Play Video

އަވަށެއް ވަރު ބިމެއް 99 އަހަރަށް، ރާޖޫއަކީ ކާކު؟

ޝުރުފާ މުހައްމަދު

މާލޭގެ ޖާގައިގެ ދަތިކަމާއި ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކުރަން ސަރުކާރުތަކުގެ ވިސްނުމަކީ ކައިރި ފަޅުތައް ހިއްކައި އާބާދު ކުރުމެވެ. ނަމަވެސް އެކަމަށްޓަކައި ބޮޑެތި ފަޅުތައް ހިއްކައި ތޮއްޓާރި ރިވެޓްމަންޓު ޖަހައި މަގުތައް ހަދައި ހުރިހާ ވަސީލަތްތަކާއެކު ބޮޑު ސިޓީއެއް ކޮޅަށް ނެގުމަކީ އާދައިގެ ކުޑަ ކަމެއް ނޫނެވެ. ވަރަށް ދިރާސާ ކުރަން ޖެހޭ އަދި ދައުލަތުން އެތައް މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހޭ ކަމެކެވެ.

ވަކިން ހާއްސަކޮށް މި ދުވަސްވަރު ރާއްޖޭގައި އެފަދަ ގިނަ މަޝްރޫއުތަކެއް ހިންގުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ. އެއީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގާ ވަރަށް މާލީ ހާލަތު ތަންނުދިނުމެވެ. ރާއްޖެ ޑިފޯލްޓް ވެދާނެ ކަމުގެ ނުރައްކަލުގެ ރަނގަބީލުތައް ބޭރުގެ މާލީ އިދާރާތަކުން އަޅަމުން ދަނިކޮށް 17 ނޮވެމްބަރު 2023 ގައި މި ސަރުކާރު ހަވާލުވެ މުޅިން އާ ފަޅެއް ހިއްކައި އާ ސިޓީއެއް އުފެއްދުމުގެ މެގަރ ޕްރޮޖެކްޓެއް ވަނީ ފަށައިފަ އެވެ.

އެންމެ މަހެއް ތެރޭ ފުށިދިއްގަރުފަޅު ހިއްކުމުގެ ބިޔަ މަޝްރޫއު ފެށުމުން އެންމެންގެ ސުވާލަކަށްވީ ސަރުކާރުން މިކަން ކުރީ ކިހިނެތްތޯ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި މި މަޝްރޫއު ނުހިމަނާ އިރު އަދި 400 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ އިރު ކުޑަ ދުވަސްކޮޅެއް ތެރޭ އެކަން ހާސިލް ކުރީ ކިހިނެތް ހެއްޔެވެ.

އޭގެ ޖަވާބު އޮތީ ކެޕިޓަލް މެރީން އެންޑް އިންވެސްޓްމަންޓް (ސީއެމްސީ) ނަމަކަށް ކިޔާ ބޭރުގެ ކުންފުންޏަކުން ސަރުކާރަށް އޮފަރ ކުރި ވަރުގަދަ ޑީލެއްގަ އެވެ.

ސީއެމްސީ އިން ސަރުކާރަށް ހުށަހެޅީ ރާއްޖޭގެ އެންމެ އަގު ބޮޑު މާލެ ސަރަހައްދުން އެ ކުންފުނިން ހިއްކާ ދޭ ބިންތަކުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަށެވެ. އެގޮތުން ފުށިދިއްގަރުން 60 ހެކްޓަރުގެ ބިމާއި ހުޅުމާލެއިން 10 ހެކްޓަރުގެ ބިން ދިނުމަށް އެ ކުންފުނިން އެދުނެވެ.

އޭގެ ބަދަލުގައި ދައުލަތަށް މާ ބޮޑު މާލީ ބުރައެއް އުފުލަން ނުޖެހޭ ގޮތަށް އަދި ސަރުކާރުން ބޭނުންވާ އަވަސް ސްޕީޑުގައި ފުށިދިއްގަރުފަޅު ހިއްކުމަށް އެ ކުންފުނިން އެއްބަސްވެ އެވެ.

އެއީ ސަރުކާރުން ހުޅުވާލި ފުރުސަތެއްގައި ކުރިމަތިލި ބައެއް ނޫނެވެ. އެއީ ކެޕިޓަލް އިންވެސްޓަމަންޓް އިސްވެ ސަރުކާރަށް ހުށަހެޅި ޕްރޮޕޯސަލް އެކެވެ. މާލީ ހާލަތު ރަނގަޅު ނޫން އިރު މިފަދަ އޮފަރ އެއް ލިބުމަކީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ސިފަ ކުރައްވާ ގޮތުގައި “ރަނުގެ” ފުރުސަތަކަށެވެ.

