ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން ފެއްޓެބީ އެމަނިކުފާނު ވެވަޑައިގަތް އެންމެ ބޮޑު އަދި އެންމެ މުހިންމު ވައުދުފުޅުގެ ވާހަކައިންނެވެ. ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތް ކޮށްދިނުމަށް މިދިޔަ ދެ މަސް ތެރޭގައި ކުރެއްވި ބައެއް މަސައްކަތްތަކަށް އެމަނިކުފާނު އަލިއަޅުވާލެއްވި އެވެ.
ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭރު ކުރުމަކީ ރައީސްގެ އެންމެ މުހިންމު އެއް ވައުދުފުޅެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މަސައްކަތް ޑިޕްލޮމެޓިކް އުސޫލުން މިހާރު ވަނީ ފަށައިފަ އެވެ.
މިދިޔަ ދުވަސްތަކުގައި އިންޑިއާ އާއެކު ކުރި މަޝްވަރާތަކުން ނެރެވުނު ނަތީޖާތަކަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ގާއިމްވެ ތިބި ތިން އޭވިއޭޝަން ޕްލެޓްފޯމުތަކުގެ ތެރެއިން އެއް ޕްލެޓްފޯމުގައި ތިބި އިންޑިއާގެ މިލިޓަރީ ފަރާތްތައް 10 މާރިޗު 2024 ގެ ކުރިން އެނބުރި އެ ގައުމަށް ދާނެ އެވެ.
ބާކީ ދެ ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން 10 މޭ 2024 ގެ ކުރިން މިލިޓަރީ ފަރާތްތައް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާނެ ފަދަ ގޮތަކަށް ހަދާފައި ހުރި ހުރިހާ އެއްބަސްވުމެއް ބާތިލް ކުރުމަކީ ވެސް މި ސަރުކާރުގެ ވައުދެކެވެ. ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަނޑު އަޑީގެ ޗާޓުތައް ކުރެހުމަށް ހަދާފައިވާ ހައިޑްރޮގްރަފީ އެއްބަސްވުންތައް ދައުލަތުން އަލުން އާ ނުކުރާނެ ކަން އިންޑިއާ އަށް މިހާރު ވަނީ އަންގައިފަ އެވެ.

"ގައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ މިފަދަ އެއްވެސްކަމެއްގައި އެއްވެސް ފަރާތަކަށް އަޅުގަނޑުމެން މިތިބީ ދޫދޭގޮތަކަށް ނޫން." ރައީސް ވިދާޅުވި އެވެ.
އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ސަރުކާރުން ބާރުމިނުގައި ކުރަމުން އަންނަ ދަނޑިވަޅުގައި މިދިޔަ ހަފްތާގައި އެންމެ ބޮޑަށް ހޫނުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެ ގައުމުގެ ސިފައިން ހުއްދަ ނެތި އަރައި މަސް ދޯނިތަކެއް ހިފަހައްޓައި ބަލާ ފާސް ކުރި މައްސަލަ އެވެ.
އެކަމުގައީ ސީދާ އިންޑިއާގެ ސިފައިން ހަރަކާތްތެރިވެ ދިވެހި މަސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހިފައިވާ މައްސަލަ އޮތީ ބޮޑުވެފަ އެވެ. ރައީސްގެ ވާހަކަފުޅުގައި ނުސީދާ ގޮތެއްގައި އެ މައްސަލަ އަށް ވެސް އިޝާރާތް ކުރެއްވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް އަމިއްލައަށް ސަލާމަތީ ކަންކަން ބެލެހެއްޓޭނެ ގޮތަށް ފެންވަރު އިތުރުކުރަން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގޮތުން އެއްގަމާއި ކަނޑާއި ވައިގެ މަގުން ވެސް ރާއްޖޭގެ ދިފާއީ އަދި އަސްކަރީ ގާބިލްކަން އިތުރު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއްގަމާ، ކަނޑާ، ވައިގެމަގުންވެސް ގައުމު ދިފާއު ކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރަން ޖެހޭ. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަން ފަށައިފިން."
ގައުމުގެ ކަންކަން ހިންގުމުގައި އަޅުގަނޑުމެން ހިފަހައްޓާނެ އެންމެ މައިގަނޑު އުސޫލަކީ، ދިވެހީންނަށާ ދިވެހި ގައުމަށް އިސްކަން ދިނުން ނުވަތަ 'ޕްރޯ މޯލްޑިވްސް' ގެ ސިޔާސަތު
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް މިއަދާ ހަމައަށް ވަރަށް ބޮޑަށް އިންޑިއާ ކޯސްޓްގާޑުގެ އެހީތެރިކަން ހޯދާފައިވާ އިރު ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވި ގޮތުގައި ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރެވިގެންދާނެ އެވެ.
އޭގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ބައިނަލްއަގްވާމީ ހަމަތަކުގެ މަތީން އަލުން އެދި ވަކާލާތު ކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުމުގެ މަސައްކަތް، ތަޖުރިބާކާރުންގެ ޓީމަކުން މިހާރު ވަރަށް ހަލުވިކަމާއެކު ކުރައްވަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ ކަންކަމަކީ ޕްރޯ މޯލްޑިވްސް ސިޔާސަތުގެ ދަށުން ހިނގާ މަސައްކަތްތަކެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ގައުމުގެ ކަންކަން ހިންގުމުގައި އަޅުގަނޑުމެން ހިފަހައްޓާނެ އެންމެ މައިގަނޑު އުސޫލަކީ، ދިވެހީންނަށާ ދިވެހި ގައުމަށް އިސްކަން ދިނުން ނުވަތަ 'ޕްރޯ މޯލްޑިވްސް' ގެ ސިޔާސަތު."
ރައީސް އިތުރަށް ވިދާޅުވި އެވެ;
"ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަސާސަކީ، ދިވެހީންގެ އަމިއްލަވަންތަކަމާ މިނިވަންކަމަށް އިޙްތިރާމްކުރާ، ދިވެހީންނަށް އެހީތެރިކަމާ އެއްބާރުލުންދޭ ކޮންމެ ޤައުމަކާއެކުވެސް ގުޅުން ބަދަހިކޮށް، އެއްބައިވަންތަކަމާއެކު ކުރިއަށް ދިއުން. މިގޮތުގެ މަތިން އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާ، އަދި ރާއްޖޭގެ ވިޔަފާރިއާ ތަރައްޤީގެ ބައިވެރީންގެ ގޮތުގައި ހިމެނޭ ޤައުމުތަކާ، ވަކީން ޚާއްޞަކޮށް އިސްލާމީ ޤައުމުތަކާއެކު އިރާދަކުރެއްވިއްޔާ މި ދައުރުގައި އަޅުގަނޑުމެން ގުޅުން އިތުރަށް ބަދަހިކުރާނަން,"