ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް އިއްވެވި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވަރަށް ބޮޑު ޔަގީންކަމެއް ދެއްވި އެވެ. އިހުގެ ސަރުކާރުތަކުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ވާދަވެރި ސިޔާސީ ވެރިން ބަންދުކޮށްގެން އުޅުނަސް މި ސަރުކާރުގައި އެ މަންޒަރު ނުފެންނާނެ ކަމުގެ ޔަގީން ކަން ދެއްވި އެވެ.

ސިޔާސީ ސަބަބުތަކަށްޓަކައި ކުރީގެ ރައީސުން ޖަލުގައި ތިބެންޖެހޭ, ރާއްޖޭގައި ދެމިގެންދާ އާދަ ބަދަލު ކުރައްވާނެ ކަމުގެ ޔަގީން ކަން ރައީސް ދެއްވީ ބަދަލު ހިފުމުގެ އެއްވެސް ރޫހެއް އެމަނިކުފާނުގެ ނެތް ކަމަށް ވިދާޅުވަމުންނެވެ.

ރިޔާސީ ބަޔާނުގައި ރައީސް މި ވާހަކަ ފެއްޓެވީ މިހެނެވެ;

"ދައުލަތް ހިންގުމުގެ ދެން އޮތް ދެބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހާ، ޝަރުޢީ ދާއިރާއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެމުން ގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. ޝަރުޢީ ދާއިރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނަން. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވައިކުރުމަށްފަހު، ޤައުމާ މުޚާޠަބުކޮށް އަޅުގަނޑު ދެއްކި ވާހަކައިގާ، އެދުވަހުން ފެށިގެން، ސަރުކާރުން ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުން ނިމުނީކަމުގައި ވާނީ ދަންނަވާފައި," ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން ހިފަހައްޓާނީ މި އުޞޫލު." 

ރައީސް ވިދާޅުވީ ބަދަލުހިފުމުގެ ރޫޙު ނުގެންގުޅޭނެ ކަމަށްވީ ވަޢުދާ އެއްގޮތަށް ދާނީ ކުރިއަށް ކަމަށާއި ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ ނުކުރާނެކަމެއް ކަމަށެވެ.

"ޤައުމަށް ހަމަޖެހުން އަންނަން ޖެހޭ," ރައީސް ވިދާޅުވި އެވެ.

"އެ ރޮނގުން އަޅުގަނޑު ދެއްކި ވާހަކައާއި އެއްގޮތަށް އަޅުގަނޑުގެ ބަހާ އަމަލު ސީދާކުރާނަން. ނަމަވެސް ޤާނޫނުގެ ވެރިކަން ކަށަވަރުކުރާނަން. އަދުލުވެރިކަމާއި އިންސާފު ދައުލަތުގައި ގާއިމުކުރުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރާނަން. ހަމައެއާއިއެކު، ޝަރުޢީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނަން. އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން ފިޔަވަޅުވެސް އަޅުގަނޑު އަޅާނަން."

"އާދެ! 17 ނޮވެމްބަރު 2023ގެ ފަހުން ޝަރުޢީ ދާއިރާ ހިނގަމުން އެދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތިކަން އަޅުގަނޑު ސާބިތުކަމާއެކު ދަންނަވަން."  

ރައީސް ވިދާޅުވީ ޝަރުޢީ ދާއިރާގެ ކަންކަމަށް ސިޔާސީ ނުފޫޒު ވަންނާނެ ފުރުޞަތު ހަނިކުރުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ޤާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލު ގެނައުމަށް ވަޢުދުވީ ފަދައިން، މަޖްލީހަށް ސަރުކާރުން ހުށަހަޅާނެ ކަމަށެވެ.

ޖޭއެސްސީގެ ބިލްގެ އިތުރުން ހުށަހަޅަން ނިންމާފައިވާ އެހެން ބިލްތައް:

  • ކަފާލާތުގެ ފުރިހަމަ ނިޒާމެއް ޤާއިމްކުރުމަށް ބޭނުންވާ ބިލް
  • ޕްރިވެންޓިވް ހެލްތް ކެއަރ ބިލް
  • ނަފްސާނީ ދުޅަހެޔޮކަމާބެހޭ ބިލް
  • ގެދޮރުވެރިކަމުގެ މިންގަނޑުތަކާބެހޭ ބިލް
  • ޓްރެވެލް އެޖެންސީއާބެހޭ ބިލް
  • ރިއަލްއެސްޓޭޓް ވިޔަފާރި ފުޅާކުރުމާ ބެހޭ ބިލް
  • އަރބަން ޕްލޭނިންގއާ ބެހޭ ބިލް
  • އަރބަން ޑިވެލޮޕްމަންޓާއި ބެހޭ ބިލް
  • ސޮވެރިން ޑިވެލޮޕްމަންޓް ފަންޑްއާ ބެހޭ ބިލް
  • ލޭންޑް ރީއެޖެސްމަންޓާބެހޭ ބިލް
  • ފްރީހޯލްޑް އަދި ލީސްހޯލްޑް އުސޫލުން ބިން ހޯދާ ލިބިގަތުމާބެހޭ ބިލު
  • ކޮޕީރައިޓާއިގުޅޭ ހައްގުތަކުގެ ޤާނޫނު އިސްލާހުކުރުމަށް ބިލް
  • ކޮންވޭޔަންސިން އާއި ބެހޭ ބައިތައް ހިމަނައިގެން ބިމާބެހޭ ޤާނޫނު އިސްލާހުކުރުމަށް ބިލް

ރައީސް ވިދާޅުވީ އެމަނިކުފާނު ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ގެންދާނީ ދެފުށް ފެންނަގޮތަށ, ހާމަކަން ބޮޑުކޮށް ކަމަށާއި ނޫސްވެރިއަކަށް ވެސް ރައްޔިތަކަށް ވެސް ފޮރުވާނެ ކަމެއް ނޯންނާނެ ކަމަށެވެ.

"ސަރުކާރަށް މިވީ 11 ހަފުތާގެ ތެރޭ 5 ފަހަރަށް އަޅުގަނޑު ނޫސްވެރީންނާ ބައްދަލުކޮށްފިން. ސަރުކާރުގެ ހުރިހާ އިދާރާއަކުން ވެސް މީޑިއާ ޔުނިޓްތައް އުފައްދައި، ނޫސްވެރީންނަށް މަޢުލޫމާތު ފޯރުކޮށްދޭ. މުހިންމު ހުރިހާ ކަމަކާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން ނޫސްވެރީންގެ ބައްދަލުވުންތައް ބާއްވާ," ރައީސް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާ ސަރުކާރުގެ ބައެއް އިދާރާތަކަށް، ބައެއް މީޑިއާތަކަށް ނުވަދެވޭގޮތަށް ބްލެކް ލިސްޓެއް މި ސަރުކާރަކު ނޯންނާނެ. މީޑިއާތަކަށް އޮފީސް ޖާގަ ލިބުން ދަތިވާތީ އެކަން ޙައްލުކޮށްދިނުމަށް ހުޅުމާލޭގައި މީޑިއާ ވިލެޖެއް ޤާއިމުކޮށްދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައި."

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުމަކީ އަދި އުންމީދަކީ ވެސް މީޑިއާތަކާ އަދި ރައްޔިތުންނާ ވީހައިވެސް ގާތުން ސަރުކާރުން މަސައްކަތް ކުރުން ކަމަށާއި ވަޒީރުން، ސީދާ ރައްޔިތުންގެ ސުވާލުތަކަށް ކޮންމެ ދެމަހުން އެއްމަހަކު ޖަވާބުދާރީވުމަށް ބާއްވާ "އަހާ" ފޯރަމް، މިދިޔަ ޖެނުއަރީމަހު ވަނީ ފަށާފައިވާނެ ކަމަށެވެ. އޭގެ އިތުރުން، ކޮންމެ 3 މަހުން 1 މަހަކު ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބުދޭން ބާއްވާ ޚާއްޞަ ސިލްސިލާއެއް މިމަހު ފަށާނެ ކަމަށެވެ. މި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، މަދުވެގެން ކޮންމެވެސް އެއް ރައްޔިތެއްގެ ވީޑިއޯ ސުވާލަކަށް ސީދާ އެމަނިކުފާނު ކޮންމެ ދުވަހަކު ޖަވާބުދޭން ފަށައިފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް މަހެއްހައި ދުވަހުގެ ތެރޭ، ރައްޔިތުން ބޭނުންވާ ކަންކަން ސީދާ އަޅުގަނޑަށް ހުށަހެޅޭގޮތަށް ޚާއްޞަ ޕޯޓަލްއެއް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލާނެ. ރައްޔިތުންގެ ހުށަހެޅުންތަކަށް އިރާދަކުރެއްވިއްޔާ ސީދާ އަޅުގަނޑު ޖަވާބުދާރީ ވާނަން. އަދި އަޅުގަނޑުގެ އުންމީދަކީ ރައްޔިތުންގެ އެކި ޖަމާޢަތްތަކާ ބައްދަލުކުރުމާއި، ރައްޔިތުންގެ ގޭގެއަށާއި ޢާއިލާތަކަށާއި ރާއްޖޭގެ އެކި ރަށްރަށައް ޒިޔާރަތްކުރުން," ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މަޤާމުގެ ވާޖިބު އަދާކުރަން. ލޮބުވެތި ރައްޔިތުންގެ އަޑުއަހާނަން. މަޝްވަރާކުރާނަން. ޤައުމުގެ ކަންކަން ހިންގުމުގައި ތިރިން މައްޗަށް، އާދެ ރައްޔިތުން ގާތުން އޮޅުން ފިލުވައިގެން ރައްޔިތުން އެދޭ އަމާޒަށް ކަންކަން ގެންދާނަން."