ގޭގެ ބޮޑުދޮރާށީގައި ހުންނަ ލޯވަޅަކުން ކުޑަކުޑަ މުހައްމަދު އަމީން ބޭރު ބަލަން ހުންނަވަ އެވެ. ސުއްޓާ ބޮމުން އަންނަ މީހުން ދޮރާ ހަމަވުމުން ސުއްޓާ އެއްލާލަ އެވެ. ތާކިހާ އަރިކޮށްގެން ހިނގަމުން އަންނަ މީހުން އެގެޔާ ހަމަވުމާ އެކު ތާކިހާ ބޮލުގެ މެދަށް ޖައްސާލަ އެވެ.

އެ މީހުންނަށް ބޭއިހުތިޔާރުގައި އެގޮތަށް އަމަލުކުރެވެނީ އަތިރީގޭގައި ހުންނަވާ ބޭފުޅަކަށް ހިތުގައި އޮންނަ ލޯތްބާއި އިހުތިރާމުގެ ސަބަބުންނެވެ. އެއީ ރާއްޖޭގައި އޭރު ހުރި ސިޔާސީ ގޮތުން އެންމެ ނުފޫޒު ގަދަ އެއް ބޭފުޅާ ކަމަށްވާ އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެފެފާނެވެ. ކުޑަކުޑަ އަމީނުގެ ކާފަ އެވެ.

އަމީން ބޮޑުފުޅުވަމުން އައީ ސިޔާސީ ގެޔަކަށެވެ. އޭނާ އުފަންވިއިރު ކާފަ އިބްރާހިމް ދޮށިމޭނާ ކިލެފެފާނު ހުންނެވީ ރަދުންގެ މުޝްތަތާރެއްގެ ގޮތުގަ އެވެ. ދައުލަތް ހިންގަވަން ބޮޑު ބަނޑޭރިއަކަށް ހުންނެވީ އަމީނުގެ ބޮޑުބޭބެ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު އެވެ. ކޮޅުނބުގައި ދިވެހި ސަފީރަކަށް ހުންނެވީ އަނެއް ބޮޑުބޭބެ އަބްދުލްހަމީދު އަފަންދީ އެވެ. ރަދުންގެ ކާތިބުއްސިއްރުގެ މަގާމާއި ޕޯސްޓް އޮފީހާއި ކަސްޓަމްސްގެ ވެރިޔަކަށް ހުންނެވީ އަމީނުގެ ބައްޕަ އަހުމަދު ދޮށިމޭނާ ކިލެގެފާނެވެ.

ގޭތެރެއިން އިވެނީ ސިޔާސީ ވާހަކަތަކެވެ. އަދި ގޭތެރޭގައި ހިނގާ، ސިޔާސީ ވާހަކަ ދެކެވޭ ބައްދަލުވުންތަކުން ވެސް ޖާގަ ލިބެ އެވެ. އެގޮތުން ސިލޯނުގެ ސަރުކާރުގެ އާމްދަނީތައް ބެލެހެއްޓުމުގެ ވެރިޔާ ބީ ހޯސްބަރޯ އާއި ގަވަރްނަރުގެ ޕްރައިވެޓް ސެކްރެޓަރީ ރޮބަޓް ޓްރެފޫސިސް އަތިރީގޭގައި އިބްރާހިމް ދޮށިމޭނާ ކިލެގެފާނާ ބައްދަލުކުރެއްވިއިރު އަމީން އެތަނުގައި ހުންނެވި އެވެ.

އެހެންކަމުން އަމީނުގެ މުސްތަގުބަލު އޭރުއްސުރެ އޮތީ ސިޔާސީ މައިދާނާ ގުޅިފަ އެވެ. އެ ގުޅުން އިތުރަށް ވަރުގަދަވީ، ސްރީ ލަންކާ އިން ކިޔަވާވިދާޅުވެގެން މަތީ ތައުލީމު ހާސިލްކުރެއްވުމަށް އިންޑިއާގެ އަލީގަޅަށް ވަޑައިގަތުމުންނެވެ. އެއީ އިނގިރޭސިންގެ އަތްދަށުން މިނިވަންވާން އިންޑިއާ އިން މަސައްކަތްކުރަމުން ދިޔަ ދުވަސްވަރެވެ. އަމީން ކިޔަވާވިދާޅުވި އަލީގަޅު މުސްލިމް ޔުނިވާސިޓީގެ ދަރިވަރުން ދިޔައީ ފްރީޑަމް މޫވްމަންޓުގައި ބައިވެރިވަމުންނެވެ.