“އަޅުގަނޑުމެންގެ ދަރަނީގެ ހާލަތަށް ބަލާއިރު ގައުމަށް ފައިދާ ހުރި އިންވެސްޓަރ ފައިނޭންސްތަކަށް ހުޅުވިފައި އޮންނަން ޖެހޭ. 70 ހެކްޓަރަށް 1083 ހެކްޓަރުގެ ބިމަކީ ރާއްޖެ އަށް ހުރިހާ މާނައެއްގައި ވެސް އިންތިހާއަށް ރަނގަޅު ޑީލެއް.” ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބް ‘އެކްސް’ގައި ވިދާޅުވި އެވެ.

މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން ބޭރު ބަޔަކަށް ދެނީ އޭ ބުންޏަސް މި ދައްކަނީ ކިހާ ސަރަހައްދެއް ކަމެއް އާންމު މީހަކަށް އަންދާޒާ ކޮށްލަން ފަސޭހަ ނުވަދާނެ އެވެ. އެ އަދަދު އެހެން މަޝްރޫއުތަކާ އަޅައި ކިޔާލަން ޖެހެ އެވެ.

ހުޅުމާލެއިން 1200 އެއްހާ ގޯތި ދިނުމަށް ސަރުކާރުން ހިއްކި ފޭސް 3 ގައި ވެސް ހުންނަނީ 63 ހެކްޓަރެކެވެ. މިންއަޅައިފި ނަމަ 70 ހެކްޓަރަކީ ހުޅުމާލެ ފޭސް އެކެއްގެ އެއްބައެވެ. ނުވަތަ ގާތްގަނޑަކަށް މާލޭގެ ދެ އަވަށެއްހާ ބޮޑު ސަރަހައްދެކެވެ. މިވަރުގެ ޑީލެއް ނިންމާލި އިރު ވިސްނާލަން ޖެހޭ ދެތިން ކަމެއް އެބައޮތެވެ.

ސީއެމްސީއަކީ ކޮން ބައެއް؟ ރާޖޫއަކީ ކާކު؟

ކެޕިޓަލް މެރީން އިންވެސްޓަމަންޓަކީ އިނގިރޭސިވިލާތުގައި ރަޖިސްޓާ ކޮށްފައިވާ ސްރީ ލަންކާގެ ކުންފުންޏެކެވެ. އެއީ އިންފްރާސްޓްރަކްޗާ އާއި ޝިޕިންގ އާއި ޓޫއަރިޒަމް ދާއިރާގެ އެކި ޕްރޮޖެކްޓުތައް ހިންގުމުގެ ގާބިލްކަން ހުރި ކުންފުންޏެކެވެ.

އެ ކުންފުނީގެ މުގުލުގައި ހުރީ ސިވަރާޖަ މަނިވަންނަން (ރާޖޫ) ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ އިނގިރޭސި ރައްޔިތުކަން ހޯދާފައިވާ ސްރީ ލަންކާގެ ރައްޔިތެކެވެ. ރާއްޖެއިން އެއްވެސް މަޝްރޫއެއް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލު ކޮށްފި އޭ ސަރުކާރުން ބުނެފި ނަމަ އެ ޕްރޮޖެކްޓު ވަންނަނީ ރާޖޫގެ ކުންފުންޏަކަށެވެ. ސަބަބަކީ އޭނާއަކީ ރާއްޖެ އާއި ލަންކާގައި ބޮސްކާލިސް އިންޓަނޭޝަނަލް ތަމްސީލް ކުރާ ވިޔަފާރިވެރިއެކެވެ.

ރާއްޖޭގައި އެކި ދާއިރާތަކުން ވިޔަފާރި ކުރަން ރާޖޫ ވާނީ ކެޕިޓަލްގެ ދަށުން ތިން ކުންފުންޏެއް އުފައްދައިފަ އެވެ. އެއީ ދަ ގުޑްވިލް ޕްރައިވެޓް ލިމިޓަޑާއި ގްލޯބަލް ޕްރޮޖެކްޓްސް ޑިވަލޮޕްމަންޓް އަދި ކެޕިޓަލް މެރީން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އެވެ.

ސަރުކާރުން ހުޅުމާލެ ތިނަކާއި ތިލަފުއްޓާއި ގުޅިފަޅާއި ގިރާވަރުފަޅާއި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ރާޖޫގެ ސީއެމްސީ އަށެވެ.

މި މަޝްރޫއުތަކުގެ އިތުރުން ވެސް ރާޖޫގެ ކުންފުނިތަކުން ވަނީ ސަރުކާރުން ބޮޑެތި މަޝްރޫއުތަކެއް ހޯދައިފަ އެވެ. އެންމެ ފުރަތަމަ އެ ގްރޫޕުން ރާއްޖޭގައި ހިންގި މަޝްރޫއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގުޅިފަޅު ހިއްކުމުގެ މަޝްރޫއެވެ.

