ދިވެހިރާއްޖެ ވައިގެ މަގުން މުޅި ދުނިޔެއަށް ހުޅުވާލައި, ޓޫރިޒަމް ފެށުމުގެ ދުރުރާސްތާ ޕްލޭނަކީ ރައީސް އިބްރާހިމް ނާސިރުގެ ޒައާމަތުގެ އެންމެ އަލިގަދަ އުސްއައްޔެވެ. އޭރު ފެއްޓެވި އެ ދެ މަސައްކަތުގައި މިހާރު މިވަނީ މާ ފުރިހަމަ އަށް ވެސް ކުލަ ޖެހިފައެވެ. މިހާރު ރާއްޖެ މި ދެކޭ ތަރައްގީ އާއި ތަނަވަސްކަމުގެ އަސްލަކީ ހުޅުލެ އެއާޕޯޓާއި ޓޫރިޒަމެވެ.

ރައީސް ނާސިރުގެ ބޮޑުވަޒީރުގައި ހުޅުލޭގައި އޮތް އެއާ ސްޓްރިޕް ދިވެހި ދައުލަތުގެ ފަރާތުން ހަދަން ގަސްދުކޮށް 27 އޭޕްރީލް 1964 ވަނަ ދާހިލީ ވުޒާރާ އިން އާންމު ނޫސް ބަޔާނެއް ނެރުނެވެ. އެ ނޫސް ބަޔާނުގައި ބުނީ އެ އެއާޕޯޓް ހެދުމަށް ގަސްދުކުރަނީ ރައްޔިތުންގެ އެހީއާ ވެސް އެކު ކަމަށެވެ. ފައިސާ އާއި މަސައްކަތުގެ ގޮތުން އެހީވުމަށް ފުރުސަތު ހުޅުވާލިއެވެ. އަތޮޅުފިހާރަތަކުން ފައިސާ ބަލައިގަތުމާއި މަސައްކަތަށް ނަން ނޯޓް ކުރުމަށް އެދުނެވެ.

މި އެދުމާ އެކު ރައްޔިތުންނަށް ވެސް އެވީ ވަރަށް ބޮޑު ގައުމީ މަސައްކަތަށެވެ. އޭގެ އަނެއް ދުވަހު 88 މީހުން މަސައްކަތް ކުރުމަށް ނަން ނޯޓްކުރިއެވެ. އެހީގެ ގޮތުގައި 1536 ރުފިޔާ ލިބުނެވެ. އޭގެ އަނެއް ދުވަހު 80 މީހުން މަސައްކަތުގައި ބައިވެރިވާން އެދުނެވެ. 3884 ރުފިޔާ ލިބުނެވެ.

މި އެހީ އާއި ބައިވެރިވުމާ އެކު 1 މެއި 1964 ގައި ހުޅުލޭ އެއާޕޯޓްގެ މަސައްކަތް ދައުލަތުން ފެށިއެވެ.

އެންމެ ފުރަތަމަ ކުރި މަސައްކަތަކީ އެތަނުގައި އޮތް ދަގަނޑު ފިލާތައް ނެގުމެވެ. 150 މީހުން ބައިވެރިވި މި މަސައްކަތުގައި އުޖޫރައިގެ ގޮތުގައި ކޮންމެ މީހަކަށް ދިނީ 1 ލާހި ހަނޑުލާއި ގައު ހަކުރާއި ދެ ރުފިޔާ އެވެ. އެ ދުވަހުން ދުވަހަށް ދަގަނޑު ފިލާތައް ނެގުމުގެ މަސައްކަތް ފޯރީގައި ފެށިއެވެ.

ދެން ދައުލަތުން ހުޅުވާލީ ތަކެތީގެ ގޮތުން ވެސް އެއާޕޯޓްގެ މަސައްކަތަށް އެހީވުމަށެވެ.

އެއާޕޯޓް މަސައްކަތުގެ ދެވަނަ ދުވަހު ވެސް 150 މީހުންނާ އެކު މެންދުރު ކުރިން މަސައްކަތް ނިންމާލިއެވެ. ތިން ވަނަ ދުވަހު ހދ. އާއި ރ. އާއި ބ. އާއި ޅ. އަތޮޅުން 200 މީހުން މަސައްކަތް ކުރިއެވެ. އެ އަތޮޅުތަކުގެ މަސައްކަތުގެ ބައިބައިގެ ވެރީންކަމުގައި ތިއްބެވީ އަތޮޅުވެރިންނެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ބައިވެރިވުމުން އެއާޕޯޓްގެ މަސައްކަތަށް ލިބެމުންދިޔައެވެ.

