ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތީ ވަރަށް އާދަޔާ ހިލާފު ދުވަސްވަރެއްގައެވެ.

ރައްޔިތުން ތިބީ 24 ގަޑި އިރު މަގުމަތީ މުޒާހަރާގައެވެ. ސިޔާސީ ލީޑަރުން އެކިއެކި ހުކުމްތަކުގައި ޖަލުގައި ނުވަތަ އެގްޒައިލްގައެވެ.

ދައުލަތުގެ ތިން ބަރު އޮތީ ހާސްކަމެއްގައެވެ. ބަޣާވާތް ކުރުމާއި ރައިސުލްޖުމްހޫރިއްޔާ އަވަހާރަ ކޮށްލަން އެތައް ފަހަރަކު މަސައްކަތް ކުރިއެވެ. ރައްޔިތުންގެ މަޖިލީހުގައި ބޮޑު ތަޅު އެޅުވިއެވެ. އަދި މެންބަރުން ފާރުމަތިން ބޭރުކުރިއެވެ. ސުޕްރީމް ކޯޓުގެ ޓިނު ނެގިއެވެ. އަދި ފަނޑިޔާޜުން ބިންމަތީ ދަމައި ކޫއްތާފައި ގެންގޮސް ކުޑަގޮޅިއަށް ލިއެވެ.

ދެ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް ސިފައިންނާއި ފުލުހުން އޭރު އަބަދުމެ އުޅެންޖެހުނީ ފޯރިމެރުމުގައެވެ. މަގުމަތިން ބޮންތައް ހޮވުމާއި ކަނޑުމަތިން ހަތިޔާރު ނެގުމެވެ. ސްނައިޕަރެއް ހައްޔަރު ކުރުމާއި އެތައް ކަމެއް ހިނގި އެ ފަސް އަހަރަކީ ފަހުގެ ތާރީޚެއްގައި އައި އެންމެ ހަލަބޮލި ފަސް އަހަރެވެ.

ޔާމީން ވެރިކަމުގައި ހިނގި ބައެއް ހާދިސާތައް

  • ނަޝީދަށް 13 އަހަރަށް ޖަލަށްލާން ހުކުމް ކުރުން
  • ވެރިކަމުގެ ވަރަށް ކުރީކޮޅު ކޯލިޝަން ރޫޅުން
  • މޭޑޭ މުޒާހަރާ
  • ފިނިފެންމާ ލޯންޗުކޮޅުގައި ގޮވީ
  • ސްނައިޕަރ ހައްޔަރު ކުރުން
  • އަދީބު ހައްޔަރު ކުރުން
  • ހިނބަޅިދޫ ހަތިޔާރު ފެނުން
  • މާލެ ތެރެއިން ބޮން ހޮވުން
  • ކުއްލި ނުރައްކަލު ހާލަތު އިއުލާން ކުރުން.
  • ޔާމީން އަވަހާރަކޮށްލަން އުޅުން
  • މަޖިލިސް ރައީސްގެ އިތުބާރު ނެތް މައްސަލަ
  • ފެބްރުއަރީ އެކެއްގެ އަމުރު
  • ދެވަނަ ކުއްލި ނުރައްކަލުގެ ހާލަތު
  • ފަނޑިޔާރުން ހައްޔަރުކުރުން

އެއީ ހަމަގައިމުވެސް ގައުމު ނޭވާލާން ބޭނުންވެފައިވާ ދަނޑިވަޅެކެވެ. އެ ދުވަސްވަރު އަންނަމުން ދިޔަ ދައުވާތަކުން ހަނި ގޮތަކަށް ސަލާމަތްވެ ވެރިކަމަށް ވަޑައިގަތީ މުޅި ސިޔާސީ ހަޔާތް ހިމޭންކަމާއި މަޑުމައިތިރިކަމާއެކީ އުޅުނު އަދި ވަރުގަދަ ލީޑާޝިޕެއް ދެއްކެވި ރައީސް ސޯލިހުއެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރާއްޖެ އޮތް ގޮތާއި ގެންދަން ބޭނުންވާ މިސްރާބު އެމަނިކުފާނު ސިފަކޮށްދެއްވިއެވެ.

ކޮންމެ ފަދަ ހޫނެއްވިޔަސް މެންދުރުގެ އަވިގަދަ ވަގުތުގައި ކޮންމެ މެންދުރަކަށް ފަހު ފިނިކަން ހަވީރުގެ އަންނަނީ..

ރައީސް ސޯލިހު

ރައްދު ނުދެއްވައި ނަތީޖާ ނެރެދެއްވި

2018 ގައި ބޮޑު ތަފާތަކުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުގެ އިތުރުން 2019 ވަނަ އަހަރު ރައީސް ސޯލިހު ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ހޯއްދެވިއެވެ. އޭގެ ފަހުން ރައީސް ސޯލިހު ވަނީ ކައުންސިލް އިންތިހާބުގައި ގިނަ ދާއިރާތައް ކާމިޔާބު ކުރެއްވިއެވެ.

