެ.

ކަވާރ ފޮޓޯ - އާޒިމް, އައިއްކޮ, ސީޕީ: ސޯސަލް / އާޒިމާ: ދައުރު ނިއުސް