އެހެންވެ އިންޑިއާގެ މިނިވަންކަމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ބޭފުޅުން ކަމަށްވާ އިންޑިއަން ނޭޝަނަލް ކޮންގްރެސްގެ މޯޓީލާލް ނެހުރޫ އާއި ޕާކިސްތާނުގެ ބާނީ މުހައްމަދު އަލީ ޖިނާހު އާއި މިނިވަން އިންޑިއާގެ ތައުލީމާ ބެހޭ ވަޒީރު މައުލާނާ އަބްދުލްކަލާމް އާޒާދު އާއި މައުލާނާ ޝައުކަތު އަލީ ފަދަ ބޭފުޅުން އެ ޔުނިވާސިޓީގައި ސިޔާސީ، ގައުމީ ތަގުރީރުތައް ދެއްވި އެވެ.

އެ ތަގުރީރުތަކުގެ ސަބަބުން އަމީނުގެ ހިތުގައި ދިޔައީ ސިޔާސީ ކަންކަމަށް އިތުރު ޝައުގުވެރިކަމެއް ޖެހެމުންނެވެ. އަދި އިންޑިއާގެ މިނިވަންކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި އެމެރިކާގެ ޑރ. އޭނީ ބެސެންޓްގެ ތަގުރީރެއް އަޑުއެހުމުން ގައުމަށްޓަކައި ހިތްމަތްކުރުމުގެ ރޫހު ހިތުގައި އުފެދިގަތެވެ.

"އަޅުގަނޑުގެ ކިބައިގައި އޭގެ ކުރީގައި ފޮރުވިފައި ހުރި ހުއްބުލްވަތަންގެ ރޫހަށް ހޭލެވޭން ފެއްޓީ، ވަޒަންދެކެ ލޯބިވުމަކީ ރީތިކަމެކޭ އަޅުގަނޑަށް ހީވާން ފެށީ، އެ ދުވަސްވަރު އެވެ،" އަމީން ލިޔުއްވާފައިވެ އެވެ.

އިންޑިއާ އިން ކިޔަވާވިދާޅުވެގެން އަމީން އެނބުރި ރާއްޖެ ވަޑައިގެންނެވިއިރު، މި ގައުމުގައި ވެސް ހިނގަމުން ދިޔައީ ސިޔާސީ ގޮތުން އާ ރޫހެކެވެ. ބޭރުން ކިޔަވާވިދާޅުވެގެން ޒުވާނުން އައިސް ގާނޫނު އަސާސީއެއް ހެދުމުގެ ވާހަކަ އޭރު އޮތީ ދެކެވިފަ އެވެ.

ރަދުން މުހައްމަދު ޝަމްސުއްދީނުގެ އަމުރުފުޅަށް ގާނޫނު އަސާސީއެއް އެކުލަވާލުމަށް އުފެއްދި މަޖިލީހުން އަމީނަށް ޖާގަ ލިބުން ވެގެންދިޔައީ، ސިޔާސީ މައިދާނުގައި އޭނާގެ ފުރަތަމަ ރަސްމީ ފެނިލުމަށެވެ. އެ ގާނޫނު އަސާސީގެ ދަށުން އުފެއްދި ގާނޫނު ހަދާ މަޖިލީހުގެ ރަދުންގެ މެމްބަރުކަމާއި، އޭގެ ދަށުން އުފެއްދި ކެބިނެޓުގެ ވިޔަފާރިއާ ބެހޭ ވަޒީރުކަން އަމީނަށް ލިބިވަޑައިގެންނެވި އެވެ.

