"އަޅުގަނޑުމެންނަކީ ތަފާތު ހިޔާލާއި ތަފާތު ފިކުރުގެ ދެ ބައެއް. އެކަމަކު އަޅުގަނޑުމެންނަށް މިހާތަނަށް އައިއިރު އެއްބަސްވެވޭ އެއް ކަމެއް އެބައޮތް. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުކުރުން." 

މިއީ "ތެލާއި ފެން" ހާ ތަފާތު ޕީޕީއެމް/ޕީއެންސީ އާއި ޑިމޮކްރެޓްސް އެކުވެ ގުޅިގެން މަސައްކަތް ކުރުމަށް މިދިޔަ ޖުލައި މަހު ފެށި މަޝްވަރާ ބައްދަލުވުންތަކުގައި ދެ ޕާޓީގެ އިސްވެރިން ތަކުރާރުކޮށް ވިދާޅުވާ ވާހަކައެވެ. 

ޕީޕީއެމް/ޕީއެންސީ އާއި ޑިމޮކްރެޓްސް އެ މަޝްވަރާތައް ފެށިއިރު ވެސް އެއީ އެއް ނުވާނެ ދެ ފިކުރު ކަމަށް ގިނަ ބަޔަކު އައީ ބުނަމުންނެވެ. ވަކިން ހާއްސަކޮށް ދެ ޕާޓީ ގުޅިގެން ސަރުކާރެއް ވެސް އެކުލަވާލެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް އެ ޕާޓީގެ ތެރޭގައި ތިއްބެވި އެތައް ބަޔަކު ވެސް ބުންޏެވެ. 

ސަބަބަކީ ގައުމު ތަރައްގީ ކުރަން ޖެހޭ ގޮތާއި ހާރިޖީ ސިޔާސަތުން ފެށިގެން ރައްޔިތުންނާ ގުޅޭ ކުދިކުދި ކަންކަމުގައި ވެސް ދެ ޕާޓީގެ ވިސްނުން ތަފާތެވެ. މާޒީގައި ދެ ޕާޓީން އެއް ބަޔަކު އަނެއް ބަޔަކަށް ކޮށްފައި ހުރީ އަނބުރާ ގެނެވޭނެ ވަރުގެ ތުހުމަތު ތަކެއް ނޫނެވެ.

މިއަދު އެ ދެ ޕާޓީ އަށް އެއް ގަލަކަށް އެރެވޭ ހަމައެކަނި ހާލަތު ނިމުމަކަށް އައިސްފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމިއްޖެ އެވެ. މިއަދު ވެރިކަމުގައި އޮތީ ޕީޕިއެމް/ޕީއެންސީގެ ސަރުކާރެކެވެ. ނަމަވެސް އޭގައި ޑިމޮކްރެޓްސްގެ ބައިވެރިވުމެއް ނެތެވެ. ގިނަ ބަޔަކު ގަބޫލު ކުރި ގޮތަށް ދެ ޕާޓީއަކަށް އެކެއް ނުވެވުނެވެ.

ޑިމޮކްރެޓްސް މިއަދު އޮތީ ސަރުކާރުގައެއް ނޫނެވެ. އަދި އިދިކޮޅު ޕާޓީއެއް ގޮތުގައެއް ވެސް ނޫނެވެ. ސަރުކާރާއި އިދިކޮޅަށް ވެސް ނުވާ ފަދަ ގޮތަކަށް ފާޑަކަށް ދެފެން ދޭތެރޭގަ އެވެ. އެކަމަކު އާ ސިޔާސީ ޕާޓީއަކަށް އެއީ މާ ގިނަ ދުވަހު އޮންނަން ރަނގަޅު ހާލަތެއް ނޫނެވެ. ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އިންތިހާބެއް ބޯމަތީ އޮއްވާ އެއްވެސް މިސްރާބެއް ނެތް ނަމަ ޑިމޮކްރެޓްސް އަށް ބޮޑު ނާކާމިޔާބީއެއް ލިބި ޕާޓީ ކަފުން ވާނެއެވެ.

މަޖިލިސް އިންތިހާބު: ޑިމޮކްރެޓްސް-އެމްޑީޕީ ގުޅުން!

ޕީޕީއެމް/ޕީއެންސީ އާ ހިލާފަށް ޑިމޮކްރެޓްސް އާއި އެމްޑީޕީ އަކީ ތެލާއި ފެނެއް ނޫނެވެ. ދެ ނަން ކިޔަސް އެއީ އެއް ފިކުރެއްގައި އެއް ސިޔާސަތަކެއް ގެންގުޅޭ އަދި އެއްގޮތަކަށް ކެމްޕެއިން ކުރާ އެއް ބައެކެވެ. މާސިންގާ ބޮޑު ޕާޓީއެއް ގޮތުގައި އޮތް އެމްޑީޕީ ރޫޅި ދަ ޑިމޮކްރެޓްސް އުފަންވާން މެދުވެރިވީ އެއްބައެއްގެ ތެރޭގައި ޖެހުނު ސިޔާސީ މައްސަލައަކުންނެވެ.

