ވިސާއު ގާދިރު

ވެރިކަންކުރާ މާލޭގެ މޭޔަރަކު ހޮވަން ބޭއްވި ބައި-އިލެކްޝަންގެ ކެމްޕޭނުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ ރައްޔިތުންނަށް ދެއްވީ މައިގަނޑު އެއް މެސެޖެވެ. ސަރުކާރާ އެއް ފިކުރެއްގައި މަސައްކަތް ކުރާނެ ކެންޑިޑޭޓަކު ހޮވައިދިނުމަށެވެ. ރައީސް ކަމަށް ވަޑައިގެންނެވުމުގެ ކުރިން މާލޭގެ މޭޔަރު ކަމުގައި އެ މަނިކުފާނުގެ އަމިއްލަ ހިތި ތަޖުރިބާއިން ކުރެއްވި އިލްތިމާސެކެވެ.

"މާލޭގެ ތަރައްގީއަށްޓަކައި ރައްޔިތުން އެދިވަޑައިގަންނަވާ އެންމެ މުހިންމު ކަންކަން، ސަރުކާރާއި ގުޅިގެން ރައްޔިތުންނާއި އެކީގައި، ސަރުކާރާއި މެެދުވެރިވާ، ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭ މެދުވެރިއަކަށްވާ، ރައްޔިތުންގެ ފަރާތުން ހުންނަ މޭޔަރަކު ހޮވުމުގައި މާލޭގެ ރައްޔިތުން ސަރުކާރަށް ތާއިދު ކުރައްވައި، ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނާއި ގުޅިގެން ތަންފީޒުކޮށްދޭނެ މޭޔަރު ހޮވާނެ ކަމަށް،" އިންތިހާބުގެ އެއް ދުވަސް ކުރިން ރައީސްގެ ފަރާތްޕުޅުން އާންމު ކުރި ވީޑިއޯ މެސެޖެއްގައި ވިދާޅުވި އެވެ.

އެ މެސެޖުގެ އިތުރުން މުޅި ކެމްޕޭނު ތެރޭގައި ވެސް އެ މަނިކުފާނުގެ ވިސްނުންފުޅު ސާފެވެ. ސަރުކާރާ އިދިކޮޅު ފިކުރެއްގެ ބޭފުޅަކު މޭޔަރު ކަމަށް ގެނައުމަކީ ރައްޔިތުން ނަގާނެ "ރިސްކް"އެކެވެ. ރައީސް މުއިއްޒުގެ ސަރުކާރުން މާލެ ސަރަހައްދަށް އިއުލާނުކޮށްފައިވާ ބިޔަ މަޝްރޫއުތަކަށް ހުރަސްއަޅާނެތީ އެވެ.

އެކަމާ ކަންބޮޑުވެވަޑައިގަންނަވަން ޖާއިޒެވެ. ސަބަބަކީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝަކޫރާ އެންމެ ގާތުން ވާދަކުރައްވާނެ ކަމަށް އޭރު ވެސް ބެލެވުނު މައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް، ކެމްޕޭނު ތެރޭގައި ވެސް ދިމާކުރެއްވީ ރައީސްގެ ރަސްމާލެ އާ އެވެ.

އެމްޑީޕީގެ ވިސްނުމާ އެއްގޮތަށް، އާޒިމް ވެސް ވިދާޅުވެފައިވަނީ ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީ ކުރުމަކީ މި ވަގުތަށް "އޮޕްޝަން"އެއް ނޫން ކަމެވެ. އޭގެ ބަދަލުގައި އެކަމަށް ކަނޑައަޅާފައިވާ އެތައް ބިލިއަން ރުފިޔާއެއް ހަރަދުކުރަންވީ އެމްޑީޕީގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުގައި ހިދުމަތްތައް ގާއިމުކުރާށެވެ.

"މި ވަގުތު އަޅުގަނޑުމެން ކަންތައް ކުރަންވީ ގޮތަކީ ހިއްކާފައި ހުރި ބިންތަކުގައި ފެނާއި ނަރުދަމާ އާއި ކަރަންޓާއި މަގުތަކާއި ހޮސްޕިޓަލާއި މިސްކިތާއި ސްކޫލާ އަޅާފައި އެތަނަށް މީހުންނަށް ދެވޭ ގޮތް ހަދައިދޭންވީ. އެއީ ކުރަންވީ ކަމަކީ. އެއްގޮތަށް ވެސް އަނެއްކާ އަނެެއް 30 އަހަރު މިތަނުގައި މީހުން ގަނަތަޅުވަން ބައިތިއްބަން ވީ ކީ ނޫން،" ކެމްޕޭނު ތެރޭގައި އާޒިމް ވިދާޅުވެފައިވެ އެވެ.

"ސީދާ ގަނަތަޅުވާ ސިޔާސަތެއްގެ ދަށުން އެ ބޭފުޅުން [ސަރުކާރުން] ކަންތައް ކުރަން އެ އުޅެނީ."

ރައީސްގެ އިލްތިމާސް އަޑެއްނީވުނު!