ޖުމްހޫރީ ދުވަހު ރައީސް މުހައްމަދު އަމީން މުލީއާގެއަށް ވަޑައިގަންނަވަނީ. އަމީންގެ ފަހަތްޕުޅުގައި އެ ހުންނެވީ އިނގިރޭސި ހައި ކޮމިޝަނަރު ހެނކިންސަން. -- ފޮޓޯ: ނެޝަނަލް އާކައިވް


ގާނޫނު އަސާސީއެއްގެ އަލިކަން ރާއްޖެ އަށް ލިބުނުއިރު ގައުމުގެ އާއްމު ހާލަތު އޮތީ އެފަދަ ކަމަކަށް ތަންދެވޭ ވަރަށް ވުރެ ނިކަމެތިކޮށެވެ. ނަތީޖާއަކަށްވީ އާ ގާނޫނުތައް ރައްޔިތުންނަށް ތުރާތަކަށް ވުމެވެ. އޭގެ ސަބަބުން އެންމެ ފުރަތަމަ އުފެދުނު އެއް ހައިޖާނަކީ ވޯރާ ވިޔަފާރިވެރިންނަށް ދަތިވާ ގޮތަށް ހެދި ގާނޫނެއްގެ ސަބަބުން އެބައިމީހުން ކުރި ހަޅުތާލެކެވެ. އެކަން މައިތިރުކުރެއްވުމުގެ ޝުކުރު ހައްގުވާ އެއް ބޭފުޅަކީ އަމީނެވެ.

އަމީން ދިޔައީ މަޖިލީހުގެ ބަހުސްތަކުގައި ވެސް ބައިވެރިވެވަޑައިގެން މުހިއްމު ހިޔާލުފުޅުތައް ދެއްވަމުންނެވެ. އެގޮތުން ދިވެހި ދައުލަތަށް އާގުބޯޓެއް ގަތުމަށް ވަޒީރުއްދާހިލިއްޔާ އަހުމަދު ކާމިލް ދީދީ ހުށަހެޅުއްވި ބިލާ ދެކޮޅަށް ކުރެއްވި ބަހުސް ފާހަގަކުރެއްވެ އެވެ. އަމީން ދެއްވި ލަފާފުޅަކީ ދައުލަތާއި ރައްޔިތުން އެކުވެގެން ކުންފުންޏެއް އުފެއްދުމެވެ. ފުރަތަމަ އެއަށް ބަނގަލާ ބޯޓެއް ހޯދުމަށެވެ. އެއަށް ފަހު ފައިސާ ލިބި، ކުންފުނި ހިނގައިގަތުމުން އާގުބޯޓެއް ހޯދާށެވެ. ރާއްޖޭގައި ފައިސާވެރިކަމާއި ވިޔަފާރި ކުރިއެރުވުމުގެ މަގުސަދުގައި ތައްޔާރުކުރެވުނު އެ ބިލަކީ އޭރާ ބަލާއިރު ވަރަށް ޒަމާނީ ބިލެކެވެ.

ގާނޫނު އަސާސީގެ ދަށުން ހަދަން ފެށި ގާނޫނުތަކާއި، ގަވާއިދުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުން ދިޔަ އުނދަގޫތައް ބޮޑުވެ، އެކަމުގެ ހުޅުފަޅައިގެން ގޮސް ހިނގި މަޝްހޫރު މޮޓަރުބޯޓު ގަޑުބަޑު ކޮންޓްރޯލްކުރެއްވުމުގައި ވެސް އަމީން މުހިއްމު ދައުރެއް އަދާކުރެއްވި އެވެ.

އެންމެ ފުރަތަމަ، ގަޑުބަޑުގެ ދުވަހު ދައުލަތުގެ ވަޒީރުންނަށް ހިމާޔަތް ދެއްވުމުގައި އޭނާ ކުރެއްވި މަސައްކަތް ފާހަގަކުރެވެ އެވެ. އަދި މޮޓަރުބޯޓުގައި ލަންކާ އަށް ފޮނުއްވާލާފައި ހުންނެވިއިރު، ސިލޯނުގައި އޮތް އިނގިރޭސި ސަރުކާރާ ވާހަކަދައްކައިގެން އެކަން ތަހުގީގުނުކޮށްވޭތޯ މަސައްކަތްކުރެއްވި އެވެ. ނަމަވެސް އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެންނެވިއިރު ސިޔާސީ މަސްރަހު އޮތީ އަނެއްކާ ވެސް އެނބުރިފަ އެވެ.

ބާރު އޮތީ ރައްޔިތުންގެ ތެރެއިން ނެގި 68 ބޭކަލުންގެ ކޮމިޓީއެއްގެ އަތްމަތީގަ އެވެ. އެ ކޮމިޓީން އަމީނަށް ދައުލަތުގެ ވަޒީރުކަން ދިނެވެ. އަދި ފަހުން އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ވަޑައިގެން ލިޔުއްވި ލުއި ގާނޫނު އަސާސީގެ ދަށުން އެކުލަވާލެވުނު ކެބިނެޓުން ވެސް ޖާގަ ލިބިވަޑައިގަތެވެ.

