"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ އަޅުގަނޑު މިއަދު މި ހަވާލުވަނީ، ރާއްޖޭގެ ކުރިމަގުގެ ތަސައްވުރާމެދު އާ ހުވަފެންތަކެއް ދެކެމުން. އާ ވިސްނުންތަކަކަށް މަރްހަބާ ކިޔަމުން. އާ އުންމީދުތަކެއް ރައްޔިތުންނަށް ދެމުން," ރައީސް އަބްދުالله ޔާމީން, ހުވާކުރެއްވުމަށްފަހު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން މިފަށާ ދަތުރަކީ، ތަރައްގީގެ އިތުރު ކުރިބޯށިތަކަކަށް ވާސިލުވެވޭނެ ދަތުރަކަށް ހެދުމުގައި އަދި ރާއްޖެއަކީ މި ސަރަހައްދުގައިވާ އެންމެ އަމާން، އެންމެ ތަރައްގީވެފައިވާ ގައުމު ކަމަށް ހެދުމަށް މަސައްކަތް ކޮށްދެއްވުމަށް."

އޭރު ދިވެހިންނަށް ތަރައްގީގެ ގޮތުގައި އެނގެނީ ރަށު ބަނދަރު ހެދުމާއި ހޮޅި ބައްތި ޖެހުމާއި ސްކޫލް ކްލާސްރޫމް ބަރިއެއް އެޅުން ފަދަ ކަންކަމެވެ. ރަނގަޅު ފެންވަރަށް ތާރު އަޅައިގެން މަގު ހެދުމާއި ނަރުދަމާ ފަދަ ކަންކަމަކީ, އެންމެ ބޮޑެތި ކަންކަމެވެ. އެއީ ރައްޔިތުންނަށް ގަބޫލުކުރި ގޮތުގައި, ހައްގު މިންވަރުގެ އެންމެ މަތީ ދަރަޖައެވެ.

އެކަމަކު މިއަދު އެހެނެއް ނޫނެވެ. ރައްޔިތުންގެ އުއްމީދުތައް ވަރަށް އުހެވެ. މިހާރު ޑިމާންޑް ލިސްޓްގައި އޮންނަނީ ބަނދަރެއްގެ ވާހަކައެއް ނޫނެވެ. އެއާޕޯޓްގެ ވާހަކައެކެވެ. ފްލެޓް އިމާރާތްތަކާއި ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ ވާހަކައެވެ. ކޯޒްވޭތަކާއި ބްރިޖްތަކުގެ ވާހަކައެވެ. މިއީ 2013 އަށްފަހު ރާއްޖޭން ފާހަގަވާން ފެށި ބޮޑު ބަދަލެވެ. ރައީސް އަބްދުالله ޔާމީންގެ ރިޔާސީ ދައުރާއެކު ފެނުނު ބަދަލެވެ.

މުޅި މާލެ ސަރަހައްދު ބަދަލުކޮށްލި, ސިނާމާލެ ބްރިޖް 2018 ވަނަ އަހަރު ވަނަ އަހަރު ހުޅުވިގެންދިޔައިރު އެއީ ވެދާނެ ކަމެއްކަމަކަށް ގިނަ ދިވެހިން ނުދެކެއެވެ. 2016 ވަނަ އަހަރު މަސައްކަތް ފެށި, އެ ބްރިޖް ދެ އަހަރު ތެރޭ ނިންމައި, ބޭނުންކުރަން ފެށޭ ވަރުވިއެވެ. ދިވެހިންގެ އުއްމީދުގައި އޮތް އެކަމަކު ކުލަ ނުވެ އޮތް އެ ތަރައްގީގެ ފަހަތުގައި ހުންނެވީ ރައީސް އަބްދުالله ޔާމީނެވެ.

އެ ބްރިޖާ އެކު މާލެ ސަރަހައްދަށް ވެސް އެހެން ބްރިޖެއް ގެންނަން މަޖުބޫރުވިއެވެ. ރައީސް ޔާމީންގެ ވާދަވެރިން ވެސް އެ ވައުދުތައްވިއެވެ. ރަށްރަށުން ވެސް ބްރިޖަށް ޑިމާންޑްކުރިއެވެ. އެއީ މިހާރު ކުރެވިދާނެ ކަމެއް ކަމަށް އެންމެން ވެސް ގަބޫލުކޮށްފިއެވެ. ތަރައްގީގެ އެ މާނަ ކުރުން ރައީސް ޔާމީން ގެނެސްދެއްވިއެވެ.

"....ކަނޑު ހުރަސްކޮށް ދަތުރު ކުރަން ޖެހިފައި އޮތް.  އެހެންވެ ބްރިޖެއް އެޅޭނެ ދުވަހަކަށް ހުވަފެންތަކެއް ދެކެމުން ދިވެހިން އައި. ނަމަވެސް ރާއްޖޭގެ އިގްތިސާދާއި ވަސީލަތްތައް ބަލާފައި ބްރިޖެއް އެޅުމަކީ ދިވެހިންނަށް ކުރެވޭވަރަށް ވުރެ މާ ބޮޑު ކަމެއްގެ ގޮތުގައި ކުރިން ވިސްނިފައި އޮތް," ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި މަސައްކަތް ކުރީ ދިވެހިންނަށް ބޭނުންވާ އެފަދަ އެންމެ މުހިންމު ކަންކަމަށް އަމާޒުކޮށްގެން ކަމަށާއި އިސްކަމެއް ދިނީ ޒަމާނީ ދިރިއުޅުމެއް ރައްޔިތުންނަށް ފަހިކޮށްދިނުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި އިފްތިތާހު ކުރަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު، ކަނޑު ހުރަސްކޮށް ގިނަ ފުރުސަތުތަކާއި ޒަމާނީ ދިރިއުޅުމަކަށް ރައްޔިތުން ގެންގޮސްދޭނެ ބްރިޖު، ޒުވާން އަންހެނުންނާއި ފިރިހެނުންނަށް ޒުވާނުންގެ އުންމީދުން ފުރިފައިވާ ޔޫތު ސިޓީއަށް ދެވޭނެ ބްރިޖު،" އިނގިރޭސި ބަހުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިން އިންތިޒާރުގައި ތިބީ އުންމީދީ ބްރިޖެއް ހުރަސްކޮށް އާ މާދަމާއަކަށް ދަތުރު ކުރުމަށް ކަމަށާއި އެއީ އާއިލާތަކަށާއި ދަރިންނަށް ހަމަޖެހޭ މާހައުލަކަށް ބަދަލުވުން ކަމަށެވެ. ފެށިގެން ދަނީ ދިވެހިންނަށް ކުރިއެރުމާއި ތަރައްގީގެ އާ ޒަމާނެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ބްރިޖާ އެކު މާލެ ސަރަހައްދުގައި މިއިން ދުވަހަކު ނުފެންނަ ވަރުގެ އުސް އިމާރާތެއް ރައީސް ޔާމީންގެ ވެރިކަމުގައި އެޅުއްވިއެވެ. 25 ބުރީގެ ހޮސްޕިޓަލެއް މާލޭގައި އަޅާ ވާހަކަ އިއުލާން ކުރުމުން, އެކަން ގަބޫލުކުރި މާގިނަ ބަޔަކު ނެތެވެ. ކަޑަ ޖެހުމާއި ވައުދުތައް ވުމަކީ އާންމު ކަމަކަށްވެފައި އޮތްވައި, އެ މަޝްރޫއު ފަށައި, މިހާރު ފެންނަން އެ ހުރީ އުސް އެ އިމާރާތެވެ. ޒަމާނީ ހިދުމަތްތަކާ އެކު ހޮސްޕިޓަލްގެ ހިދުމަތް ރައްޔިތުންނަށް އެ ދަނީ ލިބެމުންނެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކަވައި, އެ ތަން "ޔޫތު ސިޓީ"ގެ ގޮތުގައި ތަރައްގީ ކުރައްވަން ޕްލޭން ހައްދަވައި, އެ މަޝްރޫއު ވެސް ރައީސް ޔާމީން ފެއްޓެވިއެވެ. ޒުވާނުންނަށް އަމާޒުކޮށް އެ ސިޓީ ތަރައްގީ ކުރައްވަން ފެއްޓެވީ ބިޔަ ހައުސިން މަޝްރޫއުތަކާ އެކު އެވެ.

"ހުޅުމާލެއަކީ ކޮބައިތޯ؟ ޔޫތުސިޓީ. ކޮންކަމެއްތޯ ރައްޔިތުންނަށް ދަތިވެގެން މިއުޅެނީ؟ ގެދޮރުވެރިކަން. ހުޅުމާލެއަކީ ސިޓީ އޮފް ހޯޕް. އުއްމީދު އޮތް ރަށް. ހުޅުމާލެއަކީ ޒުވާނުންގެ އުއްމީދުގެ ދަންމަރު. މިތަނުން މި ދެންނެވި ގޮތަށް ޒުވާނުންނަށް އަޅުގަނޑު ބޭނުންވޭ ފްލެޓް ދޭން. މިތަނުން އެކަނިވެރި މައިންނަށް ފްލެޓްދޭން ބޭނުންވޭ," ރައީސް ޔާމީން ވިދާޅުވި އެވެ.

"މިތަނުން އަޅުގަނޑު ބޭނުންވޭ، އެމީހުންނާއެކީ އަންނަ މުސްކުޅިންނަށް ހިތްހަމަޖެހުމާއި އުފަލާއެކީ، މި ދެންނެވި ގޮތަށް މާލޭގައި އަޅުގަނޑުމެން މި ނޭވާލާއިރު، ނޭވާލުމުގެ ނިޒާމު ސާފުނުވިޔަސް، މިއީ ޝައްކެއް ވެސް ނެތް ގޮތުގައި އެ ފުރުޞަތު އޮތް ތަނެއް. އެހެންވީމާ، ހުޅުމާލެއަކީ އެންމެންގެ ތަނެއް. އެހެންނަމަވެސް، މިތަނުން އިސްކަން މި ދެވެނީ ޒުވާނުންނަށް."

ހުޅުމާލޭގައި އެންމެ ބިޔަ އިމާރާތެއް ނޫނެވެ. 25 ބުރީގެ 16 ޓަވަރު އަޅައިފިއެވެ. 7,000 ފްލެޓާ އެކު ރާއްޖޭގެ އެންމެ ބޮޑު ހައުސިންގެ މަޝްރޫއު, އެ ހުރީ ރައީސް ޔާމީންގެ ޔޫތު ސިޓީގައި ފެންނާށެވެ. އެ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން އެތައް އާއިލާއަކަށް ލިބިގެންދިޔައެވެ. ރައްޔިތުން އެންމެ އެދިއެދި ތިބި ގެދޮވެރިކަމުގެ ބެންޗްމާކަކަށް އެ މަޝްރޫއުވެގެން ދިޔައެވެ. އޭގެ ފަހުން ބޯހިޔާވަހިކަމުގެ އެފަދަ މަޝްރޫއުތައް ކޮންމެ ވެރިއަކު ވެސް ވަނީ ވެވަޑައިގެންފައެވެ. އެއީ މިހާރު ނުކޮށް ދޫކޮށްލެވެން އޮތް ކަމެއް ނޫނެވެ.

ތަރައްގީގެ އެ މާނަ ވެސް ގެނެސްދެއްވީ ރައީސް ޔާމީނެވެ.

"މި ބިޔަ މަޝްރޫއު، [ހިޔާ މަޝްރޫއު] އިފްތިތާހު ކުރަން އައިސް، ޝައްކެއް ވެސް ނެތް ގޮތުގައި، މިއީ އަޅުގަނޑުމެންގެ ތާރީހުގެ ސަފްހާތަކުން ރަން ސަފްހާއެއް ލިޔެލާނެ، ޖާގަ ހޯދާނެ މަޝްރޫއެއް މިއީ," ރައީސް ޔާމީން ވިދާޅުވިއެވެ.

ދެން ފާހަގަކުރަން އޮތީ ރައީސް ޔާމީން އެންމެ ފަހުރުވެރިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުއެވެ. އާ ރަންވޭއެއް ހަދައި, އެ ރަންވޭ އެމަނިކުފާނުގެ ވެރިކަމުގައި ހުޅުވިއެވެ. އާ ސީޕްލޭން ޓާމިނެއް ހެދިއެވެ. އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ފެށިއެވެ. އާ ޓާމިނަލް އެޅުމަށް ސައުދީ ބިންލާދިން ގްރޫޕާ ރައީސް ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައި ވަނީ 2016 ވަނަ އަހަރުއެވެ. ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގައި ހަދާ، ގާތްގަނޑަކަށް 78،000 އަކަމީޓަރުގެ ޓާމިނަލަށް 5.5 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވެއެވެ.

"މިއަދު މި ދައްކަނީ ކޮން ވާހަކައެއްތޯ؟ މިއަދު މި ދައްކަނީ އެއްހާސް މިލިއަން ޑޮލަރުގެ އެއާޕޯޓެއްގެ ވާހަކަ. އެއްހާސް މިލިއަން ޑޮލަރުގެ އެއާޕޯޓެއްގެ ވާހަކަ. މިއީ، ޝައްކެއްވެސް ނެތް ގޮތުގައި، ދިވެހިރާއްޖޭގެ ޝަރަފު. މިއީ އަޅުގަނޑުމެންގެ އިސްތިޤްލާލު، ނޫނީވިއްޔާ އަޅުގަނޑުމެންގެ މިނިވަންކަން މިއޮތީ މި އެއާޕޯޓުގެ އަތްމަތީގައި. އަދި އަޅުގަނޑުމެންގެ ކުރިއަށް ދިޔުމާއި، އަޅުގަނޑުމެންގެ އިގްތިސޯދީ ތަރައްގީއަކީ މި އެއާޕޯޓުގެ މައްޗަށް ހިންގުވާ ކަމެއް," އާ ޓާމިނަލް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ފަހުރުވެރިކަމާ އެކު ރައީސް ޔާމީން ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެ ކުރިއަށް ހިނގައްޖެ ނޫންތޯ. އެހެންވީމާ، ދިވެހިރާއްޖެ ކުރިއަށް ހިނގައްޖެ. މިއީ ދިވެހީން މިއަދު ކުރި މަސައްކަތުގެ ނަތީޖާ. ދިވެހީން ކުރި މަސައްކަތުގެ އަގު.

ރައީސް ޔާމީން

ވެލާނާ އެއާޕޯޓާ މެދު ރައީސް ޔާމީން ގެންގުޅުއްވި ތަސައްވުރު ހާމަކުރައްވަމުން ވިދާޅުވީ އެއާޕޯޓް ތަރައްގީވެ ނިމުމުން 82 ބިލިއަން ރުފިޔާގެ އާމްދަނީ ހޯދޭނެ ކަމަށެވެ.

"އެއީ، އުއްމީދާއި ތަރައްގީ. އެ އަޅުގަނޑުމެން ނުޖެހޭ އެއަށް ފުރަގަސްދޭކަށް," ރައީސް ޔާމީން ވިދާޅުވިއެވެ.

ވެލާނާ އެއާޕޯޓް އެކަންޏެއް ނޫނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އެއާޕޯޓްތަކުގެ މަސައްކަތް ފެއްޓެވިއެވެ. އިފުރު އެއާޕޯޓާއި މާފަރު އެއާޕޯޓާއި ކުޅުދުއްފުށީ އެއާޕޯޓާއި ފުނަދޫ އެއާޕޯޓަކީ އޭގެ މިސާލުތަކެވެ. އޭގެ އިތުރަށް ވެސް ގިނަ އެއާޕޯޓްތަކެއް އިއުލާން ކުރެއްވިއެވެ. ކުރިން ބަނދަރަށް ރައްޔިތުން ޑިމާންޑް ކުރަމުންދިޔަ ގޮތަށް މިހާރު އެއާޕޯޓަށް ޑިމާންޑް އެ ކުރަނީ މި ބަދަލާއެކުއެވެ. އެހާ ގިނަ އެއާޕޯޓްތައް ފެންނަން ފެނުމުންނެވެ. މިއީ ރައީސް ޔާމީންގެ ދުރުވިސްނުންތަކާއެކު ކުރައްވަން ފެއްޓެވި ކަމެކެވެ.

"އެހެން ތަންތަނުގައި މި އެޅެމުންދާ އެއާޕޯޓަކީ، އަޅުގަނޑުމެންގެ ޒުވާނުންނަށާއި، އަޅުގަނޑުމެންނަށް ވަޒީފާތަކަށް އަޅުގަނޑުމެންގެ އިގުތިސޯދު އުޖާލާވެގެންދާނެކަން، އިގްތިސޯދީ ގޮތުން އަޅުގަނޑުމެންނަކީ ފުދުންތެރި ބައެއް ކަމަށްވަންޏާ، ދެން އިރާދަކުރެއްވިއްޔާ މިތަން އަޅުވެތިކުރާކަށް އަންނާނެ ބަޔަކު ނާންނާނެ," ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވި އެވެ. "There is nothing that we can not achieve"

ރައީސް ޔާމީން ވިދާޅުވީ ވިސްނުމަކީ، ހަމަ އެންމެ ކުރިބޯށްޓާ ހަމައަށް ވާސިލުވުން ކަމަށާއި ފުރަތަމަ ކަމަކީ ޢަޒުމާއި، އުއްމީދާއި، ހުވަފެނާ އޮންނަކަން ގަބޫލުކުރުން ކަމަށެވެ.

"އަޅުގަނޑު ރައީސްކަމަށް އައީ، ރައްޔިތުންނަށް ތަރައްގީ އާއި އުއްމީދު ކަށަވަރުކޮށްދެމުން. އިރާދަކުރެއްވިއްޔާ، މި ފަސް އަހަރު ނިމިގެން މިދަނީ، ރައްޔިތުންނަށް އެކި ދިމާއިން އުފާފާގަތިކަމާއި، ތަރައްގީގެ ކުލަތައް އަޅުގަނޑުމެން ބަލަން ބޭނުން މިންވަރަކަށް ފެނިގެންދާތަން." އިންތިހާބަށް އެއް ދުވަހަށްވެފައި އޮއްވައި ދެއްވި ސްޕީޗެއްގައި ރައީސް ޔާމީން ވިދާޅުވިއެވެ.