ކޮންމެއަކަސް ރައީސްގެ ކަންބޮޑުވުންތައް މާލޭގެ ރައްޔިތުން ހިއްސާނުކުރާ ކަން ހޮނިހިރު ދުވަހު އެ ވަނީ ހާމަވެގެން ގޮސްފައި އެވެ. ކިރިޔާ 30 ޕަސަންޓު މީހުން ވޯޓުލާން ނުކުތަސް، ތާއީދުގެ ބޮޑު އަޣުލަބިއްޔަތެއް އާޒިމަށް ދީ، މާލޭގެ މޭޔަރަކަށް އޭނާ ވަނީ ހޮވާފަ އެވެ.

މޭޔަރުކަން ލިބިވަޑައިގެންނެވުމާ އެކު، އާޒިމް ވަނީ ރަސްމާލެއާ ދެކޮޅަށް ޒާތަކަށް ހަނގުރާމަ އިއުލާނުކުރައްވައިފަ އެވެ.

"ފުށިދިއްގަރު ފަޅު ހިއްކުމަކީ ބޭނުމެއް ކަމެއް ނޫން. ބްރިޖެއް ހުރަސްކޮށް މާލެ މީހުންނަށް ދެވެން ޖެހޭނެ، ކަނޑެއް ހުރަސްކޮށްގެން ދާކަށް ނުޖެހޭނެ. ރަސްމާލެ ހިއްކަންދާ ލާރިއަކީ އިސްރާފެއް. މިހާރު ހިއްކާފައިވާ ތަންތަން ތަރައްގީ ކުރުން މާ މުހިންމު،" ހޮނިހިރު ދުވަހުގެ ރޭ އޭނާ ވިދާޅުވެފައިވެ އެވެ.

މިއާ އެކު، މާލެ ސިޓީ ކައުންސިލްގެ ތެރެއިން ހާއްސަކޮށް ރަސްމާލެ މަޝްރޫއާ އިދިކޮޅަށް ވާންވާނެ ކަމީ ހަގީގަތެވެ. އެކަމަކު އެ މަޝްރޫއުއަކީ ފެށުމެއް ކަން ރައީސަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ.

އިންތިހާބުގެ ކުރިން އެ މަނިކުފާނުގެ މޭޔަރު ކަމުގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް އާބަންކޯއިން އަތުލައި ސިޓީ ކައުންސިލަށް ވަނީ ބަދަލުކުރައްވައިފަ އެވެ. މިދިޔަ ހަފްތާގައި ޗައިނާއަށް ވަޑައިގެން ހޯއްދެވި ހިލޭ އެހީގެ ބޮޑު ބައެއް މާލޭގެ މަގުތައް ހެދުމުގެ ޕްލޭނަށް ހާއްސަކުރަން ވަނީ ނިންމަވައިފަ އެވެ. ވެހިކަލް މަދުކުރުމާއި، ޕާކިން ބިލްޑިންތަކާއި ޕާކުތައް އެޅުން ފަދަ ގިނަ ޕްލޭންތައް ވެސް އެބަހުއްޓެވެ.

މީގެ ގިނަ މަޝްރޫއުތަކަށް މޭޔަރުގެ އެއްބާރުލުން ލިބުން ނާދިރެވެ. ސަބަބަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން، މި ޕްލޭންތަކަކީ ސިޓީ ކައުންސިލުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެހެންކަމުން އާޒިމްގެ ވެސް އަމިއްލަ ޕްލޭންތަކެއް ގެންގުޅުއްވަ އެވެ.

އޭރު އެމްޑީޕީގެ ސަރުކާރުގައި މާލޭގެ މޭޔަރަކަށް ރައީސް މުއިއްޒު ހުންނެވި އިރު ވެސް ދިމާވީ ހަމަ މި މައްސަލަ އެވެ. ރާއްޖެ ލާމަރުކަޒުކުރުމުގެ ތާޖު އަޅައިގެން އޮތް އެމްޑީޕީއަށް ވެސް މާލޭގެ ގިނަ ކަންކަން އޭރުގެ މޭޔަރުގެ ވިސްނުމާ އެއްގޮތް ނުކުރެވުނެވެ. އެކި ބަހަނާތަކުގެ ނިވަލުގައި މާލޭގެ ގިނަ ބިންތަކާއި، މަގު ހެދުމާއި، ހިދުމަތްތައް މައި ސަރުކާރުގެ މުށު ތެރެއިން ދޫކުރާނެ ހިތްވަރެއް ނުނެރެވުނެވެ.

އޭރު ސިޓީ ކައުންސިލަށް ބާރުތައް ނުލިބިގެން އެންމެ ބޮޑަށް ޝަކުވާ ކުރެއްވި ރައީސް މުއިއްޒު ވެސް އެ ހުންނެވީ އެ އަނގޮޅީގަ އެވެ. މާލެ ތަރައްގީކުރުމަށް އެ މަނިކުފާނުގެ ޕްލޭން ފެޔަށް ޖައްސާލައްވައި، މިހާރުގެ މޭޔަރަށް ފުރިހަމަ ބާރުވެރިކަން ދެއްވުމަށް އޮތް އިމްތިހާނެވެ.