ނަމަވެސް ސިޔާސީ މަސްރަހަށް ފިނިކަމެއް ނުލިބުނެވެ. މި ފަހަރު ހަސަން ފަރީދު އިސްވެ ހުންނަވައި ގެންނެވި އިންގިލާބެއްގައި ރަދުން މުހައްމަދު ޝަމްސުއްދީން ރަސްކަމުން އަޒުލުކުރެއްވި އެވެ. އެއާ އެކު ހުރިހާ ބާރެއް ހަސަން ފަރީދަށް ލިބިވަޑައިގަތެވެ. އަމީނު ހުންނެވީ ވަޒީރެއްގެ ގޮތުގަ އެވެ. އޭގެ އަހަރުތަކެއް ފަހުން ދެ ވަނަ ބޮޑު ހަނގުރާމަ ފެށުމާ އެކު، އަމީނުގެ ދައުރު ބޮޑުވި އެވެ. އެގޮތުން އަގުތައް ކޮންޓްރޯލް ކުރުމަށް ވޯރާ ވިޔަފާރިވެރިންނާއި ދިވެހި ވިޔަފާރިވެރިންނާ ގުޅިވަޑައިގެން މަސައްކަތްކުރެއްވި އެވެ.

ހަނގުރާމައިގެ އެންމެ ދިލަ ގަދަވި ވަގުތު 1942 ގައި ހަސަން ފަރީދު ޗުއްޓީއަކަށް އެދިވަޑައިގަތެވެ. އެއާ އެކު، ވަޒީރުއްދާހިލިއްޔާގެ ގާއިމް މަގާމުގެ ގޮތުގައި ސަރުކާރު ހިންގުމުގެ ޒިންމާ އަމީނުގެ ކޮނޑުގައި އެޅިގެންދިޔަ އެވެ. އޭރު ރާއްޖޭގެ ހަތަރު ބިތަށް އާއްމު ވަމުންދިޔައީ، ބަނޑުހައި ހޫނުކަމުގެ ދަތިކަމާއި ދިލަކަމެވެ. އިވެމުންދިޔައީ، ހާންތީގެ ވޭނުގެ ކެކުޅުންތަކެވެ. ވައްކަންކުރުމާއި އެކިއެކި ގޮތް ގޮތުން މީހުންނަށް އުނދަގޫކުރުން ދިޔައީ ގިނަވަމުންނެވެ. ބައެއް ރަށްރަށުގައި، ބަނޑުހައިހޫނުކަމުގެ ސަބަބުން މީހުން މަރުވާން ފެށީ ބިރުގަންނަހައި ގިނަ އަދަދަކަށެވެ. މަރުނުވެ ތިބި ބައެއް ހަށިތައް ދިޔައީ ހަމަ އެކަނި ކަށިތަކަށް ވަމުންނެވެ. ބަނޑުހައިހޫނުކަން މި ދަރަޖައަށް ދާން ފެށިއިރު ފޭރާމުގެ ދަތިކަން އެއަށް ވުރެ ވެސް ބޮޑުވެއްޖެ އެވެ. ހަށިގަނޑު ނިވާކޮށްލާނެ އެއްވެސް ފަދައެއް ނެތިގެން ބޭރަށް ނުނުކުމެވޭ ހާލު ޖެހިފައި އެތައް ބަޔަކު ތިއްބެވެ.

ނަތީޖާއެއްގެ ގޮތުން ގޭގޭގެ ފުރާޅުގައި ހުރި ޓިނުތަކާއި ހިފާ ގެންގުޅޭހާ ތަކެއްޗެއް ވިއްކާން ފަށައިފި އެވެ. އަނބިދަރީންގެ އަތްފައިގައި އަޅާފައި ހުރި ގަހަނާތައް އެންމެ އަވަހަށް ގަންނާން ބުނި މީހަކަށް ވިއްކައި ލިބުނު އެތިކޮޅަކަށް އެންމެ ކުރީން ހަދާން ހިތަށް އެރި ގޮތެއް ހަދަން ފަށައިފި އެވެ. އެކަންކަމަށް އަމީން ފިޔަވަޅުތަކެއް އެޅުއްވި އެވެ. އެގޮތުން ބައެއް ގާނޫނުތައް ހައްދަވައި، ކާބޯތަކެތި ރޭޝަންކޮށް މަސްރަހު ހައްލުކުރެއްވޭތޯ ބެއްލެވި އެވެ.