އެއީ ޑިމޮކްރެޓްސްގެ ބައެއް މެންބަރުން ވިދާޅުވާ ގޮތުން ނަމަ "ކުރިން އެއްބަސްވި ގޮތަށް" ވެރިކަމުގެ މެދު ތެރެއިން އަލުން އިންތިހާބެއް ބާއްވައި ރައީސް މުހައްމަދު ނަޝީދަށް ވެރިކަން ހަވާލު ނުކުރި މައްސަލަ އެވެ. ރައީސް ނަޝީދަށް ބޮޑުވަޒީރު ކަން ލިބޭ ގޮތަށް ބަރުލަމާނީ ނިޒާމެއް ރާއްޖެ އަށް ގެންނަން ވައުދުވުމަށް ފަހު ވެސް އެ ފުރުސަތު ނުދިނުމެވެ. އެތެރޭގެ ހުރިހާ އިންތިހާބަކާއި އަދި އެންމެ ފަހުން ރިޔާސީ ޕްރައިމަރީގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަ ކުރައްވައިގެން ރައީސް ނަޝީދަށް ލިބިވަޑައިގަތް ނާކާމިޔާބީ އެވެ.

އެހެން ނަމަވެސް މިއަދު އެ ހާލަތެއް ނެތެވެ. ޑިމޮކްރެޓްސް އާއި އެމްޑީޕީގެ ކުރިމަތީގައި ވެސް އޮތީ އެންމެ މައްސަލައެކެވެ. އެއީ އާންމު ގޮތެއްގައި ކޮންމެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި ވެސް ސަރުކާރު އޮތް ޕާޓީއިން ގިނަ އަދަދެއްގެ ގޮނޑި ކާމިޔާބު ކުރާ މައްސަލައެވެ. އެއީ އެމްޑީޕީ އަށް ވެސް އަދި ޑިމޮކްރެޓްސް އަށް ވެސް އޮތް ބޮޑު ގެއްލުމެކެވެ. އަދި ދެ ޕާޓީ އެއް ވެއްޖެ ނަމަ ގެއްލުން ވަރަށް ބޮޑަށް ކުރެވިދާނެ އެވެ.

ދެ ޕާޓީ ގުޅިގެން މަސައްކަތް ކޮށްފާނެ ކަމުގެ އިޝާރާތެއް އެންމެ ފުރަތަމަ ވީވެސް މަޖިލިސް ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލު ކުރަން އުޅޭ ވާހަކައާއެކު އެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ބައެއް މެންބަރުން މާލެ ކައިރި ރިސޯޓެއްގައި ބައްދަލު ކުރައްވައި ބައެއް ކަންކަމަށް އެއްބަސްވެ ދެ ޕާޓީ ގުޅިގެން މަޖިލީހުގެ ގަވައިދު ވެސް ބަދަލު ކުރި އެވެ. ނަމަވެސް އެމްޑީޕީގެ ގިނަ މެންބަރުން ސަރުކާރު ފަޅިއަށް އެރުމާއެކު އެ ކަން ނާކާމިޔާބުވި އެވެ.

އޭގެ ފަހުން ދެން ފެނުނީ މަޖިލިސް ކުރިމަތީ ހުންނަ ކޮންގްސް ކޯނަރ ރެސްޓޯރަންޓުގައި ދެ ޕާޓީގެ އިސްވެރިން އެއް މޭޒަކަށް އަރައި މަޝްވަރާ ކުރާ ފޮޓޯއެއް ސޯޝަލް މިޑިއާއަށް ދޫކޮށްލި ތަނެވެ. އެ މަޝްވަރާތަކުގައި ދެއްކި ވާހަކަތަކެއް އޭރު ހާމައެއް ނުކުރެ އެވެ.

އެހެން ނަމަވެސް މިއަދު ހަވީރު 4:00 ގައި ދެ ޕާޓީގެ މެންބަރުން އެއް މޭޒެއްގައި ނޫސްވެރިންނާ ބައްދަލު ކުރާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކާ ބެހޭ ތަފްސީލްތައް ހާމަ ކުރާނެ އެވެ.

އެމްޑީޕީ-ޑިމޮކްރެޓްސްގެ އިންޑިއާ ފެކްޓަރ

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނާ މެދު ދަ ޑިމޮކްރެޓްސްގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް އެއް މައްސަލައަކީ ހާރިޖީ ސިޔާސަތެވެ.