ދުވަހެއް ދުވަހަށް މަސައްކަތުގައި ބައިވެރިވާ މީހުން އިތުރުވަމުންދިޔައިރު ހަތަރު ވަނަ ދުވަހު 400 މީހުން ބައިވެރިވިއެވެ. މީގެ ތެރޭގައި ހުޅުލޭ މީހުންނާއި ސްރީލަންކާގައި ކިޔަވަން ތިބި ދަރިވަރުން ވެސް ހިމެނެއެވެ. އޭރު އެހީގެ ގޮތުގައި ރައްޔިތުން ވަނީ 37190 ރުފިޔާ ޖަމާކޮށްފައެވެ.

މަސައްކަތް ފެށިތާ ފަސް ވަނައަށް ވީ ދުވަހު ދަގަނޑު ފިލާތައް ނެގުމުގެ މަސައްކަތް ނިންމާލިއެވެ.

އެއް ދުވަހުގެ މެދުކެނޑުމަކަށްފަހު 7 މެއިގައި ރަންވޭ ބޮޑުކުރުމާއި ބިން ސާފުކުރުމުގެ މަސައްކަތް ފެށިއެވެ. ސާފުކުރަމުން ގެންދިޔައީ ރަންވޭ މެދުން ފެށިގެން ކޮންމެ ފަރާތަކުން ވެސް 200 ފޫޓްގެ އޭރިޔާއެވެ. މި އޭރިއާގެ ތެރޭގައި ހުރި ހުރިހާ ގަހަކާއި ރުކެއް ވެސް ކަނޑައި މުޅިން ބިންގަނޑު ސާފުކުރަން ހަމަޖެއްސިއެވެ. ބިން ސާފުކުރުނުގެ މަސައްކަތް 1 ޖޫންއަށް ނިންމާލެވުނެވެ. މި މަސައްކަތުގައި ވޮލެންޓިއަރުންގެ ގޮތުގައި އަމިއްލަ އަށް އެދިގެން 2250 އަންހެނުންނާއި ފިރިހެނުން ބައިވެރިވިއެވެ. މީގެއިތުރުން ވެސް އަމިއްލަ އަށް އެދިގެން އެކިބައިބައިގައި ވަރަށް ގިނަ މީހުން ހުޅުލެއަށް މަސައްކަތް ކުރި އެވެ.

މިއީ ގައުމީ މަސައްކަތެކެވެ.

މަސައްކަތް ކުރަމުންދިޔަ މީހުންނަށް އެކިއެކި ފޮނި ބުއިންތައް ގެންގޮސްދިނުން ފަދަ ކަންކަން ވެސް ބައެއް ފަރާތްތަކުން ހިލޭ ސާބަހަށް ކުރިއެވެ. މި ކަމުގައި ވެސް އަންހެނުން ސާބިތުކޮށްދިނީ ވަރަށް ވެސް ވަރުގަދަ ހިތްވަރާއި އަޒުމެކެވެ. 1 ޖޫންގެ ނިޔަލަށް 77443 ރުފިޔާ ވެސް ވަނީ ލިބިފައެވެ. ބިން ހެދުމުގެ މަސައްކަތަށް އެއިން ހަރަދުވީ 26767 ރުފިޔާ އެވެ.


ބިން ހެދުމުގެ ދެވަނަ ބައިގެ މަސައްކަތް ފެށުމަށް 15 ޖޫންގައި އިއުލާންކޮށް މަސައްކަތް ފަށައިގަތެވެ. މިފަހަރު މަސައްކަތަށް ގިނަ މީހުން ބޭނުންވާތީ, އެއްވެސް ލިމިޓެއް ނުބާއްވާ ބޭނުންވާ އެންމެނަށް މަސައްކަތު ދެވޭ ގޮތަށް ހެދިއެވެ. އަދި އެ އެންމެންނަށް ވެސް އުޖޫރައެއް ދެމުންދިޔަ އެވެ.

އެއީ ޖުލައި 8 ވަނަ ދުވަހެވެ. ހުޅުލޭ އެއާޕޯޓް ހެދުމަށްޓަކައި އެހީގެ ފަންޑަށް ބޭރުން ކިޔެވި ދިވެހި ދަރިވަރުންގެ ފަރާތުން 7051 ރުފިޔާ ހަދިޔާކޮށް މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވިއެވެ. އެ ދުވަހުގެ ހަވީރުގެ ފިނިކަން ޖެހުނުއިރު އެއާޕޯޓްގެ މަސައްކަތުގެ ފޯރި ވަނީ އިންތިހާ އަށް ގޮސްފައެވެ. މަސައްކަތުގައި ބައިވެރިވާ މީހުންގެ އިތުރަށް ވެސް އެތައް ބައެއް މަސައްކަތުގައި ފޯރި ނަގަން ތިއްބެވެ. ލަފާ ކުރެވޭ ގޮތުން 600 ވަރަށް މީހުން އޭރު ހުޅުލޭގައި ތިއްބެވެ.