އެކަން އެހެން އޮއްވާ އިތުރު މައްސަލައެއް ފެންމަތިވި އެވެ. ސަރުކާރާ ދެކޮޅަށް އުތުރުން އަށެއްކަ ހާސް މީހުން މާލެ އެރީ އެވެ. މާލޭން ބަޔަކު ވާގިވެރިވެގެން، މާލޭގެ އާބާދީއާ ދާދި އެއްވަރުގެ އަދަދެއްގެ ބަޔަކު އެގޮތަށް އައުމަކީ ކުރިމަތިވި ބިރެކެވެ. އެބައިމީހުން އެދުނު އެއް ކަމަކީ އޭރު އަޒުލުކުރެވިފައިވާ ރަދުން ޝަމްސުއްދީން އަލުން ރަސްކަމަށް އިސްކުރުމެވެ. އަމީން އެ މައްސަލަ ހައްލުކުރެއްވީ ސިޔާސީ ގޮތުންނެވެ. އެގޮތުން ބޮޑުން ބޭތިއްބުމަށް ފަހު އެހެން މީހުން ފޮނުވާލީ އެވެ. އެ މީހުން ދިއުމާ އެކު ބޮޑުން ހައްޔަރުކޮށް އަދަބުދިނީ އެވެ.

އަމީނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ލިބިވަޑައިގަތީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭ ހަސަން ފަރީދު އަވަހާރަވުމުންނެވެ. އިނގިރޭސި މަނަވަރެއްގައި ދަތުރުކުރައްވަނިކޮށް އެ ބޯޓު ދުޝްމިނުން ފައްތާލީ އެވެ. އޭނާ އަވަހާރަވުމަކީ އަމީނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތާމަފުޅެކެވެ. ހަސަން ފަރީދު އަވަހާރަވުމާ އެކު ވަލީ ކޮމިޓީން ނިންމީ ދައުލަތް ހިންގުމުގެ ޒިންމާ އަމީނަށް ދެއްވުމަށެވެ. އެއީ ވަރަށް ބުރަ ދުވަސްވަރެކެވެ. ރާއްޖޭގެ ރަށްރަށަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބެއްލެވި އެވެ. އަދި ކޮޅުނބަށް ވަޑައިގެން އެހީގެ ކަންކަން ވެސް ހަމަޖެއްސެވި އެވެ.

ހަނގުރާމަ 1945 ގައި ހުއްޓުމާ އެކު އަމީން ގައުމު ބިނާކުރެއްވުމުގެ މަސައްކަތް ފެށްޓެވި އެވެ. އެގޮތުން ކުޅިވަރާއި، އިޖުތިމާއީ ކަންކަމުގެ ތެރެއިން ރައްޔިތުން އެއްބައިވަންތަކުރެއްވި އެވެ. އަދަބިއްޔާތު ތަރައްގީކޮށްދެއްވި އެވެ. އަންހެނުން ބާރުވެރިކުރެއްވި އެވެ. ރަށްރަށުގައި ތަރައްގީގެ ބައެއް މަޝްރޫއުތައް ހިންގެވި އެވެ.

އެ ހުރިހާ ކަމެއްގެ ތެރެއިން އެންމެ ބޮޑު މަސައްކަތަކީ ރާއްޖެ އަށް ދާހިލީ މިނިވަންކަން އިނގިރޭސިންގެ އަތުން ހޯދައިދެއްވުމެވެ. އެގޮތުން 1947 ގައި އިނގިރޭސިންނާ އެކު ހެދި އެއްބަސްވުމުގެ ހުރިހާ މަސައްކަތް ކުރެއްވީ އެމަނިކުފާނެވެ. އެ އެއްބަސްވުމާ އެކު އިނގިރޭސިންނަށް ޖިޒީ ދިނުން ހުއްޓުމަކަށް އަ އެވެ. ބައެއް ތަޖުރިބާކާރުން ވިދާޅުވި ގޮތުގައި އެ އެއްބަސްވުން ނެހެދުނު ނަމަ، އިނގިރޭސިންގެ އަތްދަށުން ލަންކާ 1948 ގައި މިނިވަންވި އިރު، އެ ގައުމުގެ ބަޔަކަށް ރާއްޖެ ވީހެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އިއުލާންކުރި ދަރުބާރު.

