ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ގައުމިއްޔަތު ކުރިއެރުވުމެވެ. ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ދިފާއު ކުރުމެވެ. އެކަމުގެ އެންމެ ބޮޑު ކަމެއްގެ ގޮތުގައި އޮތީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމެވެ. އެއީ ރާއްޖޭގެ ގައުމިއްޔަތުގެ ދިފާއުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. 

އެ މަސައްކަތް ވެސް ފަށާފައިވާއިރު މިއާ އެކު ރައްޔިތުން އުފުލަން ޖެހޭ ކަންކަމަކީ ރާއްޖެ, ހަރުކަށި ގައުމިއްޔަތެއްގެ ސިޔާސަތުގެ ދަށަށް ވައްޓާލުން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އިންޑިއާއާ އެކު ގުޅުން ގޯސްވުމުގެ ސަބަބުން އާންމު ރައްޔިތުން ބޭސް ފަރުވާއަށް ދިޔުމާއި ކާޑް ލިބުމާއި އެހެން ވެސް ބައެއް ކަންކަމަށް ދަތިވެގެންދާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖިހާން މަހުމޫދު ވިދާޅުވީ ނުރައްކާތެރި, ހަރުކަށި ގައުމިއްޔަތެއްގެ ސަބަބުން ރައްޔިތުންގެ ފުރާނައަށް ގެއްލުންވެދާނެ ކަންކަމަށް ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ކަމަށެވެ. 

މިއީ ވަރަށް ނުރައްކާތެރިކަމެއް. ހަރުކަށި, ނުރައްކާތެރި ގައުމިއްޔަތެއް ގެންގުޅުމުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބިފައިވާ ރައްކާތެރިކަން ގެއްލޭ މައްސަލައެއް މިއީ,

ޖިހާން ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވީ ގއ. ވިލިނގިލީގައި ހާލުބޮޑުވި މުހައްމަދު ޖާހު ހާލިދު މާލެ ނުގެނެސް ލަސްވުމާ އެކު އޭނާގެ ހާލު ވަރަށް ބޮޑަށް ދެރަވެ, މާލޭގައި ގެނެސް ފަރުވާދެމުންދަނިކޮށް ނިޔާވި މައްސަލައާ ގުޅިގެންނެވެ. މި މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާއިރު ކުއްޖާ މާލެ ގެނައުމަށް އިންޑިއާގެ ވައިގެ އުޅަނދުތައް ބޭނުން ނުކުރި މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ. 

ކުއްޖާ މާލެ ގެންނަން 16 ގަޑިއިރު ހޭދަވިއެވެ. 

ނަމަވެސް, ސަރުކާރުން ބުނަމުން އަންނަނީ މިހާރު ގިނަ މެޑިކަލް ދަތުރުތައް ކުރަނީ މޯލްޑިވިއަން އިން ކަމާއި އެގޮތުގެ މަތިން ވިލިނގިލީ ކުއްޖާ ވީއެންމެ އަވަހަކަށް މާލެ ގެނައުމަށް ވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ. 

އާސަންދަ އިން ދެއްކި ޓައިމްލައިން 

މި މައްސަލާގައި ކަން ހިނގި ގޮތް ކަމަށް ބުނެ އާސަންދަ އިން ވަނީ ޓައިމްލައިނެއް ނެރެފައެވެ. އޭގައިވާ ގޮތުން އިމަޖެންސީ އިވެކުއޭޝަނެއް ހެދުމަށް ވިލިނގިލީ ހޮސްޕިޓަލުން މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު 5:00 ހާއިރު ހުށަހެޅިއެވެ. އެ ރިކުއެސްޓު، 12 މިނެޓުގެ ތެރޭގައި އެޕްރޫކޮށް ފްލައިޓުން ޖާގަ ލިބޭތޯ ބަލަން ހޮސްޕިޓަލުގައި އެދުނެވެ.