ގުޅިފަޅުގައި މީހުން އާބާދު ކުރުމަށް އޭރު ރައީސް ނަޝީދު ގެންގުޅުއްވި ޕްލޭންގެ ދަށުން ގުޅިފަޅު ފޭސް އެކެއް އަދި ފޭސް ދޭއް ހިއްކުމާއި ފޭސް އެކަކާއި ދޭއްގެ ބޭރު ތޮށިލުމުގެ ޕްރޮޖެކްޓު ހަވާލު ކޮށްފައި ވަނީ ރާޖޫގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވަލޮޕްމަންޓް ކުންފުންޏާ އެވެ.

އޭގެ އިތުރުން ގުޅިފަޅުގައި އޭރު ފްލެޓު އެޅުމުގެ މަޝްރޫއު ވެސް ހަވާލު ކުރީ ގްލޯބަލް ޕްރޮޖެކްޓްސް އާ އެވެ. ގުޅިފަޅުގައި ތީމް ޕާކެއް އެޅުމާއި މިސްކިތެއް އެޅުމުގެ މަސައްކަތް ވެސް ހަވާލު ކުރީ އެ ކުންފުންޏާ އެވެ.އޭގެ ފަހުން ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު ރާޖޫގެ ކުންފުންޏަށް ގިނަ އަދަދެއްގެ މަޝްރޫއު ވަނީ ހަވާލު ކޮށްފަ އެވެ.

2018-2013 އަށް އެ ކުންފުންޏަށް ހަވާލު ކުރި މަޝްރޫއުތައް

2023-2018 އަށް އެ ކުންފުންޏަށް ދިން މަޝްރޫއުތައް

ފައިސާ ހޯދަން އެހެން ފަޅުތަކާއި ބިންތަކެއް ދޫކޮށްލި!

ސަރުކާރުން ބޮޑު ބިމެއް ދީގެން ބިން ހިއްކުމުގެ މަޝްރޫއު ކުރިޔަށް ގެންދިޔުމުގެ މައިގަނޑު ސަބަބަކީ ދައުލަތަށް އެ ނޫން ގޮތަކަށް އެކަން ކުރާނެ ފައިސާ ނެތުމެވެ. އެނގިފައިވާ ގޮތުގައި ދައުލަތުން ސީއެމްސީ އަށް ދޭން 99 އަހަރަށް ދޭން ނިންމި 70 ހެކްޓަރު ބިމުގެ އިތުރުން ވެސް މާލެ ސަރަހައްދު ހިއްކުމުގެ މަޝްރޫއުތަކަށް ސަރުކާރުން ވަނީ އެހެން ބިންތަކާއި ފަޅުތައް ވެސް ވިއްކާލައިފަ އެވެ.

އޭގެ އެއް މިސާލަކީ ގިރާވަރުފަޅު ހިއްކަން ސަރުކާރުން ފައިސާ ހޯދި ގޮތެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މީގެ ކުރިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު ގިރާވަރުފަޅުން 120 ހެކްޓަރުގެ ބިން ހިއްކަން ފައިސާ ހޯދީ ނ. ދިގުފަޅާއި އެ އަތޮޅުގައި ފަޅުރަށެއްގެ ގޮތުގައި އޮންނަ ދެކެނަންފަރު 99 އަހަރަށް ދޫކޮށްލައިގެންނެވެ. ނ. އަތޮޅަކީ ރާއްޖޭގައި ޓޫރިޒަމްގެ ގޮތުން އެންމެ އަގުބޮޑު އެއް އަތޮޅެކެވެ. ލަކްޒަރީ ގިނަ ރިސޯޓްތަކެއް އެ އަތޮޅުގައި ހުރިއިރު އިންޓަނޭޝަނަލް އެއާޕޯޓެއް ވެސް އެބަ އޮތެވެ. އެހެންކަމުން އެ އަތޮޅުގެ ކޮންމެ ފަޅެއް, ކޮންމެ ރަށެއްގެ ވެސް ވެލިއު ވަރަށް މަތިވާނެ އެވެ.

ކްރޮސް ސަބްސިޑީގެ އުސޫލުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލުމުން ފައިނޭންސްކުރަން ކުރިމަތިލީ މީހުންގެ ތެރެއިން އެއްބަސްވުމަކާ ހަމައަށް އައީ މިނިސްޓްރީން ބުނި ގޮތުގައި ސްވިޒަލޭންޑްގެ ޔަނިކް ރޮބަޓް ލުއީސް ގިއަނާޑާއާ އެކުގަ އެވެ.

