އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިމަހުގެ ކުރީކޮޅު އިންޑިއާގެ ލަކްޝަދީބަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާ އެކު އޮތް ގުޅުން ހީނަރުވެގެން ދިޔައެވެ. މި ކުޑަ އައިލެންޑް ޗެއިނަށް ޓޫރިސްޓުންގެ ޝައުގުވެރިކަން އިތުރުވެގެން ދިޔަ އެވެ.

ލަކްޝަދީޕަށް މޯދީ ކުރެއްވި ދަތުރުފުޅުގައި ވަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އިއުލާނު ކުރައްވައި، ސްނޯކްލިން އާއި އެ ސަރަހައްދުގެ ގޮނޑުދޮށްތަކުގައި އުފަލުގައި އުޅުއްވާ ފޮޓޯތައް ހިއްސާކުރައްވާފަ އެވެ. އެއާ އެކު ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުން އެމަނިކުފާނާ މެދު އިހާނެތި ކޮށް ވާހަކަ ދެއްކެވުމުން އިންޑިއާގެ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް ގިނަ ބަޔަކު ވަނީ ލަކްޝަދީބަކީ ޓޫރިސްޓުންނަށް ހާއްސަ މަންޒިލެއްގެ އިހްތިޔާރުކަން ނިންމައިފައެވެ. 

އިންޑިއާގެ މީޑިއާތަކުން އެކަން ވަރަށް ބޮޑަށް ޕްރޮމޯޓްކޮށްދިނެވެ. 

ކުއްލިއަކަށް ލަކްޝަދީބަށް ލިބުނު ސަމާލުކަމަށް ސަރަހައްދުގެ ސަރުކާރުގެ އެޑްމިނިސްޓްރޭޓަރު ޕްރަފުލް ޕަޓޭލް ވަނީ އެ މަރުހަބާ ކިޔާފަ އެވެ.

"ލަކްޝަދީބުގެ ގުދުރަތީ ރީތިކަމަކީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ ފުރުސަތުތަކެއް އޮތް ކަމެއް. މި ސަރުކާރުން ވަނީ އިތުރު ކޮޓަރިތައް އިތުރުކުރުން ފަދަ ގިނަ މަސައްކަތްތަކެއް ފަށާފައި،" ނިއުސް އެޖެންސީ ޕީޓީއައިއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.

ޓާޓާ ގުރޫޕުން ވަނީ 2026 ވަނަ އަހަރުގެ ނިޔަލަށް ލަކްޝަދީބުގެ ދެ ރަށެއްގައި "ދުނިޔޭގެ ފެންވަރުގެ" ދެ ރިސޯޓެއް ހުޅުވަން ނިންމާފައިވާ ކަން އިއުލާނުކޮށްފަ އެވެ. (އާކިޕެލަގޯގައި 36 ރަށެއް - މީހުން ދިރިއުޅެނީ އެންމެ 10 ރަށެއް - 32 އަކަ ކިލޯމީޓަރު (12.3 އަކަ މޭލު)). މިހާރު ލަކްޝަދީބަށް ދަތުރުކުރާ ހަމައެކަނި އެއާލައިނުން އިތުރު ދަތުރުތައް ފަށާފައިވާއިރު، އެހެން އެއާލައިނަކުން ވެސް ވަރަށް އަވަހަށް ހިދުމަތް ދޭން ވަނީ ނިންމައިފަ އެވެ.

ނަމަވެސް ތަޖުރިބާކާރުން ބުނަނީ ރީތި ގޮނޑުދޮށްތަކާއި ކްރިސްޓަލް ނޫ ކުލައިގެ ފެނާއި މުރަކަ ޖަޒީރާ ރަށްތަކަށް މަޝްހޫރު ލަކްޝަދީބް އަކީ ރާއްޖެ ފަދަ ބޮޑު ޓޫރިސްޓު މަންޒިލަކަށް ތަރައްގީ ނުކުރެވެނީ އެތަނުގެ ސައިޒު ކުޑަކަމުންނާއި ނާޒުކު އިކޮލޮޖީގެ ސަބަބުން ކަމަށެވެ. 

އަދި ބޭނުންވަނީ ޒިންމާދާރު ޓޫރިޒަމެއް ކަމަށާއި އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ފުނޑުފުނޑުކޮށްލާނެ ބޮޑެތި ތަރައްގީގެ ޕްލޭންތަކެއް ނޫން ކަމަށް ވެސް ލަކްޝަދީބުގެ އާންމުން ދަނީ ބުނަމުންނެވެ.  

"ރައްޔިތުންގެ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ކެޔޮ ހެއްދުން،" ފަތުރުވެރިކަން "ކުރިއަރަމުން އަންނަ ސިނާއަތެއް" ގެ ގޮތުގައި ސިފަކުރާ ސަރުކާރުގެ ވެބްސައިޓެއްގައި ބުނެފައިވެ އެވެ.

އިތުރު ދަތުރުތައް ފެށުމާ ހަމައަށް އެތަނަށް ދަތުރު ކުރެވެން އޮތީ ދެ ގޮތެކެވެ. އެއީ ކެރެލާ ސްޓޭޓްގެ ކޮޗިން އިން އަގައްޓީ އައިލެންޑުގައި ހުންނަ ލަކްޝަދީބުގެ ހަމައެކަނި އެއާޕޯޓަށް ދުވާލެއްގެ މައްޗަށް ދަތުރުކުރާ އެލަޔަންސް އެއާއިން އޮޕަރޭޓްކުރާ 72 މީހުންގެ ޖާގައިގެ މަތިންދާބޯޓަކާއި ކޮންމެ ހަތަރު ދުވަހަކުން އިންޑިއާގެ މެއިންލޭންޑުން އަންނަ އުޅަނދުތަކެވެ.

އަދި ލަކްޝަދީބަށް އެތެރެވެވެނީ ވެސް އެހާ އުނދަގުލުން ސަރުކާރުން ދޫކުރާ ހުއްދަތަކެއް ހޯދައިގެންނެވެ. 

"ޓްރާންސްޕޯޓް، އެކޮމޮޑޭޝަން އަދި ލޭންޑް ބޭސްޑް އިންފްރާސްޓްރަކްޗާ އަކީ [ރަށްތައް ތަރައްގީ ކުރުމަށް] އޮތް ވަރަށް ބޮޑު ހުރަހެއް،" ލަކްޝަދީބުގައި ގާތްގަނޑަކަށް 70،000 މީހުން ތަމްސީލުކުރާ ހަމައެކަނި މެމްބަރު، ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޕީޕީ މުހައްމަދު ފައިޒަލް ވިދާޅުވި އެވެ.

"ބޮޑުވަޒީރު މޯދީ މަޑުކުރެއްވި ރަށެއް ކަމަށްވާ ބަންގަރަމްގައި [ޓޫރިސްޓުންނަށް] ހުރީ އެންމެ 36 ކޮޓަރި،" އޭނާ ވިދާޅުވި އެވެ.

އެހެންވީމާ، އެ ސަރަހައްދުގެ މިހާރުގެ ފަތުރުވެރިކަމުގެ ބޮޑުބައެއް ހިންގަނީ ކްރޫޒްގެ ޒަރިއްޔާއިން ކަމާއި ބަނދަރުކޮށްފައިވާ އުޅަނދުތަކުން ޒިޔާރަތްކުރާ މީހުން ދުވާލުގެ ވަގުތުތަކުގައި ރަށްރަށަށް ޒިޔާރަތްކޮށް، ރޭގަނޑު ހޭދަކުރުމަށް އެނބުރި އުޅަނދަށް ދާ ކަމަށް އޭނާ ވިދާޅުވިއެވެ. 

އެއާ ޚިލާފަށް ރިސޯޓްތަކާއި ހޮޓާތަކާއި ގެސްޓްހައުސްތައް ހިމެނޭ ގޮތަށް ޓޫރިސްޓުންނަށް ތިބެވޭނެ އެތައް ސަތޭކަ އޮޕްޝަނެއް ރާއްޖޭގައި އެބަހުއްޓެވެ.

"ރާއްޖޭގެ ގޮނޑުދޮށްތަކާއި ކަނޑުއަޑީގެ އިތުރުން ވޯޓާ ސްޕޯޓްސް ހަރަކާތްތަކުން ލަކްޝަދީބަށް ހުށަހެޅޭނެ. އެކަމަކު އިންފްރާސްޓްރަކްޗާއަށް ބަލާއިރު ދަތުރުކުރަން އެތައް މަސައްކަތެއް އެބައޮތް،" ފައިޒަލް ވިދާޅުވި އެވެ.

އަދި ތަރައްގީ ގެންނަ ނަމަ، ސަރުކާރާއި ރަށްވެހިންނާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ހައްލު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަކްޝަދީބުގެ އާބާދީގެ 96 އިންސައްތަ އަކީ މުސްލިމުން ކަމަށާއި އެ ރަށުގައި ނުތަނަވަސްކަން އުފެދިފައި ވަނީ މޯދީގެ ހިންދޫ ނޭޝަނަލިސްޓް ބާރަތިޔާ ޖަނަތާ ޕާޓީގެ ކުރީގެ ލީޑަރެއް ކަމަށްވާ ޕަޓޭލް 2021 ވަނަ އަހަރު އެޑްމިނިސްޓްރޭޓަރަކަށް ހަމަޖެއްސުމާ ގުޅިގެންނެވެ.

އޭގެ ފަހުން އޭނާ ވަނީ ސްކޫލް މީލް މެނޫތަކުން މަސް ނައްތާލުމާއި ބިން މިލްކުކުރުމުގެ ބާރުތައް ސަރުކާރަށް ލިބޭ ގޮތަށް ގާނޫނެއްގެ ޑްރާފްޓް ގެނައުމުގެ މަސައްކަތްތައް އިއުލާނު ކުރައްވާފަ އެވެ. އިންޓަވިއުތަކުގައި ޕަޓޭލް ވަނީ އޭނާގެ ސަރުކާރުގެ ސިޔާސަތުތައް ދިފާއުކުރައްވައި، އޭނާގެ ހަމައެކަނި އެޖެންޑާއަކީ "ލަކްޝަދީބުގެ ތަރައްގީ" ކަމަށް ވިދާޅުވެފަ އެވެ.

އަގައްޓީގައި ޓްރެވަލް އެޖެންސީއެއް ހިންގަމުން އަންނަ އަލްތަފް ހުސައިން ބުނި ގޮތުގައި މޯދީގެ ދަތުރުފުޅަށް ފަހު ޓޫރިސްޓުންގެ އިންކުއަރީތައް 30-40 ޕަސެންޓާ ދެމެދުގެ އަދަދަކަށް ވަނީ އިތުރުވެފަ އެވެ.

އަދި ކުރިއަށް އޮތްތަނުގައި އަގައްޓީގައި އަމިއްލަ ރިސޯޓެއް ގާއިމުކުރުމުގެ އުއްމީދުގައި ހުރިހުސައިން ބުނި ގޮތުގައި ފުރުސަތުތައް ލިބެން ޖެހޭނީ ހަމައެކަނި ބޮޑެތި ވިޔަފާރިތަކަށް ނޫން ކަމަށެވެ.

"މި ޕްރޮޖެކްޓްތައް އަންނައިރު އަޅުގަނޑުމެންނަށް ކުދި ކުދި ވަޒީފާތައް ލިބިދާނެ، އެކަމަކު އެއީ އަޅުގަނޑުމެން އެދޭ ކަމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ މި ޕްރޮޖެކްޓްތަކުގެ މިލްކުވެރިކަން އޮންނަން، ހަމައެކަނި ލޭބަރ ކޮންޓްރިބިއުޓް ކުރާކަށް ނޫން،" އޭނާ ބުންޏެވެ. 

ތަޖުރިބާކާރުން ބުނަނީ ލަކްޝަދީބުގެ ކޮންމެ ތަރައްގީއަކަށް ވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ބިރާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުވަން ޖެހޭނެ ކަމަށެވެ. 

"ލަކްޝަދީބުގެ ރަށްތަކުގެ ދިގު މުއްދަތުގެ ހަމަޖެހުން ބިނާވެފައި އޮންނަނީ މުރަކަ ފަރުތަކާއި ފަޅުތަކާއި ގޮނޑުދޮށްތަކުގެ ތިމާވެށީގެ ނަޒާހަތްތެރިކަމުގެ މައްޗަށް،" 1996 ވަނަ އަހަރުން ފެށިގެން އެ ރަށްތައް ދިރާސާތައް ކުރާ މެރިން ބަޔޮލޮޖިސްޓް އަދި ކޮރަލް ރީފް އިކޮލޮޖިސްޓް ރޯހަން އާތުރް ބުންޏެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކަށް ރިއާޔަތް ނުކޮށް ކުރެވޭ ޕްލޭންތަކާ އެކު ތަރައްގީ ކުރުމަކީ ލަކްޝަދީބުގައި ދިރިއުޅުމުގެ ދަތިކަން އިތުރުވާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ. 

އެހެންވީމާ، މިތަނުގައި ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރާނީ ކިހިނެއް

ލަގްޒަރީ ޓުއަރިޒަމްގެ ބަދަލުގައި އަދި ކާބަން ފުޓްޕްރިންޓް އިންތިހާއަށް މައްޗަށް ދިއުމުގެ ބަދަލުގައި، އެ ރަށްރަކަށް ބޭނުން ވަނީ އެމީހުންގެ ޒަމާންވީ ދިރިއުޅުމުގެ ވައްޓަފާޅި އާއި ގުދުރަތީ ވެށި ހަލާކުވެގެން ނުދާނެ ފަދަ ޓޫރިޒަމެއް ކަމަށް އެމީހުން ބުނެ އެވެ. 

ރަށްރަކަށް ހަދާފައި އޮތް އިންޓަގްރޭޓެޑް އައިލެންޑް މެނޭޖްމަންޓް ޕްލޭންގައި ލަފާދީފައި ވަނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމާއި ފަޅުތަކާއި މުރަކަތަކާއި އެހެނިހެން ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތްތައް ކުރުމާއި ޑްރެޖިން އާއި ވެލި ނެގުން މަނާކުރުމާއި މީހުން ދިރިނޫޅޭ ރަށްރަށުގައި އެކަނި ފަތުރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށެވެ.

އަދި ޓޫރިސްޓުން ވެސް ޒިޔާރަތް ކުރަން ޖެހޭނީ އެ ތަނުގެ ވައްޓަފާޅިއަށް އިހްތިރާމްކޮށްގެންނެވެ. 

"ޓޫރިސްޓުންނަށް ރަށުގެ ދިރިއުޅުމުގައި ބައިވެރިވާން ލިބުމުން ލޯކަލް އިގްތިސާދު އިތުރުވެ ރަނގަޅު ޓޫރިޒަމެއް ގެނެވިދާނެ،" އޭނާ ވިދާޅުވި އެވެ.