އެންމެ އަވަހަށް ޖާގަ ލިބެން އޮތީ ޖެހިގެން އައި ދުވަހުގެ ފަތިހު 5:55 ގައި އެ އަތޮޅު ކޫއްޑޫ އިންނެވެ. އެހެންވެ ވީ އެންމެ އަވަހަކަށް އެ ކުއްޖާ މާލެ ގެނައުމަށް ހަމަ އެ ދުވަހު ފްލައިޓެއް ޗާޓަރު ކުރުމަށް އާސަންދަ އިން އިސް ނެގި އެވެ. ކޫއްޑުއަށް އެ ދުވަހުގެ މެންދުރު 2:55 ހާއިރު ލޭންޑުކޮށް ހަވީރު 4:20 ހާއިރު މާލެއަށް އާދެވޭނެ ކަމަށް މޯލްޑިވިއަން އެއާލައިނުން އެންގި ކަމަށް އާސަންދަ އިން ބުންޏެވެ. 

އެއާއެކު ވިލިނގިލިން ބަލި ކުއްޖާ އެއާޕޯޓަށް ގެންދަން 2:45 އަށް ސީ އެމްބިއުލާންސް ހަމަޖެއްސި އެވެ. ނަމަވެސް ކައްދުއަށް ދާ ޝެޑިއުލް ފްލައިޓެއްގައި ޖާގަ އެބަހުރި ކަމާއި އެ ފްލައިޓު ކޫއްޑުއަށް ޑައިވާޓްކޮށް އެ ކުއްޖާ މެންދުރު 1:50 ހާއިރު މާލެ ގެންދެވޭނެ ކަމަށް ކޫއްޑޫ އެއާޕޯޓުން އެންގި ކަމަށް އާސަންދަ އިން ބުންޏެވެ. އެކަމަކު އެ ޝެޑިއުލް ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި ފަހު ވަގުތު އެ ބޯޓު ޑައިވާޓް ނުކުރެވުނެވެ. 

ނަތީޖާއެއްގެ ގޮތުން އަނެއްކާވެސް ޗާޓަރޑް ފްލައިޓެއް ބާއްވައި، ޖެނުއަރީ 18، 2024 ގައި ކޫއްޑޫ އެއާޕޯޓުން ހުޅުލޭ އެއާޕޯޓަށް ބަލިމީހާ ގެނެވުނީ ހަވީރު 5:15 ގަ އެވެ. އެ ދުވަހުން ފެށިގެން ކުއްޖާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް އިއްޔެ ހެނދުނު 11:00 ހާއިރު އެ ކުއްޖާ ވަނީ ނިޔާވެފަ އެވެ.

މިކަމާ އެކު ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކާ އެކު ޝެޑިއުލް ފްލައިޓުތަކަށް ވުރެ ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމަށް އިސްކަންދޭ ގޮތަށް މޯލްޑިވިއަންގެ އުސޫލު ވަނީ ބަދަލުކޮށްފަ އެވެ. 

އިންޑިއާގެ ޑޯނިއާ އާއި ހެލިކަޕްޓަރު ބޭނުމެއް ނުކުރޭ

ކުއްޖާގެ މަރާ އެކު ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވީ 2021 ވަނަ އަހަރުން ފެށިގެން ތަފާސްހިސާބުތަކަށް ބަލާއިރު ވެސް 93 ޕަސެންޓް ބަލި ހާލަތާ ގުޅޭ ދަތުރުތައް ކޮށްފައިވަނީ މޯލްޑިވިއަން އިން ކަމަށެވެ. އޭގެ ބާކީ އަކީ އިންޑިއާގެ އުޅަނދުތަކުން ކުރި މަދު ދަތުރުތަކެވެ. ނަމަވެސް, މި ސަރުކާރު އައި ފަހުން މިހާތަނަށް އިންޑިއާގެ ޑޯނިއާ އަދި ހެލިކަޕްޓަރުގައި ވެސް ބަލި މީހުން އުފުލާފައެއް ނުވެއެވެ.