ނ. ދިގުފަޅު އަދި ނ. ދެކެނަންފަރުގެ ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހަޅާފައި ވަނީ 22 މިލިއަން އެމެރިކާ ޑޮލަރެވެ. މީގެ އިތުރުން ކުލީގެ މުއްދަތު 99 އަހަރަށް އިތުރުކުރުމަށް 5 މިލިއަން އެމެރިކާ ޑޮލަރު ދައްކާފައިވެ އެވެ.

އެއީ ނ. އަތޮޅުގައި ޖެހިޖެހިގެން އޮންނަ ރަށަކާއި ފަޅެކެވެ. އެ ފަޅުގެ ބޮޑުމިނުގައި ގާތްގަނޑަކަށް ހަ އަކަކިލޯމީޓަރު ހުރެ އެވެ.

އެ ފަޅު ވިއްކާލައިގެން ހޯދި 27 މިލިއަން ޑޮލަރު ނުވަތަ 416 މިލިއަން ރުފިޔާ ސަރުކާރުން ބޭނުން ކުރީ ގިރާވަރުފާޅުގެ އިތުރުން އެހެން ބިންތައް ވެސް ހިއްކުމަށެވެ. އަދި އެ ފައިސާ ވަގުތުން ސީއެމްސީ ކުންފުންޏަށް ޑައިރެކްޓުކޮށް އެ ކުންފުންޏާ ހަވާލު ކޮށްގެން ގިރާވަރުފަޅު ހިއްކި އެވެ.

މީގެ އިތުރުން ހުޅުމާލެ ފޭސް ތިނެއްގެ މަޝްރޫއަށް ސަރުކާރުން 259.2 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އެ ފައިސާ ދިނުމުގެ އިތުރުން ހުޅުމާލެ ފޭސް ތިނަކުން އިތުރު 20 ހެކްޓަރުގެ ބިން ވެސް ސީއެމްސީ އަށް ދޭން ނިންމާފައިވާ ކަމަށްވެ އެވެ. އެއީ ބޮސްކާލިސް އިންޓަނޭޝަނަލްގެ ޑްރެޖަރުތައް ބޭނުން ކޮށްގެން ހިއްކާ ގުޅިފަޅު ވެސް ހިއްކުމުގެ ބަދަލެއް ގޮތުގަ އެވެ.

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލަ ހައްލު ކުރަން ސަރުކާރަށް ހަމައެކަނި ފެންނަ ހައްލަކީ މާލެ ސަރަހައްދުން ބިން ހިއްކުމެވެ. އެވަރުގެ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއު ހިންގަން ދައުލަތުގައި ފައިސާ ނެތަސް އެކަންކަމަކީ އެއްގޮތަކަށް ވެސް ކޮމްޕްރަމައިޒް ކުރާ ކަންކަމެވެ ނޫނެވެ.

ރާއްޖޭގެ އެތެރޭގެ އަދި ބޭރުގެ ދަރަނި ބޮޑުވުމާއި ލިބޭ އާމްދަނީ އަށް ވުރެ ރިކަރަންޓު ހަރަދު ބޮޑުވުމާއި އެތައް ކަމަކާ ހެދި އެފަދަ މަޝްރޫއުތައް ނުހިންގާ އިގްތިސާދު ރިކަވަރީ އަށް ގެންދަން ބޭރުގެ މާލީ އިދާރާތަކުން ގޮވި ނަމަވެސް އެކަންކަމަށް ދެނީ ބީރު ކަންފަތެކެވެ. އޭގެ ބަދަލުގައި ފައިސާ ނެތަސް އަތުގައި ހުރި ބިންކޮޅު ދޫކޮށްގެން ވެސް ދައުލަތުން އެ މަޝްރޫއުތައް ހިންގަން ބޭނުންވެ އެވެ.

ކުރުކޮށް ބުނާނަމަ ކޮންމެ ސަރުކާރަކުން ވެސް މި އަންނަނީ އިގްތިސާދަށް ނުކަތާ ވަރުގެ ބޮޑެތި ވައުދުތައް ވެގެންނެވެ. އަދި އެކަށީގެންވާ ރަނގަޅު ޕްލޭނެއް ނެތި އަވަސް އަރުޥާލާފައި އެންމެ އަވަހަށް މަޝްރޫއު ހިންގޭނެ ކޮންމެ ގޮތަކަށް ވެސް އާބަސް ކިޔަން ސަރުކާރުތަކުން ތިބެނީ ތައްޔާރަށެވެ. އޭގެ ހުރިހާ ގެއްލުމެއް އާހިހުރައި ހަމަ ރައްޔިތުންނަށެވެ.