އެއާޕޯޓް މަސައްކަތުގައި އެންމެ ކުލަ ދުވަސް

ހަގީގަތުގައި ވެސް މިއީ ދިވެހިން އެންމެ ފަހުރުވެރިވާނެ, އެންމެ ގައުމީ މަސައްކަތެވެ. ރައީސް ނާސިރުގެ ދުރުވިސްނޭ ތަރައްގީގެ އަމާޒުގެ ދަށުން, ހުރިހާ ރައްޔިތުން އެއްބައިވަންތަކޮށް ގައުމީ ރޫހުގައި ހިންގި މި މަޝްރޫއައަކީ މުޅީން ދިވެހިންގެ ދިވެހިންގެ މަސައްކަތެވެ. ދިވެހީންގެ ރަމުޒެވެ. ބޮޑު ވަޒީރުގައި ކަމުގައި ފެއްޓެވި ތަރައްގީގެ މި މުހިންމު މަސައްކަތް ފުޅާކޮށް, ރައީސުލްޖުމްހޫރިއްޔާ ކަމުގެ 10 އަހަރުގައި އިގުތިސޯދީ ގޮތުން ރާއްޖެ އަށް ރައީސް ނާސިރު ތަފާތު ބަދަލުތަކެއް ގެނެސްދެއްވިއެވެ.

ދައުލަތުގެ އިގުތިސޯދީ ހާލަތު ގޯސްކޮށް އޮތްއިރު ރައްޔިތުންގެ ބައިވެރިވުމާ އެކު އެ ބޮޑު މަސައްކަތް ރައީސް ނާސިރު ކުރެއްވި ގޮތަށް ތައުރީފް ކުރައްވަމުން ރައީސް އަބްދުالله ޔާމީން ވިދާޅުވެފައިވަނީ ތިރީގައިމިވާ ފަދައިންނެވެ. ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި އެ ދުވަހު ރައްޔިތުން ނުކުމެ އެ މަސައްކަތަށްވީ އެހީ އަކީ ފާހަގަކުރަން ޖެހޭ ކަމެކެވެ.

29 މާޗް 1978: ހުޅުލެ އެއާޕޯޓް ޕްރޮޖެކްޓްގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -

29 މާޗް 1978: ހުޅުލެ އެއާޕޯޓް ޕްރޮޖެކްޓްގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -

"އޭރު ދިވެހި ދައުލަތުގައި އެ ފޯރުންތެރިކަން ނެތީ. އިގުތިސޯދީ ފޯރުންތެރިކަން ނެތީ، އޭރު އަޅަން ބޭނުންވި އެވަރުގެ އެއާޕޯޓެއް އަޅަންވެސް. ދެން ކީއްތޯ، ރައީސް ނާސިރު ކުރެއްވީ؟ ނާސިރު އިލްތިމާސް ކުރެއްވީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް. ކޮންމެ ރައްޔިތަކަށް ދެވުނު އެއްޗެއް މި ފަންޑަށް ދޭށޭ. އެއާޕޯޓް އަޅަން ބޭނުމޭ. އަހަރުމެންގެ ކުރިއެރުމާއި، އަހަރުމެންގެ މިނިވަންކަމާ ދޭތެރޭގައި، އަހަރުމެން އަޅަން ބޭނުންވާ އެންމެ މުހިއްމު ފާލަމަކީ މިއީއޭ. އޭރު ފައިސާ ދިންވަރު ތިޔަކުދިންނަށް އެނގޭބާ؟ ގަބޫލުކުރޭ! ސާޅީސް ފަސްލާރި، މި ފަންޑަށްލީ މީހުން އެބަތިބި. ދިވެހިރާއްޖޭގެ އާއްމު ރައްޔިތުން. އެއް ރުފިޔާ މި ފަންޑަށްލީ މީހުން އެބަތިބި. ސާޅީސް ފަސްލާރި," ރައީސް ޔާމީން ވިދާޅުވި އެވެ.

"ސާޅީސް ފަސްލާރި، އާންމުކޮށް ރައީސް ނާޞިރު އިލްތިމާސް ކުރެއްވީ. ނޫނީވިއްޔާ، އޭރު ބޮޑުވަޒީރު އިލްތިމާސް ކުރެއްވީމާ، ސާޅީސް ފަސްލާރިން، އެއްރުފިޔާއިން މިއީ އަޅުގަނޑުމެންގެ ޓިލްއަށް، ނޫނީވިއްޔާ އަޅުގަނޑުމެން މި އެއަރޕޯޓް ހަދަން އެއްކުރި ފައިސާ އަޅައި ޖަމާކުރާ ފޮށްޓަށް އޭރު ލާރި ލަމުންދިޔަވަރު. އަޅުގަނޑުމެންގެ ޚިޔާލަށް އެއްޗެއް އާދޭތޯ؟"

މި ލިޔުމަށް މައުލޫމާތު ނެގީ: "ދިވެހިރާއްޖޭގެ އެކި ކަންތައްތައް ހިނގި ގޮތް" މި ފޮތުންނެވެ.