މި ސަރުކާރާއި އިންޑިއާއާ ދެމެދު ގުޅުން ގޯސްވެފައިވާއިރު އުޅަނދުތައް ބަލަހައްޓާ އިންޑިއާގެ ސިފައިން ރާއްޖޭން ބޭރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ވައުދާ އެކު އެ މަސައްކަތް ފަށާފައިވާއިރު ރައީސް ވަނީ ބަލި މީހުން އުފުލުމުގައި ވެސް އިންޑިއާއަށް ބަރޯސާވުން ހުއްޓާލަން މަސައްކަތް ފައްޓަވާފަ އެވެ.

އެގޮތުން އަންނަ މާޗް މަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓެއް އެއާ އެމްބިއުލާންސްއަކަށް ބަދަލުކޮށް އެ ހިދުމަތް ފެށުމަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް, އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށެންދެން އަމަލުކުރާ ގޮތެއް ސާފެއް ނޫނެވެ. ޑޯނިއާ ފަދަ އުޅަނދެއް ރާއްޖޭގައި އޮވެ, އެ އުޅަނދުގެ ބޭނުން ނުހިފައި އޮތުމަކީ ބައެއް މަޖިލިސް މެންބަރުން ވިދާޅުވި ގޮތުގައި އިހުމާލެކެވެ. 

މޯލްޑިވިއަން އިން ޖާގަ ހޯދުމަކީ ފަސޭހަކަމެއް ނޫން 

މެޑިކަލް އެމެޖެންސީއެއް ދިމާވިޔަސް, ކުރިއަލާ ޓިކެޓް ނަގައި ފްލައިޓްތައް ފުލްކޮށް ހުންނަ މޯލްޑިވިއަން އިން ޖާގަ ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. ސްޓްރޯކް ފަދަ އަވަސް ފަރުވާދޭން ޖެހޭ ހާލަތުގައި ވެސް އެތައް އިރަކު ބަލި މީހާއަށް ޖާގަ ނުލިބި ތިބެންޖެހެއެވެ. 

މިފަހުން ވެސް ދިމާވި ކަމެއް މިސާލެއްގެ ގޮތުގައި ހިމަނާނަމެވެ. ހަނިމާދޫގެ މީހަކަށް ސްޓްރޯކެއް ޖެހިގެން ކުޅުދުއްފުށިން މާލެ ގެނައުމަށް, ގާތްގަނޑަކަށް 24 ގަޑިއިރު ހޭދަކުރަންޖެހުނެވެ. ކުއްލި ގޮތަކަށް އޮޕަރޭޝަން ކުރަން ޖެހުނު އަންހެނަކު މާލެ ގެންނަން 24 ގަޑިއިރަށްވުރެ ގިނަ އިރު ހޭދަކުރަން ޖެހުނެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުން މޯލްޑިވިއަން އިން ޖާގައެއް ހޯދަން އުޅުނު ހާލު ދައްޗެވެ. ކުޅުދުއްފުށީ ފްލައިޓަކުން ޖާގަ ނުލިބިގެން ހަނިމާދޫ ފްލައިޓަކުން ޖާގަ ހޯދަން އެ އެއާޕޯޓަށް ގުޅައި ގުޅައި ފޯނު ވެސް ނުނެގިއެވެ. 

މީގެކުރިން ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޑޮކްޓަރުން ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ބަލި މީހަކު އޮވެމެ, އެންމެ އިސްކަން ދޭން ޖެހޭނީ އެކަމަށް ކަމަށް ބުނެ ޑޮކްޓަރުން ވާހަކަ ދައްކާފައިވެއެވެ. ނަމަވެސް, މޯލްޑިވިއަން އިން އަމަލު ކުރަމުން ދިޔައީ އެ އުސޫލަކުން ނޫނެވެ. 

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މޯލްޑިވިއަންގެ އުސޫލަށް ބަދަލުގެނެވި، އިމަޖެންސީ ކޭސްއެއް އަތުވެޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަރޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލަކުން އިމަރޖެންސީ ކޭސް އެއްގެ މައުލޫމާތު ލިބުމާ އެކު މޯލްޑިވިއަންގެ އެންމެ އިސްކަމަކަށް ވާނީ، އިމަރޖެންސީގައި އުފުލަންޖެހޭ ފަރާތް އުފުލުން ކަމަށް އޭނާ ވިދާޅުވިއެވެ. 