އޭރު ރާއްޖޭގެ ރަސްކަމުގައި ރަމްޒީ ގޮތުން ހުންނެވީ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. ގައުމު ހިންގެވުމުގެ ޒިންމާ އޮތީ އަމީންގެ ކޮނޑުފުޅުގަ އެވެ. ކިލެގެފާނު އަވަހަރަވުމާ އެކު އަމީން ރަސްކަމަށް އިސްކުރަން ވަރަށް ގިނަ ބަޔަކު ބޭނުންވި އެވެ. ނަމަވެސް އަމީން ވިދާޅުވީ، ރަސްކަމަށް އިސްވެއްޖެ ނަމަ، އޭނާ އަދާކުރައްވާ އެހެން ޒިންމާތަކަށް ހުރަސް އެޅޭނެ ކަމަށެވެ. އޭގެ ތެރޭގައި ލަންކާ އަށް ދޭތެރެދޭތެރެއިން ވަޑައިގެން ހާރިޖީ ކަންކަން ހަމަޖެއްސެވުން ހިމެނެ އެވެ.

ހުދު އަމީނަކީ ވެސް ރަސްކަމުގެ ނިޒާމަށް ތާއީދުކުރެއްވި ބޭފުޅެކެވެ. ނަމަވެސް ހާލަތު އޮތް ގޮތުން އެމަނިކުފާނަށް ރަސްކަމާ ހަވާލުވެވަޑައިގެންނެވޭކަށް ނެތެވެ. އެހެން މީހަކު ރަސްކަމަށް އިސްކުރަން ރައްޔިތުން ގަބޫލެއް ނޫނެވެ. އެއާ އެކު، ބޮޑުން ނިންމީ ރާއްޖޭގައި އޮންނާނެ ވެރިކަމުގެ ނިޒާމެއް ކަނޑައަޅަން ކޮމިޓީއަކާ ހަވާލުކުރުމަށެވެ. އެ ކޮމިޓީ މަޝްވަރާކޮށް ނިންމީ ޖުމްހޫރީ ނިޒާމެއް ގެނައުމަށެވެ. މަގުސަދަކީ އަމީން ވެރިކަމަށް ގެނެވެން އޮތީ އެގޮތުން ކަމަށްވާތީވެ އެވެ. ނަމަވެސް ނިޒާމު ކަނޑައެޅުމުގެ ފަހު ބަސް ބުނުން ރައްޔިތުންނަށް ދޭން ކޮމިޓީން ނިންމި އެވެ.

މާލޭގައި 1952 ގެ ކުރީކޮޅު ނެގި އެ ވޯޓުގެ ނަތީޖާ ދެއްކީ ޖުމްހޫރީ ނިޒާމެއް ގެނައުމަށެވެ. އަދި އެ ނިޒާމުގެ ދަށުން ރައީސްކަމަށް ނުވަތަ އޭރުގެ ގޮތުން ނަމަ ވަލިއްޔުލްއަމްރުގެ މަގާމަށް އަމީން އިންތިހާބުކުރަން ވެސް ރައްޔިތުން ވޯޓު ދިނެވެ. އެއާ އެކު، ޖެނުއަރީ 1، 1953 ގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އިއުލާންކުރެވުނެވެ.

ދާހިލީ ވަޒީރުގެ ގޮތުގައްޔާއި، ބޮޑުވަޒީރުގެ ގޮތުގައި ގައުމު ހިންގެވުމުގެ ޒިންމާ ނަންގަވަމުން އަންނަތާ އޭރު އެތައް އަހަރެއްވީ ނަމަވެސް އެ ދުވަހަކީ ރަސްމީ ގޮތުން އަމީން ރާއްޖޭގެ އެންމެ މަތީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހެވެ. ސިޔާސީ އާއިލާއަކަށް އުފަންވެ، ސިޔާސީ ގެޔަކަށް ބޮޑުފުޅުވި އަމީނުގެ ސިޔާސީ ހަޔާތުގެ ކުންނަކީ އެއީ އެވެ.