މި ހުރިހާ ކާމިޔާބީތަކާއެކީ ވެސް މި ފަސް އަހަރަކީ ވެރިކަން ކޮށްލަން ލިބުނު ފަސޭހަ 5 އަހަރު ކަމަށް ނުބުނެވޭނެއެވެ. ރައީސް ސޯލިހަށްވެސް ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެވަޑައިގަތެވެ. އެންމެ ކައިރީގައި އުޅުނު މީހުން ހަތުރުންނަށްވެ ސިޔާސީ ބޮޑު ހަނގުރާމައެއް އިއުލާންކުރެއްވިއެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ރައީސް ސޯލިހުގެ ޒަމާންވީ އެކުވެރިޔާ ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ނަޝީދާ މައްސަލަ ޖެހުމާއެކު މުޅި ދައުރުގެ ތެރޭގައި އެމަނިކުފާނު ގެންދެވީ ރައީސް ސޯލިހާއި ސަރުކާރަށް އެކިއެކި ގޮތް ގޮތުން ފާޑު ވިދާޅުވެ އެކި ވަރުގެ ޖެއްސުން ކުރައްވަމުންނެވެ. އެމްޑީޕީގެ އެތެރޭގެ ކޮންމެ އިންތިހާބެއްގައި ރައީސް ނަޝީދު ވަކިން ކެންޑިޑޭޓުން ނެރުއްވި އެވެ. އަދި އެންމެ ތަންފުކެއް ވެސް ދޫނުދެއްވި އެވެ.

މި ހުރިހާ ކަމެއްގެ ރައްދެއް ގޮތުން ފެނުނީ ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގޮސް ޖަލަށްލިތަނެއް ނޫނެވެ. އޭގެ ބަދަލުގައި ރައީސް ސޯލިހު އެއްވެސް ކަމަކަށް ރައްދެއް ނުދެއްވައެވެ. މަޑުމައިތިރިކަމާއެކު ހުންނަވައި ރައީސް ރިއެކްޓު ކުރެއްވީ އެހެން ގޮތަކަށެވެ. އެއީ އެމްޑީޕީގެ އެތެރޭގެ ހުރިހާ އިންތިހާބެއް ވެސް ކާމިޔާބު ކުރައްވައިގެންނެވެ. އެންމެ ފަހުން ނަޝީދާ ވެސް ވާދަ ކުރައްވައި ޕްރައިމަރީ ވެސް ނަގައިގެންނެވެ.

އެތެރޭގެ ކޯޅުންތަކުގެ އިތުރުން އެމަނިކުފާނު އިދިކޮޅު ފަރާތްތަކާ މެދުވެސް ކަންތައް ކުރެއްވީ އެފަދަ ގޮތަކަށެވެ.

އޭގެ އެއް މިސާލަކީ ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާއެއް އެމްޑީޕީ ހަރުގޭގައި ކުރިޔަށް ދަނިކޮށް ހަމަ އެވަގުތު އެތަނުގެ ކުރިމަތީ އާޓިފިޝަލް ބީޗުގައި ޕީޕީއެމްގެ ހަރަކާތެއް ކުރިޔަށް ދިޔައެވެ. ރައީސް ވާހަކަ ދައްކާ ވަރަކަށް އަނެއް ފަރާތުން ހަޅޭއްލަވަމުން ދިޔަ އެވެ. ނަމަވެސް އެ ޕާޓީއަށް އެ ފުރުސަތު ދެއްވިއެވެ. މަގުތައް ބަންދުކޮށް އިދިކޮޅު އެއްވުން ރޫޅާ ނުލައްވައެވެ.

ކޯލިޝަން ހިފެއްޓެވި ފުރަތަމަ ރައީސް

މަލްޓި ޕާޓީ ޑިމޮކްރެޓިކް ސިސްޓަމް އެކުލަވައިލި ފަހުން ރާއްޖޭގައި އެއްވެސް ސިޔާސީ ޕާޓީއަކަށް އެކަނި ވެރިކަމަށް ނާދެވެއެވެ. ކޮންމެ އިންތިހާބެއްގައި ވެސް ދެވަނަ ބުރު ކޯލީޝަނެއް އުފައްދަން ޖެހެ އެވެ. އެހެންވެ ވެރިކަމަށް ވެސް އަންނަނީ ކޯލިޝަން ސަރުކާރެކެވެ.

ރައިސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް އުފެއްދެވި ކޯލިޝަން ނުވަ ވަރަކަށް ދުވަސް ތެރޭގައި ރޫލެއްޖެ އެވެ. ފަހަރަކު ބައެއް ގޮސް މާ ގިނަ ދުވަސްތަކެއް ނުވެ ކޯލިބަންގެ ހުރިހާ ޕާޓްނަރުން ތިބީ އިދިކޮޅުގަ އެވެ. ޔާމީނަށް ވެސް ކުރިމަތިވީ އެ ހާލަތެވެ. ސަރުކާރާމެދު ހިތްހަމަ ނުޖެހިގެން ކޯލިޝަން ޕާޓްނަރުން ސަރުކާޜުން ނުކުތެވެ. އަދި ހަލަބޮލިކަން އެއަށް ފަހު ފެށިގެންދެ އެވެ.

އެއާ ހިލާފަސް ރައީސް ސޯލިހުގެ އެންމެ ބޮޑު އެއް ކާމިޔާބީއެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކަމަކީ ފަސް އަހަރުގެ ދައުރު ނިމެންދެން ކޯލިޝަން ހިފަހައްޓާލުމެވެ. އެއީ މީގެ ކުރިން އަހަރެއް ވަންދެން ވެސް ކުރެވޭ ކަމެއް ނޫނެވެ. ނަމަވެސް ރައީސް އަށް އެކަން ކުރެވުނީ ކިހިނެތްތޯ އަހާލުމުން އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިން ވިދާޅުވާ ގޮތުގައި އެއީ މާ ގިނަ ރައްދެއް ނުދެއްވާ އަދި ހަމަހިމޭންކަމާއި މަޑުމައިތިރި ވެރިކަން ކުރެއްވާ ވެރިއަކަށްވާތީ އެވެ.

ކޯލިޝަން ޕާޓްނަރުންނަށް ވައުދުވި ގޮތާ އެއް ވަރަށް ޕަސެންޓޭޖް މިނިސްޓްރީތަކުންނާއި ކުންފުނިތަކުން ދީފައި ނުވާ ކަމަށް ބުނެ ބައެއް ފަހަރު ކޯލިޝަންގެ މެންބަރުން ޝަކުވާ ކުރި އެވެ. ނަމަވެސް ރައީސް ދޭތެރެއަކުން މަޝްވަރާ ކުރައްވައިގެން ކަންކަން ހައްލު ކޮށްލަ އެވެ. އަދި އަނެއްބައި ފަހަރު އެމްޑީޕީ އިން އެދިގެން ބޮޑެތި ކަންކަން ނިންމުމަށް ފަހު ކޯލިޝަންގެ އެހެން ޕާޓްނަރުން އެހެން ގޮތަކަށް އެދެމުންދާތީ ނިންމުންތައް ބަދަލު ކުރައްވާފައި އެބަހުއްޓެވެ.

އެންމެ ފަހުން ފަސް އަހަރުގެ ދައުރު ނިމެންދެން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އޮތީ އެމްޑީޕީ ކޮޅުގައެވެ.

އޮމާން ޓްރާންސިޝަންއެއް

މި ދައުރު ނިމިގެންދާއިރު އަނެއްކަމަކީ ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާންކަމާއެކު ކުރިޔަށް ދިޔުމެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމުނީ ރާއްޖޭގެ ތާރީހުގައި ފެނިގެން ދިޔަ ކަޅު ސަފުހާތަކެއްގެ ގޮތުގައެވެ. ތިން އަހަރުގެ ތެރޭގައި ވެރިކަން ވެއްޓުނެވެ. ބޮޑެތި މުޒާހަރާ ކުރުމާއި ހުޅުޖެހުމާއި ހަމަނުޖެހުމުގެ ދުވަސްވަރަކަށްވިއެވެ.

އެއަށް ފަހު އައި ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލް ކުރުމާ ގުޅިގެން ވަރަށް ބޮޑަށް ލަސްވެ ނޮވެމްބަރު 11 ގައި ވެސް ވެރިކަމުން ނުފޭބުނެވެ. އިތުރު ހަތް ދުވަހު އެމަނިކުފާނު ވެރިކަމުގައި ހުންނަން ޖެހިވަޑައިގަތް އިރު ކޮންމެ ދުވަހަކީ ވެސް ސަރުކާރަށް އެތައް ޕްރެޝަރެއް ކުރިމަތިވި ދުވަހެކެވެ.

ފަސް އަހަރުގެ ދައުރު ފުރަތަމަ ފަހަރަށް ފުރިހަމަ ކުރެއްވި ޔާމީން ރިޔާސީ އިންތިހާބަށް ފަހު ވެސް ނަތީޖާ ގަބޫލު ނުކުރެއްވިއެވެ. އޮޅުވާލުމުގެ އެތައް ތުހުމަތެއް ކުރެއްވިއެވެ. މައްސަލަ ހިފައިގެން ކޯޓަށް ވަޑައިގަތެވެ. އެހެން ނަމަވެސް އެކަން ވެސް އެމަނިކުފާނަށް ނާކާމިޔާބުވި އެވެ.

ނަމަވެސް ރައީސް ސޯލިހުގެ މި ފަސް އަހަރު ނިންމާލަނީ އޮމާންކަމާއެކު އެވެ. ރިޔާސީ އިންތިހާބަށް ފަހު ނަތީޖާ ގަބޫލު ކުރެއްވިއެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާއަށް ޖާގަދެއްވިއެވެ. އަދި ވައުދުވި ގޮތަށް އިތުރު ހަތް ދުވަސް އޮއްވާ ނޮވެމްބަރު 11 ގައި ރައީސްގެ ދެމަފިރިން މުލިއާގެއިން ބަދަލުވިއެވެ.