"ސަރުކާރުން ގޮތުގައި ހިފެހެއްޓުމުން ރައްޔިތުންނަށް ގެއްލުންވާ ނަމަ, އެއީ މައްސަލައެއް" 

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ ވިލިނގިލީ ކުއްޖާގެ މައްސަލަ ހިނގައިދިޔަ ގޮތް ބަލައި އިންކްއަރީއެއް ހަދަން ނިންމައިފަ އެވެ. އަދި ސަރުކާރުގެ މިނިސްޓަރުން އެ ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީކުރުވަން ވެސް ވަނީ ނިންމައިފަ އެވެ. 

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވީ ބަލި މީހުން މާލެ ނުގެނެވި ލަސްވުމަކީ އިއްޔެ އެކަނި ހިނގި ކަމެއް ނޫން ކަމަށާއި އެއީ ކުރިން ވެސް ހިނގަފައިވާ ކަންކަން ކަމަށެވެ. ނަމަވެސް, އިއްޔެ ހިނގި ހާދިސާގައި ސަރުކާރުގެ ވަރަށް ބޮޑު އިހުމާލެއް އެބަ އޮތް ކަމަށެވެ. 

"ސަރުކާރެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ދިވެހި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން. އެއީ އެންމެ މުހިންމު ވާޖިބު. ވިލިނގިލީގައި އެ ކުއްޖާ އަވަހަށް ގެންދިޔުމަށްޓަކައި ރައްޔިތުން އިހްތިޖާޖު ކުރި މިންވަރު ފެންނާނެ, ރައްޔިތުންނަށް އެ ކުއްޖާގެ ކޮންޑިޝަން ސީރިއަސް ކަމަށް ގަބޫލު ކުރެވޭތީ މުޅި ރައްޔިތުން ނުކުމެ އިހްތިޖާޖު ކުރަމުން ދިޔައީ. އަވަސްކޮށްދޭށޭ. އެ ކުއްޖާގެ ފުރާނަ ސަލާމަތް ކުރަން އެންމެ ސިކުންތަކީ ވެސް މުހިންމު އެއްޗެކޭ," ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ މިހާ ސީރިއަސް ކޭސްއެއްގައި މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއް ހޯދަން ވަގުތު ނަގާ ކަމަށްވާ ނަމަ, އަސްކަރީ އުޅަނދު ބޭނުން ކުރުމަކީ މީގެކުރިން ވެސް އަމަލު ކުރި ގޮތް ކަމަށެވެ. ނަމަވެސް, ވިލިނގިލިން ކުއްޖާ މާލެ ގެނައުމަށް ޑޯނިއާ ނުވަތަ ހެލިކަޕްޓަރުގެ ބޭނުން ހިފަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

ފްލައިޓްގައި މައްސަލަ ޖެހި ކޫއްޑޫއަށް ނުދެވި, ކައްދޫގައި ފްލައިޓް މަޑުކުރަން ޖެހުނު އިރު ވެސް, ކައްދޫގައި އޮތް ހެލިކަޕްޓަރުގެ ބޭނުން ހިފަން ވެސް މަސައްކަތެއް ކޮށްފައެއް ނެތެވެ. 

"އެ ވަސީލަތް ލިބެން ހުރެމެ އޭގެ ބޭނުން ނުހިފި. އެ ނުހިފި ސަބަބަކީ އިންޑިއާގެ އުޅަނދަކަށްވާތީ, އެ ބޭނުން ނުހިފަން މި ސަރުކާރުން ނިންމީ, އިންޑިއާ އާއި ރާއްޖެއާ ހަނގުރާމައެއްގެ ހާލަތުގައެއް ނޫން އޮތީ, އިންޑިއާ އާއި ރާއްޖެއާ އަވަށްޓެރިކަމުގެ ގުޅުން ކަނޑާލާފައެއް ނޫން އޮތީ," ސައުދު ވިދާޅުވިއެވެ. 

އަވަސް ފަރުވާއަށް އެ ވަސީލަތުގެ ބޭނުން ހިފެން އޮތްވައި އެކަން ނުކުރުމަކީ ރައްޔިތުންނަށް ކޮންމެ ކަމެއް ވި ނަމަވެސް ވަރިހަމައޭ. ގޮތް ދޫނުކުރުން ސަރުކާރުގެ އިސްވެރިން ތިބި ތިބުމަކީ މި ހާލަތު އަޅުގަނޑުމެންނަށް މި ދިމާވި.

ސައުދު ވިދާޅުވީ އިންޑިއާގެ އުޅަނދުތައް ބޭނުން ނުކުރަން ނިންމަންވާނީ ޓަސްލާފައި ނޫން ކަމަށާއި އޭގެ ބަދަލުގައި އެހެން ގޮތެއް އޮންނަންވާނެ ކަމަށެވެ. އެކަމަކު, މިހާތަނަށް އެފަދަ ވަސީލަތެއް ގާއިމްކޮށްފައި ނުވާ ކަމަށެވެ. 

"ޑޯނިއާ ބޭނުން ނުކުރަން ނިންމާފައިވާ ނަމަ, އެހެން އެސްއޯޕީއެއް އޮންނަން ވާނެ އެ ހާލަތުގައި އަމަލުކުރާނެ. އެއް ކަމެއް ހުއްޓާލާއިރު އެ ހިދުމަތް މެދުނުކެނޑި އޮންނަން ޖެހޭ, އެކަން އޮތް ގޮތް ބަލަން ޖެހޭ," ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު ވިދާޅުވިއެވެ. 

މީގެކުރިން އައްޑޫ ސިޓީން މޫދަށް އެރި އުޅެނިކޮށް ގެއްލުނު ކުއްޖާ ހޯދުމަށް އިންޑިއާގެ އުޅަނދުތައް ބޭނުން ނުކުރުމުން ވެސް ފާޑުކިޔުން އަމާޒުވިއެވެ. މީގެކުރިން އެފަދަ އޮޕަރޭޝަންތަކުގައި ހެލިކަޕްޓަރު ބައިވެރިކުރެއެވެ. 

"މި ފެންނަނީ ވަރަށް ނުރައްކާތެރި ކަމެއް. މި ނުރައްކާތެރި ކަމަކީ ހަރުކަށި ގައުމިއްޔަތެއްގެ ސިޔާސަތު ގެންގުޅުމުގެ ސަބަބުން އާންމު ރައްޔިތުންގެ ފުރާނަ އާއި ގައުމުގެ ރައްކާތެރިކަމާއި ދާހިލީ ގުޅުންތައް ނުރައްކާތެރި ހާލަތަކަށް ގޮސް އަޅުގަނޑުމެންނަށް ލިބިފައިވާ ރައްކާތެރިކަން ގެއްލިގެންދާ ތަން," ޖިހާން ވިދާޅުވިއެވެ.

އިންޑިއާގެ ހިދުމަތަކަށްވީމަ ބޭނުން ނުކުރުމުގެ ސަބަބުން ދެވަނަ ފުރާނަ މިއީ ދިވެހިރާއްޖެ އިން ގެއްލިގެންދާ.

ޖިހާން ވިދާޅުވީ ގައުމިއްޔަތުގެ ނަމުގައި އިންޑިއާއާ އެކު ހަރުކަށި ދާހިލީ އުސޫލެއް ގެންގުޅި, ރުޅިވެރިކަން ދެމެހެއްޓުމަކީ ދިވެހިންނަށް އޭގެ ނުރައްކާ ވަރަށް އަވަހަށް ފެންނާނެ ކަމެއް ކަމަށެވެ. އެއީ ފާރަވެރިވެ އަޑުއުފުލަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.