ދެ ޕާޓީ ގުޅިގެން މަޝްވަރާ ދުވަސްވަރު ކަނޑު ގެއްލުނު މައްސަލާގައި ވެސް ހިޔާލު ތަފާތުވާ ހިސާބަކީ އެއީ އެވެ. އެއް ޕްރެސްއެއްގައި އެކުގައި ތިއްބަވައިގެން ޕީޕީއެމް/ޕީއެންސީގެ މެންބަރުން ވިދާޅުވަނީ އޭގެ ފަހަތުގައި އޮތީ އިންޑިއާ އެވެ. އަދި ޑިމޮކްރެޓްސްގެ މެންބަރުން އެކަން ގަބޫލު ނުކުރާނެ ކަަމަށް ވިދާޅުވެ އެވެ.

އެމްޑީޕީ އަދި ޑިމޮކްރެޓްސް އަކީ ވެސް ޕްރޯ އިންޑިއާ ސްޓޭންޑެއް ހިފަހައްޓާ ދެ ޕާޓީ އެވެ. ޕީޕީއެމް/ޕީއެންސީ ބޮޑަށް ބުރަ ވަނީ ޗައިނާ ފަޅިއަށެވެ. މީގެ ކުރިން ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުން ވެސް ޗައިނާ ފަޅިއަށް ބުރަވާން ފެށުމުން އިންޑިއާ ކަނޑުގެ މަސްލަހަތަށް ރާއްޖެ ވިސްނަން ޖެހޭ ކަމަށް ބުނެ ޗައިނާ އާ ދެކޮޅު ބޮޑު ކެމްޕެއިނެއް ކުރި އެވެ. ރާއްޖެ ޗައިނާގެ ދަރަނި މަޅީގައި ޖެހޭނެ ކަމާއި އެތައް ވާހަކަތަކެއް ދެއްކި އެވެ.

މި ސަރުކާރު އަދި މިހާތަނަށް ދައްކާ މަންޒަރުތަކުން އޭރަށް ވުރެ ބޮޑަށް ޗައިނާ ފަޅިއަށް ބުރަވެއްޖެ އެވެ. އަދި ސީދާ އިންޑިއާ އާ ދެކޮޅަށް އެއްޗެހި ބުނެ ދެ ގައުމުގެ ދެމެދު ވަރަށް ބޮޑަށް މައްސަލަ ޖެހިއްޖެ އެވެ. އިންޑިއާ ނޫން ގޮތެއް ހޯދަން ސަރުކާރުން ސިޔާސަތުތަކެއް ވެސް ހަދައިފި އެވެ. އަދި އިންޑިއާ ސިފައިން ބޭރު ކުރުމާއި ޗައިނާގެ އުޅަނދަކަށް ހުއްދަ ދިނުން ފަދަ ހުރިހާ ކަމެއް އެބަކުރެ އެވެ.

މިއީ ޑިމޮކްރެޓްސް ވެސް އެމްޑީޕީ ވެސް މަޑުން ތިބޭނެ ކަމެއް ނޫނެވެ. އިންޑިއާ އިން ވެސް ބޭނުންވާ ގޮތަށް އެތެރޭގެ ފިއްތުންތައް ދެ ޕާޓީ ގުޅިގެން ވެސް ސަރުކާރަށް ކުރުވާނެ އެވެ. އަދި މި ސަރުކާރުގެ އެ ސިޔާސަތު އެއްގޮތަކަށް ވެސް ބަލައިނުގަންނާނެ އެވެ.

ރިޔާސީ އިންތިހާބު ތެރޭގައި އަދި އޭގެ ކުރިން ވެސް އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއް ކުރަން ރާއްޖޭގައި ތިއްބެވި އިންޑިއާގެ ޑިޕްލޮމެޓުން ވަރަށް މަސައްކަތް ކުރި ކަމަށްވެ އެވެ.

އޭގެ އިތުރުން ވެސް ގައުމު ތަރައްގީ ކުރުމުގައި އެއްފަސް ކުރުން ފަދަ ސިޔާސަތުތަކަކީ ދަ ޑިމޮކްރެޓްސް ވެސް އެމްޑީޕީއާއެކު އިދިކޮޅަށް ބުރަވާނެ ވަރަށް ބޮޑު ސަބަބެކެވެ.

އެހެންވެ ކުރިޔަށް އޮތް ތަނުގައި އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލު ކުރުމަކީ ޕީޕީއެމް/ޕީއެންސީ އަށް އެއް ގަލަކަށް އެރޭ ހަމައެކަނި ކަމެވެ. ކުރިޔަށް އޮތްތަނުގައި އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއް ގަލަކަށް އަރައި އެކުވާނެ ސަބަބަކީ ވެސް ރައީސް މުއިއްޒުގެ މި ވެރިކަން ބަދަލު ކުރުން ކަމަށްވުން ވަރަށް